17 ފެބުރުއަރީ 2023 - 12:24
ދިވެހިރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދީދީގެ ހަޔާތްޕުޅާ ބެހޭގޮތުން މިހާތަނަށް ލިޔުނު އެންމެ ތަފްސީލީ ބަޔޯގްރަފީ ފޮތް، ތާރީހު އިލްމުވެރިޔާ ކަށިމާ އަހުމަދު ޝާކިރު ލިޔުއްވައި ޝާއިއުކޮށްފި އެވެ.
މި ފޮތް ނެރުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގެ އަޑުގެ ސިނެކޯ މާލަމުގައި މިރޭ ބާއްވާ ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެތަނުން ފޮތް ހާއްސަ އަގެއްގައި ލިބޭނެ އެވެ.
މި ފޮތުގައި، އަމީނުގެ ތުއްޕުޅުއިރުގެ ދުވަސްތަކުން ފެށިގެން މަދަރަސީ ދުވަސްތަކާއި ގައުމީ ހިދުމަތުގެ ދުވަސްތަކާއި ވެރިކަމުގެ ދުވަސްތަކުގެ ވާހަކަތައް ހިމެނެ އެވެ. އަދި އެމަނިކުފާނުގެ އަދަބީ ހިދުމަތްތަކާއި އިލްމީ ހިދުމަތްތަކުގެ ވާހަކަތަކާއި ތަރައްގީގެ މަގުގައި ކުރެއްވި މަސައްކަތްތަކުގެ ވާހަކަތައް ހިމެނެ އެވެ. މީގެ އިތުރުން ދިވެހި އަންހެނުން ކުރިއަށް ނެރުއްވުމަށާއި ރާއްޖޭގައި ކުޅިވަރު ތަރައްގީ ކުރެއްވުމަށް ކުރެއްވި މަސައްކަތްތަކުގެ ވާހަކަތައް ވެސް ހިމެނެ އެވެ.
"މިއީ ސުމުއްވުލްއަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ހަޔާތްޕުޅުގެ ހުރިހާ ވާހަކަތަކެއް ހިމެނޭނެ ފޮތެއް،" ޝާކިރު ވިދާޅުވި އެވެ.
މި ފޮތުގައި ލިޔުންތެރިޔާ އަމީނުގެ ވާހަކަތައް ކިޔަދޭއިރު ފަސްމަންޒަރުން، ރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީ ހެދި ދުވަސްވަރާއި ދެ ވަނަ ބޮޑު ހަނގުރާމައިގެ ތަދާއި އުތުރު ގަޑުބަޑުގެ މަންޒަރާއި ފުރަތަމަ ޖުމްހޫރިއްޔަތުގެ ކުލަތައް ފެންނާނެ އެވެ.
ފޮތް ލިޔުއްވި ކަށިމާ ޝާކިރު.
ގާތްގަނޑަކަށް 400 ސަފުހާގެ މި ފޮތަކީ، ޝާކިރު ވިދާޅުވި ގޮތުގައި 10 އަހަރުގެ މަސައްކަތެވެ. އޭނާ ވަނީ މި ފޮތަށް، ވަރަށް ގިނަ ބައެއްގެ އިންޓަވިއު ނަގައި، ވަރަށް ގިނަ ލިޔެކިޔުންތައް ދިރާސާކުރައްވައިފަ އެވެ. އިންޓަވިއު ކުރެވުނު މީހުންގެ ތެރޭގައި އަމީނުގެ އަރިސް ބޭފުޅުންނާއި އެމަނިކުފާނުގެ އަރިހުގައި މަސައްކަތް ކުރެއްވި ބޭފުޅުން ހިމެނެ އެވެ. އޭގެ ތެރެއިން ގިނަ ބަޔަކު މިހާރު ދުނިޔޭގައި ނެތެވެ. އެފަދަ ބައެއް ބޭބޭފުޅުންގެ އިންޓަވިއުތަކަކީ، ޝާކިރު، ދިވެހި ތާރީހު ދިރާސާކުރެއްވުމަށް މިދިޔަ ސާޅީހަކަށް އަހަރުގެ ތެރޭގައި ކުރެއްވި މަސައްކަތުގެ ތެރެއިން ނަންގަވާފައިވާ އިންޓަވިއުތަކެވެ.
