ކުޅިވަރު / ގޯލްޑަން ފުޓްސަލް މުބާރާތް

ދިއްގަރާއި ގާފަރު އަދި ކުޑަހުވަދު އަށް ޒޯން ޗެމްޕިއަންކަން

ކުޑަހުވަދޫން ތިމަރަފުށި ބަލިކޮށް ޒޯން 5 ގެ ތަށި އުފުލާލަނީ.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން/ އިމޭޖަސް އެމްވީ

މި އަހަރުގެ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ޒޯން 4 ގެ ޗެމްޕިއަންކަން މ. ދިއްގަރު، ޒޯން 3 ގެ ޗެމްޕިއަންކަން ކ. ގާފަރު އަދި ޒޯން 5 ގެ ޗެމްޕިއަންކަން ދ. ކުޑަހުވަދޫން ހޯދައިފި އެވެ.

ޒޯން 4 ގެ ފައިނަލް ގައި ދިއްގަރާއި އދ. މާމިގިލި ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. ދިއްގަރުން ޗެމްޕިއަންކަން ހޯދީ ޕެނަލްޓީ ޝޫޓައުޓް ގައި 5-4 އިން ކުރި ހޯދައިގެންނެވެ. ދެން ކުޅުނު ޒޯން 3 ގެ ޗެމްޕިއަންކަން ގާފަރު ހޯދީ 1-0 އިން އއ. ބޮޑުފޮޅުދޫ ބަލިކޮށްގެންނެވެ. ޒޯން 5 ގެ ޗެމްޕިއަންކަން ކުޑަހުވަދޫ ހޯދީ ފަހަތުން އަރައި 2-1 އިން މުބާރާތުގެ އެންމެ ކާމިޔާބު ތ. ތިމަރަފުށި ބަލިކޮށްފަ އެވެ.

ޒޯން 4 ގެ ފައިނަލުގައި ފުރަތަމަ ލީޑު ނެގީ ވެސް ދިއްގަރުންނެވެ. މެޗުގެ ވަރަށް ކުރީކޮޅު ނޫހު މަސްއޫދު ގެ ލަނޑުން ދިއްގަރު ލީޑު ހޯދިތާ ތިން މިނިޓު ތެރޭ މާމިގިލިން އެއްވަރު ކުރު ރިޒުހާން ކޯނަރުން ފޮނުވާލި ބޯޅަ ދިއްގަރަށް ލީޑު ނަގައިދިން ނޫހު ފައިގައި ޖެހިފައި ވަން ގޯލުންނެވެ.

ޒޯން 4 ގެ ޗެމްޕިއަންކަން ހޯދި ދިއްގަރު ޓީމް.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން/ އިމޭޖަސް އެމްވީ

ޕެނަލްޓީގައި ދިއްފުށީގެ ފުރަތަމަ ޕެނަލްޓީ މުހައްމަދު އަލީ ފޮނުވާލުމުން މާމިގިލީގެ ކީޕަރު އިމްރާން ދިފާއު ކުރި ނަމަވެސް އެޓީމުން ދެން ޖެހި ޕެނަލްޓީތައް ކާމިޔާބު ކުރި އެވެ. ޕެނަލްޓީ ތައް ޖަހައިދިނީ ކެޕްޓަން އަހުމަދު މިދުހަތު މަހުމޫދު، ނޫހު، ހުސެއިން ފާރިޝް، އަލީ މާޖިދު އަދި އަލީ ވިޔާމް އެވެ.

މާމިގިލީ އިން ޕެނަލްޓީތައް ކާމިޔާބު ކުރީ އަހުމަދު ނިޒާމް (ނިޒާމްބެ)، ހިސާމް ސަލީމް (ކޮކީ)، އިސްމާއިލް ސާއިފް އަދި ޓީމުގެ ކެޕްޓަން މުހައްމަދު މައިސާން (މައި) އެވެ. އެޓީމަށް ކާމިޔާބު ނުވީ ހައިޝަމް އާއި ރިޒްކޯ ގެ ޕެނަލްޓީ އެވެ. ހައިޝަމް ޖެހި ޕެނަލްޓީ ދަނޑީގައި ޖެހުނު އިރު ރިޒްކޯ ޖެހި ޕެނަލްޓީ ދިއްގަރުގެ ކީޕަރު ހަސަން މުހައްމަދު ދިފާއު ކުރި އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ އިތުރުން މި ޒޯންގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ދިއްގަރުގެ މުހައްމަދު އަލީ އެވެ. ޒޯން ގެ އެންމެ ގިނަ ގޯލު ޖެހީ މާމިގިލީގެ ކޮކީ އެވެ.

މި ނަތީޖާއާ އެކު ގަދަ 16 ގައި ދިއްގަރު ނުކުންނާނީ ޒޯން 6 ގެ ފައިނަލުން ބަލިވި ލ. ގަން ޓީމާ ދެކޮޅަށެވެ. މާމިގިލި ކުޅޭނީ ޒޯން 6 ގެ ޗެމްޕިއަންކަން ހޯދި ގދ. ވާދޫއާ ދެކޮޅަށެވެ.

