އީރާންގެ ވެއްޓިފައިވާ އިމާރާތް. --ފޮޓޯ ރޮއިޓާސް
22 ޖެނުއަރީ 2017 - 07:40
އީރާންގެ ވެއްޓިފައިވާ އިމާރާތުގެ ދަށުން، ދިރިހުރި އިތުރު މީހަކު ފެންނާނެ ކަމުގެ އުންމީދެއް ނެތް ކަމަށް، މީހުން ހޯދުމުގެ މަސައްކަތް ކުރާ ޓީމުތަކުން ބުނެފި އެވެ.
އަލިފާން ރޯވުމުން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އިމާރާތް ވެއްޓުމުގެ ސަބަބުން ގިނަ ބަޔަކު ވަނީ މަރުވެފަ އެވެ. ވެއްޓިފައިވާ އިމާރާތުގެ ދަށުން އިތުރު މީހުން ފެނޭތޯ ބަލަމުން ދަނިކޮށް އިއްޔެ ވަނީ ތިން މީހެއްގެ ހަށިގަނޑު ފެނިފަ އެވެ.
ވެރިރަށް ތެހެރާންގައި ހުރި މި އިމާރާތުގެ ދަށުވި މީހަކު ވަނީ ފޯނުން ގުޅައި އޭނާ ސަލާމަތް ކޮށްދިނުމަށް އެދިފަ އެވެ. ނަމަވެސް އިމާރާތުގެ ދަށުން ކޮނެގެން ކުރި މަސައްކަތުން ވެސް މިހާތަނަށް އޭނާ ނުފެންނަ ކަމަށް، އަލިފާން ނިއްވާ މީހުން ބުނެ އެވެ.
އިމާރާތުގެ ދަށުވި މީހުންގެ އަދަދު 25 އަށް އަރާ ކަމަށް އިރާން ސަރުކާރުން ބުނެ އެވެ. އޭގެ ތެރޭގައި އެ އިމާރާތުގައި ރޯވި އަލިފާންގަނޑު ނިއްވައިލުމުގެ މަސައްކަތް ކުރަމުން ދިޔަ މީހުން ވެސް ހިމެނެ އެވެ. ސަތާރަ ބުރިއަށް ހުރި މި އިމާރާތުގައި ރޯވި އަލިފާންގަނޑު ނިއްވައިލުމުގެ މަސައްކަތް ކުރަނިކޮށް ވެއްޓުނު އިމާރާތުގެ ދަށުގައި، އަލިފާން ނިއްވާ 20 މީހުން ތާށިވެފައިވާ ކަމަށް ސަރުކާރުން ބުނެ އެވެ.
އަލިފާން ރޯވެ ވެއްޓުނު އިމާރާތަކީ އެ ތަނުގެ ސަލާމަތީ ކަންތަކާއި އިމާރާތުގެ އޮނިގަނޑުގެ ބަލިކަށިކަމާ މެދު ގިނަ ޝަކުވާތަކެއް ހުށަހެޅިފައިވާ އިމާރާތެކެވެ. އަދި އެކަން ރަނގަޅު ކުރުމަށް އިމާރާތުގެ ވެރި ފަރާތަށް ތަކުރާރުކޮށް އެންގުމުން ވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް ތެހެރާންގެ މޭޔަރު މުހައްމަދު ބާގިރް ވިދާޅުވި އެވެ.
ސަރުކާރުގެ އިދާރާތަކުން ބުނާ ގޮތުގައި މި ހާދިސާގެ ސަބަބުން 500 މިލިއަން ޑޮލަރުގެ ގެއްލުން ލިބޭނެ އެވެ. އަދި އިމާރާތުގެ ސަލާމަތީ ކަންތައް އެކަށީގެންވާ މިންގަނޑަށް ނުފެތޭތީ، އެ އިމާރާތުގައި ހުރި ގިނަ ފިހާރަތަކާއި ވިޔަފާރިތައް ހުރީ އިންޝުއާ ވެސް ނުކުރެވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy