06 އެޕްރީލް 2023 - 07:17
"ކުރަން ނޭނގޭ ހަމަ އެއްވެސް ކަމެއް ނޯންނާނެ. އިރު އެރީއްސުރެ އޭނާ އުޅޭނީ އެހެން. އެހާ ވެސް މުރާލިވާނެ،" ވީލްބަރޯއެއްގައި ކުރުނބާތަކެއް ގެއަށް ހިފައިގެން އައި އިބްރާހިމް ޒައީމް ދައްކާލަމުން އޭނާގެ ދައްތަ ޖޫރީނާ މަހުމޫދު ބުނެލި އެވެ.
ޒައީމަކީ އަޑު ނީވޭ، އަދި ވާހަކަ ވެސް ނުދެއްކޭ މީހެކެވެ. އެކަމަކު، ފ. ދަރަބޫދު އަށް އުފަން، މިހާރު 38 އަހަރުގެ ޒައީމް ކުރާ އެއްވެސް ކަމަކުން އެ އައިބު ކަމެއް ނުފެނެ އެވެ. އެހާ ވެސް ފުރިހަމަ އެވެ. މުރާލިވެފައި، ކުރާ މަސައްކަތްތައް ވެސް ބަރާބަރެވެ. އޭނާގެ މުޅި ދުވަސް އޮންނަނީ މަސައްކަތްތަކުގަ އެވެ. ހިނިތުންވުމާ އެކު އެވެ.
އެކަމަކު، އޭނާ އަކީ އުފެދުމުގައި އަޑު ނީވޭ ކުއްޖެއް ނޫނެވެ. އޭނާގެ މުޅި ހަޔާތް ހިމޭންކޮށްލީ، އުމުރުން ފަސް އަހަރުގައި އައި ހުމަކުންނެވެ.
ޒައީމް އާއި އޭނާގެ ދައްތަ "މިހާރު" އަށް އިންޓަވިއު ދެނީ --ފޮޓޯ: މިހާރު
"ޒައީމް އަކީ އުފަންވީއިރު ހަމަ ރަނގަޅަށް ހުރި ކުއްޖެއް. ހަމަ އެހެން ކުދިންނެކޭ އެއްގޮތަށް އޭނާ އުޅުނީ. އެކަމަކު އުމުރުން ފަސް އަހަރުގައި އޭނާ އަށް ޑެންގޫ ހުންޖެހުނީ. އެއާ އެކު ދެން ފިޓް ޖެހުނީ. އެ ހިސާބުން އަޑު ނީވި، ވާހަކަ ދެއްކުން ވެސް ހުއްޓުނީ،" ޖޫރީނާ ބުންޏެވެ.
"ޑޮކްޓަރުން ބުނަނީ އަޑު ނީވޭތީއޭ ވާހަކަ ނުދެއްކެނީ. އަޑު އިވިދާނެއޭ ހިޔަރިން އެއިޑެއް ލެއްވީމަ. އެކަމަކު ކަންފަތުގެ އެ ބައި ރަނގަޅެއް ނުކުރެވޭނެއޭ. ހިޔަރިން އެއިޑަކުން ވެސް އިވޭނީ ވަރަށް ބާރު އަޑުތައް ކަމަށް ޑޮކްޓަރުން ބުނަނީ. މިސާލަކަށް ބާރަށް ޖަހާ ގުގުރި ކަހަލަ."
ދައްތަ ބުނި ގޮތުގައި، ޒައީމްގެ ވަރަށް ކުޑައިރުގެ ހަނދާންތަކެއް ވެ އެވެ. ސްކޫލަށް ދިއުމުގެ ކުރިން، ޒައީމް އަކީ ވަރަށް މަޖާކޮށް އުޅުނު ކުއްޖެކެވެ.
ޒައީމް މަސައްކަތުގައި: އޭނާ އަކީ އިވުމާއި ވާހަކަ ދެއްކުމުން މަހުރޫމްވެފައިވާ މީހެއް
"ޝަހާދަތް ކިޔަން ދަސްކޮށްގެން ވެސް ދެން ތިބި ހުރިހާ ކުދިންނަށް އެ ކިޔައިދޭން އުޅުނު ހަނދާންވޭ،" ޖޫރީނާ ބުންޏެވެ.
