ކުޅިވަރު / ޔޫރޮޕާ ލީގް

ބާސާ އާއި ޔުނައިޓެޑް: ދެ ކޯޗުން އެކަކު އަނެކަކަށް ތައުރީފު

ޔުނައިޓެޑްގެ ކޯޗު ޓެން ހަގް (ކ) އަދި ބާސާގެ ކޯޗު ޒަވީ (ވ)، ދެ ކޯޗުން ވެސް ވަނީ މިރޭ ޔޫރޮޕާ ލީގު މެޗަށް ނުކުތުމުގެ ކުރިން އެކަކު އަނެކަކަށް ތައުރީފް ކޮށްފައި.-- ފޮޓޯ: އޭއެފްޕީ

ބާސެލޯނާ (ފެބްރުއަރީ 16) - ޔޫއެފާ ޔޫރޮޕާ ލީގުގެ ނޮކްއައުޓް ބުރުގެ ޕްލޭއޮފް ގައި ބާސެލޯނާ އާއި މެންޗެސްޓާ ޔުނައިޓެޑް ކުޅޭ ފުރަތަމަ ލެގުގެ ކުރިން ދެ ޓީމުގެ ކޯޗުން ވެސް އެކަކު އަނެކަކަށް ތައުރީފް ކޮށްފި އެވެ.

ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހަގް އެޓީމު ބައްޓަން ކުރަމުން އަންނަ ގޮތަށް ތައުރީފް ކުރުމުގެ އިތުރުން އެޓީމުގެ ފޯވާޑް މާކަސް ރަޝްފޯޑްގެ ކުރިއެރުމަށް ވެސް ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ވަނީ ތައުރީފް ކޮށްފަ އެވެ.

"ޓެން ހަގް އަކީ މޮޅު ކޯޗެއް. އަހަރެން ގަބޫލުކުރާ ގޮތުގައި ޔުނައިޓެޑްގެ ހާލަތު ކާމިޔާބު ކަމާ އެކު ބަދަލު ކޮށްލުމަކީ އެއީ ފަސޭހަ ކަމެއް ނޫން. މިއީ އަނެއްކާ ވެސް [ޔުނައިޓެޑަށް] އުފާވެރި ދުވަސްތަކެއް. އެމީހުން ކުޅޭ ކުޅުމުން ވެސް ސަޕޯޓަރުން އުފާވާނެ،" ޒަވީ ބުންޏެވެ.

"އޭނާ [ޓެން ހަގް] ވަނީ އެޓޭކާއި ޑިފެންސް ވެސް ބަދަލު ކޮށްލައިފައި. ހުރިހާ އެންމެން ވެސް ވަރަށް ރަނގަޅަށް މަސައްކަތް ކުރޭ. އެއީ އަހަރެމެންނަށް ވާދަކުރަން އުނދަގޫ ޓީމެއް، އަދި އެއީ ވަރަށް ޝައުގުވެރި ކޯޗެއް."

ޕްރިމިއާ ލީގު މެޗެއްގައި ޓެން ހަގް، ރަޝްފޯޑަށް މަރުހަބާ ކިޔަނީ.-- ފޮޓޯ: އޭއެފްޕީ

ރަޝްފޯޑާ ގުޅޭގޮތުން ޒަވީ ބުނީ އެއީ "މިވަގުތު ޔޫރަޕުގެ އެންމެ ނުރައްކާތެރި އެއް ކުޅުންތެރިޔާ" ކަމަށެވެ.

މިދިޔަ ޑިސެމްބަރު މަހު ނިމުނު ވޯލްޑް ކަޕަށް ފަހު ރަޝްފޯޑް ވަނީ އޭނާ ކުޅުނު 15 މެޗުން 13 ގޯލު ޖަހައިފަ އެވެ.

ސްޕެނިޝް ލީގުގެ އެއްވަނައިގައި އޮތް ބާސެލޯނާ، އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނީ އުސްމާން ޑެމްބެލޭ އާއި ކެޕްޓަން ސާޖިއޯ ބުސްކެޓްސް ޓީމުގައި ނުހިމަނަ އެވެ.

ޓެން ހަގް ވެސް ވަނީ ބާސެލޯނާ ގައި ޒަވީ ކުރަމުން ގެންދާ މަސައްކަތަށް ތައުރީފް ކޮށްފަ އެވެ. އޭނާ ބުނީ ދެ ކުލަބް ޔޫރޮޕާ ލީގުގައި އޮތަސް މިއީ ޗެމްޕިއަންސް ލީގު ކުޅޭ ފެންވަރުގެ ދެ ކުލަބު ކަމަށެވެ.

