ބޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ
29 މާޗް 2023 - 09:18
ހޮލީވުޑަށް ބަދަލުވީ ބޮލީވުޑުން ފުރުސަތުތައް ގެއްލި، މީހުންނާ މައްސަލަ ޖެހެން ފެށުމުން ކަމަށް، ބަތަލާ ޕްރިޔަންކާ ޗޯޕްރާ ބުނެފި އެވެ.
ޕްރިޔަންކާ ހޮލީވުޑަށް އެންމެ ތައާރަފްވީ 2015 ވަނަ އަހަރު ނިކުތް، "ކުއަންޓިކޯ" ކިޔާ ސީރީޒެއްގެ ލީޑުގެ ރޯލުންނެވެ. އޭގެ ކުރިން، ބައިނަލްއަގްވާމީ ލަވަކިޔުންތެރިޔެއްގެ ގޮތުން ކުރިއަށް ދާން، އޭނާ ވަނީ އިނގިރޭސި ލަވަތަކެއް ވެސް ނެރެފަ އެވެ. އޭގެތެރޭގައި، މަޝްހޫރު ލަވަކިޔުންތެރިޔާ ޕިޓްބުލްއާ އެކު ކިޔާފައިވާ ލަވައެއް ވެސް ހިމެނެ އެވެ.
ޑެކްސް ޝެޕާޑްގެ "އާމްޗެއާ އެކްސްޕާޓް" ޕޮޑްކާސްޓުގައި ވާހަކަ ދައްކަމުން ޕްރިޔަންކާ ބުނީ، ބޮލީވުޑްގައި އޭނާ އުޅެން ޖެހުނީ ވަރަށް "ތާށި" ކޮށް ކަމަށެވެ. އޭނާއާ ޖައްސާލައިގެން ގިނަ ބަޔަކު އުޅުނު ކަމަށާއި، ފިލްމުތަކުން ޖާގަނުދީ، އޭގެ ތެރެއިން ބައެއް މީހުންނާ ގިނަ މައްސަލަތަކެއް ޖެހުނު ކަމަށް އޭނާ ބުންޏެވެ.
ޕްރިޔަންކާ އޭނާގެ ފިރިމީހާ ނިކް ޖޯނަސްއާ އެކު
އެ ދުވަސްކޮޅު، ޕްރިޔަންކާގެ މިހާރުގެ މެނޭޖަރު އަންޖިލާ އާޗޭރިއާ އަށް ޕްރިޔަންކާ ލަވައެއް ފެނި، އެމެރިކާގައި ލަވަ ކުޅުމުގެ ފުރުސަތު ހޯދައިދިނީ ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ އެ ފުރުސަތުގެ ބޭނުން ހިފީ، އޭރު ބޮލީވުޑާ ދުރަށް ދާނެ ސަބަބެއް ބޭނުންވެފައި ހުރުމުން ކަމަށެވެ.
"އިންޑަސްޓްރީގައި (ބޮލީވުޑް) ވަރަށް ބޮޑަށް އަހަރެން ފިއްތާލި. އަހަރެން ފިލްމުތަކަށް ނުނަގާ މީހުންނާއި، އަހަރެން ދެކެ ރުޅިއަރާ މީހުން ވެސް އުޅުނު. މި ކުޅިގަނޑަކަށް އަހަރެން އެހާ މޮޅެއް ނުވާނެ، އެހެންވެ، އަހަރެން ބުނީ މިކަން މަޑުޖައްސާލަން،" ޕްރިޔަންކާ ބުންޏެވެ.
ޕްރިޔަންކާ ބުނި ގޮތުގައި، އޭރު ބޮލީވުޑްގެ ގިނަބަޔަކު އޭނާ އަށް ފިލްމުތަކުން ފުރުސަތު ނުދޭން ވަރަށް ގަދަޔަށް މަސައްކަތް ކުރި އެވެ.
ޕްރިޔަންކާ ޗޯޕްރާ
"އޭރު އަހަރެން ކުރިއަރައި ދިއުމުން، އަހަރެންގެ ކެރިއަ ފުނޑާލައި، އަހަންނަށް މަސައްކަތެއް ލިބުނަ ނުދީ، ފިލްމުތަކުން ޖާގައެއް ނުދީ ވޭތޯ ބެލި ގިނަ ބަޔަކު އުޅުނު،" މީގެ ކުރިން "ދަ ރަންވީރް ޝޯ" އަށް ދިން އިންޓަވިއުއެއްގައި ޕްރިޔަންކާ ބުނެފައިވެ އެވެ.
ޕްރިޔަންކާ އަކީ ބޮލީވުޑްގެ ގިނަ ފިލްމުތަކެއް ކުޅެފައިވާ ހުނަރުވެރި އެކްޓަރެކެވެ. އަދި ހޮލީވުޑާ ގުޅުނު ފަހުން ވެސް އަންނަނީ ގިނަ މަސައްކަތެއް ކުރަމުންނެވެ. ޕްރިޔަންކާގެ ކުރިއަށް އޮތީ، މަޝްހޫރު ޑައިރެކްޓަރުން ކަމަށްވާ "ރޫސޯ ބްރަދާސް" ގެ ސްޕައި ސީރީޒް "ސިޓަޑޭލް" ރިލީޒް ކުރުމެވެ. ރިޗާޑް މެއިޑަންއާ އެކު ޕްރިޔަންކާ ލީޑުން ފެންނަ އެ ސީރީޒް އެމަޒޯން ޕްރައިމް ވީޑިއޯގައި ރިލީޒް ކުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 28 ވަނަ ދުވަހު އެވެ.
އޭގެ އިތުރުން، އާލިއާ ބަޓް އަދި ކެޓްރީނާ ކައިފާ އެކު، ފަރްހާން އަހްތަރު ޑައިރެކްޓުކުރާ "ޖީ ލޭ ޒަރާ" ފިލްމުން ޕްރިޔަންކާ ހިންދީ ސިނަމާއަށް އެނބުރި އަންނަން ހަމަޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބެލާހަދީދް
30 March 2023
ވެރީ ކަނިންގ ވުމެން. ވަރަށް ފޭކު ޕާސަނާލިޓީ އެެއް ގެންގުޅޭ މީހެއް ފާޑު ޖަހާ. ބޮޑު ފޫއްސެއް.
2023
29 March 2023
ސްނިޔަންކާ އެބައުޅޭ ޖަލާލުއްދީން މޮސްކްކައިރީ ޝޮޕެއް ހުޅުވާގެން ވަރަށް ބިޒީކޮށް.... ބޮއިހަލަކި
ޒަހުފާން
29 March 2023
ނޮޓް އަ ފޭންއޯ
ބޭތިއަރާ
29 March 2023
ފޫހި އަންހެނެއް. އެކްޓް ކުރާކަށް ނޭނގޭ. ލެއްވި ހުރިހާ ކަމެއް ކުރަން ބޭނުންވޭ. އިންޑިއާ މީހުން ރީތިކަމަށް ބަލާ ވަރުން ތިވަރުވީ. މިހާރުވެސް 90% އޯޑިއެންސަކީ އިންޑިއާ
ނިއުމާާ
02 April 2023
ފެޝަން، އަދި ބަރްފީ ފަދަ ފިލްމުތަކުން އެކްޓިންގ ފެންނާނެ. އަބަދު ނެޕޯ ކިޑްސްގެ ފިލްމުތައް ބަލަންޏާ ފަހަރެއްގަ ނުފެނިދާނެ.