ރައީސް އޮފީހުގެ ޕްރެސްއެއްގައި އެ އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
06 އެޕްރީލް 2023 - 13:01
މި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމާ ދެކޮޅަށް މަސައްކަތް ނުކުރާހާ ހިނދަކު، ސިޔާސީ މަގާމަކުން އެއްވެސް ބޭފުޅަކު ވަކި ނުކުރާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު އެހެން ވިދާޅުވީ، ރައީސް އޮފީހުން ބޭއްވި މީޑިއާ ބްރީފިންގައި، ޖުމްހޫރީ ޕާޓީން މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމާފައި ވާއިރު، އެ ޕާޓީގެ ސްލޮޓްތަކުގައި މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވަކިކުރުމާ ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުންނެވެ.
އެ ސުވާލުގެ ޖަވާބުގައި މިއުވާން ވިދާޅުވީ، މި ސަރުކާރުން އެއްވެސް ބަޔަކަށް ވަޒީފާގެ ބިރު ނުދައްކާ ކަމަށެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެގޮތަށް ކަންތައް ކޮށްފައި އޮތަސް، މި ސަރުކާރުން އެގޮތަށް އަމަލު ނުކުރާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.
މިއުވާން ވިދާޅުވި ގޮތުގައި، ސިޔާސީ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރައްވަނީ ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެންވާ ބާރުގެ ދަށުންނެވެ. އެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ކުރައްވަން ޖެހޭ މަސައްކަތަކީ ރައީސްގެ ސިޔާސަތު ތަންފީޒުކުރަމާއި ރައީސް ހަވާލު ކުރައްވާ މަސައްކަތްތައް ކުރެއްވުމެވެ.
މީގެ އަނެއް ކަމަކީ ހެނދުނު ނުކުމެ ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރަން އުޅެފައި ރޭގަނޑު އެއް ފިކުރެއްގެ މީހުންނާއެކު ނުކުމެ، ހެނދުނު ތަންފީޒުކުރަން އެ އުޅުނު ސިޔާސަތު ގޯސްކޮށް ވާހަކަދައްކާ ކަމަށް ވަންޏާ އެއީ އެއްގޮތަށް ދަންނަވާ ނަމަ ސިޔާސީ ގޮތުން ލޯ ނުހުޅުވެނިއްޔޭ ނުވަތަ އެ މަގާމުގައި ބޭފުޅަކު ހުރުމުގެ ބޭނުން ކެނޑެނިއްޔޭ: މިއުވާން
ސިޔާސީ މަގާމުތަކަކީ ވަޒީފާގެ އެއްބަސްވުމެއް އެކުލަވާލެވިގެން، އިއުލާން ކޮށްގެން މީހުން ހަމަޖައްސައިފައި ތިބޭ މަގާމުތަކެއް ނޫން ކަމަށް ވެސް މިއުވާން ވިދާޅުވި އެވެ. އެހެންވެ، ރައީސަށް ލިބިވަޑައިގަންވާ ބާރުގެ ދަށުން، ހަވާލުކުރައްވާ މަސްއޫލިއްޔަތު އަދާކޮށް ނިމުމުން ނުވަތަ އަދާ ނުކުރާ ނަމަ، އެ މަގާމުތަކުން ވަކި ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މީގެ އަނެއް ކަމަކީ ހެނދުނު ނުކުމެ ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރަން އުޅެފައި ރޭގަނޑު އެއް ފިކުރެއްގެ މީހުންނާއެކު ނުކުމެ، ހެނދުނު ތަންފީޒުކުރަން އެ އުޅުނު ސިޔާސަތު ގޯސްކޮށް ވާހަކަ ދައްކާ ކަމަށް ވަންޏާ އެއީ އެއްގޮތަށް ދަންނަވާ ނަމަ ސިޔާސީ ގޮތުން ލޯ ނުހުޅުވެނިއްޔޭ ނުވަތަ އެ މަގާމުގައި ބޭފުޅަކު ހުރުމުގެ ބޭނުން ކެނޑެނިއްޔޭ،" މިއުވާން ވިދާޅުވި އެވެ.
ޖޭޕީގެ ސްލޮޓްތައް ހުސްކުރާ ނަމަ ރައީސް ވެސް އިސްތިއުފާ ދޭން ޖެހޭނެ: ގާސިމް https://t.co/CVINwbICcd
— Mihaaru (@Mihaarunews) March 15, 2023
އޭނާ ވިދާޅުވި ގޮތުގައި، ސިޔާސީ މަގާމުތަކުން ބޭފުޅުން ވަކި ކުރިޔަސް، ސިވިލް ސާވިސްގެ އެއްވެސް މުވައްޒަފަކަށް ވަޒީފާގެ ބިރެއް ނެތެވެ. އަދި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވެސް ރައީސްގެ ސިޔާސަތާ ދެކޮޅަށް މަސައްކަތް ނުކުރާހާ ހިނދަކު، މި ސަރުކާރުން ވެފައިވާ ކޯލިޝަންގެ އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރުމުގެ ފުރުސަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވާނެ އެވެ.
އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވަޒީފާއިން ވަކިކުރުމުން މި ސަރުކާރުން މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކަމުން ދާ ކަމަށް ބުނާ އަޑުތައް ވަނީ ގަދަވެފަ އެވެ. މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ބައެއް ޕާޓީތަކުން ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަހަތަށް އަރަން ދެކޮޅު ހަދައިފައި ވާތީ އެ ޕާޓީތަކަށް ނިސްބަތްވާ މީހުން މަގާމުތަކުން ވަކިކުރަން ވެސް ސަރުކާރަށް ވާގިދޭ ބޭފުޅުން ގޮވާލާފައިވެ އެވެ.
ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަކިން ވާދަކުރައްވަން ނިންމެވުމުން ސިޔާސީ މަސްރަހު ވަނީ ހޫނުވެފަ އެވެ. އެއީ މިހާރު ވެސް މި ސަރުކާރުގެ ކޯލިޝަންގައި ޖޭޕީ އޮވެމެ، އެ ޕާޓީން ވަކިން އިންތިހާބަށް ނުކުންނައިރު އެ ޕާޓީގެ ސްލޮޓްގައި ސަރުކާރުގައި ބައެއް ބޭފުޅުން ތިއްބަވާތީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
2000
08 April 2023
ބަލަ . މިއުވާން ކަލޯ ޔާމީން ވެސް ސިވިލް ސާރވިސް މީހުނަކަށް ބިރެއް ނުދައްކާ.........ކަލޭ މެން ކަންކުރާ ގޮތުން ސިވިލްްސާރވިސް މީހުން އަގަޔާ އަތާ ދިމާ ނުވޭ. ސިޔާސީ މަގާމް ޔާމީނަށް ވުރެ މާބޮޑަށް ވެސް އިތުރު ވެއްޖެ ނޫންތަ
ނުދިރުނު ފިކުރު
07 April 2023
ނުކެރޭނެ ވަކިކުރާކަށް. ގާބެ އެއިތީ އިންޒާރުދީފަ މާކުރިން. ޖޭޕީ މީހުން ވަކިކުރަންޏާ ރައީސް އިބްރާހީމްވެސް އިސްތިއުފާ ދޭށޭ ޖެހޭނީ ބުނެ! ކިތަންމެ އަނގަ ތެޅިޔަސް، އަންނި ފެކްޝަން މީހުން ވަކިކުރިޔަސް ޖޭޕީ މީހުން ވަކިކުރާކަށް ނުކެރޭނެ. ކިންގް މޭކަރ އަކީ އަދިވެސް ގާބެ.
ޢަރުތަ
07 April 2023
ވަރަށް ރަނގަޅު ނިންމުމެއް، ކޮންމެ ސަރުކާރެއް ވިއަސް ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް މަސައްކަތް ކުރަން ސަރުކާރުން މުސާރައާ އިނާޔަތާ ދީފަ ބަހައްޓާނެ ކަމެއްނެތް، އެއީ އަތުގަ އޮތްފުރޯއިން އަނެއް އަތުގަ ޖެހުން ކަހަލަ ކަމެއް، ތިކަން ތިގޮތަށް ކުރާނީ ހުރިހާ ސަރުކާރަކުންވެސް، ތީ ހަމަ ވަރަށް ތާއީދު ކުރާކަމެއް.
އޮނަރަބްލް އަފީފު ދީދީ
06 April 2023
ސޯލިޙް ސަރުކާރުގެ ސިޔާސަތަކީ ކޮބައިކަން ނޭގި އެސިޔާސަތާއި ދެކޮޅު ހަދާނީ ކިހިނެއް؟! ވެރިކަން ހޯދަން ޕޯޑިއަމް ތަކުގައި ދެއްކި ވާހަކަތަކާއި، ރައްޔިތުނަށް ވިއްކި މެނިފެސްޓޯ (ސިޔާސަތު) އޮތީ ބަދަލުވެފައިކަމަށާއި އެބޭޅާ މިހާރު އަމަލު ކުރަނީ "ކޯލިޝަން މެނިފެސްޓޯއަކަށް) ކަމުގައި އެބޭޅާ ވިދާޅުވިއިރު 5 އަހަރުގެ ދައުރު ނިމިގެންދާއިރުވެސް އެވިދާޅުވާ "ކޯލިޝަން މެނިފެސްޓޯ" ފެނުނު އަޑުއެހި ދިވެހި ރައްޔިތަކުނެތް. ދެން ކޮން ސިޔާސަތަކާއިތޯ ދެކޮޅުވާނީ؟!
ޢަރުތަ
07 April 2023
ތިހެންވެގެން ކަންނޭގެ ފަސް އަހަރުވީމަ ރައްޔިތުން ނުކުމެ ޔާމީނު ވެރިކަމުން ދުރުކުރީވެސް، މެނިފެސްޓޯގަ އޮތީ: ރިސޯޓު ހިއްސާ، މަސްވެރިންނަށް ދިހަހާސް، ދަނޑުވެރިންނަށް ހަތްހާސް، އަލަތު ކައިވެންޏާ އެކީ ފްލެޓް ގެތަޅުދަނޑި، މެނިފެސްޓޯގަ ނެތީ: ރަންވޭ، ބުރިޖް، ފަންސަވީސް ބުރީގެ ހޮސްޕިޓަލް. ދެއްތޮ.
