އިންޑިއަން ގްރޯން ޕްރީގެ ތިން ވަނަ އަދި ހަތަރު ވަނަ މުބާރާތުގައި ބައިވެރިވާ ގައުމީ އެތުލެޓިކްސް ޓީމު.--
09 އެޕްރީލް 2023 - 11:58
އިންޑިއާގައި ތަމްރީނު ހަދަމުން އަންނަ ދިވެހި ގައުމީ އެތުލެޓިކްސް ޓީމާ ގުޅުނު ހުސެއިން ފަޒީލް ހާރޫން (ފްލޭޝް) އާއި އާދަމް ރިއްފަތު ހިމަނައިގެން މި މަހު 10 އަދި 15 ވަނަ ދުވަހު އިންޑިއާގެ ބެންގަލޫރުގައި އޮންނަ އިންޑިއަން ގްރޯން ޕްރީގެ ތިން ވަނަ އަދި ހަތަރު ވަނަ މުބާރާތުގައި ބައިވެރިވާ ގައުމީ އެތުލެޓިކްސް ޓީމު އެކުލަވާލައިފި އެވެ.
ފަޒީލް އަކީ މި އަހަރުގެ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕުގެ އެންމެ މޮޅު ފިރިހެން އެތުލީޓެވެ. އޭނާ ވަނީ 800 މީޓަރާއި 1500 މީޓަރު ދުވުމުން ޗެމްޕިއަންކަން ހޯދައިފަ އެވެ. އަދި ރިއްފަތަކީ އެސޯސިއޭޝަން ޗެމްޕިއަންޝިޕުގައި 100 މީޓަރާއި 200 މީޓަރު ދުވުމުން އެއް ވަނަ ހޯދި އެތުލީޓެވެ.
އިންޑިއަން ގްރޯން ޕްރީގެ ތިން ވަނަ އަދި ހަތަރު ވަނަ މުބާރާތުގައި ބައިވެރިވާ ރާއްޖޭގެ ގައުމީ ޓީމުގައި ފިރިހެން ފަސް އެތުލީޓުންނާއި އަންހެން ފަސް އެތުލީޓުން ވާދަ ކުރާނެ އެވެ.
ފިރިހެން އެތުލީޓުންގެ ތެރޭގައި ފަޒީލް އާއި ރިއްފަތުގެ އިތުރުން ދެން ހިމެނެނީ ހަސަން ސާއިދު، ހުސެއިން ރިޒާ (ކުޑަ ރިޒާ) އަދި ހުސެއިން ޒީކް ސައުދު އެވެ. އަންހެން އެތުލީޓުންނަކީ އާމިނަތު ޖާއިޝާ ޖުނީޒް، މަރިޔަމް އަލްހާ ހުސެއިން، އައިޝަތު ޝަބާ ސަލީމް، ޒިވާ މޫސާ ޝަފީއު އަދި ރިފާ މުހައްމަދެވެ.
މުބާރާތުގައި ޓީމުގެ އޮފިޝަލުންގެ ގޮތުގައި ބައިވެރިވާނީ ކޯޗު އަހުމަދު ފާއިލް އާއި ޝިފާޒް ރާޝިދު އަދި މަފާޒާ މުސްތަފާ އެވެ.
މި އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރު ވުމުގެ ގޮތުން އިންޑިއާގައި ތަމްރީނު ހަދާ ދިވެހި އެތުލީޓުން ވަނީ ގްރޯން ޕްރީގެ ފުރަތަމަ ދެ މުބާރާތުގައި ވެސް ވާދަ ކޮށްފަ އެވެ.
ފުރަތަމަ މުބާރާތުގައި ސާއިދު ދެ ރަން މެޑަލް ހޯދި އިރު ދެވަނަ މުބާރާތުގައި ވަނީ ރިހި މެޑަލް އަކާއި ލޯ މެޑެލް އެއް ހޯދައިފަ އެވެ. އަދި ފުރަތަމަ މުބާރާތުގައި ޖާއިޝާ ވަނީ ލޯ މެޑެލް އެއް ހޯދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy