ކިއުއާރު ބޭނުންކޮށްގެން ޓްރާންސެކްޝަނެއް ހިންގަނީ. ބޭންކުން ވަނީ ކިއުއާރް ޓްރާންސެކްޝަންގެ އަދަދު 750ރ. އަށް ލިމިޓު ކޮށްފައި--ފޮޓޯ: ބީއެމްއެލް
21 ފެބުރުއަރީ 2023 - 12:09
ބީއެމްއެލް އިން ކިއުއާރް ކޯޑް ބޭނުންކޮށްގެން ހިންގާ މުއާމަލާތްތައް 750ރ. އަށް ލިމިޓްކޮށްފި އެވެ.
ބީއެމްއެލްގެ ކިއުއާރް މުއާމަލާތްތަކަށް ކުރިން އެއްވެސް ލިމިޓެއް ނޯވެ އެވެ. ފައިސާގެ ލިމިޓުގެ އިތުރުން ކިއުއާރު ބޭނުން ކޮށްގެން މޯބައިލް ވޮލެޓުން ދުވާލެއްގެ މައްޗަށް ކޮންމެ ކަސްޓަމަރަކަށް ކުރެވޭނީ 10 މުއާމަލާތް ކަމަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.
ބީއެމްއެލް އިން ބުނީ މިބަދަލު ގެނައީ، އޮޅުވާލައިގެން ހިންގާ ސްކޭމް ޓްރާންސެކްޝަންތަކުން ކަސްޓަމަރުންނަށް ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން ކަމަށެވެ.
މިއަދުން ފެށިގެން މިގޮތަށް އަމަލުކުރަން ފެށި އިރު ލިމިޓްތަކަށް ވުރެ އިތުރަށް ކަސްޓަމަރުން ކާޑު ބޭނުންކޮށްގެން މުއާމަލާތްތައް ހިންގޭނެ އެވެ.
Changes to QR payment limits pic.twitter.com/Y0LA5pgoKL
— Bank of Maldives (@bankofmaldives) February 21, 2023
ބީއެމްއެލް ޓްވީޓު
އޮޅުވާލައިގެން އިންޓަނެޓް ބޭންކިން ޔޫސަނޭމް އަދި ޕާސްވޯޑް ހޯދައިގެން އިންޓަނެޓް ބޭންކިން އަށް ވަދެގެން، އެޕް މެދުވެރިކޮށް ފިހާރަތަކުން ކިއުއާރު ޕޭމަންޓްތައް ހަދަމުން އަންނަ މުއާމަލާތްތައް އަންނަނީ އިތުރުވަމުންނެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވެސް ބީއެމްއެލްއަށް ވަނީ އަމާޒުވެފަ އެވެ.
މިފަދަ ސްކޭމުތަކުން ދުރުވުމަށް، އެކި މުއައްސަސާތަކުގެ ނަމުގައި ފޮނުވާ ސްކޭމް މެސެޖުތަކުގައި ހުންނަ އެއްވެސް ލިންކެއް ނުހުޅުވުމަށް ކަސްޓަމަރުންނަށް ބީއެމްއެލް އިން އިލްތިމާސްކުރެ އެވެ. އިންޓަނެޓް ބޭންކިން އަށް ލޮގިންވާ ކޮންމެ ފަހަރަކު ބޭންކުން ނޮޓިފިކޭޝަން ވެސް ފޮނުވަމުން އަންނަ ކަމަށާއި ކަސްޓަމަރަށް ނޭނގި ލޮގިން ކޮށްފި ނަމަ ވަގުތުން އިންޓަނެޓް ބޭންކިން ޕާސްވޯޑް ރިސެޓް ކުރުމަށް ވެސް އެދިފައިވެ އެވެ.
އިންޓަނެޓް ބޭންކިން މެދުވެރިކޮށް ހިންގާ ސްކޭމުތަކަށް ސަމާލުވާން ބީއެމްއެލް އިން މީގެ ކުރިން ވެސް އެކިފަހަރު މަތިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ބީއެމްއެލް އިން ވަނީ މިފަދަ ސްކޭމްތަކުގައި އީމެއިލްގެ މައުލޫމާތު ލީކުވެ، އޯޓީޕީގެ މައުލޫމާތު ސްކޭމް ހިންގާ ފަރާތްތަކަށް ލިބި، ކަސްޓަމަރުންގެ އެކައުންޓުން ޓްރާންސެކްޝަންތަކެއް ހެދުމުގެ ފުރުސަތު ހުއްޓުވުމުގެ ގޮތުން އީމެއިލް މެދުވެރިކޮށް އޯޓީޕީ ފޮނުވުން ހުއްޓާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާނުވާ.
