ރިޕޯޓް / އއ. ތޮއްޑޫ

އޯގެނިކް އެއްޗެއް ހެއްދޭކަށް ނެތް، ލިބޭކަށް ވެސް ނެތް!

ކާބޯތަކެތީގެ ރައްކާތެރިކަން އާންމުންނަށް ކަށަވަރު ކުރެވޭނެ ހަމައެކަނި ގޮތަކީ އޯގެނެނިކް އުފެއްދުންތައް ކަމަށް އެންމެން ވެސް ގަބޫލު ކުރެ އެވެ. އެކަމަކު، 100 ޕަސެންޓް އޯގެނިކް ފާމިން އަކީ ރާއްޖެ އަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެކެވެ.

ކެމިކަލްއިން ތަގައްޔަރުވެފައިވާ ކާބޯތަކެތީގެ ވާހަކަތަކާ އެކު ދެން އިވޭނީ މި ސުވާލެވެ؛

އެހެންވިއްޔާ އޯގަނިކްކޮށް ހައްދާ އެއްޗެއް ކާން ލިބޭނީ ކިހިނެއް ހެއްޔެވެ؟

މީގެ ކުރު ޖަވާބަކީ، ރާއްޖޭގައި ދަނޑުވެރިކަމުގެ ހުރިހާ ބާވަތެއްހެން ވެސް ހައްދަނީ ކެމިކަލް އަޅައިގެންކަމެވެ. އެހެންވެ، އަނބު، ކުރުނބާ އަދި ބައެއް ރަށްރަށުގެ ފަތްކެޔޮ ކަހަލަ ވަރަށް މަދު އެއްޗެއް ނޫނީ ދެން ހުންނާނީ ކެމިކަލް އަޅައިގެން ހައްދައިފަ އެވެ. ހައިޑްރޯޕޯނިކްސް އަކީ ވެސް ކެމިކަލް އަޅައިގެން ހައްދާ ބާވަތެވެ.

ވިސްނާލުން މުހިންމު ކަމަކީ، އަދި ދަނޑުވެރިކަމުގެ ތަޖުރިބާކާރު ބޭފުޅުން ވެސް ވިދާޅުވާ ގޮތުގައި ކެމިކަލް ބޭނުންކޮށްގެން އެއްޗެހި ހެއްދުމަކީ މައްސަލައެއް ނޫން ކަމެވެ. މައްސަލައަކީ ބޭނުންކުރަން ޖެހޭ މިންގަނޑު ފަހަނައަޅައިދިއުމެވެ.

އެކަމަކު، ކެމިކަލްގެ މައްސަލަގަނޑު ބޮޑުވެ، އޯގެނިކް ފާމިން އަށް ދިއުން މިހާރު ވަނީ ޓްރެންޑަކަށް ބަދަލުވެފަ އެވެ. ކާބޯތަކެތީގެ ރައްކާތެރިކަން އާންމުންނަށް ކަށަވަރު ކުރެވޭނެ ހަމައެކަނި ގޮތަކީ އޯގެނެނިކް އުފެއްދުންތައް ކަމަށް އެންމެން ވެސް ގަބޫލު ކުރެ އެވެ. އެކަމަކު، 100 ޕަސެންޓް އޯގެނިކް ފާމިން އަކީ ރާއްޖެ އަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެކެވެ.

ރަށެއްގައި ދަނޑުވެރިކަން ކުރަނީ: އޯގެނިކް ދަނޑުވެރިކަމަކީ ފަސޭހަ ދަނޑުވެރިކަމެއް ނޫން -- ފައިލް ފޮޓޯ: މިހާރު

ބިންގަނޑާއި މާހައުލުގައި އެވަރުގެ "ބާރެއް" ނެތް!

