ދުނިޔެ / އީރާން

ނިއުކްލިއާ ވާހަކަތައް ނިންމަން އީރާނުން މުހުލަތެއް ދެނީ

މާޗް 29، 2023؛ އީރާންގެ ޚާރިޖީ ވަޒީރު ހުސައިން އާމިރު އަބްދުﷲއާން ރަޝިިޔާގެ ވެރިރަށް މޮސްކޯގައި ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --އޭއެފްޕީ

30 މާޗް 2023 - 10:54

1 comments

ހުޅަނގުގެ ގައުމުތަކުން އީރާނާ އެކު 2015 ވަނަ އަހަރު ގާއިމުކުރި ނިއުކްލިއާ މުއާހަދާ އަށް އަލުން އަމަލުކުރަން ފެށުމާ ބެހޭ ގޮތުން، އެ ގައުމުތަކުން އީރާނާ އެކުގައި ކުރަމުން އައި މަޝްވަރާތައް ކޮޅެއްގައި ޖެއްސުމަށް ވަރަށް އަވަހަށް މުހުލަތެއް ކަނޑައަޅާނެ ކަމަށް އީރާނުން އިއްޔެ ބުނެފި އެވެ.

އަލް ޖަޒީރާ އަށް ދެއްވި އިންޓަވިއުއެއްގައި އީރާންގެ ޚާރިޖީ ވަޒީރު ހުސައިން އާމިރު އަބްދުﷲއާން ވިދާޅުވީ އީރާނާ އެކުގައި ކުރަމުން އައި މަޝްވަރާތައް ވަކި ގޮތަކަށް ނިންމުމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ވަރަށް އަވަހަށް ވަކި ތާރީޚެއް ކަނޑައަޅާނެ ކަމަށެވެ. ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެންބަރުން މިހާރު ވެސް ތިއްބެވީ، އެ މަޝްވަރާތައް ނިމޭނެ ދުވަހެއްގެ އިންތިޒާރުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ގާނޫނު ހަދާ މަޖިލީހުގައި މިހާރު އޮތް ވިސްނުމަކީ، ނިއުކްލިއާ މުއާހަދާގެ ހުރިހާ ބައިވެރިން އަލުން އަނބުރާ އެ މުއާހަދާ އަށް އަމަލުކުރަން ފެށުމާ ބެހޭ ގޮތުން، ކުރިއަށް ދާ ނިމުމެއް ނެތް މަޝްވަރާތަކެއްގައި އީރާން އޮންނާކަށް ނުޖެހެޔޭ،" އެމެރިކާ އިން 2018 ވަނަ އަހަރު އަމިއްލަ އަށް ވަކިވުމުގެ ސަބަބުން އަމަލު ނުކުރެވި އޮތް މުއާހަދާއާ ބެހޭ ގޮތުން އީރާންގެ ޚާރިޖީ ވަޒީރު ވިދާޅުވި އެވެ.

މާޗް 29، 2023؛ އީރާންގެ ޚާރިޖީ ވަޒީރު ހުސައިން އާމިރު އަބްދުﷲއާން (ވ) ރަޝިިޔާގެ ވެރިރަށް މޮސްކޯގައި އެ ގައުމުގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯވްއާ ބައްދަލުކުރައްވަނީ. --އޭއެފްޕީ

އޭނާ ވިދާޅުވި ގޮތުގައި ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެންބަރުން މިހާރު ގެންދަވަނީ، ނިއުކްލިއާ މަޝްވަރާތަކާއިގެން އީރާނަށް އިތުރަށް ކުރިއަށް ދިއުމަށް ދަތިވާ ފަދަ ހުށަހެޅުންތައް ވެސް ސަރުކާރަށް ހުށަހަޅަމުންނެވެ. އޭގެ ތެރޭގައި އެ މަޝްވަރާތައް ހުއްޓައިލުމާ ބެހޭ ބިލްތައް ވެސް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"ނިއުކްލިއާ މުއާހަދާ އަށް އަލުން އެނބުރި ރުޖޫއަވުމާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ ދޮރު ތާއަބަދަށް ހުޅުވައިފައެއް ނުބެހެއްޓޭނެ."

