ކުޅިވަރު / ގޯލްޑަން ފުޓްސަލް މުބާރާތް

މާފަންނާއި ވާދޫ ތަށި ދިފާއުކޮށްފި، މެދުކެނޑުމަކަށްފަހު ނައިވާދުއަށް ޒޯން ޗެމްޕިއަންކަން

ހދ. ނާވައިދޫ ފުރަތަމަ ފަހަރަށް ޒޯން 1 ގެ ތަށި އުފުލާލަނީ.-- ފޮޓޯ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން/ އިމޭޖަސް އެމްވީ

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް ގައި ޒޯން 8 ގެ ޗެމްޕިއަންކަން މާފަންނު އަދި ޒޯން 6 ގެ ޗެމްޕިއަންކަން ގދ. ވާދޫ ދިފާއު ކޮށްފި އެވެ.

ރޭ ކުޅުނު ޒޯން 1 ގެ ފައިނަލު ކާމިޔާބުކޮށް ހދ. ނައިވާދޫ ވަނީ މެދުކެނޑުމަކށް ފަހު ޒޯން ޗެމްޕިއަންކަން ހޯދައިފަ އެވެ. އެ ޓީމުން މީގެ ކުރިން ޥަނީ، 2018 ގައި ވެސް ޢެ ޒޯންގެ ޗެމްޕިއަންކަން ހޯދައިފަ ޢެވެ.

ހުޅުމާލޭ ރެހެންދި ޓާފް ދަނޑުގައި ރޭ ކުޅެވުނު ޒޯން 1 ގެ ފައިނަލުން މޮޅުވެ ނައިވާދޫ އިން ފުރަތަމަ ފަހަރަށް ޒޯން ޗެމްޕިއަންކަން ހޯދީ 6-2 އިން ށ. ކަނޑިތީމު ބަލިކޮށްގެންނެވެ.

ވާދޫއިން ޒޯން 6 ގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި 3-1 އިން ލ. ގަން ބަލިކުރުމަށް ފަހު އެވެ. މާފަންނާއި ވިލިމާލެ ބައްދަލުކުރި ޒޯން 8 ގެ ފައިނަލް ފުރިހަމަ ވަގުތު ހަމަވީ 2-2 އިންނެވެ. ނަތީޖާ ނެރެން ޖެހި ޕެނަލްޓީގައި މާފަންނު ކުރި ހޯދީ 5-3 އިންނެވެ.

ޒޯން 1 ގެ ފައިނަލު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެ ޒޯންގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ އެވޯޑް ހޯދި ނައިވާދޫގެ އަބްދުﷲ ވިސާމް ވަނީ މެޗުގައި ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ. އަދި މުޅި ޒޯންގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އަބްދުﷲ ޝާފިއު (ޝާއްޕެ) މި މެޗުގައި ދެ ގޯލު ޖަހައިދިން އިރު، ނައިވާދޫގެ އަނެއް ލަނޑު ޖަހައިދިނީ މުހައްމަދު އަސްލަމް އެވެ. ކަނޑިތީމުގެ ލަނޑުތައް ޖަހައިދިނީ އަހުމަދު ނިމާލާއި އާދަމް ތައުފީގެވެ.

ވާދޫ އިން ޒޯން 6 ގެ ތަށި އުފުލާލަނީ.-- ފޮޓޯ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން/ އިމޭޖަސް އެމްވީ

މިދިޔަ އަހަރުގެ ވެސް ޒޯން 6 ގެ ޗެމްޕިއަންކަން ހޯދި ވާދުއިން ރޭ ކުޅުނު ފައިނަލް މެޗު ކާމިޔާބުކޮށް ތަށި ދިފާއު ކުރީ ފަހަތުން އަރައި ގަމު ޓީމު ބަލިކޮށްގެންނެވެ. ފުރަތަމަ ހާފު ނިމެނިކޮށް ކެޕްޓަން އަހުމަދު ހަލީމް (އަންމަޑޭ) ގެ ލަނޑަކުން ފުރަތަމަ ލީޑު ނެގީ ގަމެވެ. އަންމަޑޭ އަކީ މި ޒޯނުގެ ޓޮޕް ސްކޯރާ އެވެ.

ދެވަނަ ހާފުގައި ވާދުއިން އެއްވަރުކުރީ މުހައްމަދު ނާއިލް (އެޑީ) ޖަހައިދިން ގޯލުންނެވެ. އަދި ކައުންޓާއެއްގައި ލީޑު ނަގައިދިނީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު މުސައްނިފް މުހައްމަދު (މުއްސެ) އެވެ. ވާދޫގެ ތިންވަނަ ލަނޑު ޖަހައިދިނީ އިބްރާހިމް ޝައުފް މުހައްމަދެވެ. މި ޒޯނުގެ އެންމެ މޮޅު ކުޅުންތެރިއަކީ ވާދޫގެ ކެޕްޓަން އަޔާޒު އަހުމަދު (އަޔާ) އެވެ.

މިދިޔަ އަހަރުގެ ޒޯން 8 ގެ ޗެމްޕިއަންކަން ހޯދީ ވެސް މާފަންނެވެ. ރޭގެ މޮޅާ އެކު މާފަންނު މިވަނީ ހަތަރުވަނަ ފަހަރަށް މި ޒޯންގެ ތަށި އުފުލާލައިފަ އެވެ.

