ރާއްޖޭގެ ސަފީރު ފަލަސްތީނުގެ ރައީސަށް ފަތްކޮޅު އަރުވަނީ: މިއީ ރާއްޖެއިން ފަލަސްތީނުގެ ރައީސަކަށް ފަތްކޮޅު އެރުވި ފުރަތަމަ ފަހަރު --- ފޮޓޯ/ފޮރިން މިނިސްޓްރީ
02 މާޗް 2023 - 12:19
ދިވެހިރާއްޖެ އިން ފުރަތަމަ ފަހަރަށް ފަލަސްތީނަށް ކަނޑައެޅި ސަފީރު، އެ ގައުމުގެ ރައީސް މަހްމޫދު އައްބާސަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި އެވެ.
ރާއްޖެއިން ފަލަސްތީނަށް ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރުގެ މަގާމަށް އައްޔަން ކުރައްވާފައިވާ މުހައްމަދު ހަލީލް އޭނާގެ ސަފީރުކަމުގެ ފަތްކޮޅު މަހްމޫދް އައްބާސަށް އިއްޔެ އެރުއްވީ އުރުދުންގައި ހުންނަ ފަލަސްތީނު އެމްބަސީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
މިއީ ރާއްޖެއިން 1982 ވަނަ އަހަރު ފަލަސްތީނާ އެކު ސިޔާސީ ގުޅުން ގާއިމްކުރި ފަހުން ރާއްޖޭގެ ސަފީރަކު ފަލަސްތީނުގެ ރައީސަކަށް ފަތްކޮޅު އެރުވި ފުރަތަމަ ފަހަރެވެ.
ނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން 2011 ގައި ރާއްޖެ އިން ފަލަސްތީނަށް ކަނޑައަޅާ ސަފީރަކަށް ޑރ. ފަރަހަނާޒް ފައިސަލް އައްޔަންކުރި އެވެ. އެކަމަކު އޭނާގެ ފަތްކޮޅު ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސަށް އެރުވުމުގެ ކުރިން 2012 ގައި ނަޝީދު ސަރުކާރު ކުއްލި ގޮތަކަށް ބަދަލުވެ، ފަރަހަނާޒް މަގާމުން އިސްތިއުފާ ދެއްވީ އެވެ. އެހެންވެ، ފަލަސްތީނުގެ ރައީސަށް ފަރަހަނާޒްގެ މަގާމުގެ ފަތްކޮޅު އޭރު ނޭރުވުނީ އެވެ.
ރައީސް މަހްމޫދް އައްބާސާއި ދިވެހި ސަފީރު ހަލީލް --- ފޮޓޯ/ފޮރިން މިނިސްޓްރީް
އިއްޔެގެ ރަސްމިއްޔާތުގައި މަހްމޫދް އައްބާސް ދެއްކެވި ވާހަކަފުޅުގައި، ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމްކުރަން ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތަށާއި އަދި ފަލަސްތީނު ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރަން ރާއްޖެ އިން ވަކާލާތު ކުރާތީ އެކަމަށް ޝުކުރު އަދާކުރެއްވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފަލަސްތީނާ މެދު ބަހައްޓަވާ ގާތްކަން ފާހަގަ ކުރައްވައި، އެ މަނިކުފާނަށް ވެސް މަހްމޫދު އައްބާސް ޝުކުރު އަދާކުރެއްވި އެވެ.
ސަފީރު ހަލީލުގެ ވާހަކައިގައި، ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމްކޮށް، އިރުމަތީ ގުދުސްއަކީ އެ ގައުމުގެ ވެރިރަށް ކަމުގައި ހަދަން ރާއްޖެ އިން އަބަދުވެސް ވަކާލާތު ކުރާނެ ކަމަށް ވިދާޅުވި އެވެ. އަދި ފަލަސްތީނާ މެދު ދިވެހިންގެ ހިތުގައި ހާއްސަ ކަމެއް އަބަދުވެސް އޮންނަކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ފަލަސްތީނުގެ ބިންތަކަށް އިޒްރޭލުން ވެރިވެ ހިންގަމުންދާ ޖަރީމާތަކާ ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ކުރީކޮޅުން ފެށިގެން ރާއްޖެއިން އޮތީ އިޒްރޭލާ ގުޅުން ކަނޑާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތީކުޅިވަރު
03 March 2023
ވޯޓުކައިރިވީމަ ކުޅިވަރު ދައްކަނީ. އެވެސް ތިމާގެމީހުންލައްވާ.
