ދުނިޔެ / ރަޝިއާ

ރަހުމަތްތެރިކަމުގެ ދަތުރެއްގައި ރައީސް ޝީ ރަޝިޔާ އަށް

ރަޝިއާ އާއި ގާތް ގުޅުމެއް ބާއްވާ ޗައިނާގެ ރައީސް ޝިޖިންޕިން (ކ) އާއި ޕުޓިން

20 މާޗް 2023 - 12:31

ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންގެ ދައުވަތަކަށް ކުރައްވާ 'ރަހްމަތްތެރިކަމުގެ ދަތުރެއްގައި' ޗައިނާގެ ރައީސް ޝީ ޖިންޕިންގް މިއަދު ރަޝިޔާ އަށް ވަޑައިގަންނަވާނެ އެވެ.

މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަށް ޗައިނާގެ ރައީސް ޝީ ކުރައްވާ މިދަތުރުފުޅަކީ، މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން، ރައީސް ޝީ ރަޝިޔާ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އަދި ޗައިނާގެ ރައީސް ކަމުގެ ތިން ވަނަ ދައުރަކަށް، މި މަހުގެ ކުރީކޮޅު އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ރައީސް ޝީ އިންތިޚާބުކުރި ފަހުން ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ރައީސް ޝީގެ މި ޒިޔާރަތުގައި އޭނާގެ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި ސިފަކުރައްވާ، ރައީސް ޕުޓިންއާ އެކުގައި ވަކިން ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާނެ އެވެ. ރަޝިޔާގެ ވެރިރަށް މޮސްކޯގައި މިފަހަރު ބާއްވާ ދެ ބޭފުޅުންގެ ބައްދަލުވުމަކީ، އެ ދެބޭފުޅުންގެ ދެމެދުގައި މިހާތަނަށް ބާއްވާ 40 ވަނަ ބައްދަލުވުމެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން މިހާރު އޮތް ވަރުގަދަ ގުޅުން، މިހާރަށް ވުރެ ވެސް އިތުރަށް ބަދަހިކުރުމުގެ އެއްބަސްވުމެއްގައި، ރައީސް ޝީ އާއި ރައީސް ޕުޓިން މި ހަފުތާގެ ތެރޭގައި ސޮއިކުރައްވާނެ އެވެ. އަދި ރަޝިޔާގައި ހޭދަކުރައްވާ ތިން ދުވަހުގެ ތެރޭގައި، ރައީސް ޕުޓިންއާ އެކުގައި އެކަހެރި މަޝްވަރާތަކެއް ބޭއްވުމަށް ފަހު، ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީއާ ވެސް، ރައީސް ޝީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މަޝްވަރާ ކުރައްވާނެ އެވެ.

ދެ ބޭފުޅުންގެ ދެމެދުގައި އެފަދަ މަޝްވަރާއެއް ކުރެވިއްޖެ ނަމަ، އެ މަޝްވަރާ ވެގެން ދާނީ، ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން ޔޫކްރޭންގެ ރައީސާއި ރައީސް ޝީއާ ދެމެދު މިފަދަ މަޝްވަރާއެއް ކުރެވޭ ފުރަތަމަ ފަހަރަށެވެ.

ޔޫކްރޭންގެ ހަނގުރާމައިގައި ރަޝިޔާ ކުށްވެރި ނުކުރުމަށް ޗައިނާ އިން ގެންގުޅޭ ސިޔާސަތުގެ ސަބަބުން، ހުޅަނގުގެ ގައުމުތަކުގެ ފާޑުކިޔުންތަކާއި ނަފްރަތު ވަނީ ވަރަށް ބޮޑަށް ރައީސް ޝީ އަށް ކުރިމަތިވެފަ އެވެ. ނަމަވެސް މިއަދު ފައްޓަވާ ދަތުރަށް ކުޑަތަންވެފައި އޮއްވައި، ރަޝިޔާގެ ނޫހެއްގައި ރައީސް ޝީ މިއަދު ލިޔުއްވި ކޮލަމެއްގައި ވިދާޅުވެފައިވާ ގޮތުގައި އޭނާގެ މިދަތުރަކީ ޔޫކްރޭންގެ މައްސަލަ އަށް ސުލްހަވެރި ހައްލެއް ހޯދުމުގެ އުންމީދާ އެކު ކުރައްވާ ދަތުރުފުޅެކެވެ.

ރައީސް ޝީ މިއަދު ރަޝިޔާ އަށް ވަޑައިގަންނަވާ އިރު، ޔޫކްރޭން މައްސަލަ އަށް ސުލްހަވެރި ހައްލެއް ހޯދުމާ ގުޅޭ ގޮތުން އޭނާ ވަނީ 12 ނުކުތާގެ މައްޗަށް އެކުލެވޭ ސުލްހައިގެ ދެލިކޮޕީއެއް ރަޝިޔާ ސަރުކާރަށް ހުށަހަޅުއްވައިފަ އެވެ. އަދި ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ވަނީ، ޔޫކްރޭން މައްސަލަ އަށް ސުލްހަވެރި ހައްލެއް ހޯދުމަށް ރައީސް ޝީ ކުރައްވާ މަސައްކަތަށް ތައުރީފު ކުރައްވައިފަ އެވެ.

"މީގެ 10 އަހަރު ކުރިން ޗައިނާގެ ރައީސްކަމުގެ މަގާމަށް އިންތިޚާބުވުމާއެކު އަޅުގަނޑު އެންމެ ފުރަތަމަ ޒިޔާރަތްކުރި ގައުމަކީ ރަޝިޔާ. މިދިޔަ 10 އަހަރުގެ ތެރޭގައި އަޅުގަނޑު އަށް ފަހަރު ރަޝިޔާ އަށް ޒިޔާރަތްކޮށްފިން. ކޮންމެ ފަހަރަކުވެސް އަޅުގަނޑު އަންނަނީ ވަރަށް ބޮޑެތި އުންމީދުތަކަކާ އެކުގައި. އަދި އެނބުރި ދަނީ ޗައިނާ-ރަޝިޔާގެ ގުޅުމުގެ މުޅިން އާ ބާބެއްމ ރައީސް ޕުޓިންއާ އެކުގައި ފެށުމަށް ފަހު، ވަރަށް ފޮނި ނަތީޖާތަކަކާ އެކުގައި،" ރަޝިޔާ ސަރުކާރުގެ ގެޒެޓްގެ ގޮތުގައި ބެލެވޭ، ސަރުކާރުގެ ދުވަހު ނޫސް، ރޮސީސްކަޔާ ގަޒެޓާ ގައި، ރައީސް ޝީ މިއަދު ލިޔުއްވާފައިވާ ކޮލަމެއްގައި ވިދާޅުވެފައިވެ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454