ޝާކިރު ވިދާޅުވި ގޮތުގައި މި ފޮތުގެ އެންމެ ހާއްސަ ކަމަކީ ވެސް، އަމީނުގެ ދިރިއުޅުއްވާއި ވެރިކަން ގާތުން ފެނިވަޑައިގެންނެވި ބޭފުޅުންގެ ވާހަކަތައް ހިމެނުން ކަމަށެވެ. އެގޮތުން އަމީނުގެ ވެރިކަން އިންގިލާބުކޮށްލުމުން، އެކަމުގެ މެސެޖެއް ކޮޅުނބުގައި ހުންނަވަނިކޮށް ލިބިވަޑައިގަތުމުން، އެ ވަގުތު އެމަނިކުފާނާއި، ގާތް އެކުވެރިޔާ އައިމިނަތު ހުސެއިންއާ ދެމެދު ދެކެވުނު ވާހަކަތައް އިވިވަޑައިގެންނެވި ބޭފުޅެއްގެ އިންޓަވިއު ހިމެނެ އެވެ.
އަދި ނުރައްކަލެއް ކުރިމަތިވެދާނެތީވެ، ރާއްޖެ ވަޑައިނުގަތުމަށް ގާތް ބޭފުޅުންނާއި އިނގިރޭސިން އެދިވަޑައިގަތުމުން ވެސް، އެކަމަށް އެއްބަސްވެވަޑައިނުގަންނަވައި، ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގެ ވާހަކަތައް ހިމެނެ އެވެ. އަދި އިނގިރޭސި ރޯޔަލް އެއާފޯސްގެ ސީޕްލޭނެއްގައި ރާއްޖެ ވަޑައިގެންނެވިއިރު، މާލޭގެ މަސްރަހު އޮތްގޮތުން، ބޯޓު ޖައްސަން ޕައިލެޓް ދެކޮޅު ހެދުމުން، އަމީނު ދެއްކެވި ވާހަކަތައް ވެސް ފޮތުގައި ހިމެނޭނެ އެވެ.
އޭގެ ފަހުން އިންގިލާބުގެ ލީޑަރުން އެމަނިކުފާނު ދޫނިދޫގައި ބަންދުކުރެއްވުމުން ކަން ހިނގި ގޮތާއި، ވެރިކަން އަލުން ހޯއްދަވަން މާލެ ވަޑައިގަތުމުން ހަވަރުން ދިން އަނިޔާ އާއި، ގާފަރަށް އަރުވާލުމުން ކަންކަން ދިމާވި ގޮތާއި، އާލާސްކަންފުޅާ ވިހަމަނާފުށީގައި އޮންނެވިއިރު ކަންހިނގި ގޮތް ފޮތުގައި ހިމެނެ އެވެ.
"އެ ވާހަކަތައް ކިޔައިދެއްވީ، އެތަންތަނުގައި ސީދާ އަމީނުގެ އަރިހުގައި ތިބި މީހުން،" ޝާކިރު ވިދާޅުވި އެވެ.
މުހައްމަދު އަމީން (ކ) ރަސްމިއްޔާތެއްގައި.
ވިލާ ކޮލެޖުގައި ދިވެހި ތާރީހު ކިޔަވައިދެއްވާ ޝާކިރު ވިދާޅުވި ގޮތުގައި، މިފޮތަކީ ރާއްޖޭގެ ކޮލެޖްތަކާއި ޔުނިވާސިޓީތަކުގައި ކިޔަވައިދޭ ދިވެހި ތާރީހު މާއްދާގައި ބޭނުންކުރެވިދާނެ ފޮތެއް ކަމަށެވެ. އަދި މިއީ ދަރިވަރުންނާއި، ތާރީހު ދިރާސާކުރާ މީހުން އަދި ނޫސްވެރިންނަށް ރިފަރެންސަކަށް ބޭނުންކުރެވިދާނެ ފޮތެއް ކަމަށެވެ.
