ކުޅިވަރު / ޗެލްސީ

ސީޒަން ނިމެންދެން ޗެލްސީގެ ކޯޗަކަށް ލަމްޕާޑް

ލަމްޕާޑް، ޗެލްސީގެ ޗެލްސީގެ ކޯޗުކަމުގައި ފުރަތަމަ މަސައްކަތް ކުރި އިރު.-- ފައިލް ފޮޓޯ: ގެޓީ އިމޭޖަސް

ލަންޑަން (އޭޕްރީލް 6) - ސީޒަނުގެ ބާކީ ބައިގައި ޗެލްސީގެ ކޯޗުކަން ކުރަން އެ ޓީމުގެ ލެޖެންޑަރީ މިޑްފީލްޑަރު އަދި ކުރީގެ ކޯޗު ފްރޭންކް ލަމްޕާޑްއާ ހަވާލުކޮށްފި އެވެ.

ތޯމަސް ޓުޗެލް ކޯޗުކަމުން ވަކި ކުރުމަށް ފަހު، ޗެލްސީގެ އާ ވެރިން ކަމަށްވާ ޓޮޑް ބޯލީގެ ކޮންސޯޓިއަމް އިން ސެޕްޓެމްބަރު މަހު އެ މަގާމަށް ގެނައި ގްރަހަމް ޕޮޓާ ވެސް ވަނީ އާދިއްތަ ދުވަހުގެ ރޭ މަގާމުން ވަކި ކޮށްފަ އެވެ. މިއާ އެކު އަންގާރަ ދުވަހުގެ ރޭ ޗެލްސީ އަމިއްލަ ދަނޑުގައި ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުގައި ވަގުތީގޮތުން ޓީމަށް އިރުޝާދު ދިނީ އެސިސްޓެންޓް ކޯޗު ބްރޫނޯ ސެލްޓޯ އެވެ. އެ މެޗު ބަލަން ސްޓޭމްފޯޑް ބްރިޖުގައި ލަމްޕާޑް އިނެވެ.

ކޯޗު ކަމަށް ލަމްޕާޑް، 44، ގެނައި ނަމަވެސް ޗެލްސީ އިން އަންނަނީ އަންނަ ސީޒަނުން ފެށިގެން ދިގު މުއްދަތުގެ ޕްލޭނަކަށް، ހޫލިއަން ނާގެލްސްމަން އާއި ލުއިސް އެންރީކޭ އާ ވާހަކަ ދައްކަމުންނެވެ. ޖަރުމަންގެ ބެޔާން މިއުނިކުން ވަނީ މިދިޔަ ހަފްތާ ނާގެލްސްމަން މަގާމުން ވަކިކޮށް އެ މަގާމަށް ޓުޗެލް ގެނެސްފަ އެވެ.

ޗެލްސީ އިން ދާއިމީ ކޯޗެއްގެ ގޮތުގައި ގެންނަން އެންރީކޭ (ކ) އާއި ނާގެލްސްމަން (ވ) އާ އަންނަނީ މަޝްވަރާ ކުރަމުން.

މިދިޔަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ސްޕެއިންގެ ކޯޗުކަން ދޫކޮށްލި އެންރީކޭ އާއި ނާގެލްސްމަން ވެސް ޗެލްސީގެ ޕްރޮޖެކްޓާ މެދު ޝައުގުވެރި ވާކަމަށާއި ދެ ކޯޗުން ވެސް އިއްޔެ ލަންޑަނަށް ގޮސް ކްލަބުގެ ބޯޑާ މަޝްވަރާތައް ކޮށްފައި ވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ދެ ކޯޗުން ވެސް މީގެ ކުރިން އިނގިރޭސި ފުޓުބޯޅަ ތަޖުރިބާ ކޮށްފައެއް ނުވެ އެވެ.

ސީޒަން ނިމެން ގާތް ވެފައި ވާއިރު ޗެލްސީގައި ލަމްޕާޑަށް އެންމެ ބޮޑު މަސައްކަތަކަށް ވާނީ އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުން ޖާގަ ހޯދައިދިނުމެވެ. އިނގިރޭސި ލީގު ތާވަލްގެ 11 ވަނައިގައި ޗެލްސީ އޮތްއިރު އެ ޓީމަށް އޮތް ހަމައެކަނި ފުރުސަތަކީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމެވެ. ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލް ގައި ޗެލްސީ އަށް ވަނީ ރެއާލް މެޑްރިޑާ ކުރިމަތިލާން ޖެހިފަ އެވެ.

މި ހަފްތާ ބަންދުގައި ރަށުން ބޭރުގައި ވުލްވްސް އާ ދެކޮޅަށް ލީގުގައި ކުޅުމަށް ފަހު އަންނަ ހަފްތާ ސްޕެއިން ގައި ކުއާޓާގެ ފުރަތަމަ ލެގުގައި ރެއާލާ ދެކޮޅަށް ކުޅޭނެ އެވެ.

ލަމްޕާޑަކީ ޗެލްސީގެ ކުރީގެ ވެރިޔާ ރޯމަން އަބްރަމޮވިޗްގެ ދައުރުގައި މަގާމުން ވަކިކުރި އެންމެ ފަހު ކޯޗެވެ. އޭނާ ވަނީ ފީފާގެ ޓްރާންސްފާ ބޭން އެއްގައި ޗެލްސީ އޮއްވައި 2019/2020 ސީޒަންގައި ކްލަބާ އެކު މުހިއްމު މަސައްކަތެއް ކޮށްފަ އެވެ. އެކަޑަމީގެ ގިނަ ކުޅުންތެރިންތަކަކަށް ސީނިއާ ޓީމުގެ މުހިއްމު ރޯލެއް ދީގެން އެ ސީޒަން ގައި ލީގުގެ ހަތަރު ވަނައިގައި ނިންމާލުމުގެ އިތުރުން އެފްއޭ ކަޕް ފައިނަލަށް ވެސް ދަތުރު ކުރި އެވެ.

ޖެހިގެން އައި ސީޒަން ގައި އަގު ބޮޑު ޓްރާންސްފާ ތަކަކާ އެކު ރަނގަޅަށް ފެށި ނަމަވެސް ޖެނުއަރީ ޓްރާންސްފާ ބާޒާރު ގާތްވި ވަރަކަށް ނަތީޖާތައް ގޯސްވި އެވެ. އަދި އެ ސީޒަންގެ ޖެނުއަރީ މަހު މަގާމުން ވަކި ކުރީ ކްލަބުން އޭނާ ބޭނުންވި އިތުރު ކުޅުންތެރިން ގެންނަން ކްލަބްގެ ބޯޑުން ހުއްދަ ނުދިނުމުން އެކަމާ ހިޔާލު ތަފާތު ވެގެންނެވެ.

ލަމްޕާޑް ވަނީ ޗެލްސީ އިން ވަކިކުރިތާ އަހަރެއް ފަހުން، މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވަޓަން އާ ހަވާލު ވެފަ އެވެ. އެ ސީޒަން ގައި އެވަޓަން ރެލިގޭޝަނުން ސަލާމަތް ކޮށްދީ، މި ސީޒަނަށް އެޓީމުން ކުޅުންތެރިން ގަންނަން ވެސް ނިސްބަތުން ބޮޑު ހޭދައެއް ކުރި އެވެ. ނަމަވެސް ރެލިގޭޝަން ޒޯނުގައި އޮންނަން ޖެހުމުން އެވަޓަން އިން ވަނީ މި އަހަރުގެ ޖެނުއަރީ މަހު އޭނާ މަގާމުން ވަކި ކޮށްފަ އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 50%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454