ނިއުކްލިއާ މަޝްވަރާތަކާ ބެހޭ ގޮތުން އީރާންގެ ގާނޫނު ހަދާ މަޖިލީހުން އެންމެ ފަހުން ބިލެއް ފާސްކުރީ، 2020 ވަނަ އަހަރުގެ ފަހުކޮޅުގަ އެވެ. އެ ބިލުގައި އޮތީ، ނިއުކްލިއާ މުއާހަދާ އަށް އަލުން އަމަލުކުރަން ބޭނުން ނަމަ، އެމެރިކާ އިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުމަށް މުހުލަތެއް ދީފަ އެވެ.

އެ މުހުލަތު ފާއިތުވެ ދިޔައިރު ވެސް، އެކަން ފުރިހަމަ ނުވުމުން، އީރާންގެ އޭރުގެ ރައީސް ހަސަން ރޫހާނީ ވަނީ، އެ ގައުމުގެ ނިއުކްލިއާ އެކުވެނިތައް ބަލައި ފާސްކުރުމަށް އދ.ގެ އިންސްޕެކްޓަރުން ކުރަމުން އައި މަސައްކަތް ހުއްޓުވައި، ޔޫރޭނިއަމް ފައްކާ ކުރުމުގެ މަސައްކަތް ފުޅާކޮށްފަ އެވެ.

މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ފެށި މަޝްވަރާތައް މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި މެދުކަނޑައިލީ، އީރާނާއި ހުޅަނގުގެ ގައުމުތަކުން ވެސް، އެއް ބަޔަކު އަނެއް ބައެއްގެ ބޮލުގައި، މަޝްވަރާ ކުރުމުގައި އިޚްލާސްތެރިކަމެއް ނެތް ކަމުގެ އިލްޒާމް އަޅުވައިފަ އެވެ. އީރާނުން ބުނި ގޮތުގައި، ނިއުކްލިއާ މުއާހަދާ އަށް އީރާނުން އަލުން އަމަލުކުރަން ފެށުމަށް އެއްބަސްވާއިރު، އެކަމުގެ ބަދަލެއްގެ ގޮތުން، ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލަދޭން އެމެރިކާ ބޭނުމެއް ނުވެ އެވެ.

ނިއުކްލިއާ މަޝްވަރާތައް ހުއްޓައިލުމަށް ފަހު، އެމެރިކާ އިން ވަނީ އީރާނަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް އަޅައިފަ އެވެ. އޭގެ އިތުރުން، މިދިޔަ އަހަރުގެ ފެބްރުއަރީ 24 ވަނަ ދުވަހު ރަޝިޔާއިން ޔޫކްރޭނާ ދެކޮޅަށް ފެށި ހަނގުރާމައިގައި، އީރާނުން ރަޝިޔާއަށް އަސްކަރީ ގޮތުން އެހީވަމުންދާ ކަމަށް ބުނެވެސް، އެމެރިކާ އިން ވަނީ އިތުރު ފިޔަވަޅުތައް އަޅައިފަ އެވެ.

1 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިސްމާލި

30 March 2023

މިކަހަލަ ހުރިހައި ކަމަކީ ހުޅަނގުގެ ގައުމުތަކުން މުސްލިމް އަދި އެމީހުންގެ ގޮނޑިކޮއްކޮ ނޫން ސަރުކާރުތަކާ ދެކޮޅަށް ދުއްތުރާ ކުރަން ބޭނުންކުރާ ޓޫލްސް. ދޭތެރެއަކުން އިވޭނެ ރާއްޖޭގެ ހިއުމަން ރައިޓްސް ނޫނީ މީޑިއާގެ މިނިވަންކަމުގެ މައްސަލަތައް ވެސް ނަގައިގެން އުޅޭ އަޑު. މިވަގުތު މިހަކަލަ އަޑެއް ނީވެނީ ކީއްވެކަން އެންމެނަށްވެސް އެނގޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454