އޯގެނެނިކް ދަނޑުވެރިކަމަށް ދާން ބަލާއިރު އެންމެ ބޮޑު އެއް ހުރަހަކީ ރާއްޖޭގެ ބިމުގެ ގުދުރަތީ ބާރު ނެތުމެވެ. ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ބިމުގެ ބާރުގަދަކުރަން އެވަރަށް ދަނޑުވެރިން ވެސް މަސައްކަތެއް ނުކުރެ އެވެ. ހަމައެއާ އެކު، ގަސްކާނާ އާ އެކު ބޭނުންކުރާ ކެމިކަލް އާއި ޕެސްޓިސައިޑުން ބިމާއި ޖައްވު ވަނީ އޯގަނިކް ފާމިން އަށް ހުރަސް އަޅައިފަ އެވެ.

"ރާއްޖޭގައި ފަސްގަނޑު އެހާ ރަނގަޅެއް ނޫން. ރާއްޖޭގައި ކުރިން ނޫޅޭ އެތައް ބައްޔެއް އެތައް ފަނިފަކުސަ އެބައުޅޭ މިހާރު. އަނެއްކޮޅުން އޯގަނިކް ލޭބަލިން ޕްރޮސީޖާއެއް އުފެއްދިފައެއް ވެސް ނެތް،" އެގްރޯނެޓްގެ އެގްރޮނޮމިސްޓް އާދަމް އަދީލް ވިދާޅުވި އެވެ.

"އެކަމަކު ދަނޑުވެރިކަމުގެ ރަނގަޅު އާދަތައް ފިޓްވާ ގޮތަށް އެއްޗެހި އުފެއްދިދާނެ. އެ މޮޑެލްގައި ހެއްދިދާނެ ބައެއް އެއްޗެހި ރާއްޖޭގައި ވެސް."

ރާއްޖޭގައި މާ ގިނައިން ކާނާ ނާޅައި ވެސް ބައެއް އެއްޗެހި އުފެއްދެ އެވެ. އޭގެ ތެރޭގައި ފަތްކެޔޮ އަދި އަނބު ހިމެނެ އެވެ. މީގެ އިތުރުން ފަތްޕިލާވެލީގެ ބާވަތްތައް ވެސް ހިމެނެ އެވެ.

މާރިކިލުގައި ދަނޑުވެރިކަން ކުރަނީ --ފޮޓޯ: އައިލެންޑް އޯގެނިކްސް

ބޭރުން ތަޖުރިބާ ހޯއްދަވައިގެން، ދަނޑުވެރިން ހޭލުންތެރި ކުރުވުމުގައި 17 އަހަރު ހޭދަކުރައްވާފައިވާ މުހަންމަދު ޒާހިދު ވިދާޅުވި ގޮތުގައި ރާއްޖެ އުފެދިފައި އޮތް ގޮތުން ވެސް އޯގަނިކް ފާމިން އަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ.

"ބައެއް މީހުން މަސައްކަތް ކުރޭ އޯގެނިކްކޮށް އެއްޗެހި ހައްދަން ވެސް. އެކަމަށް އޮތް ޗެލެންޖަކީ ޖަޒިރާ ގައުމެއްގައި ރަށުގެ އެއްކޮޅުގައި ޕެސްޓިސައިޑް ބޭނުންކޮށްފައި އަނެއްކޮޅުގައި އޯގަނިކްކޮށް ގަސް ހެއްދުމުގެ މިންގަނޑަކަށް ނުފެތޭނެތީ. އެއީ ފުރަތަމަ މައްސަލަ. މިސާލަކަށް މި ދަނޑަށް ގޯސް އެއްޗެއް ސްޕްރޭ ކުރަންޏާ އަނެއް ދަނޑަށް އޭގެ އަސަރު ކުރާނެ. އެހެންވެ އޯގެނިކްއޭ އެ ބުނާ ދުނިޔެ ގަބޫލުކުރާ މިންގަނޑަކަށް ނުފެއްތޭނެ،" އޭނާ ވިދާޅުވި އެވެ.

