މިދިޔަ އަހަރު އަމަލުކުރަން ފެށި މަދަނީ އިޖްރައާތުގެ ގާނޫނާއެކު، ޝަރީއަތުގެ މަރުހަލާ ކުރިއަށް ގެންދަން އުނދަގޫވެ، ހުކުމް ތަންފީޒުކުރުން އޮތީ ކުރިއަށް ނުގެންދެވޭ ހިސާބުގައި. އޮޅުންބޮޅުންތަކާ ހެދި އެކިފަހަރު އަމަލު ކުރަނީ އެކިގޮތަށް.
ސިވިލް ކޯޓުގައި ހިންގާ ޖަސްޓިސް ބިލްޑިން: މަދަނީ އިޖްރައާތުގެ ގާނޫނާ އެކު މަދަނީ މައްސަލަތަކުގެ މަރުހަލާތައް އުނދަގޫވެ، މައްސަލަތައް ނުނިމި ދަނީ ފުނިޖެހެމުން --- ފޮޓޯ/މިހާރު
22 މާޗް 2023 - 07:52
އަހަރުތަކެއް ކުރިން އެންމެ އަވަހަށް މައްސަލަ ނިންމި ސިވިލް ކޯޓު މިހާރު އޮތީ އެއް އަހަރު ވަންދެން ބަންދު ދުވަސްތަކުގައި މަސައްކަތް ކުރިޔަސް މައްސަލަތައް ނުނިންމޭ ހިސާބަށް ގޮސް، އެތައް އަހަރެއް ފަހަތަށް ވެއްޓިފަ އެވެ. ކޮންމެ ފަނޑިޔާރެއްގެ އަތުގައި މިހާރު 300 އަށް ވުރެ ގިނަ މައްސަލަ އެބައޮތެވެ.
މިދިޔަ އަހަރު އަމަލުކުރަން ފެށި މަދަނީ އިޖްރައާތުގެ ގާނޫނަކީ މުޅި މަދަނީ އަދުލުގެ ނިޒާމު އެކީއެކަށް ބަދަލުކޮށްލި ބިޔަ ގާނޫނެކެވެ. މައްސަލަ ހުށަހަޅާ ފޯމު ފަދަ އާދައިގެ ކަންކަން ވެސް ބަދަލުވި އެވެ. އެއް އުސޫލަކުން އަމަލުކުރާނެ އިޖްރައާތެއް އެ ގާނޫނުން ތައާރަފް ކުރިޔަސް، ނިޒާމު ގާތްގަނޑަކަށް ހުއްޓިއްޖެ އެވެ.
އެންމެ ބޮޑު ހުއްޓުމެއް އައީ ކުރިން އެންމެ ބާރަށް ކުރިއަށް ގެންދިޔަ ތަންފީޒު މަރުހަލާ އެވެ. ކުރިން ހުކުމް ތަންފީޒު މަރުހަލާގައި ޕާސްޕޯޓް ހިފެހެއްޓުމާއި ހުކުމަށް އަމަލު ނުކުރާނަމަ ޖޫރިމަނާ އާއި ގޭ ބަންދުކުރުން ފަދަ ފިޔަވަޅުތައް އެޅުނަސް، އާ ގާނޫނު އޮތްގޮތުން މިހާރު ކުރެވޭ ހަމައެކަނި ކަމަކީ މުދާ ހިފެހެއްޓުމެވެ.
