26 މާޗް 2023 - 14:46
ރާއްޖޭގެ ފުޓްބޯޅަ ސީޒަން ހަތް މަސް ދުވަހަށް ފަހު، އަންނަ އޭޕްރިލް 3 ވަނަ ދުވަހުގެރޭ ޗެރިޓީ ޝީލްޑުން ފަށަން އެފްއޭއެމުން ނިންމައިފި އެވެ.
އެންމެ ފަހުން ފުރަތަމަ ޑިވިޝަނުގެ މެޗެއް ކުޅެފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް 21 ވަނަ ދުވަހުގެރޭ އެވެ.
ޗެރިޓީ ޝީލްޑް މެޗުގައި ބައްދަލުކުރާނީ މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގު ޗެމްޕިއަން މާޒިޔާ އާއި ރަނަރަޕް އީގަލްސް އެވެ. މި މެޗުން އީގަލްސް އަށް ފުރުސަތު ލިބުނީ، އެފްއޭ ކަޕުގެ ޗެމްޕިއަންކަން މާޒިޔާ ހޯދާފައިވާތީވެ އެވެ.
ރޯދަ މަަސް ކަމަށްވާތީ މި މެޗު ކުޅޭނީ އޭޕްރިލް 3 ވަނަ ދުވަހުގެރޭ 10 ޖަހާއިރު އެވެ.
މާޒިޔާ އާއި އީގަލްސް އަކީ އާ ސީޒަނަށް އެންމެ ބޮޑަށް ތައްޔާރުވެފައިވާ ދެ ޓީމެވެ. މި ދެ ޓީމުން ވެސް ވަނީ ކުޅުންތެރިންގެ ސޮއި ހޯދައި ޕްރެކްޓިސް ފަށައިފަ އެވެ. މާޒިޔާ އިން ކޯޗަކަށް ހަމަޖައްސާފައިވަނީ އިންޑޮނީޝިއާ ގައުމީ ޓީމުގެ ކުރީގެ ކޯޗު ބަލްގޭރިއާގެ އީވާން ކޮލޭފް އެވެ. އީގަލްސް އިން ޓީމަށް ގެނައީ ކުރީގެ ކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ) އެވެ.
މި މެޗު އޮންނަ ދުވަސް އެފްއޭއެމުން ހާމަކުރި ނަމަވެސް، ލީގު ފަށާނެ ތާރީހެއް އިއުލާންނުކުރެ އެވެ. ބެލެވޭ ގޮތުގައި އޭޕްރިލް މަހު ލީގު ވެސް ފަށާނެ އެވެ.
ލޯކަލް ސީޒަން ނުފެށި ނަމަވެސް މިދިޔަ ޑިސެމްބަރު މަހާއި މި މަހު ގައުމީ ޓީމު ވަނީ އެކުވެރިކަމުގެ މެޗުތަކެއް ކުޅެފަ އެވެ. ގައުމީ ޓީމުން ތައްޔާރުވަނީ އަންނަ ޖޫން މަހު އިންޑިއާގެ ބެންގަލޫރުގައި ފަށާ ސާފް ޗެމްޕިއަންޝިޕަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބިސްސާމް
26 March 2023
ފުޓް ބޯޅަ ނުކުޅުނަސް ފީފާ އަށް އޯކޭ! އެކަމު ފިޔަވަޅު އަޅަން އުޅޭ އިރު ލޮލަށް ނިދި ވެސް ނާދޭ.. އެވާހަކަ ދައްކާނިޔާ ސަސްބެންޑް ނުކުރެވިގެން ދުވަނީ ؟