"ދެވަނަ ކަމަކީ މި ދަނޑުގެ މީހާ ކިތަންމެ ރަނގަޅަށް ދަނޑު ހައްދަން އުޅުނަސް, އަނެއް ދަނޑުގެ މީހާ ގޯސްވެއްޖިއްޔާ ނުވަތަ އޭނަ ޕެސްޓިސައިޑް ބޭނުންކުރާ ނަމަ މާހައުލު އެބަ ހަލާކުވޭ. މިސާލަކަށް ހުދުކޫޑި އެއީ ހާއްސަ އެއްޗެއް. ހުދުކޫޑި ކޮންޓްރޯލް ކުރަން ބޭނުންކުރާ ކެމިކަލްތައް އެހެން ގޮތަކަށް ބޭނުންކުރަން ފެށީމަ ހުދުކޫޑި ބޭހަށް ނުގުޑާގޮތް ވަނީ. އެހެންވީމަ އޭރުން އޯގަނިކްކޮށް ހައްދާ މީހާ އަށް މާ ގެއްލުން ބޮޑުވާނެ ނޫންތޯ."

އޭނާ ވިދާޅުވީ ރާއްޖޭގައި އެކަކު އޯގެނިކްކޮށް ދަނޑުވެރިކަން ކުރަން އުޅުމަކީ ވުމަށް ވުރެ ނުވުން ގާތް ކަމެއް ކަމަށެވެ.

"އޯގަނިކްކޮށް ކުރެވިދާނެ. އެކަމަކު އެއީ ވަރަށް ޗެލެލެންޖިން ކަމެއް. އެކަމަށް ބޭނުންވާ ފަސްގަނޑެއް ވެސް ފެނެއް ވެސް ނެތް. އެއީ ރާއްޖޭގައި އޮތް ވަރަށް ބޮޑު މައްސަލައެއް ރާއްޖޭގެ ފަސްގަނޑުގައި އެވަރުގެ މުއްސަނދިކަމެއް ނެތުމަކީ. އޯގަނިކް އޭ ބުނާ އިރު އެވަރަށް ފަސްގަނޑު މުއްސަނދި ކަމެއް ނެތް. އަޅުގަނޑުމެން ގޮސް ހެދި ޓެސްޓްތަކުން ދައްކާ ގޮތުން ވަރަށް މަދު ރަށެއްގައި ނޫނީ ބިންމަތީގައި އިންދައިގެން ގަސް ހައްދަން އެކަށީގެންވާ ރަނގަޅު ފެނެެއް ނެތް،" ޒާހިދު ވިދާޅުވި އެވެ.

އެވަރަށް ފައިސާ ބޭނުންވާ ކަމެއް!

ސ. މީދޫގެ ދަނޑުވެރިއެއް ކަމަށްވާ ރަމްޒީ ހުސައިން ރަމްޒީ ވިދާޅުވީ، އޭނާ ހައިޑްރޯޕޯނިކްސް މެދުވެރިކޮށް ގަސް ހެއްދުމަށް މިހާރު ވެސް ދެ މިލިއަނެއްހާ ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ. އެއީ ކޮންމެ ދަނޑުވެރިއަކަށް އޮތް ފުރުސަތެއް ނޫނެވެ.

އެކަމަކު ސަރުކާރުން ވެސް އަންނަނީ އެސްއެމްއީ ބޭންކް މެދުވެރިކޮށް މިފަދަ މަސައްކަތްތަކަށް ލޯނު ދޫކުރަމުންނެވެ.

ފައިސާގެ އިތުރުން އެފަދަ މަސައްކަތެއް ކުރުމަށް ދަނޑުވެރިންނަށް އުނދަގޫވާ އަނެއް ސަބަބަކީ ބިން ނުލިބުމެވެ. އަދި ދިރިއުޅޭ ރަށުން އެ ވަރުގެ ބިން ދޭނެ ޖާގަ ނުލިބުމެވެ.