"މި ތިބެނީ ހުކުމް ތަންފީޒު ނުކުރެވި"
މަދަނީ މައްސަލަތަކުގައި ވަކާލާތު ކުރައްވާ ވަކީލު ވިދާޅުވި ގޮތުގައި މުދަލާއި ފައިސާތަކަކީ ކޮބައިކަން ހޯދައިގެން ހުކުމް ތަންފީޒު ކުރެވޭނެ ފަދަ ނިޒާމެއް ކޯޓުތަކުގައި ނެތެވެ. އެކަމާ ހެދި އެތައް ހުކުމެއް ތަންފީޒު ނުވެ އަދި އެތައް ބަޔަކަށް ލިބެންޖެހޭ ފައިސާތައް ނުލިބި އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
"ގާނޫނުގައި އޮންނަނީ ފައިސާ ދައްކަންޖެހޭ މީހާ ބަހައްޓާފައި އޭނާގެ މުދާ ފަހަތުން ދާން. އެ މީހާގެ މުދަލަކީ ކޮބައިތޯ ކޯޓުން ބަލަން ޖެހޭނެ ކަމަށް ގާނޫނުގައި އޮންނަނީ. އެކަން ބަލާށޭ ކިޔާފައި އަޅުގަނޑުމެން ކޯޓަށް ދިޔައިމަ ކޯޓުން ބުނަނީ ތި ހުރިހާ ކަމެއް ކުރާނެ މުވައްޒަފުންނެއް ނެތޭ." އޭނާ ވިދާޅުވި އެވެ.
"ކްލަޔަންޓުންނަށް މިކަންކަމެއް ނޭނގޭ. އެ މީހުން ބުނާނީ ކީއްވެގެންހޭ ހުކުމް ތަންފީޒު ނުވާންވީ. އެކަމަކު އަޅުގަނޑުމެންނަށް އިނގޭ ގާނޫނުގައި މިހެން އޮތަސް، ވަސީލަތްތަކެއް ކޯޓުތަކުގައި ނެތިއްޔާ މިކަމެއް ނުކުރެވޭނެކަން." ނަން ނުޖަހަން އެދި ވާހަކަ ދެއްކެވި އެ ވަކީލު ވިދާޅުވި އެވެ.
ސިވިލް ކޯޓު --- ފޮޓޯ/މިހާރު
އެހެންވެ، އޭނާ ވިދާޅުވި ގޮތުގައި ދަރަނިވެރިން ވެސް މިހާރު ފައިސާ ގެންގުޅެނީ ކޯޓަށް އަތުނުލެވޭނެ ގޮތަށެވެ.
"ދަރަނިވެރިޔާގެ އެކައުންޓަކު ފައިސާއެއް ނުހުރޭ. އެކަމަކު މާލޭގައި އުޅެނީ ކުއްޔަށް. އޭނާ ބުނަނީ ފައިސާއެއް ނުވަތަ މުދަލެއް ނެތޭ. ކިހިނެތްތޯ ގަބޫލު ކުރާނީ އެއްވެސް ފައިސާއެއް ނެތް މީހަކު މާލޭގައި ކުއްޔަށް އުޅޭނެ ކަމަކަށް. ދެން މި ތިބެނީ ހުކުމް ތަންފީޒު ނުކުރެވި." އޭނާ ވިދާޅުވި އެވެ.
ގާނޫނަށް އަމަލުކުރަން ފެށުމުން، ކުރިން ސިވިލް ކޯޓުގައި އޮތް ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާ އޮތްއިރު ގިނަ މައްސަލަތަކުގައި ޝަރީއަތް ކުރަން ނުޖެހި ދެ ފަރާތް ކޯޓުގައި ވަކި ގޮތަކަށް އެއްބަސްވުމުން ގިނަ ވަގުތުތަކެއް ސަލާމަތްވެ، މައްސަލަ ނިންމާ ސްޕީޑް ވަރަށް ބޮޑަށް އަވަސްވި އެވެ.
އެހެން ނަމަވެސް ގާނޫނަށް އަމަލުކުރަން ފެށުމުން ކުރިން އެންމެ ދުވަހަކުން ނިންމާލެވޭ މައްސަލަތައް އެތައް މަހަކަށް ދެމިގެން ހިނގައްޖެ އެވެ. މިސާލަކަށް ކްރެޑިޓް ކާޑަށް ފައިސާ ނުދެއްކުން ފަދަ ކުދި މައްސަލަތައް ވެސް، ހުރިހާ ކަމެއް ލިޔެކިޔުމުން ކުރަން ޖެހޭތީ މިހާރު މަހަކަށް ވުރެ ގިނަ ދުވަސް ނަގަ އެވެ.
