މީހުން / ނުކުޅެދުންތެރިކަން ހުންނަ މީހުން

ލޯފަން، އެކަމަކު ރައްޒާގު ހުރީ މުހިންމު ތިން ރޭހަކަށް އަރައި!

ރާއްޖޭގެ ދިދަ އޭނާގެ މޭމަތީގައި ޖަހައިގެން، ށ. ބިލެއްފަހީ އަބްދުއްރައްޒާގު، މޮރޮކޯ އަށް ގޮސް އެހުރީ ފަހުރުވެރި ގައުމީ ޝަރަފަކަށް ޓަކަ އެވެ. ބައިނަލްއަގުވާމީ ފާލަމުގައި ގައުމު ތަމްސީލު ކުރުމަކީ ފަހުރުވެރި ޝަރަފެކެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބާއްވާ އިންޓަނޭޝަނަލް މުބާރާތެއްގައި ދުވަން ފޮނުވީ ލޮލަށް ފެނުމުގެ ނަސީބުން މަހުރޫމްވެފައިވާ އުމުރުން 37 އަހަރުގެ އަބްދުއްރައްޒާގެވެ.

އަހަރެމެންނަށް މިފެންނަ ގޮތަކަށް، އުފަންވިއިރު ވެސް އޭނާގެ ލޮލަކަށް ނުފެނެ އެވެ. އެކަމަކު ގަދަ އަލީގައި އޭނާގެ އެއްލޮލުން ފަނޑުފަނޑުކޮށް ފެނެ އެވެ. އެކި ކުލަތަކުން މި ފެންނަ ދުނިޔެ އޭނާ އަށް ކުލައެއް ނުކުރެވެ އެވެ. އެކަމަކު އުންމީދު ސިފަކޮށް ކުލަ ކުރުމުގައި އޭނާ މާ ބޮޑަށް ވެސް ފަރިތަ އެވެ.

"މި ވަގުތު ބޮޑު ތިން ކަމެއް ހާސިލު ކުރުމުގެ އުންމީދުގައި މިހުރީ،" ސަރުކާރުގެ ކުޅިވަރު ސްޕޮންސާޝިޕް ޕްރޮގްރާމް "އަރުތަ"އިގެ ދަށުން ތަމްރީން ހަދަމުން އަންނަ ރައްޒާގު ބުންޏެވެ.

ފުރަތަމަ ރޭހަކީ މިހާރު އޭނާ ހިތުދަސްކުރަން ފަށާފައިވާ ގުރުއާން އެއްކޮށް ހިތުދަސްކޮށް ނިންމާލުމެވެ. ދެން އޮތީ ކުޅިވަރު ޓްރެކްގައި ހާސިލުކުރަން ބޭނުންވާ ދެ ކަންތަކެވެ. އަންނަ އަހަރު ފްރާންސްގައި ބާއްވާ އޮލިމްޕިކްސްގެ ޕެރަ ކެޓަގަރީން ފުރުސަތު ހޯދުމަކީ ކުޅިވަރު ޓްރެކްގައި އޭނާ ހާސިލުކުރަން ބޭނުންވާ ޝަރަފެކެވެ. ކުޅިވަރުން ރާއްޖެ އަށް މެޑެއްޔެއް ހޯދައިދިނުމަކީ އޭނާގެ އަނެއް ހުވަފެނެވެ.

އެއީ އޭރު ސްކޫލްތަކުގެ ހާލަތު އަހަރެމެން ތިބެނީ ވަރަށް ބޮޑަށް ބާކީ ވެފައި

އަރުތަ ޕްރޮގްރާމްގެ އެތުލީޓެއްގެ ގޮތުގައި އަބްދުއްރައްޒާގް ހަމަޖެއްސުމަށް ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ޔޫތު މިނިސްޓްރީ

