ދުނިޔެ / ޓައިވާން

ތައިވާން ކައިރީގައި ޗައިނާގެ އަސްކަރީ ތަމްރީންތަކެއް ފަށައިފި

09 އެޕްރީލް 2023 - 11:57

1 comments

އަމިއްލަ މިނިވަން ގައުމެއް ކަމަށް ދައުވާކުރާ ތައިވާންގެ ވަށައިގެންވާ ކަނޑާއި ވައިގެ ސަރަހައްދުގައި، ޗައިނާގެ އަސްކަރީ ތަމްރީންތަކެއް އިއްޔެ ފަށައިގެން ކުރިއަށް އެބަ ގެންދެ އެވެ.

ޗައިނާ އިން އެ ސަރަހައްދުގައި ތަމްރީންތަކެއް މި ފެށީ، ތައިވާންގެ ރައީސް ސައި އިންގް-ވެން، އެމެރިކާ އަށް ކުރެއްވި ޒިޔާރަތުގައި އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ކެވިން މެކާތީއާ ބައްދަލު ނުކުރެއްވުމަށް ޗައިނާ އިން އިންޒާރު ކޮށްފައި ވަނިކޮށް، އޭނާއާ ބައްދަލުކުރެއްވުމުން އެކަމުގެ ރުޅީގަ އެވެ. އިއްޔެ އިން ފެށިގެން މާދަމާގެ ނިޔަލަށް ތާވަލުކޮށްފައިވާ މި ތަމްރީންތަކުގައި ޗައިނާގެ ކަނޑުގެ ސިފައިންނާއި ވައިގެ ސިފައިންގެ ލަޝްކަރުތައް ބައިވެރިވެ އެވެ.

އަމިއްލަ މިނިވަން ގައުމެއް ކަމަށް ދެކޭ ތައިވާނާ މެދު ޗައިނާ އިން ދެކެނީ އެއީ ޗައިނާގެ ބައެއް ކަމަށެވެ. އަދި ރަސްމީކޮށް މިނިވަންކަން އިއުލާންކޮށްފި ނަމަ، ބާރުގެ ބޭނުންކޮށްގެން ވިޔަސް، ޗައިނާގެ ބާރުގެ ދަށަށް ތައިވާން ގެންނާނެ ކަމަށް ޗައިނާ އިން އަންނަނީ ބުނަމުންނެވެ.

ޗައިނާ ސިފައިންގެ އިރުމަތީ ސަރަހައްދުގެ ކޮމާންޑުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އިއްޔެ ފެށި އަސްކަރީ ތަމްރީންތަކަކީ، ހަނގުރާމައިގެ ހާލަތަކަށް ތައްޔާރުވުމާ ގުޅޭ ގޮތުން ފެށި ތަމްރީންތަކެކެވެ. ތައިވާން ކަނޑުއޮޅިން ފެށިގެން ތައިވާންގެ އުތުރާއި ދެކުނު ސަރަހައްދުގައި ކުރިއަށް ދާ މި ތަމްރީންތައް ކަނޑާއި ވައިގެ ސަރަހައްދުގައި ވެސް ކުރިއަށް ދާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

"މިއީ ވަކިވެގަތުމަށް މަސައްކަތް ކުރާ ތައިވާންގެ މިނިވަންކަމުގެ ހަނގުރާމަވެރިންނާއި އެ މީހުންނާ ބައިވެރިވެފައިވާ ބޭރުގެ ބާރުތަކަށް އަހަރެމެން ދޭ ވަރަށް ސީރިއަސް އިންޒާރެއް. އަދި މިއީ ގައުމުގެ އިސްތިގުލާލާއި ސަރަހައްދީ އެއްބައިވަންތަކަން ދިފާއު ކުރުމުގެ ގޮތުން ކޮންމެހެން އަޅަންޖެހިފައިވާ ފިޔަވަޅެއް،" ޗައިނާ ސިފައިންގެ އިރުމަތީ ސަރަހައްދުގެ ކޮމާންޑުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ތައިވާންގެ ރައީސް، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސްއާ ވޮޝިންޓަންގައި ބައްދަލުކުރެއްވީ، މެދުތެރޭ އެމެރިކާގެ ދެ ގައުމަކަށް ކުރެއްވި ޒިޔާރަތަކަށް ފަހު އެނބުރި ގައުމަށް ވަޑައިގެންނެވި މަގުމަތީގަ އެވެ. މިމަހުގެ 5 ވަނަ ދުވަހު ބޭއްވި އެ ބައްދަލުކުރެއްވުމުގެ މާ ކުރިން، ޗައިނާ އިން ވަނީ އެ ބައްދަލުކުރެއްވުން ނުބޭއްވުމަށް އިންޒާރުކޮށްފަ އެވެ.

އަދި އެ ބައްދަލުވުން ފެށުމަށް ވަގުތު ކުޑަތަން ވަމުން އަންނަނިކޮށް، ޗައިނާގެ މަތިންދާބޯޓު އުފުލާ މަނަވަރު ޝެންޑޮންގް ތައިވާންގެ އިރުދެކުނު ސަރަހައްދުން ދަތުރުކުރަނިކޮށް ވަނީ ފެނިފަ އެވެ.

