ކުރީގެ ހަފުލާއެއްގައި ގާސިމް (ކ) އާއި ނައިބު ރައީސް ފައިސަލް: ގާސިމް އާ ބައްދަލު ކުރައްވަން ފައިސަލް މިއަދު ވަނީ ސަން އައިލެންޑަށް ވަޑައިގެންފައި. --- ފައިލް ފޮޓޯ: މިހާރު
10 މާޗް 2023 - 15:37
މި އަހަރުގެ ރިޔާސީ އިންތިހާބާ މެދު ނިންމަވާ ގޮތެއް މިހާތަނަށް އިއުލާން ނުކުރައްވައި ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަރިހަށް، ނައިބު ރައީސް ފައިސަލް ނަސީމް ވެސް މިއަދު ވަޑައިގެންފި އެވެ.
އިންތިހާބާ މެދު ޕާޓީތަކުން ގޮތް ނިންމައި ރިޔާސީ ކެންޑިޑޭޓުން ހޮވައި ބައެއް ޕާޓީތަކުން ކޯލިޝަން ހަދާނެ ބަޔަކު ވެސް ވަނީ ކަނޑައަޅައިފަ އެވެ. ވަކި ގޮތެއް ވިދާޅު ނުވެ ހުންނެވުމުން، ގާސިމްއާ ސިޔާސީ ގިނަ ބޭފުޅުން ބައްދަލުކުރައްވައި ރިޔާސީ އިންތިހާބުގެ މަޝްވަރާތައް އަންނަނީ ކުރަމުންނެވެ.
އެމްޑީޕީގެ އިސް ބޭފުޅުންނާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޕާޓީ، އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން ވެސް ވަނީ ގާސިމްއާ ބައްދަލުކުރައްވައިފަ އެވެ.
ގާސިމްއާ ބައްދަލުކުރައްވަން ސަން އައިލެންޑަށް ފައިސަލް ވެސް މިއަދު ވަޑައިގަތްކަން އެ މަނިކުފާނުގެ އަރިސް ބޭފުޅަކު "މިހާރު" އަށް ކަށަވަރު ކޮށްދެއްވި އެވެ.
ފައިސަލަކީ، ގާސިމްގެ މުވައްޒަފެއްގެ ގޮތުގައި 27 އަހަރު ވަންދެން މަސައްކަތް ކުރެއްވި ގާސިމް ވަރަށް އިތުބާރު ކުރެއްވި ބޭފުޅެކެވެ. އެކަމަކު، ނައިބު ރައީސްކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ދެ ބޭފުޅުންގެ ގުޅުން އޮތީ ހީނަރުވެފަ އެވެ.
ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނަވައި ނައިބު ރައީސްކަމަށް ފައިސަލް ވަޑައިގަތަސް ވެރިކަމުގެ ހަތަރު އަހަރު ނިމުނުއިރު އެ ޕާޓީގެ އެއްވެސް ހަރަކާތެއްގައި އަމަލީ ގޮތުން އެ މަނިކުފާނު ނޫޅުއްވަ އެވެ. އެކަމަކު އެއީ ޖޭޕީ އަދި ގާސިމްއާ އެއްވެސް ހިޔާލުތަފާތުވުމެއް އޮވެގެން ނޫން ކަމަށާއި ސަރުކާރުގެ ވައުދުތައް ފުއްދަން އެހީތެރިވާން އިސްކަން ދެއްވާތީ ކަމަށް ނައިބު ރައީސް ވިދާޅުވެފައިވެ އެވެ.
ޖުމްހޫރީ ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރިއަށްދާން ނިންމާ ގޮތެއް ގާސިމް އިއުލާން ނުކުރެއްވިޔަސް ޖޭޕީން ވާދަ ކުރަން ނުވަތަ ބަޔަކާ ކޯލިޝަން ހަދިޔަސް، އެކަން ނިންމުމުގެ ބާރު ޖޭޕީގެ ކައުންސިލުން ވަނީ ގާސިމަށް ދީފަ އެވެ.
ޕާޓީގެ ތެރޭގައި ހިޔާލު ދެކަފިވެފައިވާ އިރު ކައުންސިލްގެ ބައެއް މެމްބަރުން އެދިވަޑައިގަންނަވަނީ ގާސިމް އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވުމަށެވެ. އަނެއް ބަޔަކު ބާރު އަޅަނީ މި ވެރިކަން ހިންގާ ކޯލިޝަންގައި ދެވަނަ ދައުރަކަށް ދެމިތިބުމަށެވެ.
ރިޔާސީ އިންތިހާބުތައް ކާމިޔާބުކުރުމުގައި އަބަދުވެސް ބޮޑު ހިއްސާއެއް އޮންނަ ޖޭޕީއާ އެކު ކޯލިޝަނެއް ހަދަން އެމްޑީޕީން ވަނީ ހުށަހަޅައިފަ އެވެ. އެ މަޝްވަރާތައް ކުރިއަށް ގެންދަން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަރާތްޕުޅުން މަންދޫބުން ގާސިމްއާ ވަނީ ބައްދަލު ވެސް ކުރައްވައިފަ އެވެ. އަދި ގާސިމް މި ފަހުން ވަނީ ރައީސް އޮފީހުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ވެސް ބައްދަލުކުރައްވައިފަ އެވެ.
އެ ބައްދަލުވުމަށް ފަހު ވެސް ޖޭޕީން ނިންމާނެ ގޮތަކާ ގުޅޭ ގޮތުން މާބޮޑު ތަފްސީލެއް ނޫސްވެރިންނާ ހިއްސާ ނުކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީ ބަލީ
11 March 2023
އެންމެންބައްދަލު ކޮށްގެންވެސް އާބަސް ނުލިބުނީމަ އެންމެފަހު ކުޅި ތިކުޅުނީ.
