ޔޫތު މިނިސްޓްރީގެ ބިމެއްގައި ހުރި ގުދަނެއްގައި ހުރި ތަކެތި މާލޭ ސިޓީ ކައުންސިލުން ނެރެނީ.
03 އެޕްރީލް 2023 - 22:26
ޔޫތު މިނިސްޓްރީން ހަދާފައިވާ ގުދަނަކަށް މާލޭ ސިޓީ ކައުންސިލުގެ މުވައްޒަފުން ވަދެ، އެތަނުގައި ހުރި މުދާތައް ނެރުނު މައްސަލަ ހޫނުވެފައިވަނިކޮށް، އެއީ ކައުންސިލުގެ އިހުތިސާސްގައި ހިމެނޭ ތަނެއް ނޫން ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ކުރީގެ ރުމާލު ޖަގަހަ އާއި ޓޯޔާޑާ ދެމެދުގައި އޮތް ބިމަކީ މެއި 5، 2015 ގައި ޔޫތު މިނިސްޓްރީ އަށް ޕްލޭނިން މިނިސްޓްރީން ހަވާލުކޮށްފައިވާ ބިމެއް ކަމަށާއި އެ ބިމުގައި ހަދާފައިވަނީ އެ މިނިސްޓްރީ މެދުވެރިވެ، އޭރު ހެދި އިމާރާތެއް ކަމަށެވެ.
އަކްރަމް ވިދާޅުވީ، އެއީ ޕްލޭނިން މިނިސްޓްރީގެ ހަވާލުގައި އޮތް މާލޭގެ 369 ނަމްބަރު ކޮށީގެ ބިން ދަރުމަވަންތަ ސްކޫލް އަލުން އިމާރާތް ކުރުމަށް ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެންގުމާ ގުޅިގެން ބަދަލުގައި ޔޫތު މިނިސްޓްރީ އަށް މެއި 15، 2019 ގައި ހަވާލުކޮށްފައިވާ ތަނެއް ކަމަށެވެ.
ޕްލޭނިން މިނިސްޓްރީން ބުނިގޮތުގައި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، އާންމު ރައްޔިތުންނާއި ސަރުކާރުގެ އިދާރާތަކަށް ދޫކޮށްފައިވާ އެންމެހައި ވަސީލަތްތަކާއި ބިންތަކާއި ނުއުފުލޭ ހަރު މުދަލާއި ގައުމީ ސަލާމަތަށް ކަނޑައަޅާފައިވާ ތަންތަނުގެ މިލްކުވެރިކަން ލިބިގެން ވަނީ އެ ގާނޫނަށް އަމަލުކުރުމުގެ ކުރިން އެތަނެއްގެ މިލްކުވެރިކަން އޮތް ފަރާތަކަށެވެ.
"މި ބިން މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް އެމްޕަވާމަންޓާ މި މިނިސްޓްރީން ހަވާލުކޮށްފައި ވަނީ 15 މެއި 2019 ގައި ކަމަށް ވާތީވެ، މި ބިމަކީ މާލޭ ސިޓީ ކައުންސިލުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބިމެއް ނޫން ކަމުގައި ދަންނަވަމެވެ،" ޕްލޭނިން މިނިސްޓްރީން މޭޔަރަށް ފޮނުއްވި ސިޓީގައި ވެ އެވެ.
އެ ސިޓީގައި ވަނީ ދައުލަތުގެ މުއައްސަސާތަކަށް ދާއިމީ ބޭނުމަށް ދޫކޮށްފައިވާ ތަންތަން ހުންނާނީ އެތަނެއް ދޫކޮށްފައިވާ ފަރާތެއްގެ ބެލުމުގެ ދަށުގައި ކަމަށް އެ ގާނޫނުގައި ބަޔާންކުރާ ކަމަށް ވެސް ބުނެފަ އެވެ.
