ހަޝްމާ އާއި އަލްމާ، ޔަންގް ޝެފް އޮލިމްޕިއަޑްގައި ލިބުނު އެވޯޑުތަކާއެކު ފޮޓޯއަކަށް ހުއްޓިލައިގެން: މިއީ ރާއްޖެއަށް އެ މުބާރާތުން އެވޯޑެއް ލިބުނު ފުރަތަމަ ފަހަރު.
21 ފެބުރުއަރީ 2023 - 15:09
ބައިނަލްއަގުވާމީ ކަލްނަރީ މުބާރާތެއް ކަމަށްވާ "ޔަންގް ޝެފް އޮލިމްޕިއަޑް" ގައި ފުރަތަމަ ފަހަރަށް ރާއްޖެއަށް ކާމިޔާބީއެއް ލިބިއްޖެ އެވެ.
އިންޑިއާގައި ބާއްވަމުން އަންނަ އެ މުބާރާތުގައި މި އަހަރު ރާއްޖޭގެ ފަރާތުން ބައިވެރިވީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމްގައި ކިޔަވަމުން އަންނަ ދަރިވަރު މަރިޔަމް ހަޝްމާ ޟާމިރު އާއި އެ ފެކަލްޓީގެ ލެކްޗަރާ، އަލްމާ އަލީލް އެވެ.
ޔަންގް ޝެފް އޮލިމްޕިއަޑްގެ ޝެފް ނައިޓްގައި ހަޝްމާ އާއި އަލްމާ ދިވެހި އުފެއްދުންތައް ދައްކާލަނީ.
މިއީ އެމްއެންޔޫ އިން އެ މުބާރާތުގައި ބައިވެރިވި ހަ ވަނަ ފަހަރެވެ. އަދި އެ މުބާރާތުން އެ ޔުނިވާސިޓީއަށް ކާމިޔާބީއެއް ލިބުނު ފުރަތަމަ ފަހަރެވެ.
މިދިޔަ މަހު 24 އިން މި މަހު ހަތަރަކަށް އިންޑިއާގެ ނިއު ދިއްލީ، ގޯއާ އަދި ކޮލްކަތާގައި ކުރިއަށް ގެންދިޔަ މި މުބާރާތުން އެ ޔުނިވާސިޓީއަށް ތިން އެވޯޑެއް ލިބުނެވެ. އެއީ؛
• ބެސްޓް އެމްބެސެޑާ އެވޯޑް
• މެންޓާ އެވޯޑް
• ހައިލީ ކޮމެންޑެޑް އެވޯޑް ފޯ ސަސްޓެއިނަބިލިޓީ ޕްރެޒެންޓޭޝަން
ޔަންގް ޝެފް އޮލިމްޕިއަޑްގައި ބައިވެރިވި އެހެން ގައުމުތަކުގެ ބައިވެރިންނާއެކު އެމްއެންޔޫގެ ދަރިވަރު ހަޝްމާ.
އަލްމާ ވިދާޅުވީ، 53 ގައުމަކުން ބައިވެރިވި ވާދަވެރި މި މުބާރާތުގައި ރާއްޖެއަށް ފުރަތަމަ ފަހަރަށް މިހާ ބޮޑު ކާމިޔާބީއެއް ލިބުމުން ވަރަށް އުފާވާ ކަމަށެވެ.
"ބެސްޓް އެމްބެސެޑާ އަދި މެންޓާ އެވޯޑަކީ މުބާރާތުގައި ބައިވެރިވި ދަރިވަރާއި އަޅުގަނޑު، މި ދާއިރާއިން ކުރިއަށް ދިއުމަށް ކުރާ އުއްމީދުތަކާއި ހުރި ޝައުގުވެރިކަމަށް ބަލައި ދިން އެވޯޑުތަކެއް. އަދި މުބާރާތުގައި އަޅުގަނޑުމެން ދެއްކި ޕާފޯމަންސްއަށް ވެސް ބެލި މި އެވޯޑުތައް ދިނުމުގައި،" އޭނާ ވިދާޅުވި އެވެ.