"ދައުވާލިބޭ މީހާ ފައިސާ ދައްކަން އެއްބަސްވާ ކަމަށް ބުނެ ފޯމް ހުށަހެޅީމަ ފައިސާ ދައްކަންވީ މުއްދަތަށް ދައުވާކުރާ ފަރާތުން އެއްބަހެއް ނުވޭ. ދެން ދައުވާކުރާ މީހާ އަނެއްކާ ހުށަހަޅަންވީ ފޯމަކުން އޭނާ ބޭނުންވާ ގޮތް. އަނެއްކާ އެ ގޮތް ނުވެދާނެ ދައުވާލިބޭ މީހާ ބޭނުންވާ ގޮތަކަށް. މިއީ ކުރިން ދެ ފަރާތުން އެއް ހާޒިރެއްގައި ތިބެގެން އަވަހަށް ހައްލެއް ހޯދޭ ކަންކަން." މިކަމުގެ މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވި އެވެ.
"ކުރީގައި ލިޔަން ކިޔަން އެނގޭ މީހަކަށް ވިއްޔާ ދައުވާ ފޯމެއް ފުރާލެވޭނެ. މިހާރު އާންމު މީހަކަށް ނޭނގޭނެ ކޮން ކަމަކަށް ކޮން ފޯމެއްކަން ފުރަން ޖެހެނީކީއެއް."
ޖަވާބުދާރީވާން ދައުވާލިބޭ މީހާއަށް ކޯޓުން އަންގާއިރު ގިނަ އަދަދެއްގެ ލިޔުންތައް ގާނޫނު އޮތްގޮތުން ހަވާލު ކުރަންޖެހެ އެވެ. އޮންލައިންކޮށް ލިޔުން ހަވާލު ކުރުމުގެ ފުރުސަތު އޮތަސް، ގިނަ މީހުން އެއްބާރުލުން ނުދޭތީ ގިނަ މައްސަލަތަކުގައި ޖެހެނީ ކޯޓަށް ހާޒިރުކޮށްގެން ފޯމްތައް ހަވާލު ކުރާށެވެ.
ލިޔުންތައް ހަވާލު ނުކުރެވޭހޭ ހިނދަކު މައްސަލަ ކުރިއަށް ގެންދެވޭކަށް ނޯވެ އެވެ. އެތައް މައްސަލައެއް މިކަމާ ހެދި ވެސް ކުރިއަށް ނުގޮސް މަޑުޖެހިފައި އެބަހުއްޓެވެ. އިންސާފު ހޯދަން ކޯޓަށް ދާ މީހުންނާއި އެ މީހުންގެ ވަކީލުން މައްސަލަ ލަސްވެގެން ކިތަންމެ ޝަކުވާއެއް ކުރިޔަސް، އެ ނޫން ގޮތެއް މިވަގުތު ނެތެވެ.
"ކޯޓަށް ދިޔައިމަ ލިބޭ ޖަވާބަކީ އަދިވެސް ދައުވާލިބޭ މީހާއާ ފޯމްތައް ހަވާލެއް ނުކުރެވެއޭ. ހަވާލު ކުރެވޭނެ ދުވަހެއް ވެސް ނޭނގޭއޭ. ދެން މި މަރުހަލާ ނިމި އަޑުއެހުމާ ހިސާބަށް ދެވޭނެ އިރެއް ނޭނގޭ." އޭނާ ވިދާޅުވި އެވެ.
