12 ފެބުރުއަރީ 2023 - 08:28
ރަބާޓް (ފެބްރުއަރީ 12) - ފައިނަލުގައި އަލް ހިލާލްގެ މައްޗަށް 5-3 ގެ ނަތިޖާއިން ކުރި ހޯދައި ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށް ރެއާލް މެޑްރިޑުން އެ ޓީމުގެ 100 ވަނަ ތަށި ހޯދައިފި އެވެ.
ޔޫރަޕްގެ ގަދަ ފަސް ލީގުގެ ކްލަބްތަކުގެ ތެރެއިން ވާދަވެރި ފުޓްބޯޅައިގައި 100 ތަށި ހޯދި ފުރަތަމަ ޓީމަކީ ރެއާލް އެވެ. އޭގެ ތެރޭގައި ޔޫއެފާ ޗެމްޕިއަންސް ލީގުގެ 14 ތައްޓާއި ސްޕެނިޝް ލީގުގެ 35 ތަށި ވެސް ހިމެނެ އެވެ.
އޭޝިއާގެ ޗެމްޕިއަން ހިލާލް އާ ދެކޮޅަށް ކުޅުނު މެޗުގައި ރެއާލްގެ ވިނީޝިއުސް ޖޫނިއާ އާއި ފެޑެރީކޯ ވަލްވާޑޭ ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ޖަހައިފަ އެވެ.
ފުރަތަމަ 20 މިނެޓް ތެރޭގައި ވިނީޝިއުސް އާއި ވަލްވާޑޭ ލަނޑު ޖަހައި ދެ ލަނޑުގެ ލީޑެއް ނަގައި ދިނެވެ. ސައުދީ އަރަބިއާގެ ކްލަބް، ހިލާލްގެ ފުރަތަމަ ލަނޑު މޫސާ މާރެގާ ޖެހީ މެޗުގެ 26 ވަނަ މިނެޓްގަ އެވެ.
އަނިޔާއިން ރަނގަޅު ވެގެން އަލުން ކުޅުމުގެ ތެރެއަށް ނުކުތް ކަރީމް ބެންޒޭމާ ވަނީ ލަނޑެއް ޖަހައި އިތުރު ލަނޑެެއް ޖަހަން ވެސް ފުރުސަތު ތަނަވަސް ކޮށްދީފަ އެވެ. ރެއާލްގެ ފުރަތަމަ ލަނޑު ޖަހަން ވިނީޝިއުސް އަށް ފުރުސަތު ތަނަވަސްކޮށް ދިނީ ބެންޒެމާ އެވެ. ދެވަނަ ހާފުގެ ކުރީ ކޮޅު ރެއާލްގެ ތިންވަނަ ލަނޑު ޖަހަން ބެންޒެމާ އަށް ފުރުސަތު ތަނަވަސްކޮށް ދިނީ ވިނީޝިއުސް އެވެ.
ބެންޒޭމާގެ ލަނޑަށް ހަތަރު މިނެޓް ނުވަނީސް، ޑެނީ ކާވަހަލާ ދިން ފުރުސަތަކުން ވަލްވާޑޭ ވަނީ އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖަހައިފަ އެވެ. ހިލާލްގެ ލޫސިއާނޯ ވިއޭޓޯ ވެސް ދެ ލަނޑު ޖެހި އެވެ. އޭނާގެ ފުރަތަމަ ލަނޑު ޖެހީ މެޗިގެ 63 ވަނަ މިނެޓްގަ އެވެ. އޭގެ ފަހުން ވިނީޝިއުސް ވަނީ ރެއާލްގެ ފަސް ވަނަ ލަނޑު ޖަހައިފަ އެވެ. ވިއޭޓޯގެ ދެވަނަ ލަނޑު ޖެހީ އޭގެ 10 މިނެޓް ފަހުންނެވެ.
ތިންވަނަ ހޮވި މެޗުގައި ދެކުނު އެމެރިކާގެ ޗެމްޕިއަން ފްލެމެންގޯ އާއި އެފްރިކާގެ ޗެމްޕިއަން އަލް އަހްލީ ކުޅުނު މެޗު ފެލެމެންގޯ ކާމިޔާބު ކުރީ 4-2 ންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް
12 February 2023
ރެއާލްގެ ހުރިހާ ފޭނުންނަށް މަރުހަބާ.ވ.ވެދުން