ފަނޑިޔާރު ކަމުގެ ފަތްކޮޅެއް: ހުކުމްކުރި ފަހުން ހުލާސާ ރިޕޯޓުގައި އާ ނުކުތާތަކެއް ހިމެނި ފަނޑިޔާރަކު ވަނީ ސަސްޕެންޑް ކޮށްފައި --- ފޮޓޯ/މިހާރު
16 ފެބުރުއަރީ 2023 - 15:36
މައްސަލައެއްގައި ހުކުމްކުރި ފަހުން ހުލާސާ ރިޕޯޓަށް އާ ނުކުތާތަކެއް އިތުރުކޮށް، ބަދަލު ގެނައި މައްސަލައެއްގައި މެޖިސްޓްރޭޓަކު ހަތް ދުވަހަށް ސަސްޕެންޑް ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ޏ. ފުވައްމުލަކު ކޯޓުގެ މެޖިސްޓްރޭޓް އަހުމަދު އަކްރަމަށް މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް ހަތް ދުވަހަށް ސަސްޕެންޑްކުރީ އޭނާ ބެއްލެވި މައްސަލައެއްގެ ހުކުމް ކޮށް، ހުލާސާ ރިޕޯޓް ދޫކުރި ފަހުން އިތުރު އާ ނުކުތާތަކެއް އެ ރިޕޯޓަށް އިތުރުކުރުމުން ކަމަށެވެ.
ޖޭއެސްސީން ބުނީ މެޖިސްޓްރޭޓް އަކްރަމް އެ ރިޕޯޓަށް އާ ނުކުތާތަކެއް އިތުރުކުރީ އެ މައްސަލާގެ ހުކުމް އިސްތިއުނާފް ކުރުމަށްޓަކައި އެ ކޯޓަށް ދައުލަތުން ލިޔުންތައް ފޮނުވުމުންނެވެ. އަދި ދައުލަތުން ފޮނުވި ހުލާސާ ރިޕޯޓުގެ ބަދަލުގައި އާ ނުކުތާތަކެއް އިތުރު ކޮށްފައިވާ ހުލާސާ ރިޕޯޓެއް ދައުލަތުގެ ނަމުގައި ފުވައްމުލަކު ކޯޓުން ހައި ކޯޓަށް ފޮނުވާފައިވާ ކަމަށާއި އެއީ ހަގީގަތް އޮޅުވާލުމާއި ފަނޑިޔާރުންގެ ސުލޫކާ ހިލާފު އަމަލެއް ކަމެއް ކަމަށް ވެސް ޖޭއެސްސީގެ ބަޔާނުގައިވެ އެވެ.
އެހެންވެ، މިއަދުން ފެށިގެން ހަތް ދުވަހުގެ މުއްދަތަށް މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް މެޖިސްޓްރޭޓް އަކްރަމް ސަސްޕެންޑް ކުރަން ނިންމީ ކަމަށް ބަޔާނުގައިވެ އެވެ.
މެޖިސްޓްރޭޓް އަކްރަމްގެ އިތުރުން ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ހަސަން ސައީދު 14 ދުވަހަށް ސަސްޕެންޑް ކުރަން ވެސް އިއްޔެ ވަނީ ނިންމައިފަ އެވެ. އެއީ ފެމިލީ ކޯޓުގެ އިސްގާޒީއަކަށް އޭނާ ހުންނެވިއިރު އުސޫލާ ހިލާފަށް ކައިވެންޏެއް ކުރަން މަގުފަހިކޮށްދިން ކަމަށް ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިއްދޫ ސޭޓު
16 February 2023
މިގޮލާ ވާނީ ކަނޑާލާކަށްނު. މީ މަކަރެއްނު. ހަމީދު އާއި ސަމީރު ކަނޑަންޏާ މި ގޮލާ ކަނޑަން މާ އައުލާކަން ބޮޑު
A
16 February 2023
ޔާމީނުގެ މައްސަލާގެ ހުކުމްވެސް ތިގޮތަށް ބަދަލުގެނެސްފައިވާ ކަމަށް ވަކީލުން ބުނަނީ ، ފިޔަވަޅު އަޅާނެބާ
ކުޑަވަކީލު
17 February 2023
ނާޅާނެ! ހައިކޯޓަށް ނަގާނެ ޝަކީލު! ޑަބަލް ސްޓޭންޑަރޑް މުޅިންވެސް