ރެއާލް މެޑްރިޑާއި އަލް އަހްލީ ކުޅުނު މެޗުގެ ތެރެއިން: ރެއާލް ބަލިކޮށް އަލް އަހްލީ ވަނީ ފައިނަލުގެ ޖާގަ ހޯދާފަ --- ފޮޓޯ: އޭއެފްޕީ
09 ފެބުރުއަރީ 2023 - 10:27
ރަބާޓް، މޮރޮކޯ (ފެބްރުއަރީ 9) - ކްލަބް ވޯލްޑް ކަޕް ސެމީ ފައިނަލުގައި، އަލް އަހްލީން ވަރުގަދަކޮށް މެޗު ފެށި ނަމަވެސް ރެއާލް މެޑްރިޑް އަތުން 4-1 ން ބަލިވެއްޖެ އެވެ.
މިސްރާއި އެފްރިކާގެ ޗެމްޕިއަން އަހްލީން ފުރަތަމަ ހާފުގައި ވަރަށް ރަނގަޅަށް ކުޅުނެވެ. މުޅި ޓީމު ބައިވެރިވެ ރީތި ޕާސްތަކެއް ޖަހައިގެން ރެއާލްގެ ޓީމަށް ޕްރެޝަރު ކުރިމަތި ކުރި އެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ވިނީޝިއުސް ޖޫނިއާ، ރެއާލް އަށް ލިޑް ނަގައި ދިނެވެ.
ރެއާލްއިން ތަފާތު ދެއްކީ ދެވަނަ ހާފުގަ އެވެ. އެ ހާފް ފެށިގެން ފުރަތަމަ މިނެޓްގައި ފެޑެރީކޯ ވަލްވާޑޭ ވަނީ އެ ޓިމަށް ނަތީޖާ ފުޅާކޮށް ދީފަ އެވެ. އަހްލީގެ ހަމައެކަނި ލަނޑު އެ ޓީމަށް ޖަހައި ދިނީ ލިބުނު ޕެނަލްޓީ އަކުން އަލީ މާލޫލް އެވެ.
ރެއާލްގެ ފަހު ދެ ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގެ ތެރޭގަ އެވެ. އެކަމަކު އޭގެ ކުރިން އެ ޓީމަށް ލިބުނު ޕެނަލްޓީ ލުކަ މޮޑްރިޗް ޖެހި ނަމަވެސް ކާމިޔާބެއް ނުވި އެވެ. މިއީ ވިދިވިދިގެން ރެއާލް އަށް ޕެނަލްޓީ ނާކާމިޔާބު ވި ދެވަނަ މެޗެވެ.
މެޗުގެ އިތުރު ވަގުތު ހަމަވެގެން ދެއްކި ވަގުތުގެ ދެވަނަ މިނެޓްގައި ރޮޑްރިގޯ ގޮއިސް ވަނީ، ޑެނީ ސެބާޔޯސް ދިން ފުރުސަތަކުން ރެއާލްގެ ތިންވަނަ ލަނޑު ޖަހައިފަ އެވެ. ކުޅެން ނުކުތް ގޮތަށް ރެއާލްގެ ބީ ޓީމުގެ ކުޅުންތެރިޔާ ސާޖިއޯ އަރީބާސް ވަނީ ރެއާލްގެ ހަތަރުވަނަ ލަނޑު ޖަހައިފަ އެވެ.
އަންނަ ހޮނިހިރު ދުވަހުގެ ރޭ ކުޅޭ ފައިނަލް މެޗުގައި ރެއާލް އާ ދެކޮޅަށް ނުކުންނާނީ އޭޝިއާގެ ޗެމްޕިއަން އަލް ހިލާލް އެވެ. ސައުދީ އަރަބިއާގެ ޓީމު ފައިނަލަށް ދަތުރުކުރީ ދެކުނު އެމެރިކާގެ ޗެމްޕިއަން ފްލެމެންގޯ ބަލި ކުރުމަށްފަހު އެވެ. ތިންވަނަ ހޮވާ މެޗުގައި އަހްލީ އާއި ފްލެމެންގޯ ވެސް ހޮނިހިރު ދުވަހުގެ ރޭ ވާދަ ކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy