ޚަބަރު / ޑރ. މުހައްމަދު މުއިއްޒު، މާލޭގެ މޭޔަރު

މުއިއްޒު ދެއްވި ކަމަށް ބުނާ ދޮގު ބަޔާނުގެ މައްސަލައިގައި ދައުލަތުގެ ހުރިހާ ހެކީންގެ ހެކިބަސް ނަގައިފި

މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު: އޭނާގެ މައްޗަށް ކޮޮށްފައިވާ ދޮގު ބަޔާން ދިނުމުގެ ދައުވާއާ ގުޅިގެން ދައުލަތުން ހުށަހެޅި ހުރިހާ ހެކީންގެ ހެކިބަސް މިއަދު ވަނީ ނަގާފައި -- ފޮޓޯ: މިހާރު

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ކުރާ ދޮގު ބަޔާން ދިނުމުގެ ދައުވާގެ ޝަރީއަތުގެ މަރުހަލާ ފަށައި، ދައުލަތުގެ ހުރިހާ ހެކީންގެ ހެކިބަސް ނަގައި މިއަދު ނިންމާލައިފި އެވެ.

މުއިއްޒުގެ މައްޗަށް ދައުވާ ކުރަނީ އޭނާ ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު، ހައުސިން ޔުނިޓުތަކެއް ހެދުމަށް ނޫމަޑި ކުންފުންޏާ އެކު ސަރުކާރުން ހެދި އެއްބަސްވުން ބާތިލް ކުރުމުން ނޫމަޑިން 155 މިލިއަން ޑޮލަރު ހޯދަން ސަރުކާރާ ދެކޮޅަށް އާބިޓްރޭޝަނަށް ހުށަހެޅި މައްސަލާގައި ނެދަލޭންޑްސްގައިި ހުންނަ ދަ ހޭގްގެ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންގައި ނޫމަޑީގެ ހެކިވެރިއެއްގެ ގޮތުގައި އޭނާ ދޮޮގު ބަޔާނެއް ދެއްވި ކަމަށް ބުނެ އެވެ.

ދައުލަތުން ބުނާ ގޮތުގައި، ޖޫން 25، 2019 ގައި ނޫމަޑީގެ ހެކިވެރިއަކަށް މުއިއްޒު ވެ، އެއްބަސްވުމުގައިވާ ގޮތަށް އެ ކުންފުނިން ލަސްތަކެއް ނުވެ ޝެޑިއުލަށް މަސައްކަތް ކުރިއަށް ދިޔަ ކަމަށް ވިދާޅުވެ ދޮގު މައުލޫމާތު ދެއްވާފައިވެ އެވެ. އަދި ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދޫކުރަން ހަމަޖެހުނު ޅ. ދިއްފުށިމާދޫ އަނބުރާ ނެގުމުގެ މަޝްވަރާގައި ބައިވެރިވެވަޑައިގެންފައި ނުވާ ކަމަށް މުއިއްޒު އާބިޓްރޭޝަނުގައި ވިދާޅުވެފައިވާ ކަމަށް ދައުލަތުން ބުނެ އެވެ. ދައުލަތުން ދެކޭ ގޮތުގައި މުއިއްޒު ދެއްވި ކަމަށް ބުނާ ދޮގު ބަޔާނުގެ ސަބަބުން ދައުލަތަށް ވަނީ ގެއްލުންވެފަ އެވެ.

މުއިއްޒުގެ މައްޗަށް ކޮށްފައިވާ ދޮގު ބަޔާން ދިނުމުގެ ދައުވާގެ އިބްތިދާއީ މަރުހަލާ ނިމިފައިވާއިރު، މިއަދު ޝަރީއަތުގެ މަރުހަލާ ފަށައި، ހެކީންގެ ހެކިބަސް ނަގަން ވަނީ ފަށައިފަ އެވެ. އެގޮތުން މިއަދު ދައުލަތުން ހުށަހެޅި ހުރިހާ ހެކީން ހާޒިރު ކުރި އެވެ.

ދައުލަތުގެ ފަސް ހެކިވެރިންގެ ތެރޭގައި، ރައީސް އޮފީހުގެ އިކޮނޮމިކް އެންޑް ޔޫތު ކައުންސިލް (އީވައިސީ)ގައި ދިއްފުށިމާދޫ އަނބުރާ ނެގުމުގެ މަޝްވަރާ ކުރިއިރު އިދާރީ މަސައްކަތުގައި އުޅުއްވި ތިން ބޭފުޅުން ހިމެނެ އެވެ. އެއީ އަންޑަސެކެޓްރީ މޫސާ ފަތުހީ، އޭރުގެ އެސިސްޓެންޓް ޑިރެކްޓަރުން ހަދީޖާ ފަރީމާ، އަދި ހުޝާމް ވަހީދެވެ. އެ ތިން ބޭފުޅުން އަދިވެސް މަސައްކަތް ކުރައްވަނީ ރައީސް އޮފީހުގަ އެވެ.

އެ ބޭފުޅުން ހާޒިރު ކުރީ، ނޫމަޑިއާ ހަވާލު ކުރި މަޝްރޫއުގެ ދަށުން އެ ކުންފުނިން މަސައްކަތްތައް ނިންމުނުން އެ ކުންފުނިން ލަގްޒަރީ ވިލާތަކެއް އަޅަން ދޫކުރަން އޭރު އެއްބަސްވެފައި އޮތް ޅ. ދިއްފުށިމާދޫ ނެގުމާ ގުޅޭގޮތުން މަޝްވަރާ ކުރި އީވައިސީ ބައްދަލުވުމުގެ ޔައުމިއްޔާއާ ގުޅޭ ގޮތުން ސުވާލު ކުރާށެވެ. އެއީ މުއިއްޒު ބައިވެރިވެވަޑައިގެންނެވި ކަމަށް ބުނާ ބައްދަލުވުމެކެވެ.

ދައުލަތުން ހުށަހަޅާފައިވާ ރައީސް އޮފީހުގެ އެ ޔައުމިއްޔާ ބަލާފައި ތިން ހެކިވެރިން ވެސް ވިދާޅުވީ، އެއީ ރައީސް އޮފީހުން ތައްޔާރުކުރާ ގޮތަށް ހުރި ޔައުމިއްޔާއެއް ކަމަށެވެ. އަދި އޭރު ޔައުމިއްޔާ ތައްޔާރު ކުރަނީ ބައްދަލުވުމުގައި ތިބޭ އިދާރީ މުވައްޒަފުން ކަމަށާއި އޭގައި ދައްކާ ހުރިހާ ވާހަކަތަކެއް ނެތަސް މުހިންމު ނުކުތާތައް ނޯޓު ކުރާ ކަމަށެވެ. އަދި ޔައުމިއްޔާ ފާސް ކުރަނީ އާންމުކޮށް ޖެހިގެން އަންނަ ދުވަހު ކަމަށް އެ ހެކިވެރިންގެ ތެރެއިން މޫސާ ފަތުހީ ވިދާޅުވި އެވެ.

ނޫމަޑީގެ މައްސަލައިގައި ޑރ. މުއިއްޒު ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަތުމަށް ފަހު، ފުލުހުންގެ އިދާރާގެ ބޭރުގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ.---ފައިލް ފޮޓޯ/މިހާރު

އެކަމަކު، މުއިއްޒުުގެ ވަކީލު އާދަމް ޝަމީމް އެ ޔައުމިއްޔާގެ ސައްހަކަމާ ގުޅޭގޮތުން ސުވާލު އުފެއްދެވި އެވެ. އެގޮތުން، ރައީސް އޮފީހުގެ ޔައުމިއްޔާތަކުގައި ސޮއި ކުރަން ޖެހޭނެ އަންގާފައިވާ ލިޔުމެއް ދައްކަވައި އެ ޔައުމިއްޔާގައި އެއްވެސް ސޮއެއް ނެތުމުން އެއީ ސައްހަ އެއްޗެއް ކަމަށް ބުނަނީ ކިހިނެއްތޯ އެ ތިން ހެކިވެރިންނާ ވެސް ސުވާލު ކުރެއްވި އެވެ.

އޭގެ ޖަވާބެއްގެ ގޮތުގައި އޭގެ ތެރެއިން މޫސާ ފަތުހީއާއި ފަރީމާ ވިދާޅުވީ، ދައުލަތުން ހުށަހެޅި އެ ޔައުމިއްޔާ އަކީ ރައީސް އޮފީހުން ޔައުމިއްޔާ ތައްޔާރު ކުރާ ފޯމެޓަށް ހުރި އެއްޗެއް ކަމަށެވެ. އަދި ރައީސް އޮފީހުން ގޯސް އެއްޗެއް ނުފޮނުވާނެ ކަމަށް ގަބޫލުކުރާ ކަމަށާއި އެ ޔައުމިއްޔާ އަކީ ސައްހަ އެއްޗެއް ކަމަށް ގަބޫލުކުރާ ކަމަށް ވިދާޅުވި އެވެ. އެއީ ރައީސް އޮފީހުގެ ޔައުމިއްޔާއެއް ކަމަށް ހުޝާމް ވެސް ވިދާޅުވި ނަމަވެސް، ސޮއި ނެތުމާ ގުޅޭ ގޮތުން ދިފާއުން ކުރި ސުވާލަށް ޖަވާބު ދެމުން، އޭނާ ވިދާޅުވީ އެއީ ސައްހަ އެއްޗެއް ކަމަށް އޭނާއަށް ވިދާޅުނުވެވޭނެ ކަމަށެވެ.

އޭގެ އިތުރުން، އީވައިސީގައި ބޭއްވި ބައްދަލުވުމުގައި މުއިއްޒު މަޝްވަރާތަކުގައި ބައިވެރިވިތޯ ސުވާލު ކުރުމުން، މަޝްރޫއުގެ އަޕްޑޭޓާއި ކުރިއަށްގޮސްފައި ހުރި މިންވަރާ ބެހޭގޮތުން އޭނާ ވާހަކަ ދެއްކެވި ކަމަށް ވެސް ހުޝާމް ވިދާޅުވި އެވެ. ދެން ތިބި ދެ ހެކިވެރިންނަށް އެ ބައްދަލުވުން ހަނދާނެއް ނެތެވެ.

ހައުސިން މިނިސްޓްރީގެ ހައުސިން ޑިޕާޓްމެންޓުގެ އިސް ދެ ބޭފުޅަކު ހާޒިރުކޮށް ދައުލަތުން މައިގަނޑު ގޮތެއްގައި ސުވާލު ކުރީ، ނޫމަޑިއަށް ދޫކުރި މަޝްރޫއު ކުރިއަށްދިޔަ ގޮތާ ބެހޭގޮތުންނެވެ. އެކަމާ ގުޅޭގޮތުން ހެކިބަސް ދިނުމަށް ހާޒިރު ކުރީ، ހައުސިން ޑިޕާޓްމެންޓުގެ ކުރީގެ ވެރިޔާ އަދި މިހާރު ޕްލޭނިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އާޒިމްއާއި އޭރު އޭނާގެ ދަށުން މަސައްކަތް ކުރި އަދި މިހާރު ޕްލޭނިން މިނިސްޓްރީގެ ހައުސިން ޑިޕާޓްމެންޓުގެ ޑިރެކްޓަރު އިބްރާހިމް ނިޒާމް އެވެ.

އެ ދުވަސްވަރު ނޫމަޑިއާ ހަވާލު ކުރި މަޝްރޫއު ޝެޑިއުލްއާ އެއްގޮތަށް ކުރިއަށްދާތޯ ދައުލަތުން ސުވާލު ކުރި އެވެ. އާޒިމް ވިދާޅުވީ، އެ މަސައްކަތް ޝެޑިއުލާ އެއްގޮތަށް އޭރު ކުރިއަށް ނުދާ ކަމަށެވެ. ނޫމަޑިން މަސައްކަތް ހަވާލު ކުރި ކޮންޓްރެކްޓަރާ ދެމެދު ފައިސާގެ މައްސަލަތަކެއް ހުރި ކަމަށް ވެސް ސުވާލުތަކަށް ޖަވާބުދެއްވަމުން އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، 2014 ވަނަ އަހަރު އަދި ޖެހިގެން އައި އަހަރު ވެސް މަސައްކަތް ނިންމުމަށް އިތުރު މުއްދަތަކަށް ނޫމަޑިން އެދުނެވެ.

ދައުލަތުން އިތުރަށް ކުރި ސުވާލުތަކުގެ ޖަވާބުގައި އެ މަޝްރޫއު ޝެޑިއުލާ އެއްގޮތަށް ކުރިއަށްނުދާކަން ރިޕޯޓުތަކެއް ހަދައި މުއިއްޒުއާ ހިއްސާ ކުރަމުން ގެންދިޔަ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

މިނިސްޓްރީއިން ނޫމަޑިއަށް ދޭން ޖެހޭ ފައިސާތަކެއް ނުދެވި ލަސްވި ނަމަވެސް އެ ފައިސާތައް ވެސް އެންމެ ފަހުން ދީ ނިންމާލި ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މަޝްރޫއުގެ އިތުރު ކަމެއް ކުރަން ހައުސިން މިނިސްޓްރީގެ ފަރާތުން ލަހެއް ނުވެ އެވެ.

ސަރުކާރުން އެ ކުންފުންޏަށް ހަވާލު ކުރަން ޖެހޭ ބިން ހަވާލުނުކޮށް ލަސްވެއްޖެ ނަމަ ވެސް މަޝްރޫއު ޝެޑިއުލްއާ އެއްގޮތަށް ކުރިއަށްދިޔަ ކަމަށް ބުނެވޭނެތޯ ދިފާއީ ވަކީލު ޝަމީމް ސުވާލު ކުރެއްވުމުން އާޒިމް ވިދާޅުވީ އެހެން ވިދާޅުވަން ނޭނގޭ ކަމަށެވެ.

މިއަދު ކްރިމިނަލް ކޯޓުން އޮންލައިންކޮށް ބޭއްވި ހެކިބަސް ނެގުމުގެ އަޑުއެހުމުގައި ޑރ. މުއިއްޒާއި ވަކީލުން

މަޝްރޫއު ލަސްވެގެން އުޅުނުތޯ ނިޒާމްއާ ސުވާލު ކުރުމުން، ސަރުކާރުގެ ފަރާތުން ކުރަން ޖެހޭ ބައެއް ކަންކަން ނުކުރެވިގެން އަދި ކުންފުނިން ކުރަން ޖެހޭ ކަންކަން ނުކުރެވިގެން ލަސްވި ސަބަބުތައް ފާހަގަކުރެއްވި އެވެ.

ނިޒާމް ވިދާޅުވީ، ހުރިހާ މަޝްރޫއެއް ވެސް ކޮންމެ ވެސް ވަރަކަށް ލަސްވާ ކަމަށެވެ. އަދި ނޫމަޑީގެ މަޝްރޫއުގައި ވެސް އެ ބައެއް ރަށްތަކުގައި އެ ކުންފުންނިން މަސައްކަތް ކުރަން ޖެހޭ ބިން ހަވާލުނުކުރެވިގެން އަދި މަޝްރޫއު ހިންގުމަށް ނަގަން ޖެހޭ ރުއްގަހުގެ ބަދަލު ދިނުން ފަދަ ކަންކަން ނުނިމިގެން ލަސްވި ކަމަށް ވިދާޅުވި އެވެ. އެކަމަކު، އެހެން ބައެއް ރަށްރަށުގައި މަސައްކަތް ކުރިއަށްގޮސް ނިމުނުކަން ވެސް ފާހަގަކުރެއްވި އެވެ.