ޗައިނާ އިން އިއްޔެ ފެށި އަސްކަރީ ތަމްރީންތަކުގައި ބައިވެރިވާ މަނަވަރުތަކުން އިއްޔެ އާއި މިއަދު ވަނީ ތައިވާންގެ އިރުއުތުރު ސަރަހައްދުގައި ބޮޑުބަޑި ބޭނުންކޮށްގެން ފަރިތަކުރުންތަކެއް ބާއްވައިފަ އެވެ. އެ ސަރަހައްދުގައި ބަޑިޖެހުމުގެ ފަރިތަކުރުންތައް ފެށުމާއެކު، އެ ސަރަހައްދުގައި ތިބި މަސްވެރިންނާއި އާގުބޯޓުފަހަރު މިހާރު ވަނީ އެ ސަރަހައްދުން ދުރަށް ގޮސްފަ އެވެ.

ތައިވާންގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި ޗައިނާގެ ވައިގެ ސިފައިންގެ 42 މަތިންދާބޯޓާއި ޗައިނާގެ ކަނޑުގެ ސިފައިންގެ އަށް މަނަވަރު، ޗައިނާ އާއި ތައިވާނާ ދެމެދު ވަކިކޮށްދޭ ސަރަހައްދީ ރޮނގު ހުރަސްކޮށް އިއްޔެ ތައިވާންގެ ސަރަހައްދަށް ވަނެވެ. ޗައިނާ ސިފައިން ތައިވާންގެ ސަރަހައްދަށް ވަދެ ހިންގާ ހަރަކާތްތައް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި، ގައުމުގެ ރައްކާތެރިކަން ދިފާއުކުރުމަށްޓަކައި އެންމެ އެކަށޭނަ ގޮތެއްގައި ރައްދު ދޭނެ ކަމަށް ވެސް ތައިވާންގެ އަސްކަރިއްޔާ އިން ބުންޏެވެ.

ގާތްގަނޑަކަށް 24 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ތައިވާނަކީ، ޗައިނާގެ އިރުދެކުނު އައްސޭރިފަށުން ފެށިގެން 130 މޭލު ދުރުގައި ވަކިން އޮންނަ ޖަޒީރާއެކެވެ. ތައިވާނަކީ ޗައިނާގެ ސަރަހައްދެއް ކަމަށް ޗައިނާ އިން ބުނާ އިރު، ޗައިނާގެ ކޮމިޔުނިސްޓް ސިފައިންނާއި، ވަތަނީ ފިކުރުގެ ހަނގުރާމަވެރިންނާ ދެމެދު، މީގެ 72 އަހަރު ކުރިން ހިނގި ދާހިލީ ހަނގުރާމައަށް ފަހު، އިދާރީ ގޮތުން ތައިވާން ހިންގަމުން އަންނަނީ ޗައިނާއާ މުޅިން ވަކިންނެވެ.

މީގެ 73 އަހަރު ކުރިން، 1949 ވަނަ އަހަރު ނިމުނު ޗައިނާގެ ދާހިލީ ހަނގުރާމައިގައި، ރިޕަބްލިކް އޮފް ޗައިނާގެ ސަރުކާރު ސިފައިންގެ މައްޗަށް ކުރި ހޯދީ، ޗައިނާގެ ކޮމިޔުނިސްޓް ޕާޓީގެ ހަނގުރާމަވެރިންނެވެ. އެ ނާކާމިޔާބީއާ ގުޅިގެން، ރިޕަބްލިކް އޮފް ޗައިނާގެ މުޅި ސަރުކާރާއި ސަރުކާރަށް ތާއީދުކުރާ އެތައް މިލިއަން ބަޔަކު، ޗައިނާގެ މައި ބިން ދޫކޮށް ރެފިއުޖީންގެ ގޮތުގައި ތައިވާން ޖަޒީރާ އަށް ހިޖްރަކޮށް، ތައިވާންގައި ރިޕަބްލިކް އޮފް ޗައިނާގެ ނަމުގައި އާ ސަރުކާރެއް ގާއިމުކުރި އެވެ.

އެއާ އެކު ޗައިނާގެ މައި ބިމުގައި، ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ނަމުގައި، ކޮމިޔުނިސްޓް ޕާޓީގެ ފަރާތުން މުސްތަގިއްލު ދައުލަތެއް ގާއިމުކޮށް ވެރިކަން ކުރަން ފެށި އެވެ. ނަމަވެސް އދ.ގެ މެމްބަރު ގައުމެއްގެ ގޮތުގައި އޮތީ ރިޕަބްލިކް އޮފް ޗައިނާ (ތައިވާން) އެވެ. އަދި އެއީ ވީޓޯ ކުރުމުގެ ބާރާއެކު ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރެއްގެ ގޮތުގައި އޮތް ގައުމެކެވެ.

ޗައިނާ އަށް މިއައި ބޮޑު ބަދަލާ ގުޅިގެން، 1971 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު، އދ.ގެ އާންމު މަޖިލީހުގައި ނެގި ވޯޓެއްގައި، ރިޕަބްލިކް އޮފް ޗައިނާ (ތައިވާން)، އދ. އިން ވަކިކުރި އެވެ. އޭގެ ބަދަލުގައި ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ (މިހާރުގެ ޗައިނާ) އަށް، އދ.ގެ މެމްބަރުކަން ދިނެވެ.

1 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޯމަސް.

09 April 2023

ޗައިނާ އާއި ޓައިވާނު ހަނގުރާމަ ފަށައިފިއްޔާ މުޅި އޭސިއާއަށް އޭގެ ގެއްލުންވާނެ. ރާއްޖޭގެ ޓުއަރިޒަމަށްވެސް ވަރަށް ގެއްލުންވާނެ. މުދާކޮޅުވެސް ނުގެނެވޭނެ. ޕުލީސް ހަނގުރާމަ ނުފަށާތި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454