މިހާރު ރާއްޖޭގެ ރަށްތަކުގައި ދަނޑުވެރިކަން ކުރަން ލިބެނީ ވަރަށް ކުދި ބިންތަކެވެ. ފުޅާކޮށް އެކަން ކުރާ ނަމަ ދާން ޖެހެނީ ފަޅު ރަށަކަށެވެ. ނަމަވެސް، ދިރިއުޅުގެ ކަންކަން ހުންނަ ގޮތުން ފަޅު ރަށަކަށް ގޮސް އެފަދަ މަސައްކަތެއް ކުރަން ގިނަ ދަނޑުވެރިންނަށް އެހާ ފަސޭހައެއް ނުވެ އެވެ.

ހައިޑްރޯޕޯނިކްސްގެ މުސްތަގްބަލެއް އެބައޮތް؟

ބައެއް މީހުން ބުނާ ގޮތުން ހައިޑްރޯޕޯނިކްސް އަކީ މިންގަނޑުގެ ތެރޭގައި ހިމެނޭ ދަނޑުވެރިކަމުގެ ވައްތަރެކެވެ. އެކަމަކު، އެއީ ވެސް ކެމިކަލް ބޭނުންކުރާ ދަނޑުވެރިކަމެކެވެ. ރާއްޖޭގައި ހައިޑްރޯޕޯނިކްސް ފެށުނުތާ 25 ވަރަކަށް އަހަރު ވެއްޖެ އެވެ. އެކަމަކު، މިއީ ރާއްޖޭގައި ފުޅާވި ދަނޑުވެރިކަމެއް ނޫނެވެ.

އެކަމަކު، ހައިޑްރޯޕޯނިކްސްގެ ދަނޑުވެރިކަން ފުޅާ ދާއިރާއެއްގައި ކުރާ ސ. މީދޫގެ ދަނޑުވެރިއެއް ކަމަށްވާ ރަމްޒީ ހުސައިން ބުނީ، ރާއްޖޭގައި ހައިޑްރޯޕޯނިކްސްގެ ރަނގަޅު މުސްތަގްބަލެއް އެބައޮތް ކަމަށެވެ. އޭނާ އަންނަނީ އެ ރަށުގައި 60،000 އަކަފޫޓުގެ ބިމެއްގައި އެކަމަށް ހާއްސަ 20 ގްރީން ހައުސްތައް ތައްޔާރު ކުރަމުންނެވެ. ބޮޑު ހޭދައެއް ކޮށްގެން އޭނާ އެކަން ފެށީ، މިއީ ފައިދާ ބޮޑު ކަމެއް ކަމަށް ގަބޫލުކުރާތީ އެވެ.

ރާއްޖޭގައި ރިސޯޓެއްގައި ހައިޑްރޯޕޯނިކްސް ގަސް ހައްދަނީ -- ފޮޓޯ: މޯލްޑިވްސް އިންސައިޑާ

"ޓާގެޓަކީ 4،000 ކިއުކަމްބާ ގަހާއި 20،000 ލެޓިއުސް ގަސް ހެއްދުން. އައްޑޫ ސިޓީ އަށް އެންމެ ފުރަތަމަ މި ޓާގެޓު ކުރަނީ،" ރަމްޒީ ބުންޏެވެ.

މިއީ މީހުން ދިރިއުޅޭ ރަށެއްގައި އާންމުންނަށް ވިއްކުމަށް ހައިޑްރޯޕޯނިކްސް މެދުވެރިކޮށް އެ ލެވެލްގައި ގަސް ހައްދަން މަސައްކަތް ކުރާ ފުރަތަމަ ޕްރޮޖެކްޓެވެ.