ހަޔާތަށް އައި ބިޔަ ހިމޭންކަން ޒައީމްގެ މުޅި ދުނިޔެ ވަށައިލި އެވެ. އެއީ، އޭނާގެ ވަރަށް ބޮޑު ޝަކުވާ އަކަށް ވެސް ވި އެވެ. އޭނާ ސުވާލު ކުރަމުން ދިޔައީ، "މަށަށް މިހެން ވީ ކީއްވެގެން ހެއްޔޭ" ކިޔައިފަ އެވެ.
"ހަމަ ކުއްލިއަކަށް އެކަން ދިމާވެގެން ވަރަށް ރުޅިގަދަވެގެން އުޅުނު. ރަށުގެ ބައެއް މީހުންނާ ވެސް ވަރަށް ބޮޑަށް މައްސަލަ ޖެހުނު ޒައީމްގެ ރުޅިއާ ހެދި. އެކަމަކު މިހާރު މިއީ އެންމެންނާ ވެސް ވަރަށް ފްރެންޑްލީ މީހެއް،" އެއްބަނޑުއެއްބަފާ އަށް މީހުންގެ ތެރެއިން ހަތަރު ވަނަ އަށް ހުރި ޒައީމް އާ ބެހޭ ގޮތުން އޭނާގެ ދައްތަ ބުންޏެވެ.
"ފަހުން ކޮއްކޮމެން ލިބިގެން ވެސް ޒައީމް ފުރަތަމަ ވެސް އަހާނީ އަޑު އިވޭހޭ. ވާހަކަ ދެއްކޭހޭ. ދެން ސުވާލު ކުރާނެ ކީއްވެގެން ހެއްޔޭ ތިމަންނަ އަށް ވާހަކަ ނުދެއްކެނީ."
ޒައީމް މަސައްކަތުގައި: ކޮންމެ ދުވަހަކުހެން އޭނާ އުޅެނީ ކޮންމެވެސް ކަމެއްގައި
ޒައީމްގެ އެ ހާލަތު އޭނާ އަށް ވިސްނުނެވެ. އޭނާ ދެ އަތް ފޮޅާލައިފައި ނުކުމެ، އަމިއްލަ ފައިމައްޗަށް ތެދުވާން މަސައްކަތް ފެށި އެވެ. ޒައީމްގެ މަންމަ އާއި ބައްޕަ އަކީ ވެސް މަސައްކަތްތެރި ދެ މީހުންނަށް ވެފައި، އެއްބަނޑު އެއްބަފާ އެންމެންގެ އެހީތެރިކަމާ އެކު އޭނާ މަސައްކަތް ފެށި އެވެ.
"އަމިއްލަ މަސައްކަތުން ލިބޭ އެއްޗަކުން ދިރިއުޅޭ މީހެއް ޒައީމްއަކީ. ކަރަންޓް ވައިރު ކުރުމާއި ތަށިމުށި ޖެހުމާއި ސީލިންގް ކުރުމާއި ކަރަންޓް ސާމާނު މަރާމާތު ކުރުން ކަހަލަ ކަންކަމަށް އޭނާ ވަރަށް މޮޅުވާނެ. ރޭނުމާއި ސިމެންތި ޖެހުމާއި މިކަހަލަ ބައިވަރު ކަންކަން މިހާރު ވެސް ކުރޭ،" ޒައީމް ކައިރީގައި އިނދެ ޖޫރީނާ ބުންޏެވެ.
"ބައެއް ގޭގޭގައި ވަރަށް ގިނަ މަސައްކަތް އެކަނިމާ އެކަނި ނިންމާފައި ހުންނާނީ. މުއައްސަސާތަކުން ބޭނުންވެގެން ހިލޭ ވެސް މަސައްކަތްތައް ކޮށްދޭނެ. މި އަތޮޅު ބިލެއްދޫގައި ވެސް މަގޫދޫގައި ވެސް ހުންނާނެ އޭނާ ކޮށްދީފައި ހުރި މަސައްކަތްތައް."
ޒައީމް: އޭނާ އަކީ ވަރަށް މަސައްކަތްތެރިއެއް -- ފޮޓޯ: މިހާރު
ޒައީމްގެ ހާއްސަ ކަމަކީ އޭނާ ކުރާ މަސައްކަތްތައް ރީތިކޮށް ނިންމުމެވެ. އެއީ، އޭނާ ލައްވައި މަސައްކަތް ކުރުވި މީހުން ވަރަށް ބޮޑަށް ފާހަގަކުރާ ކަމެކެވެ. އޭނާއަކީ ރަހުމަތްތެރިން ގިނަ، އަދި މި ރަށު ރައްޔިތުންގެ ވެސް ލޯބި ލިބިފައިވާ މީހެކެވެ.
