މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެކަނި ނަމަވެސް ވާދަކުރައްވާނެ ކަމަށް ވިދާޅުވެ، ކުރިމަތިވާ ފާޑުކިޔުންތަކަށް ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް އަދި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ރައްދު ދެއްވައިފި އެވެ.

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ގާސިމް އިއުލާން ކުރެއްވި ފަހުން، އޭނާ އިސްވެ ކެމްޕެއިނަށް މާ ގިނަ މަސައްކަތްތައް ނުކުރައްވާ ކަމުގެ އަޑުތައް ދާދި ފަހުން ވަނީ ފެތުރިފަ އެވެ. ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި ގާސިމް މަޑުން ހުންނަވަނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި 11 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްދަވާ ގޮތެއް ބެއްލެވުމަށެވެ.

އެ ޝައްކުތަކާ ގުޅިގެން ޖޭޕީގެ ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި ގާސިމް ވިދާޅުވީ، އިންތިހާބުގައި އޭނާ ވާދަނުކުރައްވާނެ ކަމަށް އެއްވެސް ބަޔަކު ގަބޫލު ކޮށްގެން ނުވާނެ ކަމަށެވެ.

"އެކަނި ނަމަވެސް އިންތިހާބަށް ނުކުންނަވާނެ ކަމަށް ވިދާޅުވި. އެކަން ސޯޝަލް މީޑިއާގައި ސާފުކޮށް ހިއްސާ ކޮށްދެއްވަން ކައުންސިލްގެ މެމްބަރުންގެ ގާތުން ގާސިމް އެދިވަޑައިގަތް،" ޖޭޕީގެ ކައުންސިލްގެ އިސް މެމްބަރަކު ވިދާޅުވި އެވެ.

އދ. އަތޮޅުން ޖޭޕީއާ އަލަށް ގުޅުނު ބައެއްގެ ފޯމާ ގާސިމް ހަވާލުވެވަޑައިގަންނަވަނީ.---ފޮޓޯ: ޖޭޕީ
އދ. އަތޮޅުން ޖޭޕީއާ އަލަށް ގުޅުނު ބައެއްގެ ފޯމާ ގާސިމް ހަވާލުވެވަޑައިގަންނަވަނީ.---ފޮޓޯ: ޖޭޕީ

ގާސިމް ގެންދަވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަންގެ އެހީތެރިކަން ހޯއްދެވުމަށް މަސައްކަތް ކުރައްވަމުންނެވެ. ނަޝީދު އަދި އެ މަނިކުފާނުގެ ޓީމުގެ އިސް މެމްބަރުންނާ އެކު ސީދާ ގާސިމް ވެސް ބައްދަލުވުންތައް ބާއްވައިފަ އެވެ. އަދި ދެ ފަރާތުން އެއްބަސްވާ ކަންކަން މިހާރު އަންނަނީ ކަނޑައަޅަމުންނެވެ.

ގާސިމް މިހާރު ވަނީ ރިޔާސީ އިންތިހާބަށް ޖޭޕީ އަށް މެމްބަރުން އިތުރުކުރުމުގެ ކެމްޕެއިނެއް ވެސް ފައްޓަވައިފަ އެވެ. އޭނާގެ ދާއިރާގެ ގިނަ ބަޔަކު އެ ޕާޓީއާ ގުޅެމުން އަންނަ ކަމަށް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ، މާމިލިގިލީ ދާއިރާގައި ހިމެނޭ މާމިގިލީގެ އިތުރުން ފެންފުއްޓަކީ ވެސް ޒަމާނުއްސުރެ ޖޭޕީ އަށާއި އޭނާގެ ސިޔާސީ މަސައްކަތްތަކަށް ވަރަށް ބޮޑު ތާއީދެއް ދޭ ބަޔަކު އުޅޭ ދެ ރަށް ކަމަށެވެ.

"އިއްޔެ ވެސް 72 މެމްބަރުން އަޅުގަނޑުމެންނާ ގުޅިފައިވާ އިރު ފާއިތުވި ދެ ތިން ހަފުތާގައި ވެސް މާމިގިލި ދާއިރާ އިން ވަނީ ޖުމްހޫރީ ޕާޓީއާ އަލަށް 116 މެންބަރުން ގުޅިވަޑައިގެންފަ އެވެ،" ގާސިމް ވިދާޅުވި އެވެ.

އިއްޔެ އާއި މިއަދު ކުރެއްވި ޓުވީޓުގައި ވެސް ގާސިމް އެދިވަޑައިގަތީ މި ފަހަރުގެ ރިޔާސީ އިންތިހާބަށް ގިނަ ބަޔަކު ޖޭޕީއާ ގުޅުމަށެވެ.

"ރާއްޖޭގެ އެކި ކަންކޮޅުތަކުން 18 އަހަރުން މަތީގެ އެކި އުމުރުފުރައިގެ ލޮބުވެތި ރައްޔިތުން އަޅުގަނޑު މި ފަށާފައިވާ #Q2023 ދަތުރުގައި ބައިވެރި ވަޑައިގަތުމަށް ދައުވަތު އަރުވަމެވެ،" ގާސިމް ވިދާޅުވި އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު އަދި ކޯލިޝަން ހަދާފައި ވަނީ މިހާރު ވެސް އެމްޑީޕީގެ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ އާއި އެމްޑީއޭ އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމުން ކޯލިޝަން ހަދާނެ ބަޔަކާ މެދު އަދި ގޮތެއް ނުނިންމަ އެވެ. އެ ޕާޓީގެ ތެރޭގައި އެ މައްސަލާގައި މިހާރު ވަނީ ބައިބައިވުން އުފެދިފަ އެވެ.

މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް މިހާތަނަށް އިއުލާން ކުރައްވާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ގާސިމްގެ އިތުރުން ކުރީގެ ރައީސް ޔާމީނާއި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އަދި އެލްޖީއޭގެ ކުރީގެ ރައީސް ޝުޖާއު ހުސައިނެވެ. އޭގެ ތެރެއިން އުމަރާއި ޝުޖާއު ވާދަކުރައްވާނީ އަމިއްލަ ގޮތުންނެވެ.