ކުޅިވަރު / ގޯލްޑަން ފުޓްސަލް މުބާރާތް

ކިނބިދޫ އަތުން ތިމަރަފުށި ބަދަލުހިފައިފި

ތިމަރަފުށްޓާއި ކިނބިދޫ، ތ. އަތޮޅު ފައިނަލް ގައި ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން/ އިމޭޖަސް އެމްވީ

ތިމަރަފުށި ބަލިކޮށް ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ތ. އަތޮޅު ޗެމްޕިއަންކަން ހޯދި ކިނބިދޫ އަތުން އެ މުބާރާތުގެ ޒޯން ބުރުގައި ތިމަރަފުށި 8-0 އިން މޮޅުވެއްޖެ އެވެ.

ހުޅުމާލޭ ރެހެންދި ޓާފް ދަނޑުގައި ކުރިއަށްދާ މުބާރާތުގެ ޒޯން 5 ގައި ރޭ ކުޅުނު މި މެޗުގައި، ތ. އަތޮޅު ބުރުގެ އެންމެ ގިނަ ގޯލު ޖަހައި، މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އިބްރާހިމް ހަމްދާން ވަނީ ހަތަރު ގޯލު ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. އަލީ ޝިފާއު (ރޮނާ) ތިން ގޯލު ޖަހައި ހެޓްރިކް ފުރިހަމަ ކުރި އިރު އަހުމަދު ހަލީމް ވެސް ގޯލެއް ޖެހި އެވެ.

މިއީ ޒޯން ބުރުގައި، ޒޯން 5 ގައި ކުޅުނު ފުރަތަމަ މެޗެވެ. މި ދެ ޓީމުގެ އިތުރުން މި ޒޯނުގައި ދެން ހިމެނެނީ ފ. އަތޮޅުގެ ޗެމްޕިއަން މަގޫދޫ އާއި ދ. އަތޮޅުގެ ޗެމްޕިއަން ކުޑަހުވަދޫ އެވެ. މަގޫދޫ އާއި ކުޑަހުވަދޫ ރޭ ކުޅުނު މެޗު 4-2 އިން ކާމިޔާބު ކުރީ ކުޑަހުވަދޫ އެވެ. އެ ޓީމުގެ މާޔިޒް ވަހީދު ދެ ގޯލު ޖެހިއިރު ހާރޫން އިބްރާހީމާއި އަބްދުﷲ މުގުސިތު، ކޮންމެ ކުޅުންތެރިޔަކު އެއް ގޯލް ޖެހި އެވެ. މަގޫދޫގެ ދެ ލަނޑު ވެސް ޖަހައިދިނީ މާހިލް މިގްދާދެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ކުޑަހުވަދޫގެ ޖުމެއިލް ޖަމީލް (ޖުމްބެ) އެވެ.

އޭދަފުށްޓާއި އިނގުރައިދޫ ބައްދަލުކުރި މެޗުގެ ތެރެއިން. -- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން/ އިމޭޖަސް އެމްވީ

ޒޯން 2 ގައި ހިމެނެނީ ރ. އަތޮޅުގެ ޗެމްޕިއަން އިނގުރައިދޫ އާއި ބ. އަތޮޅުގެ ޗެމްޕިއަން އޭދަފުށްޓެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގު މެޗު، ރޭ ކުޅުނުއިރު 3-1 އިން މެޗު ކާމިޔާބު ކުރީ އިނގުރައިދޫ އެވެ. އަހުމަދު އައިހަމް (އައިހު) އިނގުރައިދޫ އަށް މެޗުގައި ދެ ގޯލު ޖަހައިދިން އިރު އަނެއް ގޯލު ޖަހައިދިނީ މުހައްމަދު މަމްދޫހެވެ. އޭދަފުށީގެ ހަމައެކަނި ލަނޑު ޖަހައިދިނީ ނިޝާމް މުހައްމަދު ރަޝީދެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އިނގުރައިދޫގެ އަލީ ހާފިޒު (އައްޔަ) އެވެ.

