ކަލާފާނާއި ގުރައިދޫ ކުޅުނު މެޗަށް ފަހު ހިނގާދިޔަ ހަމަނުޖެހުންތަކުގެ ތެރެއިން.--
07 ފެބުރުއަރީ 2023 - 10:09
އެފްއޭއެމް އިންޓަ ސްކޫލް 17 އަހަރުން ދަށުގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ކަލާފާނު ސްކޫލުން 2-1 އިން ކ. ގުރައިދޫ ސްކޫލް ބަލިކުރި މެޗަށް ފަހު، ގުރައިދޫ ސްކޫލުގެ ކުޅުންތެރިންނާއި ޓީމު އޮފިޝަލުން އަދި ބެލެނިވެރިން ވެގެން ރެފްރީ އަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައިގައި ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އެފްއޭއެމުން ބުނެފި އެވެ.
ގަލޮޅު ދަނޑުގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވުމާ އެކު ރެފްރީގެ ނިންމުންތަކާ މެދު ހިތްހަމަ ނުޖެހިގެން ގުރައިދޫ ސްކޫލް ޓީމުގެ ބައެއް ކުޅުންތެރިން ރެފްރީއާ ދިމާކޮށްލުމާ އެކު ޓީމުގެ ބެންޗުގައި ތިބި ބައެއް އޮފިޝަލުންނާއި ކުޅިބަލަން ތިބި ބެލެނިވެރިންގެ ބައެއް ވަނީ ދަނޑަށް އަރައި ރެފްރީ ފަހައި ދުވެފަ އެވެ.
ހަމަލާ އަމާޒުވި ރެފްރީ ދުވެފައި، ރެފްރީސް ރޫމާ ހަމައަށް ދެވުނީ ދަނޑުމަތީގައި މާރާމާރީ ހުއްޓުވަން މަސައްކަތް ކުރި ބައެއްގެ އެހީތެރިކަމާ އެކު އެވެ.
Inter-School Football mubaaraathuge semifinal gai Guraidhoo School aa Kalaafaanu School kulhunu match therey hin’gi maaramaari.
— #MvCrisis (@MvCrisis) February 6, 2023
Ithuru mauloomaathu: https://t.co/j0QyemWNoZ pic.twitter.com/MbFOxafDwa
ދަނޑުމަތީގައި ރެފްރީ ފަހާ ދުވެ، ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯތަކެއް ވެސް ސޯޝަލް މީޑިއާގައި އާއްމު ވެފައި ވާއިރު، އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "މިހާރު" އަށް ވިދާޅުވީ، މިއީ ސްކޫލް މުބާރާތެއްގައި ކުދިންނާއި ބެލެނިވެރިންގެ ފަރާތުން ފެނުނު ވަރަށް ގޯސް މަންޒަރުތަކެއް ކަމަށާއި، މައްސަލަ ބަލައި އެ ކަމުގައި ޝާމިލްވި ފަރާޓްތަކަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.
"އިންޓަ ސްކޫލް މުބާރާތެއްގައި މި ފެނުނީ އެއްގޮތަކަށް ވެސް އުންމީދު ކުރެވުނު ފަދަ މަންޒަރެއް ނޫން، ރެފްރީއަށް ހަމަލާދީ މާރާމާރީ ހިންގުމަކީ މިއީ ބަލައިގަނެވޭނެ ކަމެއް ނޫން. ޑިސިޕްލިނަރީ ކޮމިޓީ އިން މައްސަލަ ބަލައި އަދަބު ލިބެންވާ ފަރާތްތަކަށް ހަރުކަށި އަދަބު ލިބޭނެ،" ރެފްރީއަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލަ ބަލަމުން އަންނަކަން "މިހާރު" އަށް ޔަގީން ކޮށްދެއްވަމުން ޖަވާޒް ވިދާޅުވި އެވެ.
