އިދިކޮޅު ޖަލްސާއެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވާހަކަ ދައްކަވަނީ---ފައިލް ފޮޓޯ: މިހާރު
10 އެޕްރީލް 2023 - 22:33
އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފުގެ މައްޗަށް ކުރާ ކޮރަޕްޝަންގެ ދައުވާ އަނބުރާ ގެންދިޔަ ގޮތަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަތައް ވެސް އަނބުރާ ގެންދަން އިދިކޮޅު ފަރާތްތަކުން ގޮވާލައިފި އެވެ.
ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ބިލަށް ވޯޓު ދިނުމުގެ މުގާބިލްގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ރިޝްވަތުގެ ގޮތުގައި 33،000 ޑޮލަރު ހޯދި ކަމަށް ބުނެ މަހުލޫފްގެ މައްޗަށް ކޮށްފައިވާ ދައުވާ އަނބުރާ ގެންދަން ނިންމީ މިހާރު މައްސަލަ އޮތް ހިސާބުން އަލުން މުރާޖައާކޮށް ބެލިއިރު މިއީ ރިޝްވަތުގެ ގޮތުގައި ލިބުނު ފައިސާއެއް ކަމަށް ސާބިތުކޮށްދެވޭނެ ކަމަށް ނުބެލެވޭ ކަމަށް ފެންނާތީ އެވެ.
އޭގެ ދެ ދުވަސް ފަހުން އެކަމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅު ކުރައްވައި ޕީޕީއެމް/ޕީއެންސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ވަކި ބޭފުޅެއްގެ މައްސަލަ އަނބުރާ ގެންދެވޭ ކަމަށް ވާނަމަ އެކަމާ ގުޅިގެން ދައުވާ ކުރެވޭ ހުރިހާ އެންމެންގެ މައްސަލަ ވެސް އަނބުރާ ގެންދެވެން ވާނެ ކަމަށެވެ.
ޔާމީނަށް އެކަނި ދައުވާ ކުރުމަށް ފަހު ދެން ހުރި ހުރިހާ މައްސަލައެއް އަނބުރާ ގެނައުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އަދުރޭ ވިދާޅުވި އެވެ.
"އަޅުގަނޑު ގޮވާލަން މަހުލޫފްގެ މައްސަލަ ގެނައި ގޮތަށް ރައީސް ޔާމީންގެ މައްސަލަ މިހާރުން މިހާރަށް ގެންނަވަައި ޔާމީން މިރެއިން މިރެއަށް ދޫކޮށްލަދެއްވާ،" އަދުރޭ ވިދާޅުވި އެވެ.
މަހުލޫފްގެ މައްސަލަ އަނބުރާ ގެންދިއުމާ ގުޅިގެން އެމްއެމްޕީއާރްސީގެ ހުރިހާ މައްސަލައެއް އަނބުރާ ގެންދަން ޕީޖީ އޮފީހުގައި ކްރިމިނަލް ދައުވާތައް ކުރާ ވަކީލުން ޕީޖީ ހުސެއިން ޝަމީމަށް ލިޔުމުން ލަފާ ދީފައިވާ ކަމަށް އަދުރޭ ތުހުމަތު ކުރި އެވެ.
ނަމަވެސް އޭގެ ހަގީގެއް ކަށަވަރެއް ނުކުރެވެ އެވެ.
އެއީ ހަގީގަތަކަށް ވާނަމަ އެކަން ޝަމީމް ނުކުރައްވަނީ ކީއްވެތޯ އަދުރޭ ސުވާލު ކުރެއްވި އެވެ.
"މި ލަފާގެ ވާހަކަ މިއީ ރަނގަލު ވާހަކައެއްތޯ؟ ރަނގަޅު ވާހަކައެއް ކަމަށް ވަންޏާ އެ ލަފާ ގަބޫލު ނުކުރައްވަން ތި އުޅުއްވަނީ ކީއްވެގެންތޯ." އަދުރޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 2008 ވަނަ އަހަރު ގާނޫނުއަސާސީ ހަދާފައި ވަނީ މިނިވަން ޕީޖީއެއް ހުންނަ ގޮތަށް ކަމަށާއި އެއީ ސަރުކާރުގެ ނުފޫޒެއް ނޯންނަ ގޮތަށް ޝަރުއީ ދާއިރާގެ މިނިވަންކަން ވެސް ކަށަވަރު ކުރުމަށްޓަކައި އެކަން އޮންނަ ގޮތް ކަމަށެވެ.
ނަމަވެސް މި ސަރުކާރުން ފެންނަނީ ބޭނުންވާ ބަޔަކަށް ދައުވާކޮށް ބޭނުން ނުވާ ބައެއްގެ މައްސަލަ އަނބުރާ ގެންދަވާ މަންޒަރު ކަމަށާއި އެކަން ބަލައި ނުގަނެވޭނެ ކަމަށް އަދުރޭ ވިދާޅުވި އެވެ.
