މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެންބަރު އާދަމް ޝަރީފް އުމަރު މަޖިލީހުގައި--ފޮޓޯ: މަޖިލިސް
20 މާޗް 2023 - 12:22
ސަރުކާރުން ޖީއެސްޓީ ބޮޑު ކުރުމާއެކު، މުދަލާއި ހިދުމަތުގެ އަގު އިންތިހާ އަށް ބޮޑުވެފައިވާ ކަމަށާއި ރައްޔިތުންނަށް ދިމާވާ ތަކުލީފުތައް ކުޑަކުރުމަށް ތަކެތީގެ އަގު ކޮންޓްރޯލް ކުރަން ސަރުކާރަށް ގޮވާލާ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެންބަރު އާދަމް ޝަރީފް ހުށަހެޅުއްވި އެ ގަރާރުގައި ވަނީ މިދިޔަ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީ ބޮޑު ކުރުމާއެކު މުދަލާއި ހިދުމަތުގެ އަގު ހަތް ޕަސެންޓް ބޮޑުވެފައިވާ ކަމަށެވެ.
މިދިޔަ އަހަރު ނިސްބަތުން އިންފްލޭޝަން 75 ޕަސެންޓް އުފުލިފައިވާ ކަމަށާއި ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުގެ އަގުތައް 4.3 ޕަސެންޓު ބޮޑުވެފައިވާ ކަމަށް އެ ގަރާރުގައި ވެ އެވެ.
އާދަމް ޝަރީފް ވިދާޅުވިގޮތުގައި، އަންނަ ބުރާސްފަތި ދުވަހު ފަށާ މި އަހަރުގެ ރޯދަމަހާ ދިމާކޮށް، ދިވެހިން އާންމުކޮށް ބޭނުން ކުރާ އެކި ބާވަތްތަކުގެ އަގުތައް ކުރިއަށް ވުރެ ވަނީ ބޮޑުވެފަ އެވެ. އެހެންވެ، ލިބޭ އާމްދަނީން ދެކޮޅު ނުޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެއާއެކު ޖޫރިމަނާ އާއި އެހެނިހެން ގޮތް ގޮތަށް ސަރުކާރަށް ދައްކަން ޖެހޭ ފައިސާ ދުވަހުން ދުވަހަށް އިތުރުވަމުން ދާ ކަމަށް ވެސް އެ ގަރާރުގައި ބުންޏެވެ.
އެހެންކަމުން އާދަމް ޝަރީފް ގޮވާލެއްވީ ޖީއެސްޓީ އަލުން މުރާޖައާ ކުރުމަށެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިދުމަތުގެ އަގު ހެޔޮ ކުރުމަށާއި އަގު ކޮންޓްރޯލް ކުރެވޭނެ ގޮތްތަކެއް ރާވަން ވަނީ ގޮވައިލި އެވެ.
"...ހާއްސަކޮށް ބަރަކާތްތެރި ރަމަޟާން މަހު ބާޒާރުގެ އަގުތައް ރައްޔިތުންގެ އަތް ފޯރާ ފަށުގައި ހިފެހެއްޓޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 167 ވަނަ މާއްދާގެ ދަށުން މި ގަރާރު ހުށަހަޅަން،" އެ ގަރާރުގައި ވެ އެވެ.
އެމްޑީޕީގެ ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުންގެ މެޖޯރިޓީ އޮތް މަޖިލީހުގެ ތެރެއިން އިދިކޮޅު ފަރާތްތަކުން ހުށަހަޅާ އެއްވެސް މައްސަލައެއް ފާހެއް ނުވެ އެވެ. ނަމަވެސް އެ މައްސަލަތައް ގަރާރެއް ގޮތުގައި ހުށަހަޅާތީ މަޖިލީހުގެ ގަވައިދު ބުނާ ގޮތުން އެ މައްސަލަ އަށް ބަހުސް ކުރުމުގެ ފުރުސަތު އޮވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްޔަ ބޮޑޭ
20 March 2023
ތިންޕަސެންޓުގަ ހުރި ޖީ އެސް ޓީ ހަޕަސެންޓައް ބޮޑުކޮއް ހަތަރުރުފިޔާ އައް ހުރި ހަކުރުކިލޯ އައްރުފިޔާ އައް ހެދިއިރު ތިކަހަލަ އެއްޗެއް ހުށަނޭޅީ ކީއްވެތޯ, އޭރުމަނިކުފާނު ހުންނެވީ ކޮންތާކުތޯ, ތީސަރުކާރައް ރައްޔިތުންގެ ހިތުގަ ނަފުރަތާ ރުޅިވެރިކަން އުފައްދަން ކުރާކަންތައް,
ޕިލޯ
21 March 2023
ހަކުރުކިލޯ އެބަޖެހޭ 10 ރުފިޔާއަށްވުރެ ބޮޑުކުރަން، ކޮންމެ ސަރުކާރެއް އަޔަސް... މި ޖީލު އިތުރަށް ހަލާކުވުމުގެ ކުރިން..