އަފީފު ދިއްދޫ
11 March 2023
އަޖައިބެކެ މީ ކޯލިސަނާ އެއްކޮޅު ބަރުލަމާނީ އާއި ދެކޮޅު ގަމާރީތަ ނޫނީ ޖާހިލީތަ
ގަތާލާ
11 March 2023
ސޭޓަށް ދޭނެ ވޯޓެއް ނެތް އަަހަރެެމެންގެ. ނޯ ނޯ ނޯ.
ޢިހްސާސް
11 March 2023
އެމްޑީޕީ އަށް ގާސިމު ތާއީދުކޮށް އިބޫ މިފަހަރު 2ވަނަ ދައުރު ކާމިޔާބު ކުރިއްޔާ، ދެން އަންނަ ދައުރުގަ އެމްޑީޕީ އިން ގާސިމަށް ތާއީދު ކޮން ރިޔާސީ އިންތިހަބަށް ގާސިމު ނެރެން ކެރޭނެބާ؟ ނަޝީދަށް މިކަން ބަލައިގަނެވޭނެބާ؟
އިޙްސާސެއްނެތް
11 March 2023
އިޙްސާސްތައް މޮޔަވީމަ ދެން ނުކިޔޭނެ ރަނގަޅު އެއްޗެއް. 5 އަހަރު ފަހުން ކާކުތޯ ޤާސިމް އިބްރާހީމް ވެރިކަމަށް ގެންނަން އުޅޭނީ؟ ޤާސިމަކީ މިހާރު 25 އަހަރުގެ ޒުވާނެއްކަމަށްތޯ އިޙްސާސް ވަނީ؟ މި 5 އަހަރު ޤާސިމް ހަދާނެ އެއްޗެއް ހަދަންވީ، މީ ގާސިމްގެ ފަހަރު. ދެން އެއައްފަހު ޗާންސެއް ނެތް
ނާރެސް
10 March 2023
ނަޝީދުގެ އަވާގަ ޖެހިގެން ޤާސިމް އަނެއްކާވެސް ބޮޑިއެއް ނުބޮއެފިއްޔާ ރަގަޅެވެ. ވެރިކަމުގަ ހުންނަ މީހަކަށް އަބަދުވެސް ގިނައަދަދެއްގެ ވޯޓް ލިބޭނެ. އެންމެންނާ ދެކޮޅަށް މައުމޫނުވެސް ޔާމީނުވެސް އެތައް ވޯތެއް ހޯދި. އިބޫވެސް ހަމައެގޮތަށް ވޯޓް ހޯދާނެ. ވީމާ، ޤާސިމަށް ދެވަނަ ބުރާހަމަށް ދިޔުން ވާނީ ނާދިރުކަމަކަށް. އެތައްބައިވަރު ޚަރަދުތަކެއް ޤާސިމް ކުރާނެކަމެއްނެތް. އިބޫއާއެކު ރަގަޅު ޑީލެއްހަދާލާ ލީގަލީ ބައިންޑުވާގޮތަށް.
ވަރަށްވެދުން
11 March 2023
ނާރެސްގެ ޗިޕެއް ގާސިމް ބޮލަކަށްނުވަދޭ ކޮއްކޯ! މައުމޫނާ ޔާމީނާ އަންނިއާ، އިބޫސޯލިހާ ވަރަށް ތަފާތު. އަނިއާނުލާ އިމްރާނާ ސިޔާމާއެކީ ސޯލިބޭ ކުރާނެކަމެއް ނޯންނާނެ. މީ ގާސިމްގެ ފަހަރު
އާޝާ
10 March 2023
ގާސިމްގެ ވެރިކަމެއްގަ ރިޔާސީ ގަނޑުވަރާ ރައީސް އޮފީސް ހުންނާނީ ސަން އައިލެންޑްގަ ދޯ؟
ރަނގަޅުހަމަ
11 March 2023
ދައުލަތަށް ވަރަށްބޮޑުތަން ޚަރަދު ކުޑަވާނެ. ބޭކާރު ހޭދަ ހުއްޓޭނެ.
ޓިނު
10 March 2023
ގާސިމް ވެރިކަން ހޯދަންވީމަ މާވަހަރަށްވޭ. ނިމުނީމަ ނިމުނީ
ބޮޑުމީހާ
10 March 2023
ފާޓުފުޅާ ކޯލިޝަންގެ ބާނީ ހުއްޓާ އެންމެންގޮސް މި ބައްދަލުކުރަނީ ގާސިމާ. ދެން އިބޫ އެންމެ ރަގަޅުވާނީ އިސްތިއުފާދީފަ ގޭގަ މަޑުކޮށްލިއްޔާ. ކޯލިޝަނެއް ބަލައްހަޓަން ހަދައިގެން ގައުމެއް 114 ބިލިއަނުން ދަރުވާލައިފި
މައިހާހ
10 March 2023
ފައިސަލަށް އެއްޗެއް ހީ ވެއްޖެ މިފަހަރު ގާސލމް މާ ގަދަ ޓީމަކާއި އެކު އުޅޭ ތަން ފެނި ގާސިމް ކާމިޔާބު ކުރާނެހެން ހީވީމަ އެދިމާލަށް ދީލަން ފެށީ
ކޮއިލިޝަން
11 March 2023
ބަލަ އޭނަ ދިޔައީ ސޯލިހުބޭ ފޮނުވައިގެން ކޯލިޝަނަް ހަދަިދޭށޭ ބުނަން.
ގުދުގުދާބެއްޔާ
10 March 2023
ބުއްދި ސަލާމަތުން ހުރި މީހަކު މި ގެބެމުންދާ ސަރުކާރާއި ބައިއަތު ނުހިފާނެ!