މުހައްމަދު ނަދީމް
02 March 2023
އިސްލާމުންނަށް މާ ހެޔޮބައެއްކަމަށް ދައްކަން އަދާލަތުން ބުނެގެން ކުރިކަމެއްކަން އެންމެންނަށް ވެސް އެނގޭ؟
މަހޭ އައްބާސް
02 March 2023
އެކަމް ވޯޓްދެނީ އެމެރިކާ ބުނާ ގޮތަކަށް..
ލޫމު
02 March 2023
ތީމިހާރު ސައުދީ އަރަބިއްޔާއަށް ކަނޑައަޅާފަ ހުންނަ އެންބެސެޑަރ. އިތުރު މަގާމެއް ތިދިނީ އޭނައަށް.
ޜަނީ
02 March 2023
ބަލަ އެގޭ ހުރިހާ ހަލީލަކަށް ފޮރިން މަގާމުތައް ތިދެނީ ދަރާއޮތީތަ
މަހެދީ ޙަސަނު
02 March 2023
އިތުރު ވާނެ ވޯޓެއް ނެތް
ބޯހަލާކުވޭ
02 March 2023
އެންމެބޮޑަށް ހުރިހާކަމެއްވެސް އެނގޭމީހާދޯ ތިހެން ތިބުނީ!
މާކުންބޭ
02 March 2023
މިވެސް ހަތަރު ކަށި މަތި މާލޭ މީހެއް ދޯ؟ ދައުލަތުގެ މަޤާމްތަކަކީ އެންމެހައި ދިވެހިންނަށް ހަމަހަމަ ކަމާއެކު ލިބޭ މަޤާމްތަކަކަށް ވާންޖެހޭ، ޖަޒީރާ ރާއްޖެ ކިޔާފައި އައިސް ހުރިހާ ކަމެއް މޮޅެއް ދޭންޖެހެނީ ރާއްޖޭގެ ވެލްތްގެ %99 ކޮންޓްރޯލް ކުރާ މާލެއަކަށް ނޫން
ގުލްޒާރު
02 March 2023
ކަށިމައްޗަކަށް ބަލާނެކަމެއްްނެތް. ބަލާ ފައިކުރިއަށް.
އާބެ
02 March 2023
ޝުކުރިއްޔާ ރައީސް ސޯލިހު.
ވައްތީނި
02 March 2023
މިވަރު ކަމެއްވެސް އެހެން ސަރުކާރުތަކުން ކުރަން ނޭނގުނު.
ހާއްސަ
02 March 2023
އަނެއްކާ ބަޖެޓަށް ބާރުބޮޑުކުރާނެ އިތުރު ގޮތެއް ހޯދީ. އެގައުމަށް ސަފީރެއް ބަހައްޓަންޖެހުނީ ފަލަސްތީނުގަ އުޅޭ ދިވެހިން ގިނަކަމުންތަ؟ ނޫނީ ފަލަސްތީނަށް ދިވެހިން ދަތުރުކުރާލެއް ގިނަކަމުންތަ؟ ނޫނީ ވޯޓާ ދިމާކޮށް ދީނީ ކާޑެއް ކުޅެލަންވެގެންތަ؟
މުގާބޭ ބެ
02 March 2023
ވާނުވާ ނޭގުނަސް ކޮމެންޓު ކުރާތި. ހަބަރުގައި ލިޔެފެއޮތް އެއްޗެއްވެސް ނުކިޔާ ތި ކޮމެންޓު ކުރީ. އެއޮތީ ލިޔެފާ"ނޮން ރެސިޑެންޓް ސަފީރު"
މަފް
02 March 2023
ކޮމެންޓް ކުރުމުގެކުރިން ލިޔެފައޮންނަ އެއްޗެއް ކިޔާލުން ރަގަޅުވާނެ. ނޫންނަނަމަ ތިޔަހެން ބޮލާފޮށާއަޅާކަށް ނުޖެހޭ. އިޓްސް ނޮންރެސިޓެންޝިއަލް.. މިހެން ސަފީރެއް ލުމަކީވެސް ފަލަސްތީން އިންޑެޕެންޑްޑެންޓް ނޭޝަންއަކަށްވާން ބޮޑު އެންޑޯޒްމެންޓެއް.
ހުސްސިސް
02 March 2023
އެއްވެސް ހާއްސައެއް ނޫން ވާއެއް ނުވާއެއް ނޭގޭދޯ ދުނިޔޭގަ ލެއްވީތީދެން އުޅެނީދޯ ބޭހެއްކައުގެންވެސް ބުރާންތިކަން ފިލާތޯ ބަލައިބަލަ
ކާސިމްއަލީ
03 March 2023
ހާދަބައިވަރު ފޮރިންމިނިސްޓްރީގެ މުއައްޒަފުންގެ ކޮމެންޓް މިއޮތީ. މީހަކަށް ވާނުވާނެގުނަސް ހީވަނީ އެހެންކަމެއްހެން