މަދަނީ އިޖްރައާތުގެ ގާނޫނުގެ ދަށުން 180 އަށް ވުރެ ގިނަ ކޯޓުން ވަކިވަކިން ގަވާއިދު ހަދަން ޖެހުމުން އެއްވެސް އުސޫލެއް އަދި ހަމައެއް ނެތެވެ. ގަވާއިދުގެ ދަށުން ކޯޓުތަކުން ހެދި ފޯމްތަކުގައި އެތައް މައްސަލަ އެކެވެ. ބައެއް ކޯޓުތަކުން އަދިވެސް ގަވާއިދު ނުހަދަ އެވެ.
"ނިޒާމު ހުއްޓިފައި މި އޮތީ. ގާތްގަނޑަކަށް ޑެޑްލޮކެއްގައި އޮތީ."
ހުށަހަޅަން ޖެހެނީ ކޮން ފޯމެއްކަން ގިނަ ފަހަރު ވަކީލުންނަށް ވެސް އޮންނަނީ އޮޅިފަ އެވެ.
ޝަރީއަތް ހިންގާ މާލަމެއް --- ފޮޓޯ/މިހާރު
"ކުރީގައި ލިޔަން ކިޔަން އެނގޭ މީހަކަށް ވިއްޔާ ދައުވާ ފޯމެއް ފުރާލެވޭނެ. މިހާރު އާންމު މީހަކަށް ނޭނގޭނެ ކޮން ކަމަކަށް ކޮން ފޯމެއްކަން ފުރަން ޖެހެނީކީއެއް. ގިނަ ރަށްރަށުގައި ވަކީލުން ނުތިބޭތީ އާންމު މީހުން އެބަދޭ ކޯޓަށް ދައުވާ ފޯމް ފުރައިދޭށޭ ކިޔާފައި." ކުރިން ވާހަކަ ދެއްކެވި ވަކީލު ވިދާޅުވި އެވެ.
ދައުވާލިބޭ މީހާ ޖަވާބު ފޯމް ހުށަނާޅައިފިނަމަ ގާނޫނު އޮތްގޮތުން ޣައިރު ހާޒިރުގައި މައްސަލަ ނިންމުމުގެ ފުރުސަތު މިހާރު އޮވެ އެވެ. އެކަމަކު ކުރީގެ ނިޒާމާ މުޅިން ތަފާތު މި އުސޫލަކަށް ގިނަ މީހުންގެ ހޭލުންތެރިކަމެއް ނެތެވެ. ނަތީޖާއަކީ ޖަވާބުދާރީވުމުގެ މުއްދަތު ހަމަވެގެން ޣައިރު ހާޒިރުގައި ހުކުމެއް އައުމެވެ.
އެ ވަކީލު ވިދާޅުވި ގޮތުގައި މަދަނީ އިޖްރައާތުގެ ގާނޫނުގައި ރަނގަޅު ކަންތައްތަކެއް ހުއްޓަސް، މުޅި ގާނޫނަކީ އަވަސް އަރުވާލައިގެން ހެދި ގާނޫނެކެވެ. އިބާރާތް ކުރުމުގައި ވެސް، ދެ މާނަ ނެގޭ ގޮތަށް އަދި މަފްހޫމް ސާފުނުވާ އެތައް ކަމެއް ހުރުމުން ކޯޓުތަކުން ވެސް އަމަލު ކުރަނީ އެކިގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ސިވިލް ކޯޓުގެ އެކި ސެކްޝަންތަކުން ވެސް އަމަލު ކުރަނީ އެކިގޮތަށް." އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަދަނީ އިޖްރައާތުގެ ގާނޫނު ފާސްކުރީ ފެށި ހެދީ އެކަށީގެންވާ މިންވަރަށް ހިޔާލު ހޯދުމެއް ނެތި އެވެ. އޭގެ ސަބަބުން ގާނޫނުގެ ބޮޑު ބައި އޮތީ ރާއްޖޭގެ ނިޒާމާ އެކަށީގެންވާ ގޮތަކަށް ނޫން ކަމަށާއި އޭގެ ސަބަބުން މުޅި ނިޒާމު ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މަދަނީ އަދުލުގެ ނިޒާމު ހުއްޓިފައި މިއޮތީ. ގާތްގަނޑަކަށް ޑެޑްލޮކެއްގައި މި އޮތީ." އޭނާ ވިދާޅުވި އެވެ.