މިދިޔަ ގަރުނުގައި ރާއްޖޭގައި ހިނގި ކަންކަން ހިމަނައިގެން، ދިވެހި ބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުން 2004 ގައި ނެރުނު ގަރުނު ފޮތް ސިލްސިލާ ލިޔުއްވުމުގައި އިސްކޮށް އުޅުއްވި ޝާކިރު ވަނީ މީގެ ކުރިން ވެސް ޝަހުސިއްޔަތުންނާ ބެހޭ ތިން ފޮތެއް ލިޔުއްވައިފަ އެވެ.
އެއީ މަޝްހޫރު އަދީބު މަރްހޫމް ސައިކުރާ އިބްރާހީމް ނައީމް، ކުރީގެ ވަޒީރު މަރްހޫމް އުމަރު ޒާހިރު އަދި ދިވެހި ބަހުގެ އުސްތާޒް އަބްދުﷲ ސޯދިގުއާ ބެހޭގޮތުންނެވެ. ޝާކިރު އަންނަނީ، ރާއްޖޭގެ ކުރީގެ ބޮޑުވަޒީރު އަދި ރައީސް އިބްރާހިމް ނާސިރުއާ ބެހޭގޮތުން ވެސް ފޮތެއް ލިޔުއްވަމުންނެވެ. ޝާކިރަކީ ދިވެހި ތާރީހުގެ ދާއިރާއިން، ތާރީހާބެހޭ ފޮތް އެކުލަވާލައި ލިޔެ ޝާއިއު ކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ސަރުކާރުން ދެއްވާފައިވާ ލިޔުންތެރިއެކެވެ.
މިއީ އަމީނުއާ ބެހޭގޮތުން ޝާއިއުކުރެވޭ ހަތަރު ވަނަ ފޮތެވެ. އެމަނިކުފާނުގެ އަރިސް ބޭފުޅެއް ކަމަށްވާ ޑޭޒީމާގެ އައިމިނަތު ފާއިޒާ ވަނީ "އަމީނުގެ ހަނދާންތައް" ނަމުގައި 1997 ގައި ސިލްސިލާ ފޮތްތަކެއް ނެރުއްވައިފަ އެވެ. އޭގެ ފަހުން، އަމީނުގެ ވެރިކަން ނިމުނު ގޮތާއި އެމަނިކުފާނު އަވަހާރަވި ހާދިސާއާ ބެހޭގޮތުން ނޫސްވެރިޔާ މުހައްމަދު ޖަމީލް ވަނީ 2012 ވަނަ އަހަރު "އޯކިޑް" ގެ ނަމުގައި ފޮތެއް ލިޔުއްވައިފަ އެވެ. އަދި އަމީނުގެ ވެރިކަން ނިމުނު ގޮތާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ "ވެރިއެއްގެ ނިމުން" ނަމުގައި ދިރާސީ ފޮތެއް ޝާއިއުކުރައްވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިނރުޓޭ
19 February 2023
އަމީނުގެ ވެރިކަން އިންގިލާބު ކޮށްލުމުގައި އޭނާގެ ނައިބު ރައީސަކަށް ހުރި ވެލާނާގެ އިބްރާހިމް ދީދީ ގެ ދައުރު ވަރަށް ބޮޑު ކަމަށް ބެލެވެނީ! އޭރު ރަންނަބަނޑޭރި ކިލެގެފާނާ ދެންވެސް ބޮޑުންތައް މީސްމީހުން ކިޔައިގެން އުޅުނީ އަމީނު ދައުލަތުގެ ހަޒާނާ ބޭކާރު ގޮތުގައި ޚަރަދު ކުރަނިއްޔޭ ބޭރުގެ ޤައުމުތަކަށް ދަތުރު ކުރުމުގައި! ދެން ންފަތް އެތެރެ ކުރުން މަނާ ކޮށް، އަންހެން ބޭކަނބަލުންނާ ދޯޅުކޮށް އުޅުއްވާތީ، އެ ކަންވެސް ބޮޑު ރައްޔިތުންގެ ބޮލަށް ޗިޕު ޖެހީ!
