ވިޔަފާރި / ރިޕޯޓް

އާޒިމްގެ ތިން އަހަރު: އެމްޓީސީސީ ހަ ގުނަ އަށް ފުޅާވެއްޖެ!

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް "މިހާރު" އާ ވާހަކަ ދައްކަވަނީ: އެމްޓީސީސީއަކީ މިހާރު އާންމުން އެންމެ އިތުބާރު ކުރާ އެއް ކުންފުނި.--- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އެމްޓީސީސީ ހިންގެވުމާ އާދަމް އާޒިމް ހަވާލުވެ ވަޑައިގަތްއިރު، އެ ކުންފުނި އޮތީ ވަރަށް ނާޒުކު ފައްތަރެއްގަ އެވެ. އޭރު ކުންފުނި އޮތީ ވަރަށް ބޮޑަށް އަޑިއަޅާލައި، ގެއްލުންތަކެއްގެ ތެރޭގަ އެވެ. އެކަމަކު، އެ ކުންފުންޏާ ހަވާލުވެވަޑައިގެން އާޒިމް މަސައްކަތް ފެއްޓެވީ ވަރަށް ބޮޑު އުންމީދަކާ އެކު އެވެ. މަގާމާ ހަވާލުވެ ވަޑައިގަތްތާ އަހަރެއްވި އިރު، އެމްޓީސީސީ ދައްކަމުން އައީ މުޅިން ތަފާތު މަންޒަރެކެވެ. ފައިދާވާ ކުންފުންޏަކަށް އެ ކުންފުނި ބަދަލުކޮށް، ރާއްޖޭގެ އެންމެ ބިޒީ ކުންފުންޏަކަށް އެމްޓީސީސީ ބަދަލުވި އެވެ.

އެމްޓީސީސީގެ ހަޔާތުގައި މިހާތަނަށް ދުވަހަކު ވެސް ތަޖުރިބާކޮށްފައި ނުވާ ދުވަސްތަކެއް، ވޭތުވެދިޔަ ތިން އަހަރު އެ ކުންފުނިން ދެކެފި އެވެ. އާޒިމްގެ މޭސްތިރިކަމުގައި ވޭތުވެދިޔަ ތިން އަހަރުގެ ތެރޭ އެ ކުންފުނިން ވަނީ 11 ދުވަހުން ޕްރޮޖެކްޓެއް ނިންމައިފަ އެވެ.

އެންމެ 25 ޕްރޮޖެކްޓް ހިންގަމުން އައި އެ ކުންފުނިން، މިހާރު އެއް ފަހަރާ 140 ޕްރޮޖެކްޓް އެބަ ހިންގަ އެވެ. ގެއްލުމުގައި ހިންގި އެ ކުންފުންޏަކަށް ވޭތުވެދިޔަ ތިން އަހަރު ވެސް، އެވްރެޖުކޮށް 200 މިލިއަން ރުފިޔާގެ ފައިދާއެއް ލިބުނެވެ.

ސިއްރަކީ ކޮބައިހެއްޔެވެ؟ -- މިއީ އާޒިމްގެ ޖަވާބުތަކެވެ.

އާޒިމް "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއް ދެއްވަނީ: ވޭތުވެދިޔަ ތިން އަހަރު ވެސް އެމްޓީސީސީ އަށް އެވްރެޖުކޮށް 200 މިލިއަން ރުފިޔާގެ ފައިދާވި.---ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ސުވާލު: އެމްޓީސީސީއަކީ ކަންކަން ވާ ކުންފުންޏެއްގެ ގޮތުގައި މިހާރު މި ފެންނަނީ. އާޒިމް ދެކެވަޑައިގަންނަވާ ގޮތުގައި ކޮބައިތޯ އޭގެ ސިއްރަކީ؟

