ހިއުމަން ރައިޓްސް ކޮމިޝަންގެ ނައިބު ރައީސް ޝިފާގް މުފީދު: އިބްތިހާލްގެ މައްސަލާގައި ދައުވާކުރަން ފޮނުވާފައި ވަނިކޮށް ޖެންޑާގެ ދެ މުވައްޒަފަކު ހާޒިރުވާން އެޗްއާރުސީއެމުން ވަނީ އަންގާފައި
19 ޖެނުއަރީ 2017 - 12:29
ވ. ރަކީދޫގައި އަނިޔާކޮށް މަރައިލި މުހައްމަދު އިބްތިހާލްގެ މަރުގެ މައްސަލައިގައި އިހުމާލުވި ކަމަށް ތުހުމަތު ކުރެވޭ ދައުލަތުގެ މުވައްޒަފުންގެ ތަހުގީގު ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ އިތުރު މައުލޫމާތުތަކެއް ސާފު ކުރުމުގެ މަސައްކަތް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިއަދު ބުނެފި އެވެ.
އިބްތިހާލްގެ މަރުގައި އިހުމާލުވި ކަމަށް ތުހުމަތު ކުރެވޭ ދައުލަތުގެ ފަސް މުވައްޒަފެއްގެ މައްސަލަ އެޗްއާރުސީއެމުން ތަހުގީގުކޮށް ނިންމުމުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މި ހަފުތާގައި ވަނީ އެ މީހުންގެ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ. އެ މައްސަލަ ކޯޓަށް ފޮނުވާފައި ވަނިކޮށް އޭގެ ތެރެއިން ދެ މުވައްޒަފަކު އެޗްއާރުސީއެމަށް ހާޒިރުވާން އެ ކޮމިޝަނުން ވަނީ އަންގައިފަ އެވެ.
އެޗްއާރުސީއެމްގެ ނައިބު ރައީސް ޝިފާގު މުފީދު ވިދާޅުވީ އެ މީހުންނަށް ދައުވާ ކުރަން ފޮނުވީ ތަހުގީގު އެއްކޮށް ނިންމުމަށް ފަހު ކަމަށާއި މިހާރު ކުރިއަށް ދަނީ ސާފު ކުރަންޖެހޭ މައުލޫމާތުތަކެއް ސާފު ކުރުމުގެ މަސައްކަތް ކަމަށެވެ.
"އަޅުގަނޑުމެންނާއި ޖެންޑާ އާއި ޕީޖީ ގުޅިގެން މި މަސައްކަތް މިކުރަނީ. އަޅުގަނޑުމެން އިސްކޮށް މިކަމުގައި ހަރަކާތްތެރި މިވަނީ. އެހެންވީމަ ދައުވާ ކުރުމުގެ މަރުހަލާގައި ވެސް އަދި ޝަރީއަތުގެ މަރުހަލާގައި ވެސް ކަމެއް ސާފުކުރަން ޖެހޭ ނަމަ އެކަމެއް އަޅުގަނޑުމެން ކުރާނެ. އެކަމަކު ތަހުގީގު ނިމިފައި އޮތީ،" ޝިފާގު ވިދާޅުވި އެވެ.
ޝިފާގު ވިދާޅުވި ގޮތުގައި އެ މައްސަލާގައި އާންމުންނަށް ބައެއް އޮޅުންތައް އަރާނެތީ އެކަން ސާފުކޮށްދޭން އެ ކޮމިޝަނުން މިއަދު ބަޔާނެއް ނެރޭނެ އެވެ.
އެ މައްސަލާގައި ދައުލަތުން ދައުވާކުރާ މީހުންގެ ތެރެއިން އެޗްއާރުސީއެމަށް ހާޒިރުވާން އެންގީ ޖެންޑާ މިނިސްޓްރީގެ ޑިރެކްޓަރު މުހައްމަދު ޝަކީބާއި ސޯޝަލް ސާވިސް އޮފިސަރު މުހައްމަދު ރަޝީދެވެ. އެ ދެ މީހުންގެ އިތުރުން ދައުވާ ކުރަނީ ޖެންޑާ މިނިސްޓްރީގެ ކުރީގެ ދެ މުވައްޒަފެއް ކަމަށްވާ އައިމިނަތު ޝިޔާޒާ އާއި އަހުމަދު ޝުޒާދާއި ވ. އަތޮޅު ޕޮލިސް ކޮމާންޑްގެ އޭރުގެ އެކްޓިން ކޮމާންޑަރު ލިސާން އަބޫބަކުރުގެ މައްޗަށެވެ.
އިބްތިހާލް މަރާލި މައްސަލައިގައި އޭނާގެ މަންމަ އާފިޔާ މުހައްމަދުގެ ޝަރީއަތް ދަނީ ހިނގަމުންނެވެ. އޭނާ ވަނީ އިބްތިހާލް މެރި ކަމަށް ކޯޓުގައި އެއްބަސްވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އައްބެ
19 January 2017
އޭތް. އެޗް.އާރ.ސީ.އެމް. ބަލަ މައްސަލަ ނުނިމޭތީނު އަދި އިތުރަށް މައުލޫމާތު ހޯދަނީތި. ކިހާބޮޑު ބަ...
އިންސާނާ
19 January 2017
ހަގީގަތަކީ މިމައްސަލަލައިގެ ތަހުގީގު އެއިރުގެ ކޮމިޝަނުން ޕީޖީ އަށް ފޮނުވާފައި އޮތީ ތަހުގީގު މުޅިން ފުރިހަމަ ނުކޮށް، ބަޔާންތައްވެސް ނުހިމަނާ ކަމަށްވަނީ، ދެން މިހާރުގެ ޕީޖީ އެދިގެން މިހާރުގެ ކޮމިޝަނުން އެތަހުގީގު ފުރިހަމަ ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދަނީ. ކުރީގެ ކޮމިޝަނާއި ކުރީގެ ޕީޖީ ގެ އިހުމާލުން މިހާދުވަހު ލަސްވެގެން މިދިޔައީ.
އަހުމަދު
19 January 2017
ތިމާގެދަރިއަށްއިހުމާލުވެ މެރާލުމުން އެހެންބއެއްގެ ދިރިްުޅުމަށްވެސް އަސރުކޮށް އާއިލަ ބިކަވެގެންމިދަނީ.
މުހައްމާ
19 January 2017
ރާއްޖޭގެ އެއްވެސް މިނިވަން މުއައްސަސާޔަކަށް އިހްލާތެރި މަސަތްކަތެއް ކުރެވިދާނެކަމަށް ގަބޫލުކުރާ ދިވެހިން މިހާރުވަރަށް މަދުވާނެ. ވަރަށް ވެދުން