ނަޖްވާ
19 February 2023
މި ފޮތް ކިޔާލާ ހިތުން މިހިރީ ހަމަ ކެތް މަދުވެފަ އިނގޭ! ވަރަށް ކަމުދާ ފޮތަކަށް ވާނެ ކަމަށް ހީކުރަން!
އަލި ހުސެން
18 February 2023
ކާކުބަ މިފޮތުގެ ސްކޭންކޮޕީއެއް ވަރަށް އަވަހަށް ސްރިބްޑު ކަހަލަ ސައިޓަކަށް އަޕްލޯޑުކޮށްދޭނީ "ތާރީޚަށް"ޓަކާ ހެހެ ދިވެހިން ފޮތެއްނެރެނީ އެނޫން، ނެރެފިއްޔާ ވިއްކަނީ ކިޑްނީއެއްގެ އަގުގައި
އެސްފިޔަ
18 February 2023
ތާރީޚު ކޮންމެ ގޮތަކަށްވެސް ލިޔެވިދާނެ. ރަނގަޅު ބޭފުޅެއްނަމަ އެހާ އަވަހަށް އެހާ ހިތި ގޮތަކަށް ވެރިކަން ނިމިގެން ހިނގައިދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ. މައުމޫނުގެ ވެރިކަން 30 އަހަރަށް ދެމިގެން ދިޔަ. އަންނި މާ ހެޔޮއެދޭ މީހެއްކަމަށް ހެދިގެން ހިންގި ހަޑިމުޑުދާރު ހަރަކާތްތަކަށްފަހު ވެރިކަން ލިބުނަސް ވެރިކަމުގައި ހުރެވުނީ 3 އަހަރު. "އޮތުން މޮޅު ކޮންމެ ވެރިކަމަކަށް މަތިން ދެއްވާނެ ގަދަބާރެއް" ތާރީޚު ލިޔާމީހުން އަންނިއާ ބެހޭގޮތުންވެސް ފޮތްތައް ނެރޭނެ.
މަގޭޚިޔާލުމީ
18 February 2023
އެކިމީހުން ތާރީޚު ލިޔަނީ އެކިގޮތަށް. އެކި މީހުން ވާހަކަތައް ކިޔައިދެނީވެސް އެކި ގޮތަށް. އެމީހަކު ބުރަވާން ބޭނުންވާ ކޮޅަކަށް ބުރަވެ ހުރެގެން ކިޔައިދިނީމަ ތާރީޚު ވަރަށް ތަފާތުވާނެ. ޙަޤީޤީ ތާރީޚެއް ނުފެންނާނެ. މީހަކު އެއީ ވަރަށް މާތް މީހެއްކަމަށް މީހުންނަށް ދައްކަންވެގެން ތާރީޚު ލިޔާނަމަ އެމީހަކު ކޮށްފައިވާ ގޯސް ކަންތައްތައް ދޫކޮށްލާ ހުރިހާ ރަނގަޅު ކަންތައްތަކެއް ލިޔާނެ. އެމީހަކީ ގޯސް މީހެއްކަމަށް ދައްކަން ބޭނުންވާނަމަ ރަނގަޅު ކަންތައް ދޫކޮށްލާނެ.
ޖޭމުގޭ އަހައްމައިދީ
18 February 2023
ހައިބަތު ދައްކަން މިލިޓަރީ ޔުނީފޯމް ތުރުކުރައްވައިގެން ގަނޑުވަރުތެރޭ އަންހެންވެރިން ގޮވައިގެން ނާޗަރަންގީ ޖަހައި ކިރުސަޔާ ބިސްކޯދު ކޭއިރު ރަށްތަކުގެ ރައްޔިތުން މަގޫފަތާ ވަނދުބަނބުކޮޔެ ކޭ ވާހަކަވެސް ހިމަނާލައްޗޭ ފޮތުގަ.
