ފިކުރެއްގެ ދިރުން ފެކްޝަނާ ގުޅޭ ފޯމް ފުރުމުގެ ހަރަކާތް: ނަޝީދުގެ ފެކްޝަނުން ރޭ ވަނީ ފޯމުތައް ފުރަން ފަށާފައި.
02 ފެބުރުއަރީ 2023 - 11:33
ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ފެކްޝަނުން މިހާރު ފުރަމުން އަންނަ ފޯމުތަކުން ވެސް ގޮފި ހެދޭނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.
"ފިކުރެއްގެ ދިރުން" ނަމުގައި އެމްޑީޕީގެ ތެރޭގައި ގޮތްޕެއް އުފައްދަން ހިންގަމުން އަންނަ ހަރަކާތުގައި ފުރަމުން އަންނަނީ އެ ޕާޓީގެ ފޯމެއް ނޫނެވެ. ގޮފި ރަޖިސްޓްރީ ކުރަން އެމްޑީޕީގައި ވަކި ފޯމެއް އޮވެ އެވެ. އެހެންވެ، "ފިކުރެއްގެ ދިރުން" ނަމުގައި މިހާރު ފުރަމުން އަންނަ ފޯމުތަކުގައި އެޑްރެހަކަށް ވެސް ޖަހާފައި އޮތީ ނަޝީދުގެ އަމިއްލަފުޅު އެޑްރެސް، ގ. ކެނެރީގެ އެވެ.
އެކަމަކު އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު (އިބްރޭ) މިއަދު ވިދާޅުވީ ކެނެރީގޭގެ ނަމުގައި ފޯމު ފުރައިގެން ގޮފި އުފައްދަން އޮންނަ ގޮތަށް ހުށަހެޅުމުން ޕާޓީގައި ރަޖިސްޓްރީ ކޮށްދޭނެ ކަަމަށެވެ. ގޮފިތައް އުފެއްދުން އަސާސީ ގަވާއިދާ ހިލާފު ނޫން ކަމަށާއި ބަލަން ޖެހެނީ ގޮފި އުފައްދައިގެން ހިންގާ ހަރަކާތްތައް ކަމަށް އޭނާ ވިދާޅުވި އެވެ.
"ފިކުރުގެ ދިރުން" ގޮފިތަކަށް 50،000 މީހުން ހަމަކޮށް، އެމްޑީޕީން ތާއީދުކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް މަސައްކަތް ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވެފައި ވެ އެވެ. އެ މަނިކުފާނު އެހެން ވިދާޅުވިޔަސް، ރިޔާސީ ކެންޑިޑޭޓަކު ހޮވަން އެމްޑީޕީން ބޭއްވި ޕްރައިމަރީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ކާމިޔާބު ކުރެއްވުމާ އެކު ރިޔާސީ ޓިކެޓް ވަނީ ކަށަވަރު ކުރައްވައިފަ އެވެ.
ފިކުރެއްގެ ދިރުން ފެކްޝަނާ ގުޅޭ ފޯމް-
ނަމަވެސް ރޭ ގ. ބޮޑުފެންވަޅު ގޭގައި ނަޝީދާއި އެ މަނިކުފާނަށް ތާއީދު ކުރާ މެންބަރުން ވަނީ "ފިކުރެއްގެ ދިރުން" ފޯމުގައި ސޮއި ކުރުމުގެ ހަރަކާތެއް ބާއްވައިފަ އެވެ. ތާއީދު ހޯދުމުގެ ފޯމު ފުރުމުގެ ނަމުގައި ހިންގި ހަރަކާތުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެ ސޮއިކުރި އެވެ.
ފޯމު ބަލައިގަތުމުގެ ކަންކަން ކުރަނީ "ފިކުރެއްގެ ދިރުން އޮފީހުން" ކަމަށް އެ ފޯމުގައި ބުނެފައިވެ އެވެ. ފޯމުން ބެލެވޭ ގޮތުގައި އެއީ ނަޝީދުގެ ފެކްޝަނުގެ އަމިއްލަ ޑޭޓާބޭސްއެއް ހެދުމަށް ނުވަތަ ގޮފި އުފައްދަން މައުލޫމާތު ނަގަން ހިންގާ ހަރަކާތެކެވެ.
ގޮފި އުފެއްދުމަށް އެމްޑީޕީގެ ވެބްސައިޓުގައި އާއްމުކޮށްފައިވާ ފޯމް.