އެގޮތުން ތ. ވިލުފުށީގައި ވެލި ފުންޏެއްގެ މައްސަލަ ހައްލުނުކުރެވިގެން މަޑުޖެހުނު ކަމަށާއި ލ. ގަމުގައި ރުއްގަހުގެ މައްސަލަ ހައްލު ނުކުރެވިގެން ލަސްވި ކަމަށް ވިދާޅުވި އެވެ. އޭގެ އިތުރުން، މަޝްރޫއަށް ބޭނުންވާ ބައެއް ސާމާނު ނުގެނެވިގެންނާއި ލޮޖިސްޓިކްސްގެ އެހެނިހެން މައްސަލަތައް ދިމާވެގެން ލަސްވި ކަމަށް ވިދާޅުވި އެވެ.

ދައުލަތުން ކުރި ސުވާލުތަކަށް ޖަވާބު ދެއްމުން އޭނާ ވިދާޅުވީ، އެ މަޝްރޫއު ދާން ޖެހޭ ސްޕީޑުގައި ކުރިއަށްނުދިޔަ ނަމަވެސް، މަޝްރޫއު ކުރިއަށް ދިޔަ ކަމަށެވެ.

އެ މަޝްރޫއު ލަސްވެގެން އުޅުނުތޯ ދިފާއީ ވަކީލު ޝަމީމް ސުވާލު ކުރެއްވުމުން ނިޒާމް ވިދާޅުވީ، ނޫމަޑިއާ ހަވާލުކުރި މުޅި މަޝްރޫއު ލަސްވެގެން މައްސަލައަކަށްވި ހަނދާން ނުވާ ކަމަށެވެ.

ނިޒާމް ވިޔަވައި ބާކީ ހަތަރު ހެކިވެރިން ވެސް ބުނެފައި ވަނީ އެ މީހުން މި މައްސަލައިގައި ތަހުގީގަށް ދީފައި އޮންނާނީ ސައްހަ ބަަޔާނެއް ކަމަށެވެ. އެކަމަކު، ނިޒާމް ވިދާޅުވީ، އޭނާ ފުލުހުންނަށް ދިން ބަޔާނުގައި ބައެއް ވާހަކަތައް ހުރީ އޭނާ ވިދާޅުވި ގޮތަށް ނޫން ކަމަށެވެ. އަދި ގިނަ ކަންކަމާ ގުޅޭ ސުވާލު ކުރިއަސް ބަޔާން ނޫމަޑިއަށް ފޯކަސްކޮށްފައި ހުރި ކަމަށް ވިދާޅުވި އެވެ.

ނޫމަޑިން 155 މިލިއަން ޑޮލަރު ހޯދަން ސަރުކާރާ ދެކޮޅަށް އާބިޓްރޭޝަނަށް ހުށަހެޅި މައްސަލާގައި ސަރުކާރުން ވަނީ ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް، 55 މިލިއަން ޑޮލަރު އެ ކުންފުންޏަށް ދީފަ އެވެ. އާބިޓްރޭޝަނަށް މުއިއްޒު ބަޔާން ދެއްވި މައްސަލާގައި ރައްޔިތުންގެ މަޖިލީހަށް ވެސް އޭނާ ހާޒިރުކޮށް، ކުރިން ސުވާލުކުރި އެވެ.

ދޮގު ބަޔާން ދިނުމުގެ ދައުވާ މުއިއްޒުގެ މައްޗަށް އުފުލާފައިވާއިރު، އެ ކުށުގެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމެވެ. ނަމަވެސް އެއަށް ވުރެ އަދަބު ބޮޑުވުމުގެ ނުވަތަ ކުޑަވުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.

30 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 0%
icon angry icon angry 75%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުއި

26 February 2023

މުޢިއްޒުގެ ޤާބިލްކަމަށް މަ ކުޑަކޮށް ޖެހިލުންވެއެވެ. މުއިއްޒު ޖަލަށްލެވޭތޯ ބަލަންޖެހޭ ޔާނު ޖަލުގަ އޮތިއްޔާ މީނައައް ރައްޔިތު މީހާ އިތުބާރުކޮށްފާނެ އެެވެ. މުއިއްޓޭގެ ހިންގުންތެރިކަމަށް މަ ބިރު ގަނޭ! އަވސް ކުރޭ ހުކުން އަވަސް ކުރޭ ޞާލިހު އެއްބުރުން ބޭނުން ޕްލީޒް.

The name is already taken The name is available. Register?