21 February 2023
ބޮޑެތި މުއްސަނދިންގެ އެކައުންޓުން ފައިސާ ވަގައްނެގި ވާހަކަ އެއް ދުވަހަކުވެސް ނުދައްކާ! ޢޭގެން OTP ނާދޭ ދޯ! ނޫނީ ފައިސާ ހުރީ ގޭގަ ފޮރުވާފަ ތަ؟
ތަވީދުއަޅާ
21 February 2023
ތިބުނާ ލިންކުތަކާ ބީއެމްއެލް އެކައުންޓު ތަކާ އޮންނަނީ ލިންކު އެޅިފަތޯ. އެހެން ބޭންކެއްގެ އެކައުންޓު ތަކާ ލިންކު ނުވަނީ ކީއްވެބާ. މީހަމަ އެތެރޭގެ ސްކޭމްތަކެކޭ ބުނަން ޖެހެނީ އެހެން ބޭންކް ތަކުން މި ސްކޭމްތައް ނުހިނގާތީ. ބީއެމްއެލް އަށް ނޫނެކޭ ބުނާވަރު ވެއްޖެ.
ޖީލާ
21 February 2023
މިކަހަލަ ޒާތުގެ ހުރިހާ ސްކޭމްތަކަށް ބީއެމްއެލް ސްކޭމް ކިޔާފަ ނަން ދިނުން ކިހިނެތްވާނެ؟
ލުބާންް
21 February 2023
މިއަށް ކިޔާނީ ނުފޯރާ ފޮތިން ފޫގެޅުންދޯ؟ ތިމާމެންނަށް ސެކުއާކޮށް ސާވިސް ނުދެވޭވަރުގެ ޚިދުމަތްތަށް ކިއުއާރޭ އަނެކައްޗެކޭ ކިޔާފަ ނުފަށާނީ.. އޭރުން ދެންވެސް މިހެން ނުވާނެ.
އިމްރާން
21 February 2023
ދެން ހުޅުމާލޭ މަދިރީގެ މައްސަލަ ލިމިޓްކޮށްދީބަލަ.
ބީއެމްއެލް ގެ ވެރިން ރައްކާތެރި ކަމުގެ ޒިކުރު ކިޔާބަލަ!
21 February 2023
ބީއެމްއެލް ގެ ވެރިންނާއި، ހުރިހާ މުއައްޒަފުން ވެސް ކޮންމެ ދުވަހަކު ވެސް ރައްކާތެރި ކަމުގެ ޒިކުރުތައް ކިޔުމަށް ހެޔޮހިތުން ހަނދުމަ ކޮށްދެމެވެ. އޭރުން އިން ޝާ ﷲ، އެކި ދިމަދިމާލުން އަމާޒުކުރާ ނުރައްކާ ތަކުން ﷲގެ ޙަޟްރަތުން ބީއެމްއެލް އަށް ރައްކާތެރިކަން މިންވަރު ކުރައްވާނެ އެވެ.
ޙަފްސާ
21 February 2023
އަސްލު ކަސްޓަމަރަށް އިތުރު އަދަބެއްދޯ ތިޔަ ކަނޑައެޅީ.
މަޒް
21 February 2023
ބީއެމްއެލް އޭ ބުންޏަސް ހީވަނީ ކަނޑު ފޭރޭ ޕައިރެޓުންގެ ވާހަކަ ބުނާހެން..
އަސްލު ވާހަކަ.
21 February 2023
ބީ.އެމް.އެލް ނޫން ގޮތެއް ހޯދަން ވެއްޖެ.. ހަމަ އެކަނި ބީ.އެމް.އެލް ގެ އެކައުންޓްތަކުން ފައިސާ ގެއްލެނީ ކީއްވެ.؟އެހެން ބޭންކެއްގައި ހުރި ފައިސާ ނުގެއްލޭ..
ނުރަބޯ
21 February 2023
ތިޔަބުނާ އެހެން ބޭންކުތައް ބޭނުމެއް ނުކުރެޔޭ ރާއްޖޭގެ %1 މީހުންނެއްވެސް. ރާއްޖޭގެ ކިތައް % ވިޔަފާރީގަތޯ ބަލާލަދީބަލަ ބީއެމްއެލް ނޫން އެހެން ތަނެއްގެ ޕީ،އޯ،އެސް ހުރީ. މާލޭގަ ނޫން ކިތައް ރަށުގަތޯ އެހެން ބޭންކެއްގެ އޭ،ޓީ،އެމް އެއް ހުރީ. މިހާރުވެސް އެހެން ބޭންކެއް ޑޮމިނެންޓް ބޭންކަކަށް ވެއްޖިއްޔާ އެ ބޭންކަކަށް އަންނާނެ ތި ހުރިހާ އެޓޭކެއް ހަމަ. ވަކި ބީ،އެމް،އެލް ވެގެން ވާ ކަމެއް ނޫން ތިއީކީ.
ޒިންދަގީ
21 February 2023
ބމލ ހާދަ އެކްޓިވްކޮށް ފެނެޔޭއެބަ!!