އެމްޑީޕީގެ އަސާސީ ގަވައިދުގައިވާ ގޮތުން ޕާޓީގެ ގޮފިތަކަކީ ސިޔާސީ ގޮތުން އެއް ފިކުރެއްގައި މަސައްކަތް ކުރަން އުފައްދާ ގުނަވަނެކެވެ.
ފިކުރެއްގެ ދިރުން ފެކްޝަނާ ގުޅޭ ފޯމް ފުރުމުގެ ހަރަކާތްތެއް--
ގޮފި ގަވައިދުގައިވާ ގޮތުން ޕާޓީގެ ވަކި ފިކުރެއްގެ މައްޗަށް ބަރޯސާކޮށް ފިކުރު ގޮފި އުފެއްދި ދާނެ އެވެ. އެއީ ވަކި ސަރަހައްދެއްގައި ހިންގުމުގެ ބަދަލުގައި ވަކި ފިކުރެއް ކުރިއަރުވައި ތަރައްގީ ކުރަން ހިންގާ ގޮތްޕެއް ކަމަށް އެ ގަވައިދުގައި ބުނެފައިވެ އެވެ.
ނަޝީދު ވިދާޅުވެފައިވާ ގޮތުގައި އެމްޑީޕީގެ އެތެރޭ ގޮފިތައް ގާއިމްކޮށް ނިމުމުން މި އަހަރު ރިޔާސީ އިންތިހާބަށް ނެރޭނެ ކެންޑިޑޭޓަކާ މެދު ވަކި ގޮތެއް ނިންމާނެ އެވެ. ނަޝީދު އެހެން ވިދާޅުވި ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ ޕްރައިމަރީގައި ވަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް 61 ޕަސެންޓް ވޯޓުން ކަނޑައަޅައިފަ އެވެ. ނަޝީދު ބަލި ގަބޫލު ކުރެއްވި ނަމަވެސް ރިޔާސީ ކެންޑިޑޭޓަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަހައްޓަން އެ މަނިކުފާނާއި އެ ފެކްޝަނުން ބޭނުމެއް ނުވެ އެވެ. ނަޝީދު އިސްވެ، އެމްޑީޕީގައި ވަކި ގޮތްޕެއް އުފައްދަވަން މަސައްކަތްޕުޅު ފެއްޓެވީ އެހެންވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުހާ.
04 February 2023
ބަރުލަމާނީ ޕެޓިސަނަށް ވީވަރުވެސް ނުވާނެ.
ހަހަހަ
03 February 2023
މީ އިބޫ އަދި އަމިއްލަ ޖީބުން ހަރަދު ކޮއްފަ ކެމޕެން ކުރީމަ 61% ހޯދައިފި އަދި ކޮބާ ސަރުކާރު ހަރަދުގަ ކެމްޕެއިްނ ކުރިނަމަ 110% ހޯދާނެއްނު ...
މިދުހާ
03 February 2023
ނަސީދު ތީ އެމުޑީޕީގެ ކުރިމަގައް އެޅި ރަނގަޅު ފިޔަވަލެއް..އެއީ އިބޫ ނޮހޮވިއްޖެއްޔާ ކައިރިީގަ އުޅޭ އެންމެން އިބޫ ދޫކޮއް ފިލާނެ އެހެންވީމަ އެހެން މިބުނީ ތީ ޕާޓީގެ ލޯލަލު ކުދިން ކޮޅު
އިނާޔާާ
02 February 2023
ސަރުކާރަށް ޔަގީންކަން އޮވޭ ނަޝީދު ކިތަންމެ ވަރަކަށް ސޮއި ކުރުވިޔަސް 2000 ސޮއިވެސް ހަމަނުވާނެކަން. އެހެންވެ، ދޫ ދީފަ އެއޮތީ. ހަމަ މިގޮތަށް، ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކޮށްގެން ބަރުލަމާނީ ޕެޓިޝަނެއްގަވެސް ސޮއި ކުރުވި. އެޕެޓިޝަންވެސް ވީހިސާބެއް އަދިވެސް ނޭނގެ.
އައއ
02 February 2023
ޑިމޮކްރަސީ ގެ ބައްޕަ އުޅޭ ޑިމޮކްރަޓިކް ގޮތް ފެނެއެއްނު..