އާޒިމް: އަޅުގަނޑު އަބަދު ވެސް މި ގެންގުޅެނީ "ޕީޕަލް ފަސްޓް" އެޕްރޯޗެއް. ފުރަތަމަ ވެސް މުވައްޒަފުންނަށް ރަނގަޅު ގޮތްތައް ހޯދައިދީ، މުވައްޒަފުން ބޭނުންވާ ކަންކަން މިކޮށްދެނީ. އެއީ އަބަދުވެސް ކުރާ ކަމަކީ. ފުރަތަމަ ވެސް މުވައްޒަފުންނަށް ރަނގަޅު ވޯކިން އެންވަޔަރުމަންޓެއް ދީ، މުވައްޒަފުންގެ މުސާރަތައް ރަނގަޅުކޮށްދީ، މުވައްޒަފުންނަކީ ގާބިލް، ޑިސިޕްލީން ބަޔަކަށް ހަދަން މަސައްކަތް ކުރަނީ. އެއީ ފުރަތަމަ ބިންގާ އަޅާ ހިސާބަކީ ވެސް.

އެއީ އަޅުގަނޑު ގަބޫލު ކުރަނީ ކުންފުންޏަކީ މުވައްޒަފުން ކަމަށް. މިކަންކަން ނުކޮށްދީ ކުންފުންޏެއް ކުރިއަކަށް ނުގެންދެވޭނެ. ކަންކަން ހިންގުމުގައި ކާމިޔާބު ލިބޭ ސަބަބަކީ މި އެޕްރޯޗު ގެންގުޅޭތީ. އަޅުގަނޑު ކައިރީ އުޅޭ ހުރިހާ އެންމެންނަކީ އަޅުގަނޑަށްވުރެ މާ މޮޅު، ހަވާލުވި އިރަށް ވުރެ މާ މޮޅު ބަޔަކަށް ހަދައިދޭން މަސައްކަތް ކުރަނީ.

ހޯރަފުށީ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އެމްޓީސީސީގެ ސީއީއޯ އާޒިމް ބައްލަވާލައްވަނީ ---ފޮޓޯ: އެމްޓީސީސީ

މުވައްޒަފުން ކުރިއަރުން ކޮން މަސައްކަތްތަކެއްތޯ ކުރަނީ. މުވައްޒަފުން ކުރިއެރުވުމުގައި ދަތިތަކެއް ކުރިމަތިވޭތޯ؟

އަޅުގަނޑު ގަބޫލެއް ނުކުރަން އެއްވެސް ކަމެއް، އެއީ ކުރަން ޖެހޭ ކަމަކަށް ވާ ނަމަ އެކަމުގައި އުނދަގުލެއް ހުންނާނެ ކަމަކަށް. އަޅުގަނޑު ހަވާލުވި އިރު މިތަނަކީ 1،500 މުވައްޒަފުން ތިބި ތަނެއް. މިހާރު މިތަނުގެ މުވައްޒަފުންގެ އަދަދަކީ 4،200 މީހުން. މި ހުރިހާ މުވައްޒަފުންނަކީ ވެސް ކޮންމެވެސް ކަހަލަ ޓްރެއިނިންއެއް ލިބިފައި ތިބި ބަޔެއް މިއަދު މިތަނުގައި ތިބޭނީ.

އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކޮންމެ މުވައްޒަފަކީ ވެސް އާދަޔާ ހިލާފަށް މުހިއްމު މުވައްޒަފެއް.

އަޅުގަނޑު ދެކޭ ގޮތުގައި ކުންފުނީގެ އެންމެ އާދައިގެ މުވައްޒަފުންނަށް އެންމެ ރަނގަޅަށް ކަންތައް ކުރެވޭ ހިސާބަށް ގެންދެވޭ ވަގުތަކީ، ކުންފުނި އެންމެ މައްޗަށް ދާ ގަޑި. އެ ހިސާބަށް ނުގެންދެވޭ ނަމަ ކުންފުނި އަދި ރަނގަޅަށް ނުހިންގެނީ. މިދިޔަ އަހަރު އެކަނި ވެސް 16،000 ގަޑިއަށް ވުރެ އިތުރަށް މުވައްޒަފުންނަށް ޓްރެއިނިން ދީފައިވާނެ. މިދިޔަ އަހަރު އެކަނި 15 މުވައްޒަފަކަށް ޔޫރަޕްގެ ގައުމުތަކުން ސްކޮލާޝިޕް ދީފައި ހުންނާނެ. މި އަހަރު އިތުރު 10 މުވައްޒަފަކަށް ސްކޮލާޝިޕް ދޭން މިހާރު ރެޑީ ވަނީ.

