ވިލްސަން، ޔުނައިޓެޑް ކޮޅަށް ލަނޑު ޖެހުމަށް ފަހު އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ
03 އެޕްރީލް 2023 - 10:32
ނިއުކާސަލް (އޭޕްރީލް 3) - އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް 2-0 އިން ބަލިކޮށް ނިއުކާސަލް ޔުނައިޓެޑް ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.
ނިއުކާސަލްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެޓީމަށް ގޯލު ޖަހައިދިނީ ޖޯ ވިލޮކް އާއި ކެލަމް ވިލްސަން އެވެ. މި ދެ ގޯލު ވެސް ޖަހާފައި ވަނީ ދެ ވަނަ ހާފުގަ އެވެ.
މި ނަތީޖާއާ އެކު ނިއުކާސަލް ތިން ވަނައަށް އެރިއިރު ޔުނައިޓެޑް ވަނީ ހަތަރު ވަނަ އަށް ވެއްޓިފަ އެވެ. ޔުނައިޓެޑާއި ނިއުކާސަލް އަށް ވެސް ވަނީ 27 މެޗުން 50 ޕޮއިންޓް ލިބިފަ އެވެ. ނިއުކާސަލް އަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. ދެ ޓީމުން ވެސް ވަނީ ލީގުގައި މިހާތަނަށް 41 ގޯލު ޖަހައިފަ އެވެ. ނިއުކާސަލް އަށް ފައިދާ 22 ގޯލު ލިބިފައި ވާއިރު، ބައިކޮޅަށް ގިނަ ގޯލުތަކެއް ވަދެފައިވާ ޔުނައިޓެޑަށް ލިބިފައި ވަނީ ހަތަރު ގޯލެވެ.
މި ސީޒަންގެ ލީގުގައި ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ނިއުކާސަލް އާ ދެކޮޅަށް މިދިޔަ އޮކްޓޫބަރު މަހު ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. އެކަމަކު ފެބްރުއަރީ މަހު ޔުނައިޓެޑް ވަނީ 2-0 އިން ލީގު ކަޕް ފައިނަލުގައި ނިއުކާސަލް ބަލިކޮށް ފަސް ސީޒަނަށް ފަހު ފުރަތަމަ ފަހަރަށް ތަށްޓެއް އުފުލާލައިފަ އެވެ.
ނިއުކާސަލްގެ ދެ ވަނަ ލަނޑު ޖަހައިދިން ވިލްސަން ބުނީ ލީގް ކަޕް ފައިނަލް މެޗުން ބަލިވުމުން ދެރަވި ކަމަށާއި ސަޕޯޓަރުންގެ ކުރިމަތީގައި އެކަމުގެ ހިތި ފިލުވާލަން ބޭނުންވެފައި ތިބި ކަމަށެވެ.
"އަހަރެމެން ތިބީ ފައިނަލުން ބަލިވެގެން ވަރަށް ދެރަވެފައި. އޭގެ ސަބަބުން އަހަރެމެން އަނގައިގައި އަދިވެސް ހިތި ރަހަ ލާ. ސަޕޯޓަރުން ކުރިމަތީގައި އެކަން ރަނގަޅުކުރަން ޖެހޭ ކޮންމެހެން ވެސް،" މެޗަށް ފަހު ވިލްސަން ބުންޏެވެ.
ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހަގް ބުނީ ޔުނައިޓެޑަށް ވުރެ ނިއުކާސަލް އިން މެޗު ކާމިޔާބު ކުރަން ބޭނުންވެފައި ތިބި ކަމަށެވެ.
"މިހެން ބުނަން ބޭނުމެއް ނޫން، އެކަމަކުވެސް އެމީހުން [ނިއުކާސަލް] މިއަދު މޮޅަށް ކުޅުނީ. ހާއްސަކޮށް އެމީހުންގެ އަޒުމް އަދި ޝައުގުވެރިކަން ހުރި މެޗަށް. އެމީހުން ބޮޑަށް މޮޅުވާން ބޭނުންވީ، އެހެންވެ މޮޅުވީ އެމީހުން،" ޓެން ހަގް ބުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް
03 April 2023
ނިއުކާސަލް ފެންނަނީ ވަރަށް ވަރުގަދަ ޓީމެއްގެ ގޮތުގަ.ނަމަޥެސް މެންޔޫ ފެންނަނީ ވަކި ވަކި ކުޅުންތެރިންގެ ހުނަރު ދައްކަން އުޅޭ ކްލަބެއްގެ ގޮތުގަ.މެންޔޫގެ ފޭނުންގެ ހިތާމައިގަ ބައިވެރިވަން.މެންޔޫގެ މާޒީ އެއީ ކާމިޔާބީން ޖަރީކުރެވިފައިވާ އެއްޗެއް.އެކާމިޔާބީތަކުގަ ކޭތަ ހިފާނެ މިންވަރާއި ގާތަށް ވެސް އެހެން ކްލަބަކަށް ލީގްގަ އަދި ނާދެވޭ.ވ.ވެދުން. (އާސެނަލް ފޭން)