"ލިބޭ ފައިސާ އިން އަހަރެމެންނަށް ވެސް އެހީ ވާނެ. ވަރަށް ގިނަ ރައްޓެހިން ވެސް ގެންގުޅޭނެ. ހިތްހެޔޮވާނެ. ފަސް ވަގުތު ބަރާބަރަށް ނަމާދުކުރާނެ،" ޖޫރީނާ ބުންޏެވެ.
ޒައީމްގެ ނުކުޅެދުންތެރި ކަމަށް ފަރުވާއެއް ލިބޭތޯ އާއިލާ އިން ވަރަށް މަސައްކަތް ވެސް ކޮށްފި އެވެ. އެކަމަކު، އެކަން ކާމިޔާބު އަދި ނުވަނީ އެވެ. އަދި ކާމިޔާބު ވާނެ ކަމުގެ އުންމީދެއް ވެސް ނެތީ އެވެ. އެކަމަކު ޖޫރީނާ ބުނި ގޮތުގައި، ޒައީމްއާ ދޭތެރޭ އާއިލާ އިން އެހެން ވަރަށް ބޮޑު އުންމީދެއް ކުރެ އެވެ.
"އަޅުގަނޑުމެން އެންމެ ދެކެން ބޭނުންވަނީ ޒައީމް އަމިއްލަ ދިރިއުޅުމެއް ފަށައި އުފާވެރިކަމާ އެކު އުޅޭތަން ފެނުން،" އޭނާ ބުންޏެވެ.
އެކަމަކު އަޑު އިވުމާއި ވާހަކަ ދެއްކުމުން މަހުރޫމްވެފައި ހުރީތީ، އެ ހަޔާތް އެހެން ގޮތަކަށް އަނބުރާލުމަކީ ޒައީމް އަށް އެހާ ފަސޭހަ ކަމަކަށް ނުވެ އެވެ.
"ބައެއް ފަހަރު އެކަނި ރޯން ވެސް އިންނާނެ،" ދައްތަ ބުންޏެވެ.
ޒައީމް އާއި އޭނާގެ ދައްތަ "މިހާރު" އަށް އިންޓަވިއު ދެނީ --ފޮޓޯ: މިހާރު
އެންމެންނާ ވެސް އޭނާ ވާހަކަ ދައްކަނީ އިޝާރާތުންނެވެ. ދެން ޗެޓުންނެވެ. ޅައުމުރުގައި ހަޔާތަށް ބިންދާލި ވަރުގަދަ ރާޅާ އެކު، އޭނާގެ މުޅި އުމުރު ވެސް ހޭދަކުރަން ޖެހުނީ ތައުލީމު ހާސިލް ކުރުމުގެ ފުރުސަތެއް ނުލިބި އެވެ. އެހެންވެ، އެކަހަލަ މީހުންނަށް ތައުލީމް ފޯރުކޮށްދޭ ސައިން ލޭންގުއޭޖް ވެސް ޒައީމަކަށް ލިބިފައެއް ނެތެވެ.
"ޑިންގީ ވެސް ދުއްވާނެ. ރަށްރަށަށް ވެސް ދާން އަމިއްލަ އަށް އެނގޭނެ. އެކަމަކު ސައިން ލޭންގުއޭޖް ނޭންގޭތީ ލައިސަންސް ވެސް ނުލިބިފައި އޮތީ. އަނެއްކާ ސައިކަލް ދުއްވުމުގެ ލައިސަންސް ވެސް އޭނާއަކަށް ނުލިބޭ،" ޖޫރީނާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މު ހަ ން މަ ދު
14 April 2023
? ލޯތްބާއެކު
ފާއި
06 April 2023
ސަރުކާރަށް ހިލޭ މަސައްކަތް ނުކޮއްދޭތި. ގްރޫޕެއްހަދައިގެން ހިނގާ މަސައްކަތް ކުރަން
ބެލާހަދީދް
06 April 2023
ފަހުން ކޮއްކޮމެން ލިބިގެން ވެސް ޒައީމް ފުރަތަމަ ވެސް އަހާނީ އަޑު އިވޭހޭ. ވާހަކަ ދެއްކޭހޭ. ދެން ސުވާލު ކުރާނެ ކީއްވެގެން ހެއްޔޭ ތިމަންނަ އަށް ވާހަކަ ނުދެއްކެނީ." ވަރަށް ދެރަވެެއްޖެ މިތަންކޮޅު ކިޔާފަ. މާތް ﷲ ޒައީމަށް ހެޔޮ ރަހުމަތް ލައްވާށި. އަދި އޭނާގެ ހުވަފެންތައް ފުރިހަމަކުރުމުގެ މަގު ތަނަވަސް ކޮށްދެއްވާށި. އާމީން.