ރަމްޒީ އަންނަނީ މިހާރު ވެސް މީދޫގެ މީހުންނަށް ބޭނުންވާ ވަރަށް ބައެއް ބާވަތްތައް އުފައްދަމުންނެވެ. އެ ތަކެތި އުފެއްދުމުގައި ބޭނުން ކުރަނީ އޯގެނިކް ގޮތްތަކެވެ. ގަސްތަކަށް ޖެހޭ ބަލިތަކަށް ހައްލު ހޯދަނީ ވެސް ގުުދުރަތީ ގޮތްތައް ބޭނުން ކޮށްގެންނެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރާ އއ. ތޮއްޑޫގެ ގިނަ ދަނޑުވެރިން ބުނީ، އެ ރަށުގައި ކެމިކަލާ ނުލާ ގްރީން ހައުސް ބޭނުންކޮށްގެން ތަކެތި ނުއުފެއްދެނީ، ދިގު މުއްދަތަށް ދަނޑުތައް ނުލިބޭތީ ކަމަށެވެ.

އެ ރަށުގައި މިހާރު ދަނޑެއް ހައްދަން ކައުންސިލުން ދޫކުރަނީ ފަސް އަހަރުގެ މުއްދަތަކަށެވެ. އެހެންވެ، ގްރީން ހައުސް ކޮންސެޕްޓަށް ދަނޑު ތައްޔާރު ކުރުމަކީ ވާނެ ކަމެއް ނޫން ކަމަށް ދަނޑުވެރިން ބުންޏެވެ.

"ދަނޑުވެރިން އެބަ ބޭނުންވޭ 25 ނުވަތަ 30 އަހަރަށް ދަނޑުތައް. އޭރަށް އެ ތަނަށް ބޮޑެތި އިންވެސްޓްމެންޓްތައް ކުރެވޭނީ،" ތޮއްޑޫގެ ދަނޑުވެރިއަކު ބުންޏެވެ.

ރިސޯޓެއްގެ ހައިޑްރޯޕޯނިކްސް ދަނޑަކުން މީހަކު އެއްޗެހި ކަނޑަނީ - ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

ޔޫއެންޑީޕީގެ އެކިއެކި ޕްރޮޖެކްޓްތަކުގެ ތެރެއިން ހައިޑްރޮޕޮނިކްސްގެ ދަނޑުވެރިކަން ރާއްޖޭގައި އާލާކުރެވޭތޯ އެ ދުވަސްވަރު ވަރަށް ބޮޑަށް މަސައްކަތް ކުރި އެވެ. އެކަމަކު، ތޮއްޑޫގެ ދަނޑުވެރިން އެ ބުނާ ކަހަލަ އުނދަގޫތަކާއި އަދި އެހެން ސަބަބުތަކާ ހެދި 15 އަހަރު ފަހުން ދައްކަން ޖެހިފައި މި އޮތީ ހަމަ އެއް ވާހަކައެކެވެ. އަދިވެސް ދައްކަނީ ހައިޑްރޮޕޮނިކްސްގެ ދަނޑުވެރިކަން ފުޅާ ނުކުރެވޭ ވާހަކަ އެވެ.

އޯގެނިކް ދަނޑުވެރިކަމަށް ހޭލުންތެރިކަން ކުޑަ

ކެމިކަލް ބޭނުން ނުކޮށް، އެކަން ނުކުރަނީ ކީއްވެގެންތޯ ސުވާލު ކުރުމުން ދަނޑުވެރިން ދޭ ޖަވާބަކީ "އެއީ ވާނެ ކަމެއް ނޫން" ކަމަށެވެ. ސަބަބަކީ އެ މީހުންނަށް އެފަދަ ގޮތަކަށް ދަނޑުތައް ހައްދައިގެން ފައިދާ ހޯދާ މަންޒަރު ނުފެނުމެވެ.

ތޮއްޑޫގެ ދަނޑުވެރިއަކު ބުނީ، އޯގެނިކްކޮށް ތަކެތި އުފައްދައިގެން ފައިދާވާތަން ފެނިއްޖެ ނަމަ، އެ އުސޫލުތައް އިހުތިޔާރު ކުރާނެ ކަމަށެވެ. އެކަމަކު، މިހާރު އެ މީހުން އެތިބީ، ކެމިކަލް އަޅައިގެން ދަނޑުވެރިކަން ކުރަން މާ ބޮޑަށް ހޭނިފަ އެވެ. އެހެންވެ، އިތުރު ގޮތެއް އިހުތިޔާރުކުރަން ޖެހިލުން ވަނީ އެވެ. އެކަން ކުރަން ޖެހިލުންވާ އެންމެ ބޮޑު އެއް ސަބަބަކީ، އެކަމާ ގުޅޭ އެކަށީގެންވާ މައުލޫމާތު ލިބިފައި ނެތުމެވެ.

