04 ފެބުރުއަރީ 2023 - 07:00
ނިދާފައި އޮއްވައި އާމިނަތު އަލީ އާދަމް (އާމި) އަށް ފަތިހު ކުއްލިއަކަށް ހޭލެވުނީ އާދަޔާ ހިލާފަށް ބޮޑަށް ބަނޑުގައި ރިއްސައި ކެތްނުކުރެވިގެންނެވެ. މަންމަ، އަޒީޒާ އަހުމަދާ އެކު ހުޅުމާލެ ހޮސްޕިޓަލަށް ދިއުމުން ބޭސް ދީފައި ފޮނުވާލީ ގެއަށެވެ. އެ ދުވަހު އިރުއޮއްސުނު ފަހުން އަނެއްކާ ވެސް ބަނޑާއި ފައި އަދި ބުރަކައްޓަށް ތަދުވާތީ ނުވަ އަހަރުގެ އާމި އަނެއްކާ ވެސް ރޯން ފެށި އެވެ.
އިރުއިރުކޮޅަކާ ހޮޑުލެވެ އެވެ. އޭރު އަޒީޒާ ހުރީ އޭނާގެ ނުވަ ދަރިންގެ ތެރެއިން އެންމެ ހަގަށް ހުރި ކުއްޖާގެ ރިހުމަށް ލުއެއް ނުލިބޭތީ ހަދާނެ ގޮތް ހުސްވެފަ އެވެ. އެ ރިހުމާ ހެދި ދެ ވަނަ ފަހަރަށް ހޮސްޕިޓަލަށް ދިއުމުން ވެސް ބޭސް ދީފައި ފޮނުވާލީ އެވެ. އެހެންވެ، ތިން ވަނަ ފަހަރަށް ހުޅުމާލެ ހޮސްޕިޓަލަށް ގޮސް ގަދަ ދެއްކުމުން ސްކޭން ހަދައި އެޑްމިޓުކުރި އެވެ.
ސްކޭން ރިޕޯޓުން އެކްސްޓާނަލް ބޮޑީއެއް ފެންނާތީ ޑޮކްޓަރުން އެންމެ ފުރަތަމަ ލަފާކުރީ ވެސް ބޮޑުކަމުދާ އެއްޗެއް ބަނޑުގައި ހަރުވެފައި އިނީ ކަމަށެވެ. އެކަމަކު، އެކި ދިމަދިމާލުން ޓެސްޓުތައް ހެދުމަށްފަހު ޑޮކްޓަރުން ނިންމީ އޯވަރީގައި 10 ސެންޓިމީޓަރުގެ ޓިއުމަރެއް އިނީ ކަމަށެވެ.
އަޒީޒާ ބުނީ މިދިޔަ ޑިސެމްބަރު މަހުން ފެށިގެން އާމިގެ އުޅުމަށް ބަދަލުތަކެއް އަންނަން ފެށި ކަމަށެވެ. ރެހެންދި ސްކޫލުގައި ކިޔަވަމުން އަންނަ އެ ދަރިވަރު ކްލާސް ރޫމުގައި ވެސް މި ފަހުން ހުންނަން ފެށީ މަޑުންނެވެ.
ނަމަވެސް، މިދިޔަ ޑިސެމްބަރު 20 ހިސާބުން ފެށިގެން ބަނޑުގައި ރިއްސަން ފެށުމާ ހަމައަށް އެ ކުއްޖާގެ ސިއްހީ އެއްވެސް މައްސަލައެއް ނެތެވެ. އަދި އާއިލާގައި ވެސް ކެންސަރުގެ އެއްވެސް ތަޖުރިބާއެއް ކޮށްފައިވާ މީހަކު ނެތުމުން، އެހާ ޅައުމުރުގައި މުޅި ދިރިއުޅުން ބަދަލުކޮށްލަފާނެ ކަމަކަށް، ގއ. ދާންދުއަށް އުފަން އަޒީޒާ އެއްގޮތަކަށް ވެސް އުއްމީދެއް ނުކުރެ އެވެ.
އޯވަރީ ކެންސަރު އާއްމުގޮތެއްގައި ޖެހެނީ ބޮޑެތި އަންހެނުންނަށެވެ. ކެންސަރަށް ހާއްސަ ޑޮކްޓަރަކު ވެސް ވިދާޅުވި ގޮތުގައި މިހާ ކުޑަކުއްޖަކަށް އެ ކެންސަރު ޖެހުމަކީ ވަރަށް މަދުން ނޫނީ ނުވާނެ ކަމެކެވެ.
