ރަސްފަންނު ވަރަށް ބޮޑަށް ހަލާކުވެފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
23 ޑިސެމްބަރ 2024 - 10:52
ޕާކުތަކާއި މައިޒާންތައް ބެލެހެއްޓުމަކީ ސިޓީ ކައުންސިލްގެ ޒިންމާއަކަށް ވިއަސް ރަސްފަންނު މަރާމާތު ކުރަން އެމްޓީސީސީއާ އޮތީ ހަވާލުކޮށްފައި ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް އިއްޔެ ވިދާޅުވެއްޖެ އެވެ.
ރަސްފަންނު ވަރަށް ބޮޑަށް ހަލާކުވެފައިވާ ތަންތަން ދައްކުވައިދޭ ވީޑިއޯއެއް "މިހާރު" އިން އިއްޔެ އާންމު ކުރުމާ އެކު، އާޒިމް ވިދާޅުވީ ހަޓުތަކާއި ބާބަކިއު ސަރަހައްދު ބެލެހެއްޓުމަކީ އެމްޓީސީސީގެ ޒިންމާއެއް ކަމަށެވެ.
އެ ތަނުގައި ހިންގާ ކިއޮސްކަކީ، އެ ސަރަހައްދު މަރާމާތު ކުރާތީ އޭގެ ބަދަލުގައި އެމްޓީސީސީ އަށް ދީފައިވާ ތަނެއް ކަމަށް އާޒިމް ވިދާޅުވި އެވެ. ކިއޮސްކް ކުއްޔަށް ދީގެން އާމްދަނީ ލިބެނީ އެމްޓީސީސީއަށެވެ.
"އެގްރިމެންޓެއް އޮތީމާ، އެ އަށް އިހުތިރާމް ކުރަން ވެގެން އަޅުގަނޑުމެން އެ މަސައްކަތް ނުކުރަނީ. އެކަމަކު، ރަސްފަންނުގައި ހުންނަ ކުނި އެއްޗެހި ނަގައި ސާފުކުރަން،" އާޒިމް ވިދާޅުވި އެވެ.
މާލޭގައި ގިނަ ބަޔަކު ހިތްހަމަޖައްސާލަން ނުކުންނަ ރަސްފަންނާއި ސުނާމީ ބިނާ ސަރަހައްދު ވަރަށް ބޮޑަށް ހަލާކުވެފައި. ރަސްފަންނުގައި އާއިލާ އާއި ރައްޓެހިން އެއްވެ މަސް ފިހަން ހެދި ބާބެކިއު ގްރިލްތަކާއި މަސް ބާނަން ހާއްސަ ކުރި ތަން ވެސް ވަނީ ވަރަށް ބޮޑަށް ވީރާނާވެފައި. އެ ތަންތަން… pic.twitter.com/CLi09xn4BF
— Mihaaru (@Mihaarunews) December 22, 2024
ރަސްފަންނުގައި ހިންގާ ޕޮމެލޯ ރެސްޓޯރެންޓު ހިމެނޭ ގޮތަށް ޝަވަރުތައް މަރާމާތުކޮށް ބަލަހައްޓަން ހަވާލުކޮށްފައިވަނީ އެމްޑަބްލިއުއެސްސީއާ އެވެ. ރަސްފަންނުން އައިޖީއެމްއެޗާ ވީ ހިސާބު ބަލަހައްޓަން ވެސް އަމިއްލަ ފަރާތަކާ ހަވާލުކޮށްފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.
ރަސްފަންނުގެ އިތުރުން ސުނާމީ ބިނާ މައިޒާން ސަރަހައްދު ވެސް ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. އާޒިމް ވިދާޅުވިގޮތުގައި، މަރާމާތު ކުރުމުގެ ބަދަލުގައި އެ ތަނުގައި ޖެހޭނީ އިންފްރާސްޓްރަކްޗާގެ މަސައްކަތް ކުރާށެވެ. ނަމަވެސް، އެކަން ކުރާނެ ބަޖެޓެއް ސިޓީ ކައުންސިލްގައި ނެތް ކަމަށް އާޒިމް ވިދާޅުވި އެވެ.
"ބަޖެޓް ހަމަޖައްސައިދީފި ނަމަ ކައުންސިލަށް ވެސް ކުރެވިދާނެ،" އޭނާ ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ، ރަސްފަންނު މަރާމާތުކުރުމާ ގުޅޭގޮތުން އެމްޓީސީސީ އަށް މިއަދު ސިޓީ ފޮނުވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލިބޭ
23 December 2024
ސަލްޓަން ޕާކް ވެސް ތިހާލުގަ. ހަލާކުވާތަނެއް ނުހެދޭ. ބަންދުކުރާ ތަނެއް ނުހުޅެވޭ. ލޮނުޒިޔާރަތް ޕާކްވެސް އެފަދަ. މަގުތަކަށް ފެންފައިބާ ގޮތަށް ހުރި ހޮޅިތައް ހަމަ އެހެން. މަޖީދީ މަގުވެސް އެހާލުގަ. ފެން ނުހިދޭ މަގުތައް ގިނަ. ކައުންސިލެއް އޮވެގެން ވާކަމެއް ނެތް. މައުމޫންގެ މުނިސިޕަލްޓީ ޒަމާން މާރަނގަޅު.