"މިހާރު" އިން ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ދަނޑުވެރިންގެ މަސައްކަތްތައް ބަލައި، އެކަންކަން ދެނެގަތުމަށް ކުރި މަސައްކަތުން ފާހަގަވި އެންމެ ބޮޑު އެއް ކަމަކީ އޯގެނިކް އުސޫލުތަކަށް ދަނޑުވެރިންގެ ހޭލުންތެރިކަން ކުޑަކަމެވެ.

ރާއްޖޭގައި އޯގެނިކް ދަނޑުވެރިކަން މި ވަގުތު ކުރަނީ މަދު ބައެކެވެ. އަދި ބޮޑު ސްކޭލެއްގައި ހައްދަނީ ވެސް މަދު ވިޔަފާރިވެރިއެކެވެ. އާންމުންނަށް ކާން ލިބެނީ، ޕެސްޓިސައިޑުން ފުރިފައި ހުންނަ ކާބޯތަކެއްޗެވެ. އެކަމަކު ރާއްޖޭގައި ދަނޑުވެރިކަމުގެ މުސްތަގްބަލް ބިނާ ކުރަން ޖެހޭނީ، ދެމެހެއްޓެނިވި އޯގެނިކް މަސައްކަތެއްގެ ގޮތުގަ އެވެ. ނަމަވެސް އެއީ ހުސް ވާހަކައަކަށް މިހާރު ވަނީ ވެފަ އެވެ. ކަމާބެހޭ އިދާރާތަކުން ވެސް ސަމާލުކަން ނުދެވޭ ކަމެކެވެ.

3 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކެމިކަލް

30 March 2023

ޕެސްޓިސައިޑާ ފާޓިލައިޒާ އެއީ އެއިން ލިބޭ ގެއްލުން ބަލާއިރު އެއް ދަރަޖައިގެ އެއްޗެއް ނޫން. ގެއްލުން ބޮޑު އެއްޗަކީ ގިނަ ފަހަރަށް ޕެސްޓިސައިޑްތައް. ހައިޑްރޮޕޯނިކްސް ގްރީން ހައުސް ހަދައިގެންނާ ގުދުރަތީ އެކި އެއްޗިހި ބޭނުންކޮށްގެންވެސް ބާރުގަދަ ކެމިކަލް ޕެސްޓިސައިޑްތައް ބޭނުންކުރަންޖެހޭވަރު މަދުކުރެވިދާނެ. ރަނގަޅު ފެންވަރުގެ ފާޓިލައިޒާ އެއީ ރާއްޖޭގެ ކުނީގެ ނިޒާމުގެ ތެރެއިންނާ މަސްވެރިކަމުގެ ބައިޕްރޮޑަކްޓެއްގެ ގޮތުގަވެސް އުފެއްދިދާނެ އެއްޗެއް.

The name is already taken The name is available. Register?

އެމްސް

01 April 2023

އެންމެ ބޮޑަށް ބޭނުން ކުރަނީ ގްރޯތު ހޯމޯންސް! އެއީ ތަހުޒީބު ދުނިޔޭގަ އެގްރިކަލްޗާގަ މުޅިން މަނާ އެއްޗެއް!

The name is already taken The name is available. Register?

ދަބަރޭ

30 March 2023

ޓުއަރިޒަމައް ދޫކޮއްފަ ހުންނަރައްތަކުގަ ދަނޑު ވެރިކަން ކުރާތި ދަނވެކަމައް ބޮޑު އިންވެސް ޓުކުރިއަސް އެދެވޭ އަގުނުބޭނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454