ކުދުބެއްޔާ
02 February 2023
މަވެސް ހިތުލައިގެން ހުރީ ފިކުރެއްގެ ދިރުން ރަގަޅަށް ޕާޓީގެ ތެރޭގައި ވައި ހިފާނެކަމުގެ އުއްމީދުގައެވެ. އެކަމަކު މިއަދު "ހޮޅުއަށީގެ ފިކުރު" މާރަގަޅުކަމަށް ގިނަބަޔަކު ގަބޫލު ކުރާކަން ޔަގީން ވެއްޖެއެވެ. ބެއްޔާ މިހާރު ކުރިއަރުވަން ބޭނުމީ "ބެއްޔާގެ ހޮޅުއަށީ ފިކުރު" ކަމުގައި ހަރުއަޑުން ބުނެ އަންގަމެވެ. ދެން މިފިކުރު މި ރެޖިސްޓްރީ ވީއެވެ. ހޮޅުއަށީގެ ކޮންމެ ބޭފުޅަކީވެސް މިފިކުރުގެ މެންބަރެކެވެ. އަދި ބެއްޔާއަކީ މިފިކުރުގެ ރިޔާސީ ކެންޑިޑޭޓެވެ.
ހުދުމުހުތާރު
02 February 2023
އަންނިއަކީ ނަމުން ޑިމޮކްރަސީ، ކަމުން ހުދުމުހުތާރު ބޭފުޅެއް. ވަރަށް ސާފު 2 މިސާލު: 1. ޕްރައިމަރީއަކުން މެންބަރުން ބޭނުންވާ ގޮތް ހޮވުމުން އެކަމަށް އިހްތިރާމެއް ނުކުރެވުނު. އަމިއްލަ މީހާއަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ ގޮތެއް ފެނޭތޯ ތެޅި ފޮޅެނީ. 2. ނިޒާމީ ބޯޓެއް ނަގައި، ރައްޔިތުން ބޭނުންވާ ގޮތް ހޮވުމުން އެކަން ބަލައެއް ނުގަނެވުނު. އަނެއްކާ އަލުން ނިޒާމީ ވޯޓެއް ނެގޭތޯ އެބަ އުޅޭ.
ނަމުން ޑިމޮކްރޮސީ
04 February 2023
އައްނިއަކީ އިއްޒަތްތެރި ރޫހާނީ ޑިމޮކްރޮސީގެ ބައްޕަ
ވާރގޯ 9
02 February 2023
ޑިމޮކްރަސީ އަކީ (ވޯޓެއްލައިގެން) ގިނަ މެންބަރުން ތާއީދުކުރާ ގޮތް ހޯދާ އެގޮތައް އަމަލުކުރުމެއްނޫން. ހަގީގީ ޑިމޮކްރަސީ އަކީ އަންނި ބޭނުންވާގޮތް!
ފިލިވަގު
02 February 2023
މ.ޑ.ޕގެ ގަވައިދު ބުނާ ގޮތުން ޕްރައިމަރީ ބޭއްވުމުގެ މަގްސަދަކީ ކޮބައިތޯ؟ ރިޔާސީ އިންތިހާބުގައި ޕާޓީ ރަމްޒުކޮށް، ޕާޓީގެ މެންބަރުން ތާއީދުކުރާނެ ކެނޑިޑޭޓެއް ހޯދުންތޯ؟ ނުވަތަ އަންނި ބޭނުންވާ މީހަކު ހޮވޭތޯ ބެލުމަށް ކުރާ ކަމެއްތޯ؟ މި ކުރެވުނު ސުވާލުގެ ޖަވާބަކީ ފަހުން މި ބުނެވުނު އެތި ކަމުގައި ވާނަމަ، އިތުރު ގޮތްޕެއް ހަދައިގެން ނަމަވެސް އަންނި ބޭނުންވާ ގޮތް ހަދަން އެބަ ޖެހޭ.
ޒުރާރު
02 February 2023
ހާދަ ވަރަކަށްސޭ ދޮގެ މޭ ކަރަނީ ހެހެހެ. ސޯލިހުއަށް އަސްލު އޮތް ސަޕޯޓު ފެންނާނީ ވެރިކަމުގެ އާރާ ނުފޫޒާ ފައިސާ ބޭނުން ނުކޮއް ޕުރައިމަރީއެއްފައި ވާދަކޮއްލީމަ.