އަޒީޒާ ބުނިގޮތުގައި ސްކޭން ރިޕޯޓުތައް ބެލުމަށްފަހު ދަރިފުޅުގެ ގައިން ލޭ ނަގައިގެން ޓިއުމާ މާކާ ޓެސްޓު ހެދިއިރު އެ މާކާ ވެސް ހުރީ މަތިކޮށެވެ.
"ޑރ. ވާލިޔާ ބުނި ތިމަންނައަށް ވަރަށް ޔަގީނޭ އޯވޭރިއަން ޓިއުމާ އެއްކަން. ބޮޑު 4-5 އަންހެނެއްގެ އޯވޭރިއަން ސާޖަރީ ހެދިޔަސް، އެހާ ކުޑަކުއްޖެއްގެ އޯވޭރިއަން ކެންސަރު ޖެހިގެން ދިމާވި މިއީ ފުރަތަމަ ފަހަރު ކަމަށް ބުނި. ސާޖަރީ ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޑޮކްޓަރު ބުނި،" އަޒީޒާ ބުންޏެވެ.
އޭނާ ބުނީ އޮޕަރޭޝަން ކުރުމުގެ ކުރިން ބަނޑުން އޯވަރީއާ ދިމާ ވެސް ކަޅުކުލައިން ފެންނަން ހުރި ކަމަށެވެ. އޭރު ވެސް ބަނޑާއި ފައި އަދި ބުރަކަށީގައި ރިއްސާތީ އުޅުނެވެ. އެކަމަކު، ބަލި ދެނެގަނެވުނުތާ ގާތްގަނޑަކަށް ހަފުތާއެއްގެ ތެރޭގައި މިދިޔަ ޑިސެމްބަރު 25 ގައި ވާތު ފަޅީގެ އޯވަރީ ނަގައި ހުޅުމާލެ ހޮސްޕިޓަލުގައި އޮޕަރޭޝަން ކުރުމުން އެ ކުއްޖާގެ ވޭނަށް ލުއި ލިބުނެވެ.
އޭރު ހެދި ޓެސްޓުތަކުން ގޮހޮރާ ދިމާލަށް ވެސް ކެންސަރު އަސަރުކޮށްފައި ހުއްޓެވެ. އަދި އޮޕަރޭޝަން ކުރިއިރު އެޕެންޑިކްސް ވެސް ވަނީ ނަގައިފަ އެވެ.
"ސާޖަރީއަށްފަހު ރިކަވާވި ރަނގަޅަށް. ސާޖަރީ އަށް ފަހު ކެއުމުގައި ބަލަންޖެހޭ ކަންކަން ހުންނާނެދޯ. ތެޔޮ އެއްޗިއްސާއި ފޮނި އެއްޗެހި ނުކާށޭ ބުނީ. އެކަމަކު ކުޑަ ކުއްޖެއް ވީމަ ވަރަށް އުނދަގޫ ކާހިތްވާ އެއްޗެހި ހޯދަން." އަޒީޒާ ބުންޏެވެ.
އަޒީޒާ ބުނީ ސާޖަރީ އަށް ފަހު ދޫކޮށްލި ފަހުން ފޮނި އެއްޗެހި ކާން ފެށިތަނާ 3-4 ދުވަސް ފަހުން އާމި އަނެއްކާ ހޮޑުލާން ފެށި ކަމަށެވެ. އޭރު ހޮސްޕިޓަލަށް ގެންދިޔައިރު ހުރީ ހަކުރު މަތިވެފަ އެވެ. އެންޓިބަޔޮޓިކް ދިނުމުން ރަނގަޅުވި ފަހުން ބޮޑުކަމުގޮސް ހޮޑުލައި އަދި ބަނޑުގައި ރިއްސަން ފެށި އެވެ.
ކެންސަރުކަން ދެނެގަނެވުނުއިރު އާމިގެ ބަރުދަނުގައި 21 ކިލޯ ހުއްޓެވެ. ރަނގަޅަށް ނުކެވި، މިހާރު 16 ކިލޯއަށް ލުއިވެއްޖެ އެވެ.