ޒޯން ހަތެއްގައި ވާދަކުރާ ސ. އަތޮޅުގެ ޗެމްޕިއަން ފޭދޫ އާއި ޏ. އަތޮޅު ފުވައްމުލަކުން ބައިވެރިވި ހަމައެކަނި ޓީމު ކަމަށްވާ ދަނޑިމަގު ބައްދަލުކުރި މެޗު ކާމިޔާބު ކުރީ ދަނޑިމަގު ޓީމުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދަނޑިމަގަށް ދެ ގޯލު ޖަހައިދިން މުހައްމަދު ޔޫސުފް ގާސިމް އެވެ. އެ ޓީމުގެ އަނެއް ލަނޑު ޖަހައިދިނީ މުހައްމަދު ސާދު ނިޒާރެވެ. ފޭދޫ ޓީމުގެ ލަނޑު ޖަހައިދިނީ އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އެވެ.

ހަތަރު ޓީމު ހިމެނޭ ޒޯން 3 ގެ ދެ މެޗު ރޭ ވަނީ ކުޅެފަ އެވެ. މިދިޔަ އަހަރުގެ ރަނަރަޕް، މި އަހަރު ކ. އަތޮޅުގެ ޗެމްޕިއަންކަން ގެއްލުނު ގާފަރުން ވަނީ 4-2 އިން އއ. ބޮޑުފޮޅުދޫ ބަލިކޮށް ޒޯން ބުރުގެ ފެށުން ވަރުގަދަ ކޮށްފަ އެވެ. ގާފަރުގެ ލަނޑުތައް ޖަހައިދިނީ އަލީ މާއިސް އާއި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ނާއިހް މުފީދުގެ އިތުރުން އިބްރާހިމް ރިމާހެވެ. ރިމާހު ވަނީ ދެ ގޯލު ޖަހައިފަ އެވެ. ބޮޑުފޮޅުދޫ އަށް ގޯލު ޖަހައިދިނީ ރުކުޝާން ޖަމީލެވެ. އަނެއް ލަނޑަކީ ގާފަރު ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ގާފަރާއި ބޮޑުފޮޅުދޫ ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން/ އިމޭޖަސް އެމްވީ

މި ޒޯނުގައި ދެން ބައްދަލުކުރީ ކ. ދިއްފުށްޓާއި ޅ. ކުރެންދޫ އެވެ. މި މެޗު 5-1 އިން ކާމިޔާބު ކުރީ ދިއްފުށްޓެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޝައިހާން ފާއިޒް ދެ ގޯލު ޖެހިއިރު ރިލްވާން ރަޝީދާއި އަހުމަދު މާޒިން ވެސް ގޯލެއް ޖަހާފައި ވެއެވެ. އަނެއް ލަނޑަކީ ކުރެންދޫ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ކުރެންދޫ އިން ސުން ކަނޑުވާލު އަލީ އިބްރާހިމް ކާމިޔާބު ކޮށްދިން ގޯލަކުންނެވެ.

ޒޯން ހަތަރެއްގައި ވާދަކުރަނީ އދ. އަތޮޅުގެ ޗެމްޕިއަން މާމިގިއްޔާއި ރަނަރަޕް މަހިބަދޫގެ އިތުރުން މ. އަތޮޅުގެ ޗެމްޕިއަން ދިއްގަރާއި ރަނަރަޕް ނާލާފުށްޓެވެ. ދިއްގަރާއި މާމިގިލި ބައްދަލުކުރި މެޗު 3-1 އިން ކާމިޔާބު ކުރީ މާމިގިއްޔެވެ. ނާލާފުށްޓާ ދެކޮޅަށް ކުޅެ މަހިބަދޫ ވަނީ ފަސޭހަ ކަމާއެކު 4-0 އިން މެޗު ކާމިޔާބު ކޮށްފަ އެވެ.