"ޓްރޭނިންގައި ކުރިއެރުން އަންނަ ކަމަށް ކޯޗު ބުނާތީ މިހާރު ވަރަށް ބޮޑު ދެ އުންމީދެއް އެއީ. އެކަމަށް ވަރަށް އުންމީދު ކުރެވޭ. އަދި މި ތިން ކަންތަކަށް މަސައްކަތް އެބަ ކުރަން. ގުރުއާން ހިތު ދަސްކުރުމުގެ މަސައްކަތުގައި މިހާރު ވެސް ހަތިމުގެ ބައެއް ފޮއްތައް ދަސްކުރެވިއްޖެ،" އިސްލާމިކް ޔުނިވާސިޓީގެ ހިފުޒު ކުލާހުގެ ދަރިވަރު ބުންޏެވެ.

ސްކޫލް މަރުހަލާގައި ކިޔެވުމުގެ ފުރުސަތެއް ރައްޒާގަކަށް ނުލިބުނެވެ. އެކަމަކު އުންމީދު ހާސިލުކުރަން ހުރަސްތައް ގިރާކޮށް އޭނާ މިހާރު ހުރީ އެމްޕީއެލްގެ ވަޒީފާގަ އެވެ. އޭނާގެ ސްކޫލް އުމުރު ހޭދަ ކުރި ނުކުޅަދޭ ކުދިންނަށް ކިޔެވުމަށް އަހަމިއްޔަތުކަން ދީފައި ނެތް ދުވަސްވަރެކެވެ.

މި ފުރުސަތު ލިބިނީމަ މި އިހްސާސް ކުރެވެނީ ގައުމު ތަމްސީލުކުރަން ދިއުމަކީ ކިހާ ތަފާތު އިހްސާސެއް ކުރެވޭ ކަމެއްކަން

"ރަށު ސްކޫލްގައި އުޅުނީ ގްރޭޑް ފަހަކާ ހަމައަށް. އޭރު މިހާރު މި ތިބޭ ގޮތަށް ސެން ޓީޗަރުންނެއް ނުތިބޭ. އަހަރެމެންނަށް ކިޔަވައިދޭކަށް ނުޅޭ. ނުކުޅެދޭ ދެތިން ކުދިން ރަށުގައި ތިބޭ. އެހެން ކުދިންނާ އެކީގައި އަހަރެމެން ގެންދަނީ. ޓީޗަރަކު ވެސް އަހައެއް ނުލާނެ އެއްޗެއް އެނގޭތޯ ވެސް ނޭނގޭތޯ ވެސް. އެއީ ދެން އޭރު ސްކޫލްތަކުގެ ހާލަތު. އަހަރެމެން ތިބީ ވަރަށް ބޮޑަށް ބާކީވެފައި. ދެން އެހެން ކުދިންނާ އެކު ކުލާހުގައި ބައި ތިއްބާކަން އެކަނި. ސްކޫލްގައި މީހަކު އެއްޗެއް އަހާލަނީކީ ނޫން. ސަމާލުކަން ދެނީކީ ނޫން. ދެން ފަހުން ސްކޫލަށް ދާ ހިތް ނުވެގެން އަމިއްލަ އަށް ހުއްޓާލީ،" ސްކޫލް ދައުރު އޭނާ ކިޔައިދިނެވެ.

މޮރޮކޯގެ ދުވުމުގެ މުބާރަތަށް ރައްޒާގް ފުރުވަން އެއާޕޯޓަށް ދިޔަ އޭނާގެ އާއިލާ މެންބަރުންާއެކު ފޮޓޯ އަކަށް ހުއްޓިލައިގެން

ސްކޫލް އުމުރުގައި އެ ދިމާވި ގޮތުން، ކުރިއަށް ދިއުން އޭނާ ހުއްޓުނުކަމަށް ބައެއް މީހުންނަށް ގަބޫލު ކުރެވިދާނެ އެވެ. އެކަމަކު އާންމު ހޭލުންތެރިކަމާއި ދުނިޔޭގެ ވާނުވާ ފަހުމުކުރުމުގައި ރައްޒާގަށް ދޮރު ބަންދެން ނުވެ އެވެ. ރޭޑިއޯ އާއި ކެސެޓްގެ އެހީގައި އޭނާގެ ސިކުނޑި ހުޅުވެމުން ފުޅާވަމުން ދިޔަ އެވެ.