އަޅެ ނޫންތަ؟
20 March 2023
ތާކުންތާކު ޖެހޭ ކަހަލަ ވިސްނުމެެއް ހުރި ބަޔަކު މަޖިލީހަށް ހޮވައިގެން ނޫންގޮތަކަށް މިޤައުމެއް ރަނގަޅުވާކަށް ނެތް. މިމީހުން ދިވެހިން ޓްރޭއިން ކުރަމުން މިދަނީ ސަބްސިޑީ ސްޓޭޓެއްގެ ދަށުގަ އުޅުމަށް. ދުނިޔޭގެ ހުރިހާ ޤައުމެއްގަވެސް ދަނީ އެއްޗެހީގެ އަގު އުފުލެމުން. ވަކާލާތު ކޮށްބަލަ ޢާއްމު މީހާގެ އާމްދަނީ އިތުރުކުރެވޭނެ ގޮތެއް ފަހި ކޮށްދެވޭތޯ. މަސައްކަތެއް ފަށަން އަތްފޯރާ އަގެއްގައި ލޯނު ގަނޑެއް ދެވޭނެ ގޮތެއް ފެނޭތޯ. ފުދުންތެރިކަން އިތުރު ކުރެވޭތޯ
ހަސަންދީ
20 March 2023
ތިޔައީ ހިތުގައި އެއްވެސް އިޚުލާސްތެރިކަމެއްނެތް ރަށްޔިތުންނަށް ހެޔޮއެދިގެން ކުރާކަމެއްނޫން، އޮތީ އެންމެ ބޭނުމެއް ސަރުކާރުގެ މައްޗައް ރަށްޔިތުން ނަފުރަތު އުފެދޭތޯކުރާ ކުރާމަސައްކަތް...
ގަމަރިއްޔާ
20 March 2023
ރައްޔިތުން އިންތިހާބުކޮށްފަ ބޮޑެތި މުސާރަ ދީފައި ތިބެނީ މިކަހަލަ ތާކުން ތާކު ނުޖެހޭ ކަންކްން ކުރާކަށް ނޫން. ތަކެތީގެ އަގަކީ ސަރުކާރުން ކަނޑައަޅައެއްޗެއް ނޫންކަން އެނގި ތިބެ މޮޅެތި ހެޑްލައިން ހަދަން މަޖްލީހުގެ ވަގުތު ބޭކާރު ކުރަނީ.
ކައުންސެލަރު
20 March 2023
ކޮބާ ނަމުން ރައްޔިތުންނަަށް ހެޔޮއެދޭ މީހުން އަވަހަަށް ބިލު ބޭރުއަރުވާލާ. އެދިކޮޅުން ހުށައެއްނާޅައެންނު ކަލޯމެންނަށް ކަމުދާ ބިލެއް.
ތައްޓޭ
20 March 2023
ބޮލުގައި އެއްޗެއް ހުރި އެއްވެސް މީހަކު ތިޔަގަރާރު ބަލައިވެސް ނުގަންނޭ، ރާއްޖޭގައި އޮތީ މިނިވަން ވިޔަފާރިއެއްކަންނޭ މިހުށައެޅި މީހާއެއްވެސް ނޭގުނު ސަރުކާރުންތަ މުދަލުގެ އަގުކަޑައަޅަނީ؟ ބޭނުމަކީ ސަރުކާރަށް ޖެއްސުންކޮށް މަޖުލީހުގެ ވަގުތު ބޭކާރު ކުރުން
އިބިރަހިމާ
20 March 2023
އޭތް އޭތް. ހަމަޖެހިބަލަ. އެޔަކީ ބިލެއްނޫނޭ. ގަރާރެއް. ގަރާރަކާ ބިލަކާ ބޭގަރާރަކާ ވެސް ވަތްކެއް ނުވޭ ދޯ