އެމްޓީސީސީގެ ރޯދަ ޕްރޮމޯޝަން އާޒިމް ފައްޓަވައި ދެއްވަނީ: އެ ކުންފުނިން އަންނަނީ އެކި ދާއިރާތަކުން ވިޔަފާރި ފުޅާ ކުރަމުން-- ފޮޓޯ: މިހާރު

އެމްޓީސީސީން ގިނަ ޕްރޮޖެކްޓްތަކެއް ހިންގަމުން އަންނަ އިރު، އިތުރު ޕްރޮޖެކްޓްތައް ފެށުމަށް ވެސް އަންނަނީ މަސައްކަތް ކުރަމުން. އެއާ އެކު އިތުރު މުވައްޒަފުން ވެސް ބޭނުންވާނެ. އުނދަގޫތޯ ބޭނުންވާ ވަރަށް މުވައްޒަފުން ހޯދަން؟

ސްލިކްޑް މުވައްޒަފުން ހޯދުމަކީ އެހާ ފަސޭހަ ކަމެއް ނޫން. އެހެންވެ، ސްކިލް ޑިވެލޮޕް ކުރަން ވެސް އަޅުގަނޑުމެން މަސައްކަތަކެއް ކުރަން. އަޅުގަނޑުމެން އިޝްތިހާރުތައް ޖަހައިގެން ވެސް މީހުން ނުލިބިގެން ބޭރުން މީހުން އެބަ ގެންނަން ޖެހޭ. އެދޭ ގޮތެއް ނޫން، އެކަމަކު ތަރައްގީ ވަމުން އަންނަ ގައުމަކަށް ވާތީ ގިނަ މަސައްކަތް ކުރަން އެބަހުރި. މަސައްކަތް ލަސް ކުރެވޭކަށް ނެތް.

ކުރިއަށް އޮތް ދެތިން މަސް ތެރޭ ވެސް 400 ގާތް ކުރާ އަދަދެއްގެ އިތުރު މުވައްޒަފުން ނަގަން ޖެހޭނެ. އޭރުން ހަވާލުވެ ހުރި މަސައްކަތްތައް ބާރަށް ކުރިއަށް ގެންދެވޭނީ.

ސްކިލްޑް ވަޒީފާތައް ނޫން، އެޑްމިނިސްޓްރޭޓިވް ވަޒީފާތަކަށް ހުޅުވާލުމުން އެއް ވަޒީފާ އަށް 300 އަށް ވުރެ ގިނަ އެޕްލިކޭޝަން ވެސް ލިބިފައި އެބަހުރި. އެހެންވީމަ ފުދޭ ވަރަކަށް ޑިމާންޑް ބޮޑު އެމްޓީސީސީގެ ވަޒީފާތަކަށް. ސްކިލްޑް ވަޒީފާތަކަށް މީހުން ނުލިބެނީ. އެފަދަ ވަޒީފާތަކަށް ޝައުގުވެރިކަން ކުޑަ.

އާޒިމްގެ މަސައްކަތްތަކަށް ވަރަށް ގިނަ މީހުން އެބަ ތައުރީފު ކުރޭ. އެއީ ކީއްވެގެން ކަމަށްތޯ ގަބޫލު ކުރައްވަނީ؟

އަޅުގަނޑު އެންމެ އިސްކަމެއް ދެނީ އަޅުގަނޑު އެ ހުންނަ ތަނެއްގައި ހުރެފައި ދާއިރު އެތަނަކީ އަޅުގަނޑު ހަވާލުވި އިރަށް ވުރެ މާ ވަރުގަދަ، މާ ބޮޑު ތަނަކަށް ހަދައިދީފައި ދާން. އަޅުގަނޑު ބަލަން މަސައްކަތް ކުރާ އެންމެންނަކީ ގާބިލް މީހުންނަށް ހެދޭތޯ. އޯގާތެރިކޮށް ކަންކަން ކޮށްދެވޭތޯ.

