ކުޅިވަރު / މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް: މިދިޔަ އަހަރުގެ އެންމެ މޮޅު އެތުލީޓުންނަކީ އަޒްނީން އާއި ދީމާ

އެންމެ މޮޅު އަންހެން އަދި ފިރިހެން އެތްލީޓުންނަށް ހޮވުނު ފަރާތްތަކާ އެ އެވޯޑަށް ނޮމިނޭޓްވި އެތްލީޓުންނާއެކު ރައީސް އިބްރާހިމް މިހައްމަދު ސޯލިހް އާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ފޮޓޯއަކަށް ހުއްޓިލައިގެން -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

18 މާޗް 2023 - 12:48

5 comments

ޔޫތު މިނިސްޓްރީ އިން ރާއްޖޭގެ ކުޅިވަރުގެ ދާއިރާގައި އުޅޭ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ބާއްވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ ގާލާ ނައިޓްގައި މިދިޔަ އަހަރުގެ އެންމެ މޮޅު އެތުލީޓުންގެ މަގާމު ބޮޑީބިލްޑަރު އަޒްނީން ރަޝާދު އަދި ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ ހޯދައިފި އެވެ.

ކުޅިވަރު އެކުވެނި ސިންތެޓިކް ޓްރެކްގައި ރޭ ބޭއްވި ރަސްމިއްޔާތުގައި އެންމެ މޮޅު ފިރިހެން އެތުލީޓުގެ އެވޯޑް އަޒްނީން ހޯދިއިރު، ދެވަނަ ލިބުނީ ބޮޑީބިލްޑަރު މުހައްމަދު މޫސާ އަށެވެ. އަދި ތިންވަނަ ހޯދީ ބޮޑީބޯޑަރު އަލީ ހުޝްރުވާން އަހުމަދު (ކުޑައައްޔަ) އެވެ. އެންމެ މޮޅު އަންހެން އެތުލީޓްގެ އެވޯޑް ދީމާ އަށް ލިބުނުއިރު، ދެވަނަ ލިބުނީ ޓީޓީ ކުޅުންތެރިޔާ އައިޝަތު ރަފާ ނާޒިމް އަށެވެ. އަދި ތިންވަނަ ހޯދާފައި ވަނީ ޓެނިސް ކުޅުންތެރިޔާ އާރާ އާސާލް އާޒިމް އެވެ.

މިދިޔަ އަހަރުގެ އެންމެ އުންމީދީ ފިރިހެން އެތުލީޓަކަށް ހޮވުނީ ބޮޑީބޯޑަރު އާމިން އުމަރު މޫސާ އެވެ. ފެތުންތެރިޔާ މުހައްމަދު އާން ހުސެއިން އަށް ދެވަނަ ލިބުނުއިރު ތިންވަނަ ލިބުނީ ޓީޓީ ކުޅުންތެރިޔާ މުހައްމަދު ތާބިން ސުޖާއު އަށެވެ. އެންމެ އުންމީދީ އަންހެން އެތުލީޓަކީ މިދިޔަ އަހަރު ވެސް މި މަގާމް ހޯދި ދީމާ އެވެ. ދެވަނަ ލިބުނީ ޓެނިސް ކުޅުންތެރިޔާ އާރާ އާސާލް އާޒިމް އަށެވެ. އަދި ތިންވަނަ ލިބުނީ ފެތުންތެރިޔާ މެރާލް އައިން ލަތީފަށެވެ.

އެންމެ އުންމީދީ ފިރިހެން އެތުލީޓަކަށް ހޮވުނު އާމިން އުމަރު މޫސާ އެވޯޑާ ހަވާލުވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ވަކިވަކި ކުޅިވަރުތަކުން ވަނަތައް ހޯދި އެތުލީޓުންނަށް ބަލާއިރު، އެންމެ މޮޅު ރާޒުވާ ކުޅުންތެރިންނަށް ހޮވުނީ މުހައްމަދު ޝުއާއު އާއި ނިހާޔާ އަހުމަދެވެ. އެންމެ މޮޅު ބިލިއާޑް ކުޅުންތެރިންނަށް މުހައްމަދު ޝަރީފް (ކުޑަޝަރީ) އާއި މިދިޔަ އަހަރު ވެސް އެވޯޑް ހޯދި އާމިނަތު ފާތީ ހޮވުނު އިރު، އެންމެ މޮޅު ކެރަމް ކުޅުންތެރިންނަށް ދޭ އެވޯޑް އާމިނަތު ވިދާދު އަދި އިސްމާއިލް އަޒްމީން ވަނީ ދިފާއުކޮށްފަ އެވެ.