ސިނާހު އަލީ

21 February 2023

ހަމަ ގޯސް ތި ހެދީ ސަރުކާރުން މުއިޒް އެއް ނޫން މީ ހަމަ ސިޔާސީ ދައުވާއެއް.

The name is already taken The name is available. Register?

ސަމާހު އަހުމަދު

21 February 2023

އަޅެ އަޖައިބެއްނުވޭތަ ދައުވާ މި ކުރަނީ މުއިޒްއަށް މީ އިންސާފެއްނޫން

The name is already taken The name is available. Register?

ތަލްހަތު

21 February 2023

ހެޔޮވާނީ ކިހިއްނެތް ކަމެއްކުރިއްޔާ މި ކުރަނީ މުއިޒް ސަރުކާރުން ހާދަ ޒާތީވެޔޭދޯ

The name is already taken The name is available. Register?

ނިޒާމް ހަސަން

21 February 2023

ސަރުކާރުން ކޯޓުން ބޭރުގައި މަޝްވަރާކޮށް، ނޫމަޑީއަށް 55 މިލިއަން ޑޮލަރުގެ ބަދަލެއް ދޭންޖެހޭ ސަބަބެއްދެން ނުވިސްނުނު. މުއިއްޒު ދިނީ ދޮގު ބަޔާނެއްނަމަ ދައުލަތުގެ މާލީ ބުރަޔަށް ވިސްނާފައެކަނި ނަމަވެސް ލަސްކުރިއްޔާ ކީއްވާނީ. އަދި އެވެސް ކޯވިޑު އެންމެ ހާލުގަ ގައުމު އޮތް ދުވަސްވަރު. ވިސްނައިފި ބަޔަކަށް އިބުރަތެއް.

The name is already taken The name is available. Register?

ހަމްދޫނާ

21 February 2023

ހެޔޮ ނުވާނެ. މިހާރުވެސް ކަމެއް ކުރެވޭ މީހަކަށް ހުރީ ތިބުނާ މުއިއްޒް. ދެން އޭނަ ފަހަތުން ނުދުވެ ކަލޭމެން ބަލާބަލަ ކަމެއް ވޭތޯ. އަމިއްލަ ޕްރޮޖެކްޓެއްގެ ރިބަން ކެޑޭތޯ ނިކަން އުޅެބަލަ. އަހަރުމެންގެ ދަރިން ކުޅެލާނެ ޕާކެއް ހެދީވެސް އޭނަ.

The name is already taken The name is available. Register?

ތޯހާ ހުސައިން

21 February 2023

ބަދަލް ދިނީ މިސަރުކާރުން. ކަޓް ނެގީ މިސަރުކާރުގެ މިނިސްޓަރުން. އެކަމަކު ދައުވާ މިކުރަނީ މުއިޒްއަށް؟ މިއީ ކޮންކަހަލަ އިންސާފެއް؟

The name is already taken The name is available. Register?

ސިދާނާ

21 February 2023

އެކަމް ބުނާނެ ރައީސް ޔާމީންއޭ ސިޔާސީ ދައުވާ ކުރަނީ. ދެން މިއަށް ކޯއްޗެއްކޭ ކިޔަންވީ. ވާދަކޮށްލާހެން ހީވީ ދޯ

The name is already taken The name is available. Register?

އަހްމަދު ސުއާދު ސައީދް

21 February 2023

މަށަށް ހަމަ އެއްވެސް ވަރަކަށް ނުވިސްނޭ މުއިޒް ދޮގު ހެކި ދިނީއޭ ކިޔާފަ މިސަރުކާރުން ބަދަލް ދޭންޖެހުނު ސަބަބެއް. ޔަގީން މުއިޒް ފްރޭމްކުރަން މިއުޅެނީ.

The name is already taken The name is available. Register?

ލާއިން

21 February 2023

މި ސަރުކާރުން ބަދަލު ދީފަ މުއިއްޒުއަށް މި ދައުވާ ކުރަނީ. މި ދެން ޖޯކެއް ދޯ. މުއިއްޒު ގެ ކުށެއް ނެތް ތީގަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454