އެމްޓީސީސީގެ މުވައްޒަފަކަށް އޮންނަ އުސޫލުގެ ތެރެއިން ކުރެވޭ އެއްވެސް ކަމެއް ނޯންނާނެ ނުކޮށްދީއެއް. އެހެންވީމަ މުވައްޒަފަކަށް ނުކޮށްދީ ނޯންނާނެ އެއް ކަމެއް ވެސް. އެއީ ކަންނޭނގެ އަޅުގަނޑާ މުވައްޒަފުންނާ ގާތް ގުޅުމެއް އުފެދޭ އެއް އެއް ސަބަބަކީ.

އެމްޓީސީސީން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އާޒިމް ވާހަކަ ދައްކަވަނީ: އެ ކުންފުނިން މިހާރު އަންނަނީ އެއް ފަހަރާ 100 އަށް ވުރެ ގިނަ ޕްރޮޖެކްޓް ހިންގަމުން.--- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އެހާ ގިނަ ޕްރޮޖެކްޓްތަކެއް އެއްފަހަރާ ހިންގާ އިރު، ކުންފުނީގެ އަމާޒުތައް ކަނޑައަޅައި ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމުގެ ޕްލޭންތައް ރާވަނީ ކިހިނެއްތޯ؟

މި ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރެވިގެން މި ވަގުތު ވެސް އަޅުގަނޑުމެން އެބަ ކުރިއަށް ގެންދަން 140 ޕްރޮޖެކްޓް. އަޅުގަނޑު ހަވާލުވި އިރު ގާތްގަނޑަކަށް 25 ޕްރޮޖެކްޓް މިތަނުގައި ކުރިއަށް ގެންދިޔައީ. މިއީ ފަސޭހަވެގެން ކުރާ ކަމެއް ނޫން. އުނދަގޫ މަސައްކަތްތަކެއްކަން އެނގިތިބެ މި ކުރަނީ.

އަޅުގަނޑުމެންގެ އަމާޒަކީ ގައުމު ތަރައްގީ ކުރަން ލިބުނު ފުރުސަތުގައި ވީހާ ވެސް ބާރަކަށް މަސައްކަތްތަކެއް ކޮށް ރައްޔިތުންނަށް ބޭނުންވެފައި ހުރި ކަންތައްތައް ވީ އެންމެ އަވަހަކަށް ހައްލު ކޮށްދިނުން. އެމްޓީސީސީގެ އަމާޒަކަށް ހެދީ ހަވާލު ކުރާ ކަންކަން ވީ އެންމެ އަވަހަށް ނިންމުން. އެންމެ ރަނގަޅު މީހުންނާއި އިކުއިޕްމެންޓާއި ރޭވުންތެރިކަން ބޭނުންކޮށްގެން މަސައްކަތްތައް ތަރުތީބުކޮށްގެން ކުރިއަށް މި ގެންދަނީ. އަދި މުވައްޒަފުންގެ ކަންކަން ނިންމަން ރެއާ ދުވާލު މަސައްކަތް ކުރާތީ މިކަންކަން މިވަނީ.

އެމްޓީސީސީގެ މުވައްޒަފުންނާއެކު ސީއީއޯ އާޒިމް މަގޫދޫ ބިންހިއްކުމުގެ މަސައްކަތް ބައްލަވާލައްވަނީ ---ފޮޓޯ: އެމްޓީސީސީ

އާޒިމް ހަވާލުވެ އެމްޓީސީސީ އަށް ގެނެވުނު އެންމެ ބޮޑު ބަދަލަކީ ކޮބައިތޯ؟

އަޅުގަނޑު އެންމެ ފުރަތަމަ އެމްޓީސީސީއާ ހަވާލުވި އިރު މިތަނުގެ އެކްސްކޯ ބައެއް ބޭފުޅުން ވިދާޅުވި އެމްޓީސީސީ އަށް ކުރެވޭނީ އެއް ބިލިއަން ރުފިޔާގެ މަސައްކަތޭ. އެއަށް ވުރެ ގިނައިން މަސައްކަތެއް ނުކުރެވޭނެއޭ.

