އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވަން ވެސް އަދި ނުލައްވަން ވެސް ނުނިންމަވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދެންމެ ވިދާޅުވެއްޖެ އެވެ.
މި ސަރުކާރު ހިންގާ ކޯލިޝަންގެ އެންމެ މުހިންމު އެއް ބައިވެރިޔާ "މިހާރު" އަށް ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ އަސާސީ ގަވައިދު ބައްޓަން ކޮށްފައި އޮތީ އެ ވަގުތެއްގައި ހުންނަވާ ލީޑަރަކު އެ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބަށް ކުރިމަތިލާ ގޮތަށް ކަމަށް ވިޔަސް އެ އުސޫލަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ.
ކުރީގެ ދެ ދައުރެއްގައި ވެސް ރިޔާސީ އިންތިހާބަށް ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ގާސިމް ވިދާޅުވިގޮތުގައި، ދެން އޮންނަ އިންތިހާބަކަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ރިޔާސީ ކެންޑިޑޭޓަކު ނެރެން އެ ޕާޓީން ބޭނުންވަނީ ޕްރައިމަރީއަކުންނެވެ.
"އެކަމަކު އެކަމާ މެދު ގޮތެއް ނިންމާނީ ކައުންސިލުން. ކައުންސިލުން ނިންމާ ގޮތަކަށް އަޅުގަނޑު ތަބާވާނަން. އެއީ އަޅުގަނޑު އެކަނި ނިންމޭނެ ކަމެއް ނޫން. އަޅުގަނޑު ނިންމާ ކަމެއް ނިންމާނީ ކައުންސިލްގެ ލަފައެއް ލިބިގެން،" މާމިގިލި ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެއްބަސްވެފައި އޮންނާނީ އަސާސީ ގަވައިދަށް ބަދަލު ގެންނަން. ޕްރައިމަރީ އަށް ފުރުސަތު ހުޅުވާލައި، ރިޔާސީ އިންތިހާބަށް ކުރިމަތިލާން ބޭނުންވާ ބަޔަކު ތިބި ނަމަ އެ ބަޔަކަށް ފުރުސަތު ދީގެން ކުރިއަށް ގެންދާނީ. އަޅުގަނޑު އަދި [ރިޔާސީ އިންތިހާބަށް] ކުރިމަތިލާކަށް ވެސް ނުލާކަށް ވެސް ނިންމީއެއް ނޫން."
ގާސިމް ވިދާޅުވީ، ޖުމްހޫރީ ޕާޓީ އަދި އޮތީ މި ސަރުކާރު ހިންގާ ކޯލިޝަނާއެކު ކަމަށް ވާތީ، އަންނަ އަހަރުގެ ރިޔާސީ އިންތިހާބާ މެދު އެ ޕާޓީން އެއްޗެއް ބުނަން އަދި މާ އަވަސް ކަމަށެވެ.
"އެކަމަކު ވަގުތާއި ހާލަތަށް ބަލާފައި ކަންކަން ބަދަލު ނުވާނެއެކޭ ނޫން މި ބުނަނީ،" އޭނާ ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އެ މަނިކުފާނު ހުންނެވީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން އެ ތައްޔާރަށް ކަމަށެވެ. އެކަމަކު ވިދާޅުވީ، އެއްވެސް ޕާޓީއަކަށް އެކަނި ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށާއި އެކަން ކުރެވޭނީ ގިނަ ޕާޓީތަކާ އެކު ކޯލިޝަނެއް ހަދައިގެން ކަމަށެވެ.
"އަޅުގަނޑަށް ޔަގީން އެމްޑީޕީ އިސްވެ އޮވެ ކޯލިޝަނަކާ އެކީ ނުކުމެ 2023 އަޅުގަނޑަށް ކާމިޔާބު ކުރެވޭނެ. އެއީ އެމްޑީޕީއަށް އެކަންޏެއް ނުވާނެ،" ރައީސް ވިދާޅުވި އެވެ.