ޒޯން 1 ގެ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ށ. ކަނޑިތީމަށް

ހަ ޓީމު ވާދަކުރާ ޒޯން 1 ގެ ކުޅުން ކުރިއަށް ދަނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. މި ޒޯނުގައި ހިމެނެނީ ހއ. އަތޮޅު ޗެމްޕިއަން އުތީމާއި ރަނަރަޕް ފިއްލަދޫގެ އިތުރުން ހދ. އަތޮޅު ޗެމްޕިއަން ނާވައިދޫ އާއި ރަނަރަޕް ނޭކުރެންދޫ އަދި ށ. އަތޮޅުގެ ޗެމްޕިއަން ފޯކައިދޫ އާއި ރަނަރަޕް ކަނޑިތީމެވެ.

ކަނޑިތީމުން ޒޯން ސެމީ ފައިނަލުން ޖާގަ ހޯދުމަށް ފަހު.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން/ އިމޭޖަސް އެމްވީ

މި ޒޯނުން އެންމެ ފުރަތަމަ ސެމީ ފައިނަލުގެ ޖާގަ ހޯދީ ކަނޑިތީމެވެ. ގުރޫޕް ބީ ގައި ހިމެނޭ ކަނޑިތީމުން ވަނީ ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައިފަ އެވެ. ފުރަތަމަ މެޗުގައި ފޯކައިދޫއާ ވާދަކޮށް 1-1 އިން އެއްވަރު ވިއިރު، ދެވަނަ މެޗުގައި ވަނީ 4-2 އިން ފިއްލަދޫ ބަލިކޮށްފަ އެވެ.

ޒޯން 1 ގެ ގުރޫޕް އޭ ގައި ވާދަކުރާ ނޭކުރެންދޫ ފުރަތަމަ މެޗުގައި ނާވައިދޫ އަތުން 5-3 އިން ބަލިވި ނަމަވެސް ދެ ވަނަ މެޗުގައި ވަނީ 3-0 އިން އުތީމު ބަލިކޮށްފަ އެވެ.

މި ޒޯނުގެ ގުރޫޕް ސްޓޭޖުގެ ފަހު ދެ މެޗު މިރޭ ކުޅޭނެ އެވެ. އެއީ ގުރޫޕް އޭގެ އުތީމާއި ނާވައިދޫ ބައްދަލުކުރާ މެޗުގެ އިތުރުން ގުރޫޕް ބީ ގެ ފިއްލަދޫ އާއި ފޯކައިދޫ ބައްދަލުކުރާ މެޗެވެ.

ޒޯން ހައެއްގައި ވާދަ ކުރަނީ ލ. އަތޮޅު ޗެމްޕިއަން ގަން، ގއ. އަތޮޅު ޗެމްޕިއަން މާމެންދޫ އަދި ގދ. އަތޮޅު ޗެމްޕިއަން ވާދޫ އާއި ރަނަރަޕް ނިލަންދޫ އެވެ. ގަމާއި ވާދު ބައްދަލުކުރި މެޗު 2-2 އިން އެއްވަރު ވެފައި ވާއިރު މާމެންދޫ އިން ވަނީ 2-1 އިން ނިލަންދޫ ބަލިކޮށްފަ އެވެ.

ޒޯން 6 އިން މިރޭ ކުޅޭ މެޗުތަކަކީ ވާދޫ އާއި ނިލަންދޫ ބައްދަލުކުރާ މެޗާއި މާމެންދޫ އާއި ގަން ބައްދަލުކުރާ މެޗެވެ.

މާލޭ ސަރަހައްދުގެ ޓީމުތައް ވާދަކުރާ ޒޯން 8 ގެ ދެ މެޗު ވެސް މިރޭ ކުޅޭނެ އެވެ. މާފަންނުން ހުޅުމާލެއާ ދެކޮޅަށް ނުކުންނައިރު ވިލިމާލެ ނުކުންނާނީ މައްޗަންގޮޅިއާ ދެކޮޅަށެވެ. މި ޒޯނުގައި ފުރަތަމަ ރޭ ކުޅުނު ދެ މެޗު ވެސް ނިމުނީ އެއްވަރު ވެގެންނެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454