މިދިޔަ ތިން އަހަރު އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން ކޮންމެ އަހަރަކު އެވްރެޖުކޮށް 2.2 ބިލިއަން ރުފިޔާގެ މަސައްކަތް. އޭގެ ކުރީގައި ހާސިލުނުވާ އާމްދަނީ ތިން އަހަރުން ހޯދިއްޖެ. މިތަނުގައި ގަބޫލު ކުރަނީ އެމްޓީސީސީ އަށް ފައިދާ ވާނީ 100 މިލިއަން ރުފިޔާއަށް ވުރެ ދަށުންނޭ. މިދިޔަ ތިން އަހަރު ކޮންމެ އަހަރަކު 200 މިލިއަން ރުފިޔާގެ ފައިދާގައި އަހަރު ނިންމީ.

މީހުން ތިބެނީ މަސައްކަތް ކުރާ ހިތުން. އެކަމަކު މަގު ދައްކާ. ވިޝަންއެއް ހުރެގެން މަސައްކަތް ކުރާނެ ޓީމެއް އުފެއްދިއްޖެ ކަަމަށް އަޅުގަނޑު ގަބޫލު ކުރަނީ. މިހާރު އެންމެން ގަބޫލު ކުރޭ އެމްޓީސީސީއަކީ ކަންތައްތައް ކުރެވޭ، ކަންތައްތައް ކުރާނެ ބައެއް ކަން. އަދި އެކަން ދަމަހައްޓަން މާ ގިނަ މަސައްކަތް ކުރަން ޖެހޭ.

ކުދި ކަންކަން ކޮށްގެން ތިބޭކަށް އަޅުގަނޑުމެން ބޭނުމެއް ނޫން. އަޅުގަނޑުމެން ބޭނުންވަނީ ބޮޑެތި ޕްރޮޖެކްޓްތައް ހިންގާ ފެންވަރުގެ ކުންފުންޏަކަށް ހަދަން. ދިވެހި ރާއްޖޭގައި އުމްރާނީ ތަރައްގީގެ ބޮޑެތި ޕްރޮޖެކްޓްތައް ހިންގާ ކުންފުންޏަކަށް އެމްޓީސީސީ ހެދުމަކީ އަޅުގަނޑުގެ ހުވަފެން. އަޅުގަނޑުމެންގެ އަމާޒު.

20 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 8%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 8%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަލަމިންޖާ

05 April 2023

އާޒިމް، ތިބޭފުޅާ މިފްކޯ އާއި ހަވާލުވާންވީ ނޫންތޯ؟ ދެއުޅި އެއްނުވާ އެމްޑީން ލައިގެން މިފްކޯ އޮތީ ފަހުނޭވާގައި!

The name is already taken The name is available. Register?

މުވައްޒަފު 2

04 April 2023

ފުޅާ ވީއިރު ކޮބާތޯ 1 އަހަރުވެސް ބޯނަސް؟

The name is already taken The name is available. Register?

ޒައިލް2

04 April 2023

އެމްޓީސީސީ އެސްޓީއޯ ފުޅާވާނެ ކޮންމެ މީހަކު ހުއްޓަސް. އެއީ 40 އަހަރުކކުރރިން ދަޢުލަތުން ބިމާ މުއްޒަފުންނާ ވަޞީލަތްތައް ދީގެން އުފައްދާ ނަގާ ކޮޅަށް ޖަހާފަ ހުރި ތަންތަން.. ޕްރޮގްރާމްްކޮށްފަ ބޮޓެއް ހުއްޓަސް ތިތަންްތަން ހިިނގާނެ.. ޕްރަމޯޓްވާން އާޓިކަލްތައް ނޫސްތަކުގަ ޖެހިޔަސް ވާނުވާ އެނގޭ..

