ކްރައިމް ސީނެއްގައި ބަންދުކޮށްފައި: މީހަކަށް ވަޅިން ހަމަލާދިން ދެ މީހަކު ޖަލަށްލާން ވަނީ ހުކުމްކޮށްފައި --- ފޮޓޯ/މިހާރު
02 ފެބުރުއަރީ 2023 - 19:03
މާލޭގައި މީހަކަށް ވަޅިން ހަމަލާދިން ދެ މީހަކު 10 އަހަރަށް ޖަލަށް ލާން ކްރިމިިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
އޮކްޓޫބަރު، 2018 ގައި އޮލިމްޕަސް ކައިރިން ޒުވާނަކަށް ހަމަލާދިން މައްސަލާގައި ދައުލަތުން ދައުވާކުރީ ގދ. ފަރެސްމާތޮޑާ، މާތޮޑާ އަވަށް، މަންޒިލް މުހައްމަދު ނިޝާހު އާއި ހ. ރޯޒަންޑޭލް، ޝައިބާން ޒުފްރަތު އިސްމާއިލްގެ މައްޗަށެވެ. އެ ހަމަލާގައި މީހެއްގެ މެޔާއި ކަރަށް އަދި ބުރަކަށްޓަށް ހަމަލާދީ ޒަހަމްކޮށްލި އެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ އެ ދެ މީހުން ދައުވާއަށް އިންކާރު ކުރިޔަސް، އެ ދެ މީހުން ހަމަލާދިން މަންޒަރު ފެނުނު ކަމަށް އެއް ހެއްކަކު ބުނާއިރު ދެން ތިބި ހެކިންގެ ހެކިބަހުން އެ ހެކިބަހަށް ބާރު ލިބޭ ކަމަށެވެ. އަދި "ވީޑިއޯ އެންޑް އިމޭޖް އެނަލިސިސް ރިޕޯޓު" ގައި ވެސް، ވީޑިއޯތަކުން ފެންނަ މީހުންނާއި ދައުވާލިބޭ މީހުންގެ ސިފަތައް އެއްގޮތްވާ ކަންތައްތަކެއް ހުރި ކަމަށް ފާހަގަ ކޮށްފައިވާތީ އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމީ ކަމަށް އެ ހުކުމުގައިވެ އެވެ.
އެހެންވެ، ތޫނު އެއްޗެއް ބޭނުން ކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ އަދަބެއްގެ ގޮތުން އެ ދެ މީހުން 10 އަހަރަށް ޖަލަށްލާން ހުކުމް ކުރީ ކަމަށް އެ ހުކުމުގައިވެ އެވެ. އެކަމަކު އެ މީހުން ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން ދެން އެ މީހުން ތަންފީޒު ކުރަން ޖެހޭނީ ފަސް އަހަރާއި އަށް މަހުގެ މުއްދަތެކެވެ.
މީގެ އިތުރުން މަގްބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ކުށުގައި ވެސް އިތުރު ހަ މަހުގެ ޖަލު ހުކުމެއް އެ ދެ މީހުންނަށް އިއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
03 February 2023
2018 ގަ ކުރި ކަމަކަށް 2023 ގަ ޙުކުމް؟ ސާބަސް! މިވަރުކަމަކަށްވެސް 5 އަހަރު ނަގަންޏާ ޤައުމުގެ ކުރިއެރުން އަދި މާދަށްވާނެކަން ޔަޤީންތާ!