ކައްޕިތާނު
06 April 2023
ޒައީމުގެ ހިއްވަރަށް ހަމަ ސާބަސް.
ޑިމޮކްރަސީ
06 April 2023
މާޝާ ﷲ ވަރަށްހިއްވަރުގަދަ
ވޯލް
06 April 2023
މައުމޫނުގައި މީނަގެ ތައުލީމީ އުމުރު އެނިމި ދިޔައީ. އެހެންވީމާ މައުމޫނަކަށް ވަކި ކުރެވުން މޮޅު ކަމެއް ނެތްތާ. މި ކުއްޖާއަށް އޭރު ސައިންލެންގުއޭޖް ކިޔަވާ ނުދެވުނު ވިޔަށް ދައުލަތައް.
ދގދސެފ×
06 April 2023
ބުރޯ. އެއީ މައުމޫނާބެހޭ ކަމެއް ނޫން. ސައިން ލެންގިއޭޖު ސްކޫލެއްގާ ފުރަތަމަ ކިޔަވައިދޭންފެށީ މައުމޫނުދައުރުގާ. އެހެންވީމާ ޒިންމާނަގާންޖެހޭނީ ނާސިރު.
ރަދީފްއޮފިޝަލް
06 April 2023
ހިތްވަރުކުރާތި ބްރަދާ.ހުރިހާ ހިއްސުތައް ސަލާމަތުން ހުރެ ގައިގަ ވަރުހުރި ބައެއް ފިރިހެނުން އެތިބެނީ މާލޭގެ ފިހާރަތަކުގަ ބޭރުގަ އަތްދިއްކޮށްލައިގެން ސަލާން ޖަހަން.އެހެންވީމަ ބްރޯ ތިޔަ ދައްކާ ނަމޫނާއަށް އަހަރެން ސެލިއުޓްކުރަން.ގޯސް މަގުން ނުގޮސް ތިގޮތުގަ ހުރުން އެއީ އުފާކުރަން ޖެހޭ ކަމެއް.ޒައީމްގެ ހާލަތު ރަނގަޅުވެ އުފާވެރި ދުވަސްތަކެއް މިންވަރުކުރައްވާށި.އާމީން. ވ.ވެދުން
ޑެބީ
06 April 2023
5 އަހަރުވާއިރު ކުދިން ރީތިކޮށް ވާހަކަ ދައްކާނެއެއްނު. 5 އަހަރުގަ ދިމާވި ކަމަކުން ބީރުވިނަމަ ވާހަކަ ދެއްކެންވާނެހެން ހީވަނީ އަޑު ނީވުނަސް. އަޑުގެ ވޮލިއުމް ކޮންޓްރޯލް ކުރަން ނޭނގިދާނެ އަޑު ނީވޭތީ އެކަމު ދަސްވެފަ ހުރިކަމެއް ވީމަ ވާހަކަ ދެއްކެންވާނެހެން ހީވަނީ.
ރަދީފްއޮފިޝަލް
06 April 2023
ޑެބީ ތިޔާއި އޮޓޮލަރިނޮލޮޖިސްޓެއް ތޯ؟؟ އެޕޮއިންޓްމެންޓެއް ލިބޭނެތަ؟؟ ވ.ވެދުން
ވޯލް
06 April 2023
ހަމަ އާޓިކަލްއެއް ފެންނައިރަށް ހިތައް އަރާހާ ކޮންމެޓް އެއް ނުކުރުން ބުއްދިވެރި. އެހެންނެއް ނޫން މަޑިކަލް ދާއިރާއިން ކިޔަވާގެން ހުރި އެ ދާއިރާ އިންގޭ މީހެއް ނަމަ ޔަޤީންކަމާއި އެކު ކޮމެންޓް ކުރިނަމަ އޯކޭ. "ހެން ހީވަނީ' ކިޔާފަ ކޮމެންޓް ކުރާ ކަހަލަ އާޓިކަލްއެއް ނޫން މީކީ އިނގޭތޯ.
ޑެބީ
06 April 2023
ރަދީފްމެނަށް އަދި ޑެބީނޭގެނީ. ކޮންމެ ޓޮޕިކަކަށްވެސް ކޮމެންޓްކުރެވޭނެ.