"ހަމައެކަނި [ޗެމްޕިއަންސް ލީގު] ކުޅެލާކަށް ނޫން، ގުރޫޕް ސްޓޭޖް ފަހަނައަޅައި ސެމީއާ ހަމައަށް ގޮސް، ފައިނަލަށް ދަތުރުކޮށް މޮޅު ވެސް ވެވޭނެ. އެކަމަކު ހަގީގަތަކީ އަހަރެމެން މިތިބީ ޔޫރޮޕާ ލީގުގައި،" ބާސެލޯނާ އާއި ޔުނައިޓެޑާ ގުޅޭ ގޮތުން، ޔުނައިތެޑްގެ ކޯޗު ޓެން ހަގް ބުންޏެވެ.

"ދެ ޓީމަށް ވެސް ރަނގަޅު ބަދަލެއް ބޭނުން ވެފައި އޮތީ. މިހާރު ދެ ޓީމު ވެސް މި ދަނީ ރަނގަޅު މިސްރާބަކަށް. ދެ ޓީމުގެ ކުރިމަތިލުމެއް ވަރަށް ވާދަވެރި ވާނެ. ކޮންމެ ޓެސްޓަކާ އެކު އަހަރެމެންނަށް އިތުރަށް ކަންކަން ރަނގަޅު ކުރެވޭނެ."

ޑި ޔޯންގް (ވ)، ބާސެލޯނާ އާއެކު ލީގު މެޗެއްގައި ކުޅެނީ.-- ފޮޓޯ: އޭއެފްޕީ

ޕްރިމިއާ ލީގަށް ބަދަލުވާނެ ކަމަށް އަޑު ފެތުރިފައިވާ ބާސެލޯނާގެ ނެދަލެންޑްސް މިޑްފީލްޑަރު ފްރެންކީ ޑި ޔޯންގް އަކީ އޭނާ ބާސެލޯނާ އަށް ބަދަލު ވުމުގެ ކުރިން އަޔެކްސް ގައި ޓެން ހަގް އާއެކު މަސައްކަތް ކުރި ކުޅުންތެރިއެކެވެ. ޓެން ހަގް ބުނީ ޑި ޔޯންގް އާއެކު ދުނިޔޭގެ ކޮންމެ ޓީމެއްގެ ސްކޮޑް ވެސް އިތުރަށް ވަރުގަދަ ވާނެ ކަމަށެވެ.

"އޭނާއަކީ މޮޅު ކުޅުންތެރިއެއް، އޭނާ އާއެކު މަސައްކަތް ކުރެވުމުން އުފާވޭ. ފްރޭންކީ [ޑި ޔޯންގް] އަކީ ދުނިޔޭގެ ކޮންމެ ކުލަބަކަށް ވެސް މުހިއްމު ކުޅުންތެރިއަކަށް ވާނެ. އޭނާގެ ތަފާތު ކަމަކީ، އޭނާ ކޮންމެ ސްކޮޑަކާ ގުޅުނަސް އެ ސްކޮޑެއް އިތުރަށް ވަރުގަދަ ވާނެ."

މެންޗެސްޓާ ޔުނައިޓެޑް ވަނީ މި ސީޒަންގެ ޔޫރޮޕާ ލީގުގައި ގުރޫޕް ސްޓޭޖްގެ ދެ ވަނަ ހޯދައިފަ އެވެ. އެ ޓީމަށް ގެއްލުން ވީ ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ސްޕެއިންގެ ރެއާލް ސޮސިއެޑާޑާ ދެކޮޅަށް ކުޅުނު މެޗުންނެވެ. އެ މެޗުން ބަލިވި ނަމަވެސް ފަހު ފަސް މެޗު ޔުނައިޓެޑް ވަނީ ކާމިޔާބު ކޮށްފަ އެވެ.

ބާސެލޯނާ އަށް ޔޫރޮޕާ ލީގު ކުޅެން ޖެހުނީ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި ބެޔާން މިއުނިކާއި އިންޓަ މިލާންގެ ފަހަތުން އެ ގުރޫޕްގެ ތިންވަނައިގައި ނިންމަން ޖެހުމުންނެވެ.

ބާސެލޯނާ އާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 10:45 ގަ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454