15 ފެބުރުއަރީ 2023 - 11:22
އެމެރިކާގެ ވައިގެ ސަރަހައްދުގެ ތެރެއިން ދަތުރުކުރަނިކޮށް މިދިޔަ ހަފުތާ ބަންދުގައި އެމެރިކާ ސިފައިން ހަމަލާދީ ވައްޓައިލި ގޮތް ނޭނގޭ ތިން އުޅަނދަކީ ވެސް، އެމެރިކާ އަށް އެއްވެސް ނުރައްކަލެއް އޮތް އެއްޗެހިތަކެއް ކަމަށް ނުބެލެވޭ ކަމަށް އެމެރިކާގެ ރިއާސީ ގަނޑުވަރުން އިއްޔެ ބުނެފި އެވެ.
ރިއާސީ ގަނޑުވަރު ވައިޓް ހައުސް އިން ބުނި ގޮތުގައި އާންމު ވައިގެ ދަތުރުފަތުރުގައި މަތިންދާބޯޓުތައް ދަތުރުކުރާ އުސްމިނުގައި ދަތުރު ކުރަމުން ދާތީ، ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބަލައި ވައްޓައިލި އުޅަނދުތަކުގެ ހަގީގަތް އަދިވެސް މުޅިން ސާފެއް ނުވެ އެވެ. އެއީ ކުދި އުޅަނދުތަކަކަށް ވުމުން، އެ އުޅަނދުތަކަށް ދިން މިސައިލް ހަމަލާތަކުގައި ހަލާކުވެގެން ކަނޑުގެ ތެރެއަށް ވެއްޓުމުން، އެއިން އެއްވެސް އުޅަނދެއްގެ ބޭނުންތެރި އެއްވެސް ބައެއް މިހާތަނަކަށް ނުހޯދެ އެވެ.
އެހެންކަމުން މިހާތަނަށް ލިބުނު މައުލޫމާތަށް ބަލާއިރު، ޖާސޫސް ކުރުމަށް ބޭނުންކުރާ އުޅަނދުތަކަކަށް ވުރެ ބޮޑަށް، އެ އުޅަނދުތައް ބެލެވެނީ ދިރާސީ ކަންތައްތަކެއްގައި ނުވަތަ ވިޔަފާރީގެ ކޮންމެވެސް ކަމެއްގައި ބޭނުންކުރާ އުޅަނދުތަކެއްގެ ގޮތުގައި ކަމަށް ވައިޓް ހައުސް އިން ބުންޏެވެ. މިދިޔަ ހަފުތާ ބަންދުގައި ވައްޓައިލި ގޮތް ނޭނގޭ ތިން އުޅަނދުގެ ބައިތައް ހޯދުމަށް، އެމެރިކާގެ ކަނޑުގެ ސިފައިންނާއި ކެނެޑާގެ ކަނޑުގެ ސިފައިން އަންނަނީ އެ އުޅަނދުތައް ވެއްޓުނު ކަމަށް ލަފާ ކުރެވޭ ކަނޑުގެ ސަރަހައްދު ބަލަމުންނެވެ.
އެމެރިކާގެ ވައިގެ ސަރަހައްދުގެ ތެރެއަށް ވަދެ އުޅެނިކޮށް މި މަހުގެ ތެރޭގައި އެންމެ ފުރަތަމަ ވައްޓައިލީ، ޗައިނާގެ މޫސުމީ ދިރާސާތަކުގައި ބޭނުންކުރާ ބިޔަ ފުއްޕާހަމެކެވެ. ހީލިއަމްގެ އެހީގައި މައްޗަށް އަރުވާފައި އޮންނަ އެ ހަން އެމެރިކާގެ ވައިގެ ސަރަހައްދުގެ ތެރެއިން ދަތުރު ކުރަމުން ދިޔައީ 40000 ފޫޓަށް ވުރެ ވެސް އުހުންނެވެ.
ވައިޓް ހައުސްގެ ތަރުޖަމާނު ޖޯން ކިރްބީ އިއްޔެ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވި ގޮތުގައި އެމެރިކާ އާއި ކެނެޑާގެ ވައިގެ ސަރަހައްދުގެ ތެރެއަށް ވަދެ އުޅެނިކޮށް، މި ފަހުން ވައްޓައިލި ގޮތް ނޭނގޭ ތިން އުޅަނދުގެ ވެސް ހަގީގަތެއް އަދި ނުހޯދެ އެވެ. އަދި އެއީ ކޮން ގައުމެއްގެ އުޅަނދުތަކެއް ކަން ވެސް މިހާތަނަށް ނުހޯދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ވައްޓައިލި ތިން އުޅަނދު ވައިގެ ތެރޭގައި ގޮއްވާލައި ވައްޓައިލުމުން އެއިން ވަކިވަކިވެގެން ދިޔަ ކުދިކުދި ބައެއް އެތިކޮޅުތައް ވަނީ ފެނިފަ އެވެ. ނަމަވެސް އެއީ، ޗައިނާގެ ޖާސޫސީ ބޭނުމަކަށް ވައިގެ ތެރެއަށް ފޮނުވައިގެން އުޅުނު އުޅަނދުތަކެއް ކަމުގެ އެއްވެސް ނިޝާނެއް އެއިން އެއްވެސް އެތިކޮޅަކުން ނުފެންނަ ކަމަށް ކިރްބީ ވިދާޅުވި އެވެ. އަދި އެއީ ޗައިނާގެ އުޅަނދުތަކެއް ކަމުގެ ހެއްކެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަރިފަނި
16 February 2023
ވައްޓާލި ގޮތް ނޭނގިގެންތަ އުޅެނީ؟
ހަމަނެތޭ
15 February 2023
ފުއްޕާހަމާ ގުޑިފަދަ ތަކެތި ވައްޓާލައިގެން ކޮން ނުރައްކަލެއް އޮންނާނީ.