ޔަންގް ޝެފް އޮލިމްޕިއަޑްގައި ބައިވެރިވި އެހެން ގައުމުތަކުގެ މެންޓާއިންނާއެކު އެމްއެންޔޫގެ ލެކްޗަރާ އަލްމާ.
ހައިލީ ކޮމެންޑެޑް އެވޯޑް ފޯ ސަސްޓެއިނަބިލިޓީ ޕްރެޒެންޓޭޝަން އެވޯޑު ލިބުނީ އެ މުބާރާތުގައި އަލްމާ އާއި ހުޝްމާ ހުށަހެޅި ޕްރެޒެންޓޭޝަނަކަށެވެ. އެ ޕްރެޒެންޓޭޝަން ހުށަހަޅަން ޖެހުނީ މި އަހަރު އެ މުބާރާތަށް ކަނޑައެޅި ތީމް ކަމަށްވާ "ސަސްޓެއިނިބިލިޓީ" ނުވަތަ ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރުމާ ގުޅޭގޮތުންނެވެ.
"އަޅުގަނޑުމެން ޕްރެޒެންޓޭޝަން ހުށަހެޅީ ރާއްޖެއާ ބެހޭގޮތުން، ރާއްޖޭގެ ޓޫރިޒަމްއާ ވެސް ގުޅުވާލައިފައި، ކިހިނެއްކަން ރާއްޖޭގައި ސަސްޓެއިނިބިލިޓީއަށް ކޮންޓްރިބިއުޓް ކުރަނީ،" އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިކިލީކްސް
21 February 2023
ދިވެހި ދިދައަށް ތިހާ އިހުތިރާމް ކުޑަކުރާކަށް ނުވާނެ! ޕްރެޒެންޓޭޝަން ހުށަހެޅީ ރާއްޖެއާ ބެހޭގޮތުން، އެކަމަކު ދިވެހި ދިދަ އެއޮތީ މުސްކުޅިވެ ގައިގަ ރޫޖެހިފަ. ކީއްތަވާނީ ގައުމީ ދިދަ އިސްތިރިކޮށްލާފަ ރޫތައް ފިލުވާލާފަ ޑިސްޕްލޭކުރިނަމަ ދޯ... ބަލަ މަވެސް މިއީ ދިވެހި ދިދައިގެ އަހުލުވެރިއެކޭ!!!
ދިދަލީކްސް
21 February 2023
އަހަންނަކީވެސް ދިވެހި ދިދައިގެ އަހުލުވެރިއެއް. އެ ދިދައިގަ ރުލެއް ހުރުމަކުން ދިދަ މުސްކުޅިއެއްވެސް ނުވޭ ދިވެހިންގެ ދިވެހި ވަންތަކަމެއްވެސް ނުގެއްލޭ އަދި ޤައުމިއްޔަތުކަމަކަށްވެސް ބުރުލެއް ނާރާ. ތިބޭފުޅާ ޤައުމުދެކެވާ ލޯބި ދައްކަން އެކުދިންނާ މެދު ފަހުރުވެރުވާ ކޮމެންޓެއް ކޮށްލިނަމަ މާ ރަނގަޅުވީސް. ދިވެހިން އުޅޭނީ ފާޑުކިޔާނެ ކަމެއް ހޯދައިގެން ފާޑުކިޔޭތޯ. މި ހަބަރުގެ މަޤްސަދު ގެއްލި ކިޔުންތެރިންގެ ސަމާލުކަން މުޅިން އެހެން ދިމާލަކަށް އަނބުރާލައިފި.
ފެއާރީ
22 February 2023
މުޅި ޚަބަރު ކިޔާނިންމާފަ ބުނަން ފެނުނު އެއްޗަކީ ތީތަ. އެންމެ ފަހަރަކުވެސް ހޯދި ކާމިޔާބީއަށް، ހޯދައިދިން ރީތި ނަމަށް، މަރުހަބާ ކިޔާނުލެވުނު. ބުނާނެ ރީތި ބަހެއް ނޭނގެންޏާ ހަނުހުރުންވެސް މާ ބުއްދިވެރި!