"ކީއްވެތޯ ވަކި އަހުމަދު މަހުލޫފްގެ މައްސަލަ އަނބުރާ ގެންދަންވީ. މިއާ ގުޅިގެން 250 އަށް ވުރެ ގިނަ މީހުން ލިސްޓުގައި އޮތް ކަމަށް ތަކުރާރުކޮށް އެބަ އަޑު އިވޭ. އެހެން ނަމަވެސް އަނިޔާ ލިބެމުން މިދަނީ ހަމައެކަނި ރައީސް ޔާމީނަށް." އަދުރޭ ވިދާޅުވި އެވެ.
ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާއިރު މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އެމަނިކުފާނަށް މިވަގުތު ވަނީ ބަންދުވެފަ އެވެ. އެ މައްސަލާގެ އިތުރުން ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ވެސް އިތުރު ދައުވާއެއް އެމަނިކުފާނުގެ މައްޗަށް ކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބޫޓް
11 April 2023
އިބޫ އަކަށް ނުކެރޭނެ ޔާންޓެ މިނިވަން ކުރާކަށް
ޢަރުތަ
13 April 2023
ނުކެރިގެންވެސް މިނިވަން ނުކޮށްފިއްޔާ ހާސްބައި ރަނގަޅުވާނެ، މިނިވަން ކުރަން ހެޔޮވާވަރުގެ މީހެއްނޫންތީކީ.
ޓިނުއަދުރޭ
11 April 2023
ހަމަހޭގައި ހުރެގެން ވާހަކަ ދައްކާ. ކަލޭމެން ޕާޓީހަދައިގެން ތި އުޅެނީ ރައްޔިތުން މޮޔަހައްދަންތަ. އެމްއެމްޕީއާރުސީ މައްސަލައަކީ އެއްވެސް ސަރުކާރަކުން ނުބަލާދޫކޮއްލާވަރުގެ މައްސަލައެއްނޫން. އަހަރެމެން އެމައްސަލަ ބަލާ އެފައިސާ ހޯދާނަން. ތިގޮތަށް އުޅޭ އެއްމެން ބަލާ ހައްޔަރުކުރުވާނަން.
އަދުރޭ ސަރ 2023
11 April 2023
ވަގުންނަށް ކުރާ ފުރައްސާރަ ހުއްޓާލާ..
އެކަނބާ
11 April 2023
އަދުރޭ ތިޔަ ވިދާޅުވަނީ ވަކި ބަޔަކު ވައްކަން ކުރުން އޯކޭ އޭ.. މިވަރުގެ ބޮޑެތި މުނާފިގުން މިއުޅެނީ ގައުމު ހިއްގަން.. ސަދޫމް ނުވާނެ މިސާލަކަށް ތިޔަ ޔާމީނެއް މިގައުމުގެ ވެރިކަމަށް އަންނަދުވަހަކުން.. ނިކަމެތިން ނިކަމެތިކަމުގައި .. ވަގުން ވައްކަމުގައި ..
ާއުނިމާ
11 April 2023
ޔާމީންގެ ވެރިކަމަށްވުރެ މިވެރިކަމުގައި ހިންގި ކޮރަޕްޝަން ދެގުނަވެއްޖެ -މެންބަރު ޝިޔާން
ބަޑިތަކުރު
11 April 2023
އެންމެން ލައްވައި ހުރިހާ ކަމެއް ކުރުވި މީހާއަށް އެހީތެރިވި މީހުންނަށްވުރެ އަދަބު ލިބުން ހައްގުކަންބޮޑު. ތާއީދު ދެމެހެއްޓުމަށް ދިން ހަދިޔާ ހިފި މީހުންނާއި، ދައުލަތުގެ މާލިއްޔާ ލޫޓުވުމުގެ މޭސްތިރިޔަކަށް ހުރި މީހާއާ އެއްވަރެއް ނުކުރެވޭނެ.
ޓިނު
11 April 2023
ބާކީ ތިބިމީހުންނަށް ހުކުމްކުރުން އަވަސްކުރަން ގޮވަންވީނު
ކައްޕިތާނު
11 April 2023
ޔާމީނަކީ ބޮސް. މަހޭއަކީ ފަޅުވެރިއެއް. ޔާމީނު ޖަލުގާ ބާއްވާ. މަހޭ އިސްތިއުފާދީފާ ބޮލީވުޑަށް ކަނޑާލާ.
ބިންބި
11 April 2023
އަދޫ އިސްތިއުފާ.
ގެދާނޯމޮސް
11 April 2023
އަދުރޭ މިފަހަރު ތިޔަ ޖެހި ހިސާބު ސިޔާސީގޮތުން އެބަދިމާވެއެވެ.