އެހެން ނަމަވެސް މިކަމުގައި ހިޔާލު ތަފާތުވާ އެހެން ބައެއް ވަކީލުން ވިދާޅުވި ގޮތުގައި ގާނޫނުގައި މާ ބޮޑު މައްސަލައެއް ނެތެވެ. އަސްލު މައްސަލައަކީ ކޯޓުތަކާއި ވަކީލުން އެކަމަށް ރަނގަޅަށް ތައްޔާރު ނުވެވެނީސް އަމަލުކުރަން ފެށުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ސިވިލް ކޯޓުގެ ބައެއް ސެކްޝަންތަކުން އެބަ ގަބޫލުކުރޭ ޣައިރު ހާޒިރުގައި ހުކުމް ކުރުމަކީ ބޭ އިންސާފު ކަމެކޭ. އެކަމަކު ގާނޫނުގައި އޮތްގޮތް އެއީ ޖަވާބުދާރީ ނުވެ މުއްދަތު ހަމަވީމަ ޣައިރު ހާޒިރުގައި ނިންމޭނެކަން. ހޭލުންތެރިނުވުން އެއީ އަސްލު މައްސަލައަކީ." އެ ވަކީލު ވިދާޅުވި އެވެ.
ރައްޔިތުންގެ މުދަލާއި ފައިސާ އާއި ވިޔަފާރީގެ ބޮޑެތި މަސްލަހަތު ހިމެނޭ އެތައް މައްސަލައެއް ބަލަމުންދާ މަދަނީ އަދުލުގެ ނިޒާމަށް އާ ގާނޫނުގެ ސަބަބުން ކުރިމަތިވެފައިވާ ހުރަސްތަކަށް ވަރަށް ބޮޑެވެ. އެތައް ބަޔަކަށް އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބުމުގެ ކުރިން މިކަމަށް އަވަސް ހައްލެއް ހޯދަން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފްރާސިޔާބު
22 March 2023
ތިޔަ ބުނި ގާނޫނަކީ ތާކުންތާކު ޖެހޭ އެއްޗެއްނޫން. ކޯޓު ހުކުމަކާ ދެކޮޅު ހަދައި ހުރުމަށް ތައްމިނަށް ފުރުޞަތު ހުޅުވާފައި އޮތް އެއްޗެއް. މާލޭގައި 35000ރުފިޔާއަށް އެޕާޓްމަންޓް ކުއްޔަށް ނަގައި އުޅޭއިރު ފައިސާއެއް ނުލިބޭ ކަމަށް ބުނަނީ. ޕްރައިވެޓް ކާރުގައި އުޅޭއިރު އެއީ އޭނާގެ އެއްޗަކަށްނުވޭ. މަހަށް ދުއްވާ ދޯންޏެއް އޮންނައިރު އޭނާގެ އެއްޗެއްނޫން. ޓްރާންސްޕޯޓުގައި ރަޖިސްޓަރީ ނުކުރާ އުޅަނދު ފަހަރު ކުއްޔަށްދޭ. އެކަމަކު އޭނާގެއެއްޗެއްނޫން. މީ އަރަތެއްނޫންތަ؟
ޑެކޮޅު
23 March 2023
ބަލަ ކޯޓުގެ ޙުކުމަކާ ދެކޮޅު ހެދީމަ، ކޯޓުތަކުގެ ހުރުމަތް ކެނޑުމުގެ ފިޔަވަޅު އަޅަން ފަނޑިޔާރުން ބިރުގަތުމަކީ ނޫނީ ނުކުޅެދުމަކީ ޤާނޫނުގެ މައްސަލައެއްތަ؟
ބޮޑުމީހާ
22 March 2023
ހުރިހާ ކަމެއްވެސް މި ދިމާވަނީ ދިމާވާންވީ ގޮތަށް. މިގައުމުގެ ރައްޔިތުންނަށް މުޒާހަރާކުރެވޭނީ ޑިމޮކްރެސީއާއި ދެންވެސް ހުރި މީހަކު ޖަލުން މިނިވަންކުރަން. މިކަަހަލަ އިޖްތިމާއީ މައްސަލަތަކުގައި ސަރުކާރު މަޖްލިސް ޒިންމާދާރު ކުރުވުމެއް ނޯވޭ. ތިމާ ތާއީދުކުރާ ފިކުރަކުން ދުވަހަކުވެސް ގޯސްކަމެއް ނުކުރާނެ، އަދި ކުރިޔަސް އެ ދިފާއުކުރާނެ، ޑިމޮކްރަސީގައި ރައްޔިތުން އެމީހުންގެ ޒިންމާ ފުރިހަމައަށް އަދާނުކުރާ ހިނދަކު މިނިޒާމުތައް އޮންނާނީ މިހެން....
