ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަޖިލީހުގައި ވާހަކަ ދައްކަވަނީ--ފޮޓޯ: މަޖިލިސް
15 ފެބުރުއަރީ 2023 - 10:55
މާފުށީ ޖަލުގައި ބަންދުކުރާ ހަރުކަށި ފިކުރުގެ މީހުން ވަކިން ބައިތިއްބޭނެ ވިންގެއް ޖަލުގައި ގާއިމު ކުރުމުގެ މަސައްކަތް މި އަހަރުގެ މެދުތެރޭގައި ނިންމޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ، ޖަލުތަކުގައި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށް ބައިނަލްއަގުވާމީ އެހީތެރިކަމާއި ރާއްޖޭގެ އެންޖީއޯތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު ތަފާތު ކުށްތައް ކުރާ މީހުން ކެޓަގަރައިޒް ކުރުމެއް ނޯންނަ ކަމަށް އިމްރާން ވިދާޅުވި އެވެ. ނަމަވެސް މިހާރު ވަކިން ހާއްސަކޮށް ހަރުކަށި ފިކުރުގެ ގައިދީން އެސެސް ކުރާނެ ވަސީލަތްތައް ގާއިމްކޮށް، އެސެސްކޮށް އެހެން ގައިދީންނާ ވަކިން ބައިތިއްބޭނެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިމްރާން ވިދާޅުވި އެވެ.
"އެފަދަ ފަރާތްތަކުގެ ފަރާތުން މުޅި ޖަލުގެ ނިޒާމާ ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ސީދާ އެފަދަ ފަރާތްތައް ބައިތިއްބާނެ ހައި ސެކިއުރިޓީ ވިންގެއްގެ މަސައްކަތް މާފުށީ ޖަލުގައި މިހާރު ދަނީ ކުރިޔަށް. މި އަހަރުގެ ޖޫން، ޖުލައި ހިސާބުގައި ވިންގް ނިންމާލެވޭނެ،" އިމްރާން ވިދާޅުވި އެވެ.
އެ މަސައްކަތް ކުރުމަށް ސިންގަޕޫރު ފަދަ ގައުމުތަކުން ހަދާފައިވާ ޑިޒައިންތައް ޑިވެލޮޕް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިމްރާން ވިދާޅުވި އެވެ. ނަމަވެސް އެ ގައުމުގެ ފެސިލިޓީ ހަދާފައި ވަނީ 50 މިލިއަން ޑޮލަރު ހަރަދު ކޮށްގެން ކަމަށާއި ރާއްޖެ އަށް އެ މަސައްކަތް ކުރަން ލިބުނީ 35 މިލިއަން ދިވެހި ރުފިޔާ ކަމަށް އިމްރާޏް ވިދާޅުވި އެވެ.
"ދެން ބައްލަވާ އަޅުގަނޑުމެން ގެންނަން ޖެހޭނެ ގޮތް. އެހެން ނަމަވެވެސް ރާއްޖޭގެ މާލީ ތަނަވަސްކަން ހުރި މިންވަރަށް ބަލާފައި އިރާދަކުރެވިއްޔާ އެފަދަ ފަރާތްތައް ގެންގުޅޭނެ އެކަށީގެންވާ ވަރުގެ ފެސިލިޓީއަކަށް ބަދަލުވާނެ،" އިމްރާން ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ތެރޭގައި ހޯމް މިނިސްޓްރީ އާއި ޓްރާންސްޕޭރަންސީ މޯލްޑިވްސް ގުޅިގެން ވަނީ ރާއްޖޭގެ ޖަލުތަކުގައި ހަރުކަށި ފިކުރުގެ ހާލަތު އޮތް މިންވަރާ ގުޅޭ ދިރާސާއެއް ހަދައިފަ އެވެ.
އެ ދިރާސާގެ ރިޕޯޓުގައިވާ ގޮތުން، އެހެން ގައިދީންނާ ހަރުކަށި ފިކުރު މީހުން އެއް ތަނެއްގައި ބަންދު ކޮށްފައި ހުންނާތީ އެ މީހުންގެ ނުފޫޒު އެހެން ގައިދީންނަށް ފޯރުވަ އެވެ. މީހުން ސިކުނޑި ދޮވެ، ދީނީ ގޮތުން ނުބައި މައުލޫމާތުތަކެއް ދީ ނުރައްކާތެރި ކުށްތަކަށް އަރައިގަތުމަށް ހިތްވަރު ދެމުން އަންނަ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
15 February 2023
ސިޔާސީ ހަރުކަށި މީހުންވެސް އުޅޭ. މިސާލަކަށް ހުސްގަނޑުތަކެއް ދައްކާފަ ލައިވް ޓީވީގަ މީހެއްގެ މަރާއި ގުޅިގެން ވަކި މީހެއްގެ ބޮލުގައި އިލްޒާމު އެޅުވުމަކީ ހަރުކައްޓަށްވުރެ މާ ނުބައިކަމެއް، މީގެ އިތުުރުން ނުފޫޒުން އަންހެނުންނަށް ޙައްޤު ނޫން އިނާޔަތްތަކެއް ހަމަޖެއްސުމަކީވެސް ސިޔާސީ ގޮތުން ހަރުކަށިވުން
ޢެމެރިކާ
15 February 2023
އިންޑިޔާ އިން އަދާލަތު ޕާތީ ގަނެލީ
ށަވިޔަނި
15 February 2023
މިނިސްޓަރުކަން ލިބުމުން ވާހަކަ ބަދަލުވަނީ ސަބަބުތަކެއް ހުރެގެން. އެގޮނޑީގައި އިށީނީމަ ފެންނަ އެތައްކަމެއް އެގޮޑިއާ ދުރުގައި ހުރެގެން ނޭނގެނީކަމަށް ވެދާނެ.
އަބޯބޫ
15 February 2023
ޢިމްރާނު ހުއްޓާ ޖަލުގެ ހާލަތު ބޮޑުތަނުން ރަނގަޅުވެއްޖެ. މިހަގީގަތް ގަބޫލުކުރަން އެބަޖެހޭ.
ހަހެއއެ
15 February 2023
ހޯމް މިނިސްޓަރުކަން ލިބުނީމާ މުޅި ޤައުމު އިޞްލާޙް ވެއްޖެ. މަސާޖްޕާލާތައް ހުއްޓިއްޖެ. މަސްތުވާ ތަކެތި ހުއްޓިއްޖެ. ބޯ ކުދިން ނުބޯ ކުދިންނަށް ވެއްޖެ. ކޮބައިތޯ މޭޑޭގައި ލެވި ހަޅޭކުގެ އަޑުތައް؟؟ މިހާރު އެ ހުރިހާ ކަމެއް ހަނދުމަފުޅު ނެތިނީތޯ؟
އަލީި
15 February 2023
ކިހިނެތް އިނގޭނީ އެ ގޮޅިގައި މިސޮރަށް ޖާގަ ނެތްކަމެއް. މަޤާމުގެ ކުރީގައި އުޅުނުގޮތް މަޖީދީމަގުމަތިން މިހާރުވެސް ސޫރަ ސިފަވޭ.! އެއްވެސް މިހަކަށް ދެރަގޮތަކަށް ނޭދެން. ވަރަށް ސަލާމް.
ރައުރައު
15 February 2023
ތީ ސީދާ އަމީނަށް ހަދާ ގޮޅި
ރަދީފްއޮފިޝަލް
15 February 2023
ފުރަތަމަ މި ބްރޯ އެތަނަށް ލާންޖެހޭނެ.
ތެފައާސާ.
15 February 2023
ރަދީފް އަަހަރެން ހީކޮށްގެން ހުންނަނީ ބްރޯ ތީ އައްޑޫމީހަކަށް ވީމާ ތަންކޮޅެއް ހަމަޖެހޭނެކަމަށް. އެހެނެއްނޫންދޯ އަސްލު ކަން އޮތީކީ؟ #ސޭޑް