އިންޓަ ސްކޫލް މުބާރާތަކީ އެޑިއުކޭޝަން މިނިސްޓްރީ އާއި އެފްއޭއެމް ގުޅިގެން ސްކޫލު ކުދިންގެ މެދުގައި އަބަދުވެސް ވަރަށް ފޯރިއާ އެކު ކުރިއަށްދާ މުބާރާތެކެވެ. ސްކޫލް މުބާރާތެއްގައި ހިނގާދިޔަ މި ހަމަނުޖެހުމާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކޮށްފައި ވާއިރު ރާއްޖޭގެ ކުޅިވަރު ވަޒީރު އަހުމަދު މަހުލޫފް ވެސް ވަނީ ސްކޫލު ކުދިންތަކެއް ބައިވެރި ވެގެން މިފަދަ އަމަލެއް ހިންގުމުން އެކަމާ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ.
އިންޓަރ ސްކޫލް މުބާރާތެއްގެ ތެރެއިން ރެފްރީގެ ނިންމުމަކާހެދި މިފަދަ ކަމެއް ހިންގުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއްނޫން. މިކަމުގެ ސަބަބުން ދަރިވަރުންނަށްވަނީ ނަފްސާނީގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފަ.
— Ahmed Mahloof (@AhmedMahloof) February 6, 2023
@PoliceMv އަދި @MaldivesFA އިން މިކަން ސީރިއަސް ކަމެއްގޮތުގަ ބަލާނެ.
މަހުލޫފް ކުރެއްވި ޓްވީޓެއްގައި ބުނެފައި ވަނީ، "އިންޓަ ސްކޫލް މުބާރާތެއްގެ ތެރެއިން ރެފްރީންގެ ނިންމުމަކާ ހެދި މިފަދަ ކަމެއް ހިންގުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން" ކަމަށެވެ. އަދި "މިކަމުގެ ސަބަބުން ދަރިވަރުންނަށް ވަނީ ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރު ކޮށްފައި" ކަން ފާހަގަ ކުރައްވައި މަހުލޫފް ވަނީ ފުލުހުންނާއި އެފްއޭއެމުން މިކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށެވެ.
ހަވީރު ކުޅުނު މެޗުގައި މައްސަލަ މާރާމާރީއަކާ ހަމައަށް ދިޔުމުން ރޭ ކުޅުނު ދެވަނަ ސެމީ ފައިނަލް މެޗު ކުޅުނީ ދަނޑުގައި ފުލުހުން ބައިތިއްބައި، ސެކިއުރިޓީ އިތުރަށް ވަރުގަދަ ކޮށްގެންނެވެ.
ރޭ ކުޅުނު ސެމީ ފައިނަލްގެ ދެވަނަ މެޗު ގައި އިމާދުއްދީން ސްކޫލާ ވާދަކޮށް 4-1 އިން މެޗު ކާމިޔާބު ކޮށް ފައިނަލަށް ދަތުރު ކުރީ ރެހެންދި ސްކޫލެވެ.
ރެހެންދި ސްކޫލާއި ކަލާފާނު ސްކޫލް ބައްދަލުކުރާ މުބާރާތުގެ ފައިނަލް މެޗު އޮންނާނީ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މައިމައިސް
08 February 2023
މިފެންނަނީ ގޭންގު ތަކާއި ގުޅިފައި ތިބި ކުދިން ފުޓުބޯޅަ ކުޅުނީމަ ވާގޮތް. ސަރުކާރުން އިސްކަންދިނީި ގޭންގުތައް ކުރިއަރުވަން. ގޭންގުތަކުން ޑުރަގު ވިޔަފާރި ފުޅާކުރުވަން. ގޭންގުން ޑުރަގު ގެނާމަ މީހާ ހައްޔަރުނުކޮށް އަނބުރާ ގައުމަށް ފޮނުވާލައި ޑުރަގު ރާއްޖޭގައި ރޯލުކުރަން. ފަހަރެއްގަިވެސް ފުޓުބޯޅައިގެ ސެކިއުރިޓީއަކަށް ނުވިސްނާ.
ޣފދސފގ
07 February 2023
މޮޔައިން އުޅޭރަށެކޭ ކިޔާ ތިއައީ
ދިރާސާތު
07 February 2023
ޕިންކު ކުލައިގެ ޓީޝާޓެއް ލައިގެން ރެފްރީގައިގާ ފުރަތަމަ ޖަހާފައި އެވަނީ ކ.ގުރައިދޫ ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓާ މުވައްޒަފެއް (އައުޓް ސޯސް މުވައްޒަފެއް). ކ.ގުރައިދޫ ގައި ބާއްވާ ފުޓްބޯޅަ މުބާރާތްތައްވެސް ހުއްޓާލަން ޖެހެނީ ތަޅައިގަނެގެން.. ކ.ގުރައިދޫ މީހުންގެ ގޮތް އެއީ..