މާދަމާވެސް
22 March 2023
މާދަމާވެސް މަޖްލިހަށް ކުރިމަތިލާން ވީ ލާރިއޮތް ނުކިޔަވާ މީހުން . ޔަގީން ހޮވޭނެކަން
ހާފި
22 March 2023
ސިވިލް ކޯޓުގެ 16 ސެކްޝަނަކީ 16 ކޯޓު. އެމީހަކާ އެމީހެއް. ފޯނެއް ނަގަނީކީނޫން. ދިޔަސް ޖަވާބެއް ލިބެނީކީ ނޫން. ވާކަމެއް ހަރާމުން ހަރާމް. މުޅިތަން ބޮއްސުން ލާފަ. ގާޒީން ގިނަކޮށްގެންވިޔަސް ރައްޔިތުންގެ ހައްގު ލިބެންޖެހޭ. ސިޔާސީ މަގާމު ގިނަނުކޮށް ކުރަންވީ މިކަން
ގަހަރުލާދާ
22 March 2023
އަވަސް އަރުވާލައިގެން ހެދި ގާނޫނެކޭ؟ ރަނގަޅަށް ބަލާބަލަ ކިތައް އަހަރު ނެގިތޯ ތިޔަ ގާނޫނެއް މަޖިލީހުން ފާސްކުރަން. ހަމަ ގައިމު ވެސް ދައުރަކަށް ވުރެ ގިނަ ދުވަސް ނެގި. މައްސަލައަކީ ބޭރުން މާހިރުން ގެނެސް އެމީހުންގެ އިފުޝާދަށް މުޅި ގާނޫނު ހެދުން. ތި ގާނޫނު ޑްރާްފްޓް ކުރީ ވެސް އިނގިރޭސިވިލާތުގެ ބޭފުޅެއް. އޭތި މިތަނަށް ފައްތަން ވަކީލުންނާ މަޝްވަރާ ކުރީކީނޫން. ހިޔާލު ހުށަހަޅަން ހުޅުވާލިޔަކަސް ނުވާނެ. ރަނގަޅު ވަކީލުން ގެންގޮސް ޚިޔާލު ހޯދިނަމަ ރަނގަޅުވީސް
ސަރަފޯސާ
22 March 2023
ތި ގާނޫނެއް ހެދި ދެ ބަޔަކު. މަޖިލީހުގެ ތެރެއިން ކުރި ޑްރާފްޓަކާ އޭޖީގެ ޑްރާފްޓަކާ. ބޭރުން މީހެއް ގެނެސްގެން ހެދި ޑްރާފްޓް އަނބުރަ އަނބުރާފަ ދިވެހިބަހަށް ތަރުޖަމާ ކުރި އެތި އޮތީ ސީދާ ޔޫކޭ ގާނޫނުގެ ތަރުޖަމާއެއް ގޮތަށް. އެއީ އަދި އެ ބޭރު މީހާ ތައްޔާރުކުރި އެއްޗެއް ނޫން. އަޑުއިވެނީ އޭޖީގެ ޑްރާފްޓިން ޑިޕާޓްމަންޓުން ތަރުޖަމާކޮށް ހެދި އެއްޗެކޭ. އޭޖީގެ ލިޓިގޭޝަން ޑިޕާޓްމަންޓުންވެސް މަދަނީ އިޖުރާއަތު ކަމަކު ނުދެއޭ
ގފދސ
22 March 2023
މި ލިޔުމުގައި އާ ގާނޫނުގެ ދަށުން މުއްދަތު ގުނުމުގައި އެކި ކޯޓު ތަކުން އަމަލު ކުރަމުން އަންނަ ގޮތް ވެސް ހިމަނާލި ނަމަ ސަޅިވީސް. އެވެސް ބޮޑު ތުރާލެއް. އެކި ކޯޓުން އެކި ގޮތަށް. މައްސަލަ އެއް ތާވަލް ކުރެވެނީ 7 މަހުން 1 ފަހަރު.
