ރޭ ބިލަބޮންގް އާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑު ޖެހުމަށް ފަހު އިސްކަންދަރް ޓީމުގެ ކުޅުންތެރިން އުފާފާފާލު ކުރަނީ: ގުރޫޕް ސްޓޭޖްގެ ތިން މެޗުން އެ ޓީމު ވަނީ 64 ލަނޑު ޖަހައިފަ --- ފޮޓޯ: އެފްއޭއެމް
02 މާޗް 2023 - 11:18
މިހާރު ކުރިއަށްދާ، އެފްއޭއެމް 15 އަހަރުންދަށުގެ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ބައިކޮޅަށް ލަނޑެއް ވަނަ ނުދީ، ތިން މެޗުން ޖުމުލަ 64 ލަނޑު އިސްކަންދަރު ސްކޫލުގެ ޓީމުން ޖަހައިފި އެވެ.
ރޭ، ބިލަބޮންގް ސްކޫލާ ދެކޮޅަށް ކުޅުނު މެޗުން އިސްކަންދަރު މޮޅުވީ 17-0 އުންނެވެ. މިދިޔަ ހުކުރު ދުވަހު ގިޔާސުއްދީން ސްކޫލާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވީ 18-0 އިންނެވެ. އަދި ގުރޫޕް ސްޓޭޖް ފުރަތަމަ މެޗުގައި އަމީނިއްޔާ ސްކޫލްގެ މައްޗަށް ކުރި ހޯދީ 29-0 އިންނެވެ.
ބިލަބޮންގާ ދެކޮޅަށް ރޭ ކުޅުނު މެޗުގައި، އިސްކަންދަރްގެ މުހައްމަދު އިލާން އިމްރާން 8 ލަނޑު ޖެހި އެވެ. ގުރޫޕް ސްޓޭޖްގެ ތިން މެޗުގައި އޭނާ ވަނީ 25 ލަނޑު ޖަހައިފަ އެވެ. އެ ޓީމުގެ ފުރަތަމަ މެޗުގައި އަމީނިއްޔާ އާ ދެކޮޅަށް އޭނާ 13 ލަނޑު ޖެހި އެވެ. ގިޔޔާސުއްދީން ސްކޫލާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ހަތަރު ލަނޑު ޖެހި އެވެ.
މިދިޔަ އަހަރު ބޭއްވި އެފްއޭއެމް 14 އަހަރުން ދަށުގެ މުބާރާތުގައި ވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އެވޯޑް ހޯދި އިލާން ވަނީ އެ މުބާރާތުގައި 35 ލަނޑު ޖަހައިފަ އެވެ.
ގުރޫޕް ސްޓޭޖްގެ ދެވަނަ މެޗުގައި އިސްކަންދަރް އާއި ޣިޔާސުއްދީން ސްކޫލް ކުޅުނު މެޗުގެ ތެރެއިން އެ މެޗުން އިސްކަންދަރް މޮޅުވީ 18 ލަނޑުން. --- ފައިލް ފޮޓޯ: އެފްއޭއެމް
މިދިޔަ އަހަރު ސައުދީ އަރަބިއާގައި ބޭއްވި އޭއެފްސީ ކޮލިފައިން އަށް ދިޔަ 17 އަހަރުން އަހަރުން ދަށުގެ ގައުމީ ޓީމުގެ އެންމެ ޒުވާން ކުޅުންތެރިޔާ، އީތަން އިބްރާހިމް ޒަކީ ވެސް ވަނީ ރޭގެ މެޗުގައި ފަސް ލަނޑު ޖަހައިފަ އެވެ. ކުރިން ގިޔާސުއްދީނާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް އޭނާ ފަސް ލަނޑު ޖެހި އެވެ. އަދި އަމީނިއްޔާ އާ ދެކޮޅަށް ކުޅުނު މެޗުގައި ހަ ލަނޑު ޖަހައި ދެ ހެޓްރިކް ވެސް އޭނާ ހެދި އެވެ.
ރޭގެ މެޗުގައި އެ ޓީމުގެ އަނެއް ހަތަރު ލަނޑު ޖެހީ އަބްދުﷲ އައިދާން ސާޖިދު އާއި ދާނިޔަލް މުހައްމަދު އެވެ. އައިދާން ވަނީ ދެ ލަނޑު ޖަހައިފަ އެވެ.
އިސްކަންދަރުގެ ސްޕޯޓްސް ސްޕަވައިޒަރު އަދި ކުރީގެ ޑިފެންޑަރު ޔޫސުފް އަޒީމް (ޔޫއްޓޭ) ގެ ކޯޗުކޮށްދޭ މި ޓީމަކީ ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަގުބަލަށް ކުޅުންތެރިން ނެރޭނެ ޓީމެއް ކަމަށް ތަޖުރިބާކާރުން އުއްމީދު ކުރެ އެވެ. ރާއްޖޭގެ 16 އަހަރުން ދަށުގެ ގައުމީ ޓީމަށް ވެސް ގިނަ ކުޅުންތެރިން ނަގަނީ މި ޓީމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިފުތާ
02 March 2023
ދެން ބޮޑުވަރު. ޢެހެން ސުކޫލުތަކުން މާ ސީރިއަސްކޮށް ނަގާ ކަމެއްނޫން ތިއަކީ. ޢިސްކަންދަރ، ދެއަރ އިސް ސަމްތިންގސް ކޯލްޑް ހަމްބްލްނެސް އެންޑް ހިޔުމިލިޓީ!
ަސާދ
09 March 2023
ސީރިއަސް ނުވަންޏާ ބައިވެރި ނުވީމަ ނިމުނީނު. ތި ކަހަލަ ކޮސް ވާހަކަ އައިސް މި ތަން ތާ ދައްކަން ހަދާނެ ކަމެއް ނެތް. މި މުބާރާތްތަކަކީ ވަރަށް ކުރީންސުރެން ކުޅެމުން އަންނަ މުބާރާތެއް. އޭރުވެސް މިހާރުވެސް ސްކޫލް ތަކުގެ މެދުގަ ވާދަވެރިކަން އޮވޭ. ޝަކުވާ ނުކޮށް ކުޅުުން ބަލަން ތިބެބަލަ.
ކޮނީ
02 March 2023
މި އުމުރުފުރާގެ ތަށި ނަގާނެކަމަށް ބެލެވެނީ އިސްކަންދަރު ނޫނީ ރެހެންދި ސްކޫލު. ދެ ސްކޫލުވެސް ވަރަށް މޮޅު