ބުއްޅަބޭ
18 February 2023
ހަމަހިތައްއެރި އެއްޗެއް ލިޔެލާ ނެރެލަނީ. މިއޮތްހާދުވަހު މާލެއަށް ދަންވަރު ރަންނަމާރިއަކު އަރައި ރީތިއަންހެންކުދިން ކައިއުޅުނުވާހަކަ ސްކޫލުތަކުގައި ކިޔަވައި ހިތުދަސްކުރީ. ތިޔަބުނާ ބަޔޯގުރަފީއެއްގައި ރާއްޖެތެރޭ މީހުންނަށް ކެޔޮދަޅިއާއި މަގޫފަތްކާން އެންގެއިރު ރަށްރަށުން ރީތި އަންހެންކުދިން ގެނެސްގެން ނާޗަރަންގީ ކުޅެއުޅުނުވާހަކަ އެބައޮތްބާ
އެވާހަކަ ނުދައްކާތި
18 February 2023
ރަންނަމާރި ވާހަކަ އަކީ ބަޔަކު ދަންވަރު މާލެ އަރާ، ހިންގި ބޮޑު ގަތުލު އާންމެކެވެ، އެކަން ތާރީހް ދަންނަ ބޭފުޅުންނަށް ރަގަޅަށް އެގެއެވެ. ގަންނާކުރައްވާ ބިރުން އެވާހަކަތައް ނުދައްކާ ދިރާސާވެސް ނުކުރައްވާ ތިއްބަވަނީ އެވެ.
އޮނަރަބްލް އަފީފު ދީދީ
17 February 2023
ތާރީޙުގެ ނަމުގައި ރޯބުހުތާން ދޮގުވާހަކަ ފޮތްފޮތުގައި ކިއުމުން އޭގެ ގެއްލުން އެތައްޒަމާނަކަށް ދިގުދެމިގެންދާނެ. އަދި އެފަދަ ޙަޤީގަތެއްނެތް ވާހަކަ ތަކުގެ ސަބަބުން ޒުވާންޖީލުގެ މެދުގައި ތާރީޙީ ވާހަކަތަކާއި ފޮތްތަކަކީ ފުލޯކް ވާހަކަތަކެއްކަމަށް ޤަބޫލު ކުރެވެން ފަށާނެ. # އަހަރުމެންގެ ލޯ ކުރިމަތިން ހިގާދިޔަ 3 ނޮވެމްބަރު 88 ޙާދިސާއާއި ތިޔަވިދާޅުވާ "ތާރީޙީ އިލްމުވެރިޔާ" ލިއުއްވާފައިވާ ފޮތާއި ކަންހިގިގޮތް އަހަރުމެނަށް ވަނީ ފެނިފައި.
ދުމްމ
17 February 2023
ތި ބަޔޮގްރަފީ ހޮލީވުޑަށް ފޮނުވައިގެން ތި ބަޔޮގްރަފީގެ މައްޗަށް ފިލްމެއް ހަދަން ފެނޭ. ހަމަ ތާރީހަށްޓަކާ.
ދުމްމ
17 February 2023
ހާއްސަ އަގެއްގައި ފޮތް ލިބޭނެޔޭ؟ ހާއްސަ އަގަކީ ކޮބައިބާ،؟ މިހެން މިއެހީ އާންމުގޮތެއްގަ ފޮތްތަކުގެ އަގު ހެޔޮވަނީ ފޮތުގެ ޑިމާންޑް ދަށްވެ ފިހާރަތަކުގެ ހަރުތަކުގަ ހިރަފުސް އަރާފަ ހުންނަތާ އެތައް ދުވަހެއްފަހުން ކަމަށްވެފަ ފޮތެއް އަލަށް ނެރޭއިރު ކުރީން މިދެންނެވި ހާލަތުގަ ފޮތް ވިއްކާ އަގަށްވުރެ އަގުބޮޑުކޮށް ވިއްކާތީ.