އަޑު އަހައިގެން ގުރުއާން ހިތު ދަސް ކުރަނީ. ގަޑިއެއް ހާއިރު ތެރޭ އެއް ސޮފްހާ ހަމަ ރަނގަޅަށް ހިތުދަސް ކުރެވޭ

އުންމީދުތައް ކުލަވާން ފެށި ހިސާބު

ކުރިއަށް ދާނެ ގޮތެއް ނޭނގިފައި ހުއްޓައި، ލޯފަން މީހުންގެ ޖަމިއްޔާ ބީވީއައިއެސްއެމުން 2013 ގައި ލޯފަން ކުދިންނަށް ހުޅުވާލި ފުރުސަތުގައި އޭނާ މާލެ އަށް ގެނައީ ކޮމްޕިއުޓަރު ކޯހެއް ހެދުމަށެވެ. ދެން ފެށުނީ މިހާރު އޭނާ ހާސިލުކުރަން ބޭނުންވާ އުންމީދުތައް ކުލަވާން ފެށި މަރުހަލާ އެވެ.

ނުކުޅަދުންތެރިކަން ހުންނަ މީހުންގެ ޖާގައިގައި 2017 ގައި އެމްޕީއެލްގައި ވަޒީފާ އަދާކުރަން ފެށި އެވެ. ޔުނިވަސިޓީއެއްގެ ދޮރުން އެތެރެ އަށް ވަދެވިދާނެ ކަމަށް އޭގެ ކުރިން ހީ ކުރެވިފައި ވެސް ނެތް ރައްޒާގަށް އިސްލާމިކް ޔުނިވަސިޓީގެ ދޮރު ހުޅުވި ގުރުއާން ހިތުދަސް ކުރުމުގެ ފުރުސަތު ފަހިވެގެން ދިޔަ އެވެ.

"އަޑު އަހައިގެން ދަސް ކުރަނީ. ގަޑިއެއް ހާއިރުގެ ތެރޭ އެއް ސޮފްހާ ހަމަ ރަނގަޅަށް ހިތުދަސް ކުރެވޭ،" ބީވީއައިއެމް އާއި އިސްލާމިކް ޔުނިވަސިޓީ ގުޅިގެން ފެށި ޕްރޮގްރާމްގައި ގުރުއާން ހިތުދަސް ކުރަމުން އަންނަ ރައްޒާގު ބުންޏެވެ.

އަރުތަ ޕްރޮގްރާމްގެ ދަށުން ސަރުކާރުގެ ހަރަދުގައި ޓްރޭނިން ހެދުމަށް އަބްދު ރައްޒާގް އަށް ފުރުސަތު ދިނުމުގެ ގޮތުން ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފް (ވ) އާއެކު ރައްޒާގް --- ފޮޓޯ: ޔޫތު މިނިސްޓްރީ

ބީވީއައިއެސްއެމްގެ ވެސް މެންބަރުކަން ކުރަމުން އަންނަ ރައްޒާގު އަތުގައި ހިފައިގެން ޓްރެކަށް ވެއްދީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކުޅިވަރުގައި ހަރަކާތްތެރިވެ އުޅުމަށް ފުރުސަތު ދޭ ޕެރަ ސްޕޯޓްސް ކްލަބުންނެވެ.

އާއިލާ މީހުންނާ ގާތް މީހުން އަހަރެން ފުރުވަން އެއާޕޯޓަށް ގޮސްތިބީމަ އުފަލުން ފެންކަޅިވި. ހިތަށް އެރި ގައުމު އަހަންނާ ދޭތެރޭ އުންމީދުތަކެއް ކުރެޔޭ

އެ ކްލަބްގެ ހެޑް ކޯޗު އަބްދުﷲ މަސްއޫދު ބުނި ގޮތުގައި ރައްޒާގަކީ އުންމީދެއް އޮތް އެތުލީޓެކެވެ. މިދިޔަ އަހަރު ފެށި ޓްރޭނިން ޕްރޮގްރާމްގައި އޭނާ މިހާރު ރަނގަޅު ފެންވަރަކަށް އަތުވެއްޖެ ކަމަށް މަސްއޫދު ބުންޏެވެ.