ޕްލޭނިން މިނިސްޓްރީން އެގޮތަށް ކައުންސިލަށް އަންގާފައި ވަނީ ޔޫތު މިނިސްޓްރީގެ ބިމެއްގެ ތެރެއަށް ވަދެ އެ ތަނުގައި ހުރި ގުދަނުގެ ތަޅު ހަލާކުކޮށްލައި، ގުދަން ކޮށްފައި ހުރި އަގު ބޮޑު ސާމާނުތައް ސިޓީ ކައުންސިލުން ގެންދާކަމަށް ބުނާ މައްސަލައެއް މިނިސްޓަރު އަހުމަދު މަހްލޫފް ފެންމަތި ކުރެއްވުމުންނެވެ.
މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވަނީ އެކަން ވަގުތުން ހުއްޓާލުމަށާއި ގެއްލޭ ތަކެއްޗާއި ގެއްލުން ލިބޭ މުދަލަށް ކައުންސިލުން ޒިންމާ އުފުލަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.
އެ މައްސަލާގައި ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ޔޫތު މިނިސްޓްރީން ބޭނުންކުރީ އެ ކައުންސިލުގެ ބިމެއްގައި ހަދާފައި ހުރި ގުދަނެއް ކަމަށެވެ. އެ ބިމުގެ ރަޖިސްޓަރީ އޮތީ ކައުންސިލަށް ކަމަށާއި މިނިސްޓްރީން އެ ގުދަން ހެދީ ސިޓީ ކައުންސިލްގެ ހުއްދަ ނެތި ކަމަށް އެ ކައުންސިލުން ބުނެފައި ވެ އެވެ.
މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭ ސިޓީ ކައުންސިލްގެ މުވައްޒަފުން ޔޫތު މިނިސްޓްރީގެ ގުދަނަށް ވަނީ އެ ތަނުގެ ވެރިފަރާތް ހޯދުމަށް މިދިޔަ ޑިސެމްބަރު މަހު އިއުލާން ގެޒެޓްގައި އިއުލާން ކުރުމުން ވެސް އެކަމަށް އެއްވެސް ފަރާތަކުން އިޖާބަ ނުދިނުމުން ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. އެހެންވެ، ހަވާލުވާނެ ބަޔަކު ނެތް ގުދަނެއް ކަމަށް ނިންމައި މިހާރަށް ވުރެ ރަނގަޅު ގޮތުގައި އެ ބިން ބޭނުންކުރަން ވެގެން ގުދަން ހުސްކުރަން ނިންމީ ކަމަށް ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ވެ އެވެ.
ނަމަވެސް ޔޫތު މިނިސްޓްރީން ބުނަނީ އެއީ އެ މިނިސްޓްރީ އަށް ޕްލޭނިން މިނިސްޓްރީން ދޫކޮށްފައިވާ ބިމެއް ކަން ލިޔެކިޔުންތަކުން ވެސް މާލެ ސިޓީ ކައުންސިލަށް އެނގޭނެ ކަމަށެވެ. އެ ތަނުގައި އިމާރާތްކުރަން ނިންމާފައިވާ ވޮލީ އިމާރާތާއި ސްޕޯޓްސް ސެންޓަރުގެ ކުރެހުމުގެ ހުއްދަ ދިނުމަށް އެދި ޔޫތު މިނިސްޓްރީން މާލެ ސިޓީ ކައުންސިލަށް އެކި ފަހަރު މަތިން ފޮނުވި ސިޓީތަކާއި އެ ސިޓީތަކުގެ ޖަވާބުތައް ވެސް ޔޫތު މިނިސްޓްރީން ވަނީ އާންމުކޮށްފަ އެވެ.
