ޔޫތު މިނިސްޓްރީގެ ގުދަން ހުންނަ ބިން: މިނިސްޓްރީއަށް އެ ބިން ދިންކަމުގެ އެއްވެސް ލިޔެކިޔުމެއް ނެތް ކަމަށް ސިޓީ ކައުންސިލުން ބުނޭ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
02 އެޕްރީލް 2023 - 15:01
ޔޫތު މިނިސްޓްރީގެ ގުދަން ހަދާފައިވާ ބިމުގެ އެއްވެސް މިންވަރެއް އެ މިނިސްޓްރީއަށް ދިނުމަށް އެއްބަސްވުމެއް ހަދާފައި ނުވާ ކަމަށާއި އެކަމުގެ އެއްވެސް ލިޔެކިޔުމެއް ވެސް ފެންނަން ނެތް ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
މިނިސްޓްރީން ހަދާފައިވާ ގުދަނަކަށް މާލެ ސިޓީ ކައުންސިލުން އިއްޔެ ރޭ ވަދެ، އެތަން ހުސްކުރި މައްސަލާގައި އެއީ ކައުންސިލްގެ ބިމެއް ކަމަށް ދައުވާ ކުރަނިކޮށް، އެ ތަން އެ މިނިސްޓްރީއަށް ދޫކޮށްފައި ވަނީ ހައުސިން މިނިސްޓްރީން ކަން އަންގައިދޭ ލިޔެކިޔުންތަކާއި ކައުންސިލާއެކު ކޮށްފައިވާ މުއާމަލާތުތަކެއް ޔޫތު މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނާއެކު އާންމުކުރި އެވެ.
އެ ބަޔާނަށް ރައްދު ދީ، ސިޓީ ކައުންސިލުން ނެރުނު ނޫސްބަޔާނުގައި ބުނީ މާލޭގެ 353 ނަންބަރު ކޮށީގައި ހިމެނޭ ބިމަކީ އެ ކައުންސިލްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ތަނެއް ކަމަށެވެ. އަދި އެއީ މާލޭ ހިޔާ ފްލެޓްތައް ހުރި ބިމަކަށްވާއިރު، އެ ބިން ނުވަތަ އެ ބިމުގެ ބައެއް ޔޫތު މިނިސްޓްރީއަށް ދީފައިވާ ކަމަށް ބުނެ ނެރެފައިވާ ނޫސްބަޔާނަކީ ކަމުގެ ހަގީގަތް އޮޅުވާލަން ކުރި ކަމެއް ކަމަށް ސިޓީ ކައުންސިލުން ތުހުމަތުކުރި އެވެ.
ޔޫތު މިނިސްޓްރީގެ ގުދަން ހުންނަ ބިން: މިނިސްޓްރީއަށް އެ ބިން ދިންކަމުގެ އެއްވެސް ލިޔެކިޔުމެއް ނެތް ކަމަށް ސިޓީ ކައުންސިލުން ބުނޭ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
"... ޔޫތު މިނިސްޓްރީއަށް އެ ބިމުގެ އެއްވެސް މިންވަރެއް ދީ އަދި އެ ބިން ހަވާލުކޮށްފައި ވެސް ނުވާނެ އެވެ،" އެ ބަޔާނުގައިވެ އެވެ.
ސިޓީ ކައުންސިލުން ބުނީ އެއްވެސް ކަމެއް ކުރުމަށް، އެއްބަސްވުމެއްގެ ދަށުން ވިޔަސް، އެ ބިމުގެ އެއްވެސް މިންވަރެއް ޔޫތު މިނިސްޓްރީއާ ހަވާލުކުރިކަމުގެ ލިޔުމެއް އެ ކައުންސިލުގައި ފެންނަން ނެތް ކަމަށެވެ.
ސިޓީ ކައުންސިލުން އިއްޔެ ބުނެފައިވާ ގޮތުގައި، އެ ގުދަން ހިމެނޭ ސަރަހައްދު ނުވަތަ މާލޭގެ 353 ވަނަ ކޮށްޓަކީ އެ ކައުންސިލްގެ ރަޖިސްޓަރީގައި އޮތް ބިމެކެވެ. އަދި އެ ގުދަނުގެ ވެރިފަރާތެއް ހޯދުމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިއުލާނުކޮށް، މިދިޔަ މަހުގެ ނިޔަލަށް ވެސް އެއްވެސް ބަޔަކު އެ ގުދަނާ ހަވާލު ނުވުމުން ތަން ހުސްކުރަން ފެށީ އެވެ.
އެކަމަކު، އެ އަށް ރައްދު ދީ، ޔޫތު މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، އެ ކޮށްޓަކީ ކުޅިވަރުގެ ބޭނުންތަކަށް ކަނޑައަޅައި މޭ 15، 2019 ގައި އެ މިނިސްޓްރީއަށް، ޕްލޭނިން މިނިސްޓްރީން ދޫކޮށްފައިވާ ބިމެއް ކަމަށެވެ. އެ ބިމުގެ "ޑިވެލޮޕްމަންޓް ކޮންޓްރޯލް" ނޮވެމްބަރު 27، 2019 ގައި ޕްލޭނިން މިނިސްޓްރީން ޔޫތު މިނިސްޓްރީއަށް ދީފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
ގުދަނަކީ ޔޫތު މިނިސްޓްރީގެ ތަނެއްކަން ހެކިތަކާއެކު އާންމުކޮށްފި https://t.co/VHuYytWuW3
— Mihaaru (@Mihaarunews) April 2, 2023
ޕްލޭނިން މިނިސްޓްރީން ބިން ހަވާލުކުރި ކަމުގެ ސިޓީގެ އިތުރުން، އެ ބިމުގައި ހަދަން ނިންމާފައިވާ ސްޕޯޓްސް ސެންޓަރުގެ ކުރެހުން ފާސްކުރުމާ ގުޅޭ ގޮތުން ޔޫތު މިނިސްޓްރީ އާއި ސިޓީ ކައުންސިލާ ދެމެދު އެކި ތާރީހުތަކުގައި ބަދަލުކޮށްފައިވާ ސިޓީތައް ވެސް ޔޫތު މިނިސްޓްރީން މިއަދު އާންމުކުރި އެވެ. އޭގެ ތެރޭގައި ސްޕޯޓްސް ސެންޓަރުގެ ކުރެހުން ފާސްކުރުމަށް ބޭނުންވާ އިތުރު ލިޔުންތައް ފުރިހަމަ ކުރަން އަންގައި ސިޓީ ކައުންސިލުން އޭޕްރީލް 18، 2021 ގައި ޔޫތު މިނިސްޓްރީއަށް ފޮނުވި ސިޓީއެއް ވެސް ހިމެނެ އެވެ.