The name is already taken The name is available. Register?

މުވައްޒަފެއް

04 April 2023

އެންމެ ދެރަވަނީ ހިންގުންތެރި ރަނގަޅު ސީއޯއެއް ހުރެވެސް ކުންފުނީގެ އެންމެ ކާމިޔާބު ތިން އަހަރު ފާއިތު ވީ އިރުވެސް މުވައްޒަފުންނަށް އެ އަހަރުތަކުގެ ބޯނަސް ނުދިނުމުން. މެޖޯރިޓީ މުވައްޒަފުން މިކަމާ ތިބީ ވަރަށް ނުތަނަވަސް ވެފައި

The name is already taken The name is available. Register?

ކުދިވިޔަފާރި ލީގު

03 April 2023

ތި އާޒިމު ގޮސް އިބޫއަށް 8 ޑިޖިޓުސްގެ ފިގަރ ދައްކަނީ އަހަރެމެން ކުދިވިޔަފާރިތަށް ފުނޑާފަ. ބުރޯ ވޯޓުދޭނީ ފައިސާއެއްނޫން އަހަރެމެންނާ އަހަރެމެންގެ ޢާއިލާތަކުގެ ވޯޓު އިބޫ ހަނދާން ނައްތާލާ...

The name is already taken The name is available. Register?

ކަފާސްވެފަ

03 April 2023

މިރަށު ބަނދަރު ހާކާލަ ހާކާލާ އެތައް އަހަރެއް

The name is already taken The name is available. Register?

ކޮންރަށެއް

04 April 2023

ތިޔާ އަޅެފަހެ ކޮން ރަށޭއްތަ؟

The name is already taken The name is available. Register?

މުރާސިލް

03 April 2023

ތިޔަ ތަން 3އަހަރުގެ ތެރޭގައި 6ގުނަ ބޮޑުވީ އޯވަރނައިޓަކުން ނޫނެވެ. އަދި އާޒިމު ހެދި މޮޅުޖާދުލަކުންވެސް ނޫނެވެ. ނޫނީ ހިންނަވަރު ނޫރާނީގެ އިބުރާހިމް ސޯލިހްގެ މޮޅުކަމަކުންނެވެ. އެއީ އެމްޓީސީސީއަކީ ކާމިޔަބު ކުންފުންޏަކަށް ހެދުމަށް ވަރަށް ރަނގަޅަށް ޕުލޭން ކުރެވިގެން ކުރީގެ ރައީސްޔާމިންގެ ވެރިކަމުގައި އެމްޓީސީސީއަށް ގެނެވުނު ހެޔޮބަދަލުތަކުގެ ސަބަބުން ލިބުނު ކުރިއެރުމެކެވެ. އެކުންފުނީގެ ޤާބިލްކަން އިތުރުކޮށް ކުންފުނީގެ ކެޕޭސިޓީ އިތުރުކުރެވިފައިވާތީއެވެ.

The name is already taken The name is available. Register?

ކާސާ

03 April 2023

ތިތަން ހަގުނަ ބޮޑުވިރު ގައުމުމިވީ ސައިޒުން ބާރަގުނަ ކުޑަވެ އަޅުވެތިވެފަ

The name is already taken The name is available. Register?

ހަސަން ފޭދޫ

03 April 2023

އެކަމަކަު މީނަގެ ބޭބެ ނާޒިމް ބުނަނީ އޮޅުވާލައިގެން ކަމަށް ބޮޑުފައިދާ ދައްކަނީ. ދަރަނި ވާހަކަ ދައްކަން ނުކެރޭނެ ކަމަށް.

The name is already taken The name is available. Register?

ސަސ

03 April 2023

ހިނގާބަލަ އާޒިމް ރައީސްކަން ކުރަން ބޭނުންތޯ ބަލަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454