އޮޕަރޭޝަނަށް ފަހު ޕެޓް ސްކޭން ހެދުމަށާއި ކީމޯތެރަޕީ ހަދަން މިދިޔަ މަހުގެ 21 ވަނަ ދުވަހު ވަނީ އިންޑިއާގެ ކޮޗިން އަށް ގޮސްފަ އެވެ. އޭގެ ކުރިން، އައިޖީއެމްއެޗުން ސާމްޕަލް ނަގައި ލަންކާ އަށް ފޮނުވައިގެން ހެދި ޓެސްޓުން ވެސް އެއީ ވަރަށް އަވަހަށް ފެތުރޭ ޓިއުމަރެއްކަން ދެނެގަނެވުނެވެ.
މި ފަހަރު އިންޑިއާއަށް ގޮސްފައި ހެދި ސްކޭނުގައި ޓިއުމަރު ބޮޑުވަމުންދާކަން ފާހަގަވި އެވެ.
އަޒީޒާ ބުނީ އިންޑިއާ އަށް ދިޔަތާ ދެ ވަނައަށްއަށް ވީ ދުވަހު ދަރިފުޅު އަނެއްކާ ވެސް ހޮޑުލައި ބޮޑުކަމުންދާން ފެށި ކަމަށެވެ. އެ ދުވަހާ ހަމައަށް ވެސް ވެގެން އުޅޭގޮތެއް އާމިއަށް ރަނގަޅަށް ކިޔައެއް ނުދެ އެވެ. އެކަމަކު، ކޮޗިންގައި ހޮސްޕިޓަލަށް ގޮސްފައި އޮންކޮލޮޖީ ޑިޕާޓްމަންޓުގެ ކީމޯތެރަޕީ ދޭ ތަން ފެނުމުން ބިރުގަނެ، ރޯން ފެށި އެވެ.
ކެންސަރު ބަސް ވެސް ބޭނުން ނުކުރަން ދަރިފުޅު ހުންނައިރު. ދިރިއުޅުމަށް ވަރަށް ބޮޑު ބަދަލެއް މި އައީ.
"ކެންސަރު ބަސް ވެސް ބޭނުން ނުކުރަން ދަރިފުޅު ހުންނައިރު. ދިރިއުޅުމަށް ވަރަށް ބޮޑު ބަދަލެއް މި އައީ،" އަޒީޒާ ބުންޏެވެ.
ޑޮކްޓަރުން މިހާރު ޕްލޭންކޮށްފައި ވަނީ ފަސް ދުވަހުގެ ކީމޯތެރަޕީ ދިނުމަށްފަހު ތިން ހަފުތާގެ ބްރޭކަކަށް ފަހު އަނެއްކާ ވެސް ފަސް ދުވަހުގެ ކީމޯ ދޭށެވެ.
އެ ފަރުވާ އަށް އަންނަ މަހުގެ ނިޔަލާ ހަމައަށް އިންޑިއާގައި ތިބެންޖެހެ އެވެ. ނަމަވެސް، މާލީ ހާލަތު ހުރިގޮތުން އާއިލާއަށް މި ވަނީ އާއްމުންގެ އެހީތެރިކަން ބޭނުންވެފަ އެވެ.
އާމިއަށް އެހީތެރިކަން ދިނުމަށް:
9941624، 9971417
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާނުވާ.
05 February 2023
ގައިމު މިހާރު އޮތް ސަރުކާރުގެ ވައުދެއް ބޭސްފަރުވާއަށް ސަލާންޖެހުން ހުއްޓުވުމަކީ. މިހާރު ރަސްމީކޮށް ސަލާންޖަހަން ޖެހިފައި މި އޮންނަނީ. އެކަމަކުވެސް ބުނާނެ ވައުދު ފުއްދާ ސަރުކާރެކޭ.
ނިކަމެތި
04 February 2023
ސަރުކާރުތަކުން ވެރިކަން ދަމަހައްޓަން ބޭކާރު ސިޔާސީ މަގާމުތައް އުފައްދާފަ މަގާމުގެ މަސައްކަތާ މީހާގެ ފެންވަރާ ނުގުޅޭ މުސާރަ ދީފަ، ވެރިން އެތައް ބޭކާރު ދަތުރެއް ކޮއްފަ، ކެމްޕޭނަށް އެތައް ލައްކައަކުން ރުފިޔާ ތަޅާ އިރު އާދައިގެ ރައްޔިތުމީހާ ބޮޑު ބައްޔެއް ވީމަ ހަދާނެ ގޮތް ހުސްވެ ހަމަ ސަލާން ޖަހަން އަދިވެސް ޖެހެނީ. ކޮބާ އަހަރުމެން ދައްކާހާ ޓެކުސް ފައިސާގެ ބޭނުމެއް ދެން ޓެކްސްވެސް ބޮޑުކޮއްފި.