ޔޫތު މިނިސްޓްރީން ބުނިގޮތުގައި، މާލެ ސިޓީ ކައުންސިލާ ދެމެދު 2019 އިން ފެށިގެން ކޮށްފައިވާ މުއާމަލާތުތަކަށް ބެއްޔަސް އެއީ މިނިސްޓްރީގެ ބިމެެއްކަން ކައުންސިލަށް އެނގޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާބިދާ
03 April 2023
ހެކިތަކުން އެނގުނު ގޮތުގައި 2019 ވަނަ އަހަރުން ފެށިގެން ޔޫތު މިނިސްޓްރީއިން ބޮޑު ޚަރަދުކޮށްގެން، ޒަމާނީ ފެންވަރަށް ހަދާފައިހުރި ސްޕޯރޓްސް ސެންޓަރ (ގުދަން) ތެރޭގައި ތަރައްގީކޮށްފައި އޮތް ފުޓްސަލް ދަނޑާއި ހޭންޑް ބޯލް ދަނޑާއި ތިން ވޮލީ ބޯޅަ ކޯޓު، ކައުންސިލުގެ މުވައްޒަފުން ވަދެ ޕިކަޕަކަށްލައިގެން ގެންދިއުމަކީ ވަރަށް ދެރަކަމެއް. މިލިބުނު ގެއްލުމުގެ ބަދަލުގައި އަލުން އެބިމުގައި ކައުންސިލްގެ ޚަރަދުގައި ސްޕޯރޓްސް ސެންޓަރ އެޅުން މަޖުބޫރުވާނެ.
ޢަހުމަދު ޖަމީލު
02 April 2023
މަހުލޫފް ދެން ތީ ކިހާ ދެރަކަމެއް ބައެއް ގެ ބިން ތި ފޭރިގަންނަނީ ކޮބާ އަހަރުން ރަށު އަޅައިދެން ބުނި ދަނޑު؟
ޢަބްދުﷲ ހުސެއިން
02 April 2023
މި ސަރުކާރުން ކަމަކީ ހަމަ ސިޓީ ކައުންސިލް ބަދުނާމަ ކުރުން ދޮގު ތައް ހަދައިގެން. ކަމެއްކުރިއްޔާ މި ކުރަނީ ސިޓީ ކައުންސިލުން
މުހައްމަދު ސަރީފް
02 April 2023
މަހުލޫފް ކޮބާ ދޮގު ހަދައިގެން މޮޅު ތަކެއްވެއްޖެތަ
އިމްރާން މުހައްމަދު
02 April 2023
މިވެރިކަން ނިމޭނެ ދުވަހަކަށް މީހުންނަނީ. އެހާވެސް ޖަރީމާ މަހްލޫފް އެބަ ހިންގާ. މިވެސް އޭގެން ކަމެއް. ހުއްދަ ނެތި ބަޔެއްގެ ބިމަކަށް އަރާ.
ޒަޔާން ޝާނީޒް
02 April 2023
މަހްލޫފް ދެން ތިބުނާ ދަނޑުތައް ކޮބާ؟ ކޮން ދޮގެއް ހަދާކަށް ކަން ނުކޮށް. މަށަށް ޔަގީން މަހްލޫފް ދޮގު ހެދިޔަސް ޑރ. މުއިޒް ދޮގު ނަހަދާނެ ކަން.
ޝަބީން ރަމީޒް
02 April 2023
ހެހެ. ދެންވެސް ބަޔާން ނެރޭ މަހްލޫފް. އިއްޔެގަ ރެޖިސްޓްރީ ސިޓީ ކައުންސިލުން ދެއްނީމަވެސް ދޮގު ބަޔާނެއް ނެރެފިނު
ޔަމީން އިބްރާހިމް
02 April 2023
އަހަރެންނަ އޭރުވެސް އެނގުނު ސިޓީ ކައުންސިލުން މުއިއްޒް އެއް ގާނޫނާ ހިލާފަށް ކަމެއް ނުކުރާނެކަން.
އަހްމަދު ގައްސާން
02 April 2023
ދެންވެސް އިސްލާހްވެބަލަ މޮޅެތި ދޮގު ބަޔާން ނުނެރެ މަހްލޫފް. ހެޔޮނުވާނެ
އިލްޔަސައު
02 April 2023
މަހުލޫފު ހީކުރީ ކައުންސިލް ބިމެއް ވީމަ އޭނަ ބޭނުން ގޮތެއް ހެދޭނެ ކަމަށް. ތިހެން ވައްތަރު ޖައްސަން ދޭ އިބޫ ކައިރިޔަށް. މޭޔަރ މެން ކައިރީގެ ބޭނުން ބޭނުން އެއްޗެއް ނެހެދޭނެ.