ބޮޑުބެގެ ބެއްޔާ
23 December 2024
އަސްލު ވީގޮތަކީ، ރަސްފަންނުގެ ރެސްޓޯރަންޓް ހިންގާ ބިން ޕޮމެލޯއަށް ދޭންވެގެން ކޮށްފަ އޮތް ކަމެއް ތީ. އެމްޓީސީސީ މެދުވެރި ކުރުމުގެ ބަދަލުގައި ސިޓީކައުންސިލުންވެސް ސީދާ ތިތަން ކުއްޔަށް ދެވިދާނެ. އަދި މަރާމާތުވެސް ކުރެވިދާނެ. ގިނައިން ވާހަކަދެއްކިވަރަކަށް ހޭވި ހަޑި ފެންނާނީ.
ސަހަރޯއި
23 December 2024
މިދިޔަ 5 އަހަރު އެމްޓީސީސީގައި ހުރިކާކުތޯ މޭޔަރަށް ހަނދުމަފުޅު ނެތުނީކަމަށްވާނީ.
ސަނީސައިޑްބޮންޑް
23 December 2024
ސަލްޓަންޕާރކް ވީރާނާވެފައޮންނަތާވެސް އެތަށްދުވަހެއް. އެތަންވެސް އެމްޓީސީީންދޯ ބަލަހައްޓަނީ؟
ޒިލާފް
23 December 2024
އެވަރުވެގެން ދިޔައީ މިހާރުން ވީޑީއޯ ދެއްކި އިރަކުނޫން ކިތައްމެ ދުވަހެއް.އެމްޓީސީސީއާއި ހަވާލުކޮށްފަ އޮތަސް ސިޓީކައުންސިލުން ބަލަންޖެހޭ އެކަންކަން..ތީ ބޮލުން ނައްޓާލުން.
ވާރުތަ
23 December 2024
ނޫހުގަ ޖެހީމަތަ ސިޓީ ފޮނުވަނީވެސް. މަވެސް ދެން މިހާރު ނޫހަށް ޝަކުވާ ފޮނުވާނީ، ދައުލަތުގެ އިދާރާތައް ހޭލަނީ މިހާރު ނޫސް ކިޔާފަވިއްޔާ. ފްރާންސްގެ އާއިލާ މަތިން އިމިގްރޭޝަނުން ހަނދާންވީ ވެސް ނޫހުގަ ޖެހުމުން. ޒުހޫރުގެ ސިޓީވެސް ރައީސް އޮފީހަށް ފޮނުވާފަ އަނެއްދުވަހު މިހާރު ނޫހަށް ފޮނުވި ނަމަ ރައީސަށްވެސް ލިބޭނެ ކަމަށް މިބަލަނީ. މިހާރު ނޫހަށް އެއްޗެހި ފޮނުވޭގޮތް ނިކަން ރަނގަޅަށް އިސްތިހާރު ކޮށްލަބަލަ
ހުސަ
23 December 2024
މިކަހަލަ ހިތްފަސޭހަ ތަންތަން ވީރާނާވެ ހަލާކުވެގެން ދާން ދޫކޮށްލާފައި އޮންނާތީ ހިތާމަކުރަން! ހަމަ އެގޮތަށް ހުޅުމާލޭގެ މަގުތަކުގެ ބައެއް ހިސާބުތަކުގެ ޕޭވްމަންޓްގައި އަޅާފައި ހުރި ގާތަށް ފުނޑުވެ ވަޅުގަނޑު ހެދި މަގުތަކުގެ އަރިމަތީ ވިނަ ބޯވެފައިވޭ! މިމަގުތައް މަރާމާތުކޮށް ސްޕަވައިޒްކޮށް ބަލަހައްޓާނެ ބަޔަކު ނެތީމަ މަގުތައް އެދަނީ ވީރާނެވެ ހަލާކުވަމުން! މިވެސް ބަލާ ޙައްލުކުރަންޖެހޭ ކަމެއް!
ސަސި.
23 December 2024
ސަޅި، ކަމަކާ ޖެހޭ އިރު ޒިންމާވާނެ މީހަކު ހޯދަންޖެހޭނީ ގުރުލާން
ރގލު
23 December 2024
ރަގަޅު. ޖަވާބު ދާރީ ވެވެން ވާނެ ތިހެން. އެއީ މޭޔަރަކީ. ފިލައިގެން އުޅެގެން ނުވާނެ. ކޮބާތަ ކުރީގެ އާޒިމް. އޭނަ ފެންމަތި ވެބަލަ.
ކަމީން
23 December 2024
ޖަވާބުދާރީ ވުމަކީ ބޮލުން ނައްޓާލުމެއްނޫން.