އެކަމަކު، އޭގެ ފަހުން ވެސް ސިޓީ ކައުންސިލުން ބުނީ، މާލޭގެ 353 ނަންބަރު ކޮށީގައި ހިމެނޭ ބިމަކީ އެ ކައުންސިލްގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ތަނެއް ކަމަށެވެ. އަދި އެއީ މާލޭ ހިޔާ ފްލެޓްތައް ހުރި ބިމަކަށް ވާއިރު، އެ ބިން ނުވަތަ އެ ބިމުގެ ބައެއް ޔޫތު މިނިސްޓްރީ އަށް ދީފައިވާ ކަމަށް ބުނެ ނެރެފައިވާ ނޫސްބަޔާނަކީ ކަމުގެ ހަގީގަތް އޮޅުވާލަން ކުރި ކަމެއް ކަމަށް ސިޓީ ކައުންސިލުން ތުހުމަތު ކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުއާވިޔަތް
04 April 2023
އަހަރެމެން ގަބޫލެއް ނުކުރާނަން މި ސަރުކާރުން ހަދާ ދޮގު ތަކެއް. ރެޖިސްޓްރީ އިނީ ކައުންސިލް އަތުގައި
އިލްޔަސައު
04 April 2023
މަހުލޫފުގެ ބޮޑު އަޅުކަން. ރޯދަމަހު ދޮގު ހެދުން. ޕްލޭނިން މިނިސްޓްރީގެ ބޮޑު އަޅުކަން. މަހުލޫފު ދޮގަށް ތާއީދު ކުރުން.
އަލްމާސު
04 April 2023
ދެން ސަރުކާރުން ސަރުކާރު ދިފާއު ކުރުމުގަ. އެކަމަކު ރެޖިސްޓްރީ މި އޮތީ ސިޓީ ކައުންސިލް ނަމުގަ. ސަރުކާރުން ދޮގު ހެދުމުގަ
ޒިޔާން ޒުހޫރް
04 April 2023
ދެން ކޮބާ ލާމަރުކަޒީ ގާނޫން؟ އޭގަ ވާގޮތުން ތިހެން ބިމެއް ނުނެގޭނެ. ބިން ރަޖިސްޓަރީ ކޮށްފަ އޮތީ ސިޓީ ކައުންސިލްގެ ނަންމަތީ.
ސިއްދީގް
04 April 2023
ކަމެއްގެ ހަގީގަތް މީހުން ހާމަ ކުރަނީ ހެކި ދައްކައިގެން މ. ތިހެން ހުސް ބަޔާނެއް ދައްކައިގެން ނޫން. އޮޅުވާނުލާ
ޝިހާމް ހާޝިމް
04 April 2023
ދެން ތި ބިންދީގެން މަހްލޫފް ތިތާ އެޅި ދަނޑުތަކާއި ކޯޓްތައް ކޮބާ؟ 5 އަހަރު ކީއް ތިކުރަނީ؟
މިފްޒާލް.
04 April 2023
ހެޔޮ ނުވާނެ އަކްރަމް ކަމާލުއްދީން. މިއީ ރަމަޟާން ރޯދަމަހޭ ތިވަރަށް ދޮގު ތިހަދަނީ. ހެއްކެއް ނުދައްކާ އެވެސް. ބޮޑުވަރު
ޔޫސުފް ޝަފީއު
04 April 2023
ރަގަނޅަށް ލާމަރުކަޒީ ގާނޫން ބަލާ އަކުރަމް މެން ބޭނުން ހާ އެއްޗެއް ނެހެދޭނެ. ޢިއްޔަ މަހުލޫފް މިއަދު އަކްރަމް މާދަމާ އެހެންމީހެއް
ޢަހުމަދު ސަމީރު
04 April 2023
މީ ހަމަ ސިޓީ ކައުންސިލް ބިމެއް ސަރުކާރުން ހަމަ ސިޓީ ކައުންސިލާ ޖައްސާލައިގެން މި ޢުޅެނީ
ރައުޝާން އިސްމާއިލް
04 April 2023
ދުވަހެއް ވާކަން ނޭނގެނީބާ ކިހިއްނެތް ތިކަން ގަބޫލުކުރާނީ ސިޓީ ކައުންސިލްއިން އެބަ އޮތް ރަޖިސްޓްރީވެސް ކަން ކަން އޮބާލަން ނޫޅޭނޭ