އެންމެ މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިންނަށް ހޮވުނީ، ދެމަފިރިން ކަމަށްވާ އަބްދުﷲ އަމްޒަރު މުހައްމަދާއި އާމިނަތު އިސްރާއު އަބްދުޝުކޫރު (އިއްކޮ) އެވެ. އަމްޒަރު ވަނީ މިދިޔަ އަހަރު ވެސް އެވޯޑް ހާސިލް ކޮށްފަ އެވެ. އެންމެ މޮޅު ނެޓްބޯޅަ ކުޅުންތެރިއަކީ މަރިޔަމް ޝިނާއަތު އެވެ. އެންމެ މޮޅު އަންހެން ފެތުންތެރިއަކަށް އާއިޝަތު ސައުސަން ހޮވުނު އިރު އެންމެ މޮޅު ފިރިހެން ފެތުންތެރިޔާގެ އެވޯޑް ގެންދިޔައީ އާން އެވެ. އެންމެ މޮޅު އަންހެން ރާޅާއެޅުންތެރިއަކަށް މަރިޔަމް ރާހިލް ނަސީމް (އާޔާ) ހޮވުނުއިރު އެންމެ މޮޅު ފިރިހެން ރާޅާއެޅުންތެރިއަކީ އަހުމަދު އާގިލް (އަންމަޑޭ) އެވެ. އަދި އެންމެ މޮޅު ބޮޑީބޯޑިން އެތުލީޓަކީ ކުޑައައްޔަ އެވެ.

އެންމެ މޮޅު ޓެނިސް ކުޅުންތެރިއަކަށް ހޮވުނު އާރާ އާސާލް އާޒިމްއަށް އާސެނަލްގެ ކުރީގެ ފޯވާޑް ންވަކްވޯ ކާނޫ އެވޯޑު ހަވާލުކޮއްދެނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޓެނިހުން އެއްވަނަ ހޯދީ އާރާގެ އިތުރުން މިދިޔަ އަހަރު ވެސް އެވޯޑް ހާސިލް ކުރި އަބްދުﷲ ފާއިހް ފަޒީލް (ފާއީ) އެވެ. އަދި ޓީޓީ ގެ އެންމެ މޮޅު އެތުލީޓުންނަށް ހޮވުނީ މޫސާ މުންސިފް އަހުމަދާއި ދީމާ އެވެ. އެންމެ މޮޅު ބެޓްމިންޓަން އެތުލީޓުންނަކީ ނިބާލް އަހުމަދާއި މިދިޔަ އަހަރު ވެސް އެވޯޑް ހާސިލްކުރި ފާތިމަތު ނަބާހާ އަބްދުއްރައްޒާގެވެ. އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާގެ އެވޯޑް އާދަމް ނާސިފް އުމަރު (އާދަޅޭ) ދިފާއު ކުރިއިރު އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިނަނަކީ އާއިޝަތު މާޖިދާ އާއި އަލީ ހުޒާމް އެވެ. އަދި އެންމެ މޮޅު ހޭންޑްބޯޅަ ކުޅުންތެރިންނަކީ ޒުލެއިހާ އިބްރާހިމް އާއި މިދިޔަ އަހަރު ވެސް އެވޯޑް ހޯދި މުހައްމަދު ފިރުނާސް އަބްދުﷲ އެވެ.

އެތުލެޓިކްސް ގައި އެންމެ މޮޅު އަންހެން އެތުލީޓްގެ އެވޯޑް އާމިނަތު ޖާއިޝާ ޖުނީޒް ހޯދިއިރު، ފިރިހެން އެތުލީޓަކީ މިދިޔަ އަހަރުގެ އެންމެ މޮޅު އެތުލީޓަކަށް ވެސް ހޮވުނު ހަސަން ސާއިދެވެ. އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހަމްޒާ މުހައްމަދު (ހަމްޕު) ދިފާއު ކުރިއިރު ބޮޑީބިލްޑަރުގެ އެވޯޑް ހާސިލް ކުރީ އަހަރުގެ އެންމެ މޮޅު އެތުލީޓް އަޒްނީން އެވެ.

ޑރ. އަބްދުﷲ ރާފިއު، ސްޕޯޓްސް މެޑިކް އެވޯޑް ދިފާއު ކޮށްފައި ވާއިރު، އެންމެ މޮޅު ޓެކްނިކަލް އޮފިޝަލްގެ އެވޯޑް ހޯދީ އައިޝަތު އަހުމިއްޔާ އާއި އަހުމަދު ނަޝީދު (ތުއްތުކޯ) އެވެ. އަދި އެންމެ މޮޅު ކޯޗުންނަށް ހޮވުނީ ނެޓްބޯޅަ ގައުމީ ކޯޗު ނީޝާ ހަލީމް އާއި ބޮޑީބިލްޑިން ކޯޗު އަބްދުﷲ ހަސީބް ހުސެއިން އެވެ. ނީޝާ ވަނީ މިދިޔަ އަހަރު ވެސް އެންމެ މޮޅު ކޯޗުގެ އެވޯޑް ހޯދައިފަ އެވެ.

އެންމެ މޮޅު ކުޅިވަރު އެސޯސިއޭޝަނަކަށް ހޮވުނީ ބެޑްމިންޓަން އެސޯސިއޭޝަނެވެ. އެންމެ މޮޅު ސްޕޯޓްސް އޮންލައިން މީޑިއާގެ އެވޯޑް "އަދަދު" އިން ހޯދި އިރު އެންމެ މޮޅު ބްރޯޑްކާސްޓިން މީޑިއާގެ އެވޯޑް ހޯދީ "ރާއްޖެ ޓީވީ" އެވެ. އެންމެ މޮޅު ކުޅިވަރު ނޫސްވެރިއަކަށް އަދަދު ގެ އައްޒާމް އަލިފުޅު ހޮވުނުއިރު އެންމެ މޮޅު ފޮޓޯގްރާފަރަކީ އަދަދުގެ މުހައްމަދު ޝާބިން އިލްހާމް ރަޝީދެވެ.

މިއީ މިދިޔަ އަހަރު ދޭން ފެށި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ބޭއްވި ދެވަނަ ފަހަރެވެ. ރޭގެ ހަފްލާގައި، "ލައިފްޓައިމް އެޗީވްމަންޓް އެވޯޑް" ފަސް ފަރާތަކަށް ދީފައި ވާއިރު "ރެކޮގްނީޝަން އެވޯޑް" ވަނީ 16 ފަރާތަކަށް ދީފަ އެވެ. އަދި މި އިވެންޓަށް ދައުވަތު ދީގެން ބައިވެރިވި ކުޅިވަރުގެ ލެޖެންޑުންނަށް "އައިކަން އެވޯޑް" ދިނުމުގެ އިތުރުން މިދިޔަ އަހަރު ރާއްޖެއަށް ބައިނަލްއަގުވާމީ މުބާރާތްތަކުން ރަން ވަނަތައް ހޯދައިދިން އެތުލީޓުންނަށް ފައިސާގެ އިނާމް ދިނުން ވެސް އޮތެވެ.

5 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

‫ފެއަރލީ ފިކްސްޑް

19 March 2023

‫މީހަކު އަޅުގަނޑު ގާތުގައި ސްޕޯރޓްސް އެވޯރޑް އެއީ ފެއަރ ނުވަތަ ފިކްސްޑް އެވޯރޑެއްތޯ އަހައިފިނަމަ ޖަވާބުދޭނީ ފެއަރލީ ފިކްސްޑް ކަމަށް. ބައެއްކުޅުންތެރިންގެ މައިންބަފައިންނަމާއި ތިމާގެ ގާތްތިމާގެ މީހުން ލައިގެން ތިކުރާ ކަންތައް ބަލައެއް ނުގަނޭ.

The name is already taken The name is available. Register?

@ފެއަރލީ

19 March 2023

ފެނޭތަ ހީވޭތަ ކަމެއްހެން

The name is already taken The name is available. Register?

ކ‫ޯބީބިރިޔާނީ ފުރޮމް ލޭކާސް

18 March 2023

ތ‫ިޔަ އެވާރޑު ދީފަ އޮތީ މަހުލޫފަށް އެންމެ ރަނގަަޅުހެން ހީވާ ބަޔަކަށް

The name is already taken The name is available. Register?

ބުރުގާ

18 March 2023

ތި ސްޕޯޓްސް އެވޯޑްސް ގައި ކަންތައްތައް ހިނގައިދިޔަގޮތުން އާމުން ރުޅިއައިސްގެން މަހުލޫފާދިމާލައް ސޯސަލް މީޑީޔާގަ ވަރައް ބަވާއެބަ.

The name is already taken The name is available. Register?

ޚާޅޮ

18 March 2023

އަހަރެންނަށް ކުރިން ނޭގުނު ވަރަށް ގިނަ ކަންތަށް މިހާރު މިފަހަކުން އިނގިއްޖެ. މަހޭ ވެސް މީ ކޮރަޕްޓް މީހެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454