ވޯލް
04 February 2023
ކެންސަރު މި ގައުމުގައި ގިނަޔޯ އެކަމަކަު މާ ހޮސްޕިޓަލްއިން ޓެސްޓު ކުރެވެން ނުކުރޭ. ދެން ކޮން ތަރައްޤުއެއް ގެ ވަހަކަތޯ މި ދައްކަނީ.
ބޯހަލާކު.
05 February 2023
ހުޅުމާލޭ ހޮސްޕިޓަލުން ޓެސްޓް ކޮށްފައި ކެންސަރުކަމަށް ބުނިވާހަކައެއްނު އެ އޮތީ؟ ކީމޯވެސް ދެވޭ، އެކަމަކު ރޭޑިއޭޝަން ނުދެވޭ. އެކަންކަންކުރަން މެޝިންގަނޑެއް ގެންނަްވެސް ޖެހޭނީ ކެންސަރަށް ފަރުވާދޭ މަރުކަޒުހެދިމީހާ އަލުން ވެރިކަމަށް ގެންނަންހެން ހީވަނީ. މެޝިންގަނޑެއްވެސް ގެންނަން ނޭނގޭވަރު މީހުން ވެރިކަމުގައި ބައިތިއްބައިގެން ނުވާނެ އެއްކަމެއްވެސް.
ޯކފ
04 February 2023
އެކައުންޓް ނަމްބަރު ޖެހިނަމަ ބުނާނެ ފޯނު ނަންބަރު ޖެހިނަމަ އޭ, ލިއުމުގެ ތިރީގަ އޭނީ ފޯ ނަންބަރ
ކަމަނަ
04 February 2023
ކޮންމެ ކޮންމެ.ކެންސަރ ހޮސްޕިޓަލެއްގަ ނުހުރޭ ރޭޑިއޭޝްން ދޭ ތަންތަނެއް އަދި އެކަމަށް ޚާއްސަ ޑރ.ން ވެސް ތިބޭކަމަށް ވަނީ . ރޭޑިއޭޝަން ދީފައި ހައެއްކަ ފުވަހު މީހުނާ ވަކިން އެކަނި ތަނެއްގަ ހުންނަންޖހޭ ކަމަށްވެސްބުނޭ.
އަލި
04 February 2023
އެކައުންޓް ނަމްބަރ ޖަހާލުން ވަރަށް މުހިންމު. އެހީއެއް ވާނެ މީހުން ހަމަ ތިބޭނެ. އަވަސް ޝިފާއަކަށް އެދެން.
ކަންގަނާ
04 February 2023
ތިބުނާ ހޮސްޕިޓަލްތަކުން އަދި ކެންސްރު ކެޖުން މީހަކު ރަނގަޅުކުރެވިފައި ނެތް. ކެންސަރު ޖެހޭނެ ކަމަށް ލަފާކޮއްފައި ވެސް ގައިން ތަންތަން ނަގާފައި ކީމޯ އާއި ރޭޑިއޭޝަންދޭ. މީހާ ނިމިދަނީ ބައްޔައްވުރެ ބޮޑަށް ކޮށާމަށައިގެން ދޭފަރުވާގެެ ސަބަބުން
ދޮންދައިތަ
04 February 2023
އެކައުނޱް ނަންބަރު ލިޔެލިނަމަ
ށަވިޔަނި
04 February 2023
ވަރަށް ހިތާމަވެރި ޚަބަރެއް. ފޯރުންތެރިކަންހުރި މީހުން އެހީތެރިވާނެކަމަށް ހީކުރަން. شفاها الله عاجلا و كاملا
ނަންނަ132
04 February 2023
މިވަރަށްޓެކްސް ނަގާއިރުވެސްޓެކްސްޕޭކުރާމީހުންމިޖެހެނީ ސަލާންޖަހަން، މީ ވަރަށްސެރްވަރުކަމެއް ޤައުމެއްގެހައިސިއްޔަތުންލަދުވެތިކަމެއް