ގާފަރުން ޒޯން 3 ގެ ޗެމްޕިއަން ތަށި އުފުލާލަނީ.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން/ އިމޭޖަސް އެމްވީ

ގާފަރުން ޒޯން 3 ގެ ފައިނަލުގައި ޖެހި ހަމައެކަނި ލަނޑު ފުރަތަމަ ހާފުގައި ކާމިޔާބު ކޮށްދިނީ ކެޕްޓަން ސާމިން މުހައްމަދު ނަސީރެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ އިތުރުން ޒޯންގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގާފަރުގެ އަލީ މާއިސް (މައްޓު) އެވެ. ޒޯންގެ އެންމެ ގިނަ ގޯލު ޖެހީ ގާފަރުގެ ނާއިހް މުފީދު (ނާހު) އެވެ.

މުބާރާތުގައި މިހާތަނަށް ބައިކޮޅަށް ގޯލެއް ނުވަދެ ޒޯން ބުރު ނިންމާލަން އަމާޒު ހިފައިގެން ތިމަރަފުށިން މެޗުގައި ލީޑު ނެގީ ވަރަށް ކުރީކޮޅު އިބްރާހިމް ހަމްދާން ޖަހައިދިން ގޯލުންނެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ކުޑަހުވަދޫގެ ހާރޫން އިބްރާހިމް (ހާންޑޫ) ވަނީ ނަތީޖާ އެއްވަރު ކޮށްދީފަ އެވެ. މިއާ އެކު ހާރޫން ވެފައި ވަނީ މި އަހަރުގެ މުބާރާތުގައި ފުރަތަމަ ފަހަރަށް ތިމަރަފުށި ކޮޅަށް ގޯލެއް ޖެހި ކުޅުންތެރިޔާއަށެވެ. ދެވަނަ ހާފުގައި ކުޑަހުވަދޫ މޮޅުވި ލަނޑު ވެސް ޖަހައިދިނީ މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ހާރޫން އެވެ.

މި ޒޯންގެ މޮޅު ކުޅުންތެރިއަކީ ކުޑަހުވަދޫގެ ކެޕްޓަން ޖުމެއިލް ޖަމީލް (ޖުމްބެ) އެވެ. އެންމެ ގިނަ ގޯލު ޖަހާފައި ވަނީ ތިމަރަފުށީގެ ހަމްދާން އެވެ.

ޒޯން 5 ގެ ފައިނަލުގައި ތިމަރަފުށީގެ އަލީ ޝިފާއު (ރޮނާ) ބޯޅަ ހިފައިގެން.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން/ އިމޭޖަސް އެމްވީ

ތިމަރަފުށްޓަށް ޒޯންގެ ޗެމްޕިއަންކަން ގެއްލުމާ އެކު އެޓީމު ގަދަ 16 ގައި ކުޅޭނީ މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ވެސް ވާދަކުރި ގާފަރާ ދެކޮޅަށެވެ. ކުޑަހުވަދޫ ނުކުންނާނީ ޒޯން 1 ގެ ފައިނަލުން ބަލިވި ށ. ކަނޑީތީމާ ދެކޮޅަށެވެ. ގާފަރު އަތުން ޒޯން ފައިނަލުން ބަލިވި ބޮޑުފޮޅުދޫ ކުޅެން ޖެހޭނީ ޒޯން 8 ގެ ޗެމްޕިއަންކަން ހޯދި މާފަންނާ ދެކޮޅަށެވެ.

ރޭގެ މެޗުތައް ކުރިން ރާވަފައި އޮތީ އާދިއްތަ ދުވަހުގެ ރޭ ކުޅޭ ގޮތަށެވެ. ނަމަވެސް ވިއްސާރައިގެ ސަބަބުން މެޗްތައް ފަސްކުރަން ޖެހި، ރޭ މިވަނީ ޒޯން ބުރުގެ ކުޅުނު ނިންމާލައިފަ އެވެ. މުބާރާތުގައި ދެން އޮންނާނީ ޒޯން ފައިނަލް ކުޅުނު ޓީމުތަކުގެ މެދުގައި ކުޅެވޭ ގަދަ 16 ގެ ބުރެވެ. މި ބުރުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައި ވަނީ ބުދަ ދުވަހުގެ ރެއެވެ.

ގަދަ 16 ގެ މެޗުތައް - 8 މާޗު 2023:

20:00 (ރެހެންދި ޓާފް 1) : ހދ. ނައިވާދޫ - ވިލިމާލެ

20:00 (ރެހެންދި ޓާފް 2) : ރ. އިނގުރައިދޫ - ސ. ފޭދޫ

21:00 (ރެހެންދި ޓާފް 1) : މ. ދިއްގަރު - ލ. ގަން

21:00 (ރެހެންދި ޓާފް 2) : ކ. ގާފަރު - ތ. ތިމަރަފުށި

22:00 (ރެހެންދި ޓާފް 1) : މާފަންނު - އއ. ބޮޑުފޮޅުދޫ

22:00 (ރެހެންދި ޓާފް 2) : ގދ. ވާދޫ - އދ. މާމިގިލި

23:00 (ރެހެންދި ޓާފް 1) : ދ. ކުޑަހުވަދޫ - ށ. ކަނޑިތީމު

23:00 (ރެހެންދި ޓާފް 2) : ދަނޑިމަގު (ޏ. ފުވައްމުލައް) - ބ. އޭދަފުށި

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454