ކުޅިވަރު / ވޮލީބޯޅަ

އަފީފްގެ ސެޝަނުން ގައުމީ ޓީމު ފޯރިން ކައްކުވާލައިފި

ގައުމީ ވޮލީ ޓީމަށް ހާއްސަކޮށް، އަފީފް ރޭ ކުރިއަށް ގެންދިޔަ ސެޝަންގެ ތެރެއިން --- ފޮޓޯ: ޔޫތު މިނިސްޓްރީ

"އެނގޭތަ އަހަންނަށް މިހާތަނަށް ކުރިއަށް ގެންދެވުނު އެންމެ ރަނގަޅު ސެޝަން އަކީ ކޮބައިކަން؟،"

މިއަދު ރާއްޖޭގައި ފަށާ ފޯ ނޭޝަން އިންޓަނޭޝަނަލް ވޮލީބޯޅަ މުބާރަތަށް ތައްޔާރުވާ ގައުމީ ފިރިހެން އަދި އަންހެން ވޮލީބޯޅަ ޓީމަށް ހާއްސަކޮށް އިއްޔެ އިރާކޮޅު ކުރިއަށް ގެންދިޔަ ސެޝަނުގައި މޯޓިވޭޝަނަލް ސްޕީކާ އަފީފް ހުސައިން ވާހަކަ ދައްކަމުން ދިޔަ އެވެ.

"އެއީ މި ސެޝަން!،" އަފީފް ކުރި ސުވާލަށް ޖަވާބު ދެމުން ކުޅުންތެރިޔަކު ބުންޏެވެ.

"ވަރަށް ރަނގަޅު އެއީ މި ސެޝަން،" އަފީފް ޔަގީންކޮށްދިނެވެ.

އޭނާ ބުނީ އަބަދު ވެސް ކުރިމަތީގައި އޮންނަ ސެޝަނަކީ އޭނާ އަށް އެންމެ ރަނގަޅަށް ކުރިއަށް ގެންދާ ސެޝަނަށް ހަދަން އޭނާ ތައްޔާރުވާ ކަމަށެވެ. އެ މިސާލު ދެން އޭނާ ގުޅުވައިލީ މިއަދާއި މިރޭ އަންހެން އަދި ފިރިހެން ޓީމު ކުޅޭ މެޗަށެވެ.

އަބަދުވެސް ކުރިމަތިލާ މެޗަކީ ކުޅުންތެރިން މިހާތަނަށް ކުޅޭ އެންމެ މޮޅު މެޗު ކަމަށް ހަދަން އޭނާ ހިތްވަރުލައި ދިނެވެ.

މިއަދު ހަވީރު ގައުމީ އަންހެން ޓީމުން ނުކުންނާނީ މެލޭޝިއާ އާ ދެކޮޅަށް ކުޅޭ މެޗަށެވެ. މިރޭ ފިރިހެން ޓީމުން ނުކުންނާނީ މެލޭޝިއާގެ ފިރިހެން ޓީމާ ދެކޮޅަށެވެ.

ގައުމީ ވޮލީ ޓީމަށް ހާއްސަކޮށް، އަފީފް ރޭ ކުރިއަށް ގެންދިޔަ ސެޝަންގެ ތެރެއިން. --- ފޮޓޯ: ޔޫތު މިނިސްޓްރީ

"ކުރިއަށް އޮތް މެޗަކީ އަހަރެންގެ އެންމެ މަތީ ފެންވަރު ދައްކާނެ މެޗުކަމަށް ހަދާނަމޭ. އެ ވިސްނުން ނެރެންވީ ކުރިއަށް،" އަފީފް ކުރިއަށް ގެންދިޔަ އެވެ.

އިންޓަ ރިސޯޓް ވޮލީ މުބާރާތުގައި ކުރިން ވިދާލި ރީތިރަށް ރިސޯޓްގެ ވޮލީ ޓީމު މެނޭޖުކުރުމުގައި އުޅުނު އަފީފް ބުނީ ގައުމީ އަންހެން ޓީމުގެ މިހާރުގެ ކޯޗު ނިޒާރު އާއެކު ރީތި ރަށް ކުރިމަތިލި ފުރަތަމަ މުބާރާތުގައި ނާކާމިޔާބުވުމުން ނިޒާރުގެ ފަރާތުން ފެނުނު މޯޓިވޭޝަނަކީ އޭނާ އަށް ހައިރާން ކުރުވަނިވި ކަމެކެވެ.