މާފަންނުން ޒޯން 8 ގެ ތަށި އުފުލާލަނީ.-- ފޮޓޯ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން/ އިމޭޖަސް އެމްވީ

މާފަންނާއި ވިލިމާލޭ ބައްދަލު ކުރި ފައިނަލް މެޗުގެ ވަރަށް ކުރީކޮޅު ހުސެއިން އަފްސަލް މާފަންނަށް ކުރި ހޯދައިދިނެވެ. ދެވަނަ ހާފު ފެށިގެން ސިކުންތުކޮޅެއް ތެރޭ ވިލިމާލެ އަށް އެއްވަރު ކޮށްދިނީ އިސްމާއިލް ވަޖީހު (ވައްޖެ) އެވެ. ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައި ވަނިކޮށް މާފަންނުނަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ ޒޯންގެ އެންމެ ގިނަ ގޯލު ޖަހައި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ހުސެއިން ސުހެއިލް (ސޮކޭ) އެވެ. ނަމަވެސް ނިމެން ސިކުންތުކޮޅަކަށް ވެފައި ވަނިކޮށް ވިލިމާލެ ނަތީޖާ ހަމަހަމަ ކުރީ އިސްމާއިލް ވިފާގު (އިއްސެ) ޖަހައިދިން ގޯލުންނެވެ.

ޕެނަލްޓީގައި ވިލިމާލޭގެ އަހުމަދު ޝައްފާން (ޝާކާ) ޖެހި ޕެނަލްޓީ މަތަކުރި ކީޕަރު މާފަންނުގެ ގޯލްކީޕަރު އިބްރާހިމް ނާޖިހު (ހޭޓް) ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދައިފަ އެވެ. ނާޖިހް ވަނީ މާފަންނު މޮޅުވި ޕެނަލްޓީ ވެސް ކާމިޔާބު ކޮށްފަ އެވެ. މާފަންނުން ފޮނުވާލި ފަސް ޕެނަލްޓީ ވެސް ކާމިޔާބު ކުރި އެވެ. ނާޖިހްގެ އިތުރުން ދެން ޕެނަލްޓީތައް ޖަހައިދިނީ އަފްސަލް، ކެޕްޓަން މުހައްމަދު ޔަފާއު (ޔާ)، ސުހެއިލް އަދި ޔޫހު ނަސީރެވެ.

ވިލިމާލޭގެ ފުރަތަމަ ޕެނަލްޓީ ނާކާމިޔާބު ވިއަސް ވައްޖެ އާއި ކެޕްޓަން އަލީ ޝިޔާހު (ޝިޔާ) އަދި އިއްސެ ވަނީ އެޓީމުގެ ޕެނަލްޓީތައް ކާމިޔާބު ކޮށްފަ އެވެ.

އަށް ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާ ގޯލްޑަން ފުޓްސަލް މުބާރާތުގައި މިހާތަނަށް ފަސް ޒޯނެއްގެ ފައިނަލް ކުޅެ ޗެމްޕިއަން ޓީމު ތަށި އުފުލާލައިފައި ވާއިރު، ބާކީ ތިން ޒޯންގެ ފައިނަލް މިރޭ ކުޅޭނެ އެވެ.

މިރޭ ކުޅޭ ފައިނަލް މެޗުތައް:

20:00 (ރެހެންދި ޓާފް 1 - ޒޯން 4 ފައިނަލް) : އދ. މާމިގިލި - މ. ދިއްގަރު

21:00 (ރެހެންދި ޓާފް 1 - ޒޯން 3 ފައިނަލް) : ކ. ގާފަރު - އއ. ބޮޑުފޮޅުދޫ

22:00 (ރެހެންދި ޓާފް 1 - ޒޯން 5 ފައިނަލް) : ތ. ތިމަރަފުށި - ދ. ކުޑަހުވަދޫ

ކޮންމެ ޒޯނަކުން ވެސް ފައިނަލުގައި ކުޅޭ ދެ ޓީމަށް މުބާރާތުގެ ގަދަ 16 އިން ފުރުސަތު ލިބޭނެ އެވެ. ޒޯން 1 ގެ ޗެމްޕިއަން ނައިވާދޫ ކުޅޭނީ ޒޯން 8 ގެ ރަނަރަޕް ވިލިމާލެއާ ދެކޮޅަށެވެ. އަދި ޒޯން 1 ގެ ރަނަރަޕް ކަނޑިތީމު ނުކުންނާނީ ޒޯން 8 ގެ ޗެމްޕިއަންކަން ހޯދި މާފަންނާ ދެކޮޅަށެވެ.

ގަދަ 16 ގައި ޒޯން 6 ގެ ޗެމްޕިއަން ވާދޫ ނުކުންނާނީ މިރޭ އދ. މާމިގިއްޔާއި މ. ދިއްގަރު ބައްދަލުކުރާ ޒޯން 4 ގެ ފައިނަލުން ބަލިވާ ޓީމަކާ ދެކޮޅަށެވެ. އަދި ޒޯން 6 ގެ ފައިނަލުން ބަލިވި ގަން ވާދަކުރާނީ މިރޭ ޒޯން 4 ގެ ޗެމްޕިއަންކަން ހޯދާ ޓީމަކާ ދެކޮޅަށެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 67%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454