ޕެރަ ސްޕޯޓްސްގެ ގައުމީ އެސޯސިއޭޝަން، "ޕެރަލިމްޕިކް ކޮމިޓީން" އޭނާ މޮރޮކޯގެ އިވެންޓަށް ފޮނުވަން ނިންމި ހިސާބުން ދެން ކުރެވުނީ ތަފާތު އިހްސާސެއް ކަމަށް ރައްޒާގް ބުންޏެވެ.

"މި ފުރުސަތު ލިބިނީމަ މި އިހްސާސް ކުރެވެނީ ގައުމު ތަމްސީލުކުރަން ދިއުމަކީ ކިހާ ތަފާތު އިހްސާސެއް ކުރެވޭ ކަމެއްކަން،" އަބްދު ރައްޒާގް ބުންޏެވެ.

"އަނެއްކާ ދެން ވީ ގޮތަކީ މާލޭގައި ތިބި އާއިލާ މީހުންނާ ގާތް މީހުން އަހަރެން ފުރުވަން އެއާޕޯޓަށް ގޮސްތިބީމަ އުފަލުން ފެންކަޅިވި. ހިތަށް އެރި ގައުމު އަހަންނާ ދޭތެރޭ ވެސް އުންމީދުތަކެއް ކުރެޔޭ."

އަބްދު ރައްޒާގްގެ އާއިލީ މީހަކު އޭނާ ފުރުވަން އެއާޕޯޓަށް ގޮސް

އޭނާގެ ފަހަތުގައި ތިބި އާއިލާ މެންބަރުންގެ ތެރެއިން ބޮޑު ބޭބެ ހާރޫން އާއި އާއިލީ އެހެން މެންބަރެއް ކަމަށްވާ ނިޝާނާގެ ނަން ހާއްސަ ގޮތެއްގައި އޭނާ ފާހަގަ ކުރެ އެވެ.

"މި ދެ މީހުންގެ ނަން އަހަރެން ބޭނުން ފާހަގަ ކުރަން. އަހަރެން މި ދެ މީހުންގެ ހިއްސާ އާ ނުލައި އަހަންނަށް ކުރިއަކަށް ނުދެވުނީސް،" ރައްޒާގު ފާހަގަ ކުރި އެވެ.

އޭނާ އަށް ކުރިމަތީގައި އޮތީ ތިން ރޭހެކެވެ. ގުރުއާން ހިތުދަސް ކުރުމާއި ޕެރިސް އޮލިމްޕިކްސް އާއި އިންޓަނޭޝަނަލް މެޑެއްޔެއް ހޯދުމުގެ އުންމީދުގެ އެ ރޭސްތަކުގައި ވަރުބަލި ނުވެ ފުރިހަމަ ކުރުމުގެ އުންމީދު ދެމެހެއްޓޭނީ ވަރަށް ހިތްވަރުންނެވެ.

4 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 62%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 38%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވަލީދުު

12 March 2023

މާޝާﷲ، ކާމިޔާބީ އަށް އެދެން

The name is already taken The name is available. Register?

ޒުންދޭ

11 March 2023

ބިލެއްފަހި ގަދަ

The name is already taken The name is available. Register?

ބިލް ލާދިންޓަން

10 March 2023

ސާބަހޭ ރަޒޭ ބްރޯ!

The name is already taken The name is available. Register?

ށޖސބސޖ

10 March 2023

މާޝާﷲ. ހިތްވަރާ އެކު ކުރިއަށް. އިރާދަ ކުރެއްވިއްޔާ ކާމިޔާބަށް ވާސިލް ވެވޭނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454