ފމަގޫދޫ ރަޝާދު
22 March 2023
ކުފޫ ހަމަނުވާ މީހަކު ހެދި ޤާނޫނެއްކަން ވަރަށް ރަނގަޅަށް ސާފުވާނެ ރައްޔިތުމީހާއަށް މިހާރު. ކޮންމެ މީހަކު ކުރިޔަސްވެސް. އެކަން ކުރީ ކޮންބައެއްތޯ ބަލާފަ ރައްޔިތުން ދެން ގޮތްނިންމާނީ.
ދަންނައެދުރުގެ ބައްޕަ
22 March 2023
ނުލާހިކު ސްޕީޑުގަ ހިނގަމުންދިޔަ ސިވިލް ކޯޓެއް މުޅިން ހުއްޓުވައިފި މި ބަންޑާރަ ނައިބު. ކީއްކުރާނީ މީހަކުބުނާ ބަހެއް އަހާ އިންސާނެއްނޫން އެއީކީ.
ލޯޔަރު ޝިފާ
22 March 2023
ކޯޓަށް ދާމީހުންނަށް އެނގޭނީ ކޯޓުން ލިބޭ ހިދުމަތަށް އައި ބަދަލު. އޭރު ފަސޭހަ، ގިނަ މައްސަލަ ހިނގާ، ނަތީއްޖާ ނެރެވޭ، މިހާރު ކޯޓުން 1 ރެކޯޑު 20 ފަހަރު 20 ތަނުގަ ލިޔަންޖެހޭކަމަށް ވަނީ. އެދެން އެތާބައެއްކުދިން ބުނާވާހަކައެއް. ބައެއް ޤާޒީންވެސް ވަރަށް ޒާތްކޮޅު ބޮޑު. އަނެއްކާ ރިއްފަތު ގެނައި ގާނޫނުން މުޅިން ސަކަރާތް މިވީ.
އަލްއުސްތާޛު ރޯނުއެދުރު
22 March 2023
ކަމެއް ކުރުމުން އެކަމުގެ ނަތީއްޖާއިން އެކުރިކަމުގެ މޮޅުދެރަކަން އެނގިދެއެވެ. ވިޔާރިވެރިޔަކު ވިއްކާލި މުދާ ވިކި ނިމުމުން އޭގެ މަންފާ ހިސާބުކުރެވޭ ބީދައިންނެވެ. މީޤާނޫނުގެ ނަތީއްޖާ ވަރަށް ސާފެވެ. ރައްޔަތުންނަށް ވީ ތުރާލަކަށެވެ. މައްސަލަތައް ހިންގޭނެ ނިންމޭނެ ދުވަހެއް ނޭގެއެވެ. މީ އަޅެ ކާކު ކުޅަ ވިޔާނުދާ ކަމެއްހެއްޔެވެ. ގައިމު ޤާނޫ ހެދީ ރިއްފަތެވެ.