އެސްއޭޕީ
07 April 2023
ރައީސް އޮފީހު ވެބުސައިޓުގަ އެބައިނޭ ބޮޑު ޕުލޭނެއް، ސިޔާސަތުތައް ލިޔެ އާންމުކޮށްފަ. ތަންކޮޅެއް ދިގަސް ކިޔާލަބަލަ އޭތި. ޕޯޑުއަމްތަކުގަ ތަޅުވާ އަނގަޔަށްވުރެ ވަރުހުންނާނެ އޭގަ
ބޮޑުމީހާ
06 April 2023
ސަރުކާރުގެ ސިޔާސަތު ކޮންމެ ގޮތަކަށް ހުއްޓަސް ތާއިދުކުރަންޖެހޭތަ. 1400 ސިޔާސީ މަގާމު އުފައްދައި، 100 ބިލިއަނުން ގައުމު ދަރުވައި، މާލެ ސަރަހައްދުގައި އެންމެ ޕްރޮޖެކްޓެއް ނުނިމުނަސް މިވެސް ސިޔާސަތެއް ތޯ. އަދި ކޮބާ ކޮރަޕްޝަން މެކުހަށްޖަހަނީ، ބަލަންބުނި ވައްކަންތައް ނުބެލި އަދީބުމެން ގިޓާ ކުޅުމުގަ. މިވެސް ސިޔާސަތުތޯ، މިކަހަލަ ސިޔާސަތުތަކަށް ނެތް ތާއިދު ކުރެވޭކަށް
ޢަރުތަ
07 April 2023
ސަރުކާރުގަ ސިޔާސަތެއް ނެތިއްޔާ މަގާމުން އެއްކިބާވެ ސަރުކާރާ ދެކޮޅަށް އަޑު އުފުލާނީ، އެވަރުގެ ސަރުކާރެއްގަ މުސާރަ ނަގައިގެން ހުންނާނެ ކަމެއް ނެތް، ސަރުކާރުގަ ސިޔާސަތެއް ނެތް ކަމަށް ސިޔާސީ ވަކި ކުލައަކަށް ހުސްވެގެން ހުރެ ވިސްނީމަ ނުފެނުމަކީ، ސަރުކާރުގަ ސިޔާސަތެއް ނެތުމެއް ނޫން.
އަހްމަދ
06 April 2023
ވަރަށް ބަރާބަރު ސްޓޭންޑެއް. އަންނި ކަހަލަ މީހަކު ވެރިކަމުގަ ހުރިނަމަ މިހާރު ވެރިކަން ނިމިފަ އޮންނާނެ ކަމުގެ އިހުސާސު ކުރެވޭ މިކަހަލަ ހިކުމަތްތެރި ނިންމުންތައް އިބޫ ނިންމާތަން ފެންނަ ކޮންމެ ފަހަރަކު. 3 އަހަރު ވެސް ނުހިފެހެއްޓުނީ ޖަޒުބާތުގެ މައްޗަށް ބުއްދި އިސްކުރަން ނޭންގި ގަދަބާރު ދައްކަން ގޯސް އެތައްއެތައް ނިންމުންތަކެއް ނިންމިގެން ގޮސް.
ސަސ
06 April 2023
އެބޭފުޅާ ރިއެކްޓު ނުކުރައްވާނެ
ލަކްޝަ މަހަލް
06 April 2023
މިހެންވެޔޭ އަހަރުން މި ރައީސް ދެކެ ލޯބިވަނީ. ދެން އަދި ދެ ކަމެއް އެބައޮތް ސާފު ނުވާ. ޖިންސީ ކުށްކުރާ މީހުންނާ ކުޑަކުދީންނާ ބެހޭ މީހުންނާމެދު އަމަލުކުރާ ގޮތް. މީގެ ތެރޭގައި ހިމެނޭ ރައީސް ސިޔާސީ ކުރިމަގޭ ވިދާޅުވި މީހެއްވެސް، އަދިވެސް ފިލައިގެން އުޅޭ އަދި ނަށީދުވެސް ތާއީދުކުރާ... މިހުންނަނީ ކަންބޮޑުވާ ކަންކަން.
ކޮރަލް
06 April 2023
އިސް ވެރީން ސިޔާސީ ވަޒީފާ ތަކުގަ ތިބޭނަމަ ނުސީދާ ކޮށް ކެމްޕޭން ކުރާނެ އެވެ.
ޢެޑްމުންޑޯ
06 April 2023
ޖޭޕީ އެނިކުތީ އިދިކޮޅަށް ދެން ޖޭޕީގެ ސިޔާސީ މަގާމްތަށް ސަރުކާރާއި އެއްކޮޅަށް ތިބޭނީ ކިހިނެއް ، ތިބުނާ ވާހަކައަކީ ޑރ މައުސޫމް މެން ގޮތަށް ފަޅިބަދަލުކުރާ ވާހަކަދޯ