"އަހަރެމެންނަށް [ރީތި ރަށް ރިސޯޓް ޓީމަށް] ނާކާމިޔާބު ވީމަ އަހަރެން ބޭނުންވީ އެ މާޔޫސްކަމުން އަރައިގަތުމަށްޓަކައި ރެސްޓްކޮށްލާ ހަމަޖެހިލަން. އެކަމަކު އަހަރެން ކޮޓަރީގައި މީހަކު ޓަކި ޖަހާތީ ދޮރު ހުޅުވާލިރު ކުރިމަތީގައި ހުރީ ނިޒާރު. އަހަރެން ކައިރީ ބުނީ ދެން އަންނަ މުބާރާތަށް ޕްރެކްޓިސް ފަށަން ހިނގާށެ. ކޮން އިރަކުން ހޭ ފެށޭނީ،" އިނގިރޭސި ބަހުން ކުރިއަށް ގެންދިޔަ ސެޝަންގައި އަފީފް ކިޔައި ދިނެވެ.

"އަހަރެން ބުނިން ނިޒާރު މިއަދު އޭ އަހަރެމެން މިބަލިވީ. އެ ކަމުން އަރައިގަންނަށް އަހަރެންނަށް އަރާމުކޮށްލަން ވަގުތު ކޮޅެއް ދޭށޭ."

ގައުމީ ވޮލީ ޓީމަށް ހާއްސަކޮށް، އަފީފް ރޭ ކުރިއަށް ގެންދިޔަ ސެޝަންގައި ނިޒާރު --- ފޮޓޯ: ޔޫތު މިނިސްޓްރީ

ނިޒާރުގެ އެ މިސާލު ދައްކަމުން އަފީފް ބުނީ ނާކާމިޔާބު ވިޔަސް ހިތްވަރު ހުންނަން ޖެހޭނީ އެ ފަންވަރުގައި ކަމަށެވެ.

"އަހަރެމެންނަށް 2010 ގައި އިންޓަ ރިސޯޓް މުބާރާތް ކާމިޔާބު ވީމަ އެ މެޗަށް ފަހު އަހަރެން ކޮނޑާކޮނޑު ޖައްސައި ނިޒާރު ސަލާންކޮށްލި ވަގުތު އުފަލުން ރޮވުނު،" ދުނިޔޭގެ އެކި ގައުމުތަކުގައި ކީނޯޓް ތަގުރީރު ދީފައިވާ ރައްޖޭގެ ކުޅަދާނަ އެޗްއާރް ޕްރޮފެޝަނަލް އަފީފް ބުންޏެވެ.

ކާމިޔާބު ހޯދަން މުހިންމު ތިން ކަމެއް

އަފީފް ބުނީ ރާއްޖެއިން އެކި ކަންކަމުގައި ވަރަށް ހުނަރުވެރި ޒުވާނުން އޭނާ އަށް ފެނިފައިވާ ކަމަށެވެ. އެކަމަކު މުހިންމު ތިން ސިފައެއް ނެތުމުން ކުރިއަށް ނުދެވި މަޑުޖެހިފައިވާ ކަމަށެވެ.

1. އަހްލާގު

2. އިހްތިރާމް ކުރުން

3. ކަންކަން ދަސްކުރަން ނުވަތަ އަމިއްލަ ނަފްސް ތަރައްގީކުރަން ސިކުނޑި ހުޅުވައިލުން

ގައުމީ ވޮލީ ޓީމަށް ހާއްސަކޮށް، އަފީފް ރޭ ކުރިއަށް ގެންދިޔަ ސެޝަންގެ ތެރެއިން --- ފޮޓޯ: ޔޫތު މިނިސްޓްރީ

"މި ތިން ސިފަ ނެތިއްޔާ ކިތަންމެ ހުނަރުވެރި މީހަކަށް ވިޔަސް ކުރިއަކަށް ނުދެވޭނެ،" އަފީފް ބުންޏެވެ.

