އޮސްޓްރޭލިޔާގައި މިހާރު ބޭނުންކުރަމުން އަންނަ ފަސް ޑޮލަރުގެ ނޫޓު
02 ފެބުރުއަރީ 2023 - 13:30
އޮސްޓްރޭލިޔާގައި ޗާޕުކުރާ ފަސް ޑޮލަރުގެ އާ ނޫޓުގައި، އިނގިރޭސި ރަސްގެފާނު ޗާލްސް ދޭއްގެ ފޮޓޯ ނުޖަހާނެ ކަމަށް އޮސްޓްރޭލިޔާ ސަރުކާރުން ބުނެފި އެވެ.
އޮސްޓްރޭލިޔާގެ މަރުކަޒީ ބޭންކުން ބުނި ގޮތުގައި އެ ގައުމުގެ ފަސް ޑޮލަރުގެ ނޫޓު އަލުން ޗާޕުކުރާ އިރު، މިހާރު އެ ނޫޓުގެ މޫނުމަތީ ފުށުގައި ޖަހާފައިވާ އިނގިރޭސި ވިލާތުގެ ކުރީގެ ރާނީ އެލިޒަބަތު ދޭއްގެ ފޮޓޯގެ ބަދަލުގައި، ދެން ޖަހާނީ، އޮސްޓްރޭލިޔާގެ އަސްލު ވަޒަންވެރިންގެ ފޮޓޯއެކެވެ. މަރުކަޒީ ބޭންކުން ބުނި ގޮތުގައި ފަސް ޑޮލަރުގެ ނޫޓުގައި އެ ގައުމުގެ އަސްލު ވަޒަންވެރިންގެ ފޮޓޯއެއް ޖަހަން ނިންމީ، އޮސްޓްރޭލިޔާގެ އެންމެ ފުރަތަމަ ވަޒަންވެރިންގެ ސަގާފަތާއި އެމީހުންގެ ތާރީޚަށް ޝަރަފުވެރިކަން ދިނުމުގެ ގޮތުންނެވެ.
ޑޮލަރުގެ ކުރެހުމަށް މި ބަދަލު ގެންނަ އިރު، އެކަން ކުރާނީ އޮސްޓްރޭލިޔާގެ އަސްލު ވަޒަންވެރިންގެ އާންމު ރައްޔިތުންނާ އެކުގައި މަޝްވަރާކުރުމަށް ފަހު، އެމީހުންގެ ޚިޔާލާ އެއްގޮތަށް ކަމަށް މަރުކަޒީ ބޭންކުން ބުންޏެވެ. އެހެންކަމުން، ފަސް ޑޮލަރުގެ އާ ނޫޓު ޗާޕުކޮށްގެން ނެރުމަށް އަދި ދެތިން އަހަރެއް ނަގާނެ އެވެ.
ފަސް ޑޮލަރުގެ އާ ނޫޓުގެ މޫނުމަތީ ފުށުގައި އަސްލު ވަޒަންވެރިންގެ ތާރީޚާއި ސަގާފަތް ދައްކައިދޭ ކުރެހުމެއް ޖަހާއިރު، އެ ނޫޓުގެ ނުފުށުގައި ދެން ވެސް ހުންނާނީ، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އިމާރާތް ދައްކައިދޭ ކުރެހުމެކެވެ.
އޮސްޓްރޭލިޔާ ސަރުކާރުން ބުނި ގޮތުގައި ފަސް ޑޮލަރުގެ އާ ނޫޓުގައި އިނގިރޭސި ރަސްގެފާނު ޗާލްސް ދޭއްގެ ފޮޓޯ ނުޖަހަން ނިންމި ނިންމުމާ ގުޅިގެން، އެ ގައުމުގައި ދެން ޗާޕުކުރާ އެއްވެސް އަދަދެއްގެ ޑޮލަރު ނޫޓެއްގައި އިނގިރޭސި ތަޚުތާ ގުޅުން ހުރި ކުރެހުމެއް ނުހިމަނާނެ އެވެ. މަރުކަޒީ ބޭންކުން ބުނި ގޮތުގައި މިގޮތަށް ނިންމީ، ބޮޑުވަޒީރު އެންތަނީ އަލްބަނޭޒްއާ އެކުގައި މަޝްވަރާ ކުރެއްވުމަށް ފަހު އެވެ.
ކަރުދާހު ފައިސާ އިން އިނގިރޭސި ތަޚުތާ ގުޅުން ހުރި ކުރެހުންތައް ބޭރުކުރި ކަމަށް ވިޔަސް، އޮސްޓްރޭލިޔާގައި ބޭނުންކުރާ އެކި އަދަދުތަކުގެ ފައިސާފޮތިތަކުގައި އިނގިރޭސި ޝާހީ އާއިލާއާ ގުޅުން ހުރި ކުރެހުންތައް ހިމަނާނެ އެވެ.
އިނގިރޭސި ތަޚުތުގައި އެއިރަކު އިންނަވާ ބޭފުޅަކީ އޮސްޓްރޭލިޔާގެ ވެސް ދައުލަތުގެ އެންމެ މަތީ ވެރިޔާ އެވެ. އެއީ އާންމު ގޮތެއްގައި ރަމްޒީ މަގާމެއް ކަމަށް ވިޔަސް، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އިނގިރޭސި ރާނީ އެލިޒަބަތު ދޭއް އަވަހާރަވުމާ އެކު، ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލުވުމުގެ ބަހުސް، އޮސްޓްރޭލިޔާގެ އާންމު ރައްޔިތުންގެ މެދުގައި އަނެއްކާ ވެސް ވަނީ ފެށިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކެޕްޓަން ކުކު
05 February 2023
އޮބޮރިޖިނިން ނޫޓް ކިޔަންވީނުން!
ިއިންޑީޖީނިއަސް
02 February 2023
އަސްލުވަޒަންވެރިން މަރާހުސްކުރީ ނޫންނތަ ކަލޭމެން ތިތަނަށް އައިސް ކިތައް ޓަނުގެ ރަން ކަޓުވާލި އެމީހުންގެ ބަހައި ސަގާފަތް ނެތިކޮށްލީ، ލަދުކޮބާ ، ޝަރަފޭ ، އަގުވަޒަންކުރުމޭ ކިޔާއިރު
އިސްތިހާރު
02 February 2023
ހޯން... ރާއްޖޭގަ ވެސް މޯދީ ފޮޓޯ ޖަހާނެ މި ވެރިކަމުގަ
ބަހަބަރު
02 February 2023
ކީއްކުރަން ދެން ޑޮލަރު ކިޔަން ވީކީވެސް؟ އެބޮރޮޖިނުންގެ ބަހުން މޮޅު ނަމެއް ކިޔާފަ އާ ލޯގޯ އެއް ހެދީމަ ހިތްހަމަ ޖެހިގެން ނިދާލެވޭނީ.