ޗިޗަންޑާސް
07 February 2023
ކަލާފާނު ކުދިންތިބީ މަޑުން. މުޅި ގުރައިދުއަށްވެސް ހަޑި ޗީޗީ!
ހަބަރުދާރު
07 February 2023
ކޮބާތަ މިނިސްޓަރު އައިޝަތު އަލީގެ ޓުވީޓުގަނޑެއްވެސް ނެތީތަ ތިކަމުަ؟
ހަސަންދީ
07 February 2023
ފިޔަވަޅުއަޅާ ވާހަކަ ދައްކާއިރު އެފްއޭއެމަކީ އިދާރާއެއް ގޮތުގައި ހިނގަމުންދާ ތަނެއްބާ ހިތަށްއަރަނީ. މުވައްޒަފުންނާ އެހެނިހެން ފަރާތްތަކަށް ދޭންޖެހޭ މުސާރަޔާ ފައިސާ ނުދެވިގެން އެތައް އަހަރެއް ވެގެންދާއިރު އެފަދަ ކަންކަން ހައްލު ނުކުރެވުނު ބަޔަކަށް އެޅޭނެ ފިޔަވަޅެއް ނޯންނާނެ. ބސމކީ ފުޓުބޯޅަޔަށް ޖެހުނު މުސީބާތެއް. ކަންކަން ދުވަހުން ދުވަހަށް ގޯސްވެގެން މިދަނީ.
ރެފްރީ
07 February 2023
ފުރަތަމަ ޖަވާމެން ބަލަން ވީ ސަޕޯޓަރުން ދަނޑަށް އަރަން ދިމާވި ސަބަބު...މި ބުނީ ސަޕޯޓަރުން ދަނޑަށް އެރުމަކީ ގޯސް ކަމެކޭނޫން..އެކަމް ރެފްރީ ފާޅުގަ ކުރި ކުއްތަށް ބަލައި ފުރަތަމަ ފިޔަވަޅު އަޅަންވީ
ގޫންފާ
07 February 2023
ގްރައިދޫ ސްކޫލް ، ފުޓްބޯޅަ އިވެންޓްތަކުން 3 އަހަރަށް ސަސްޕެންޑް ކުރުން ރަނގަޅު. ވަރަށް ނާތަހުޒީބު ކަމެއް ހިގާދިޔައީ.
މަދުސަ
08 February 2023
ތިން އަހަރު މަދު. 20 އަހަރު ވަރު ރަނގަޅުވާނެ. އޭރުން ތިބޭނީ އެއްޗެށް ދަސްވެފަ.
ދެރަ
07 February 2023
ޖަވާ މިއަދު ތިހެން ބުނެދާނެ. ތިއީ ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ މަތީ މުބާރާތްތަކުން ފެށިގެންއައި ކަމެއް. އޭރު ތިކަން ހުއްޓުވަން ފިޔަވަޅުނޭޅުމުގެ ނަތީޖާ މިއަދު ތިފެންނަނީ. ރާއްޖެތެރޭ ސްކޫލެއްވީމަ ދެތިން އަހަރަށް ސަސްޕެންޑް ވެސް ކޮށްފާނެ. ކުރަންވީ ކަމަކީ އެންމެމަތިން ފެށިގެން ވަކި ކްލަބެއް ވަކި އެކަޑަމީއެއް ވަކި ސްކޫލެއް ވަކި ކުޅުންތެރިއަކަށް ނުބަލާ އެންމެ ހަރުކަށި ފިޔަވަޅު އެޅުން. އެނޫން ގޮތަކަށް ތިކަން ހައްލުވާކަށް ނެތް.
ފޮނިފޮނިޓައްޕު ކުމާރު
07 February 2023
ސެކިއުރިޓީ މަތިކުރީމާ ދެންދޭނީ މާވަރުގަދަ ހަމަލާއެއް. ދިވެހިން ގޮތެއްހުހެއްނުވާނެ.