ޓީމެއްގައި އެންމެ މުހިންމު ކަމަކީ އެންމެންގެ ހިތްވަރު ކަމަށް އޭނާ ބުންޏެވެ. ކޯޓުގައި ކުޅުންތެރިޔެއްގެ އެންމެ މަތީ ފެންވަރު ނުފެންނަ ކަމުގައި ވާނަމަ އެ ކުޅުންތެރިޔަކަށް އެހީވާން ހުރިހާ ކުޅުންތެރިން މަސައްކަތް ކުރަން ޖެހޭނެ ކަމަށް ވެސް އަފީފް ބުންޏެވެ.

"އެއީ ކޯޓު ތެރޭގައި ހަމައެކަނި ވަކި މީހަކު ކުރަން ޖެހޭ ކަމެއް ކަމުގައި ނުދެކި ހުރިހާ ކުޅުންތެރިން ކުރަން ޖެހޭ ކަމެއް އެއީ،" އަފީފް ބުންޏެވެ.

އެ ސެޝަނަށް ފަހު ގައުމީ ކެޕްޓަން އަލީ ހުޒާމް ބުނީ މުޅި ޓީމަށް ބޮޑު ހިތްވަރެއް ލިބިފައިވާ ކަމަށެވެ.

"ކުޅުންތެރިން ދެއްކި އެ ވާހަކަ. އެހެންވީމަ މާނައަކީ ކުޅުންތެރިންނަށް އިތުރު ހިތްވަރެއް ލިބިއްޖެޔޭ، އިރާދަކުރެއްވިއްޔާ އެކަން މެޗުގައި ފެންނާނެ،" ހުޒާމް ބުންޏެވެ.

ގައުމީ އަންހެން ޓީމުގެ ކެޕްޓަން ހައްވާ ރާޝިދާ ބުނީ ރޭގެ ސެޝަނުން ޓީމުގެ މޯޓިވޭޝަން ވަރުގަދަ ވެއްޖެ ކަމަށެވެ.

"ވަރަށް މުހިންމު ވަގުތެއްގައި ވަރަށް ނީޑްފުލް ސެޝަނެއް މިދިޔައީ،" އޭނާ ބުންޏެވެ.

"ކުރިއަށް މި އޮތް ތިން މެޗު ނޫނީ ހަތަރު މެޗު ކާމިޔާބުކޮށް މެޑަލް ހޯދުމުގެ ހިތްވަރު އާވެއްޖެ."

4 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލާމަސީލު

24 February 2023

ސުވާލަކީ އަފީފު ސެޝަން ނަގައިދިނީ ވިޔަފާރީގެ އުސޫލުންތޯ؟ އެހެންކަމަށް ވާނަމަ ބުނާނެ އެއްޗެއްނެތް. މަމިހުރީ ހަނު.

The name is already taken The name is available. Register?

ފަގުޑި

24 February 2023

ކުޅިވަރު ޓީމްތަކައް ތިކަހަލަ މޯޓިވޭޝަނަލް ސްޕީޗް ދޭން އަފީފައްވުރެ ކުޑަ ހުސޭނު މާ ރަގަޅުވާނެ.

The name is already taken The name is available. Register?

ށުނާ

23 February 2023

ދަސްކުރަންވީ ސެލްފް މޯޓިވޭޓްވާން.

The name is already taken The name is available. Register?

ބޭކާރު

23 February 2023

މީހަކު އަރާ ސަޅިބައިސާ ކަނޑާފައި ފޮނި އަނގަތަކެއް ތެޅުމާ ގުޅިގެން ޖޯޝުން ފުރެންޏާ، ތިތަނުން އެއްވެސް ކުޅުންތެރިއެއްގެ ކިބައިގައި ނެތީތާ އެއްވެސް އަޒުމެއް، ހިތްވަރެއް، އުންމީދެއް..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454