ރިޝްވަތާއި މަނީލޯންޑަރިންގެ ދައުވާ ސާބިތުވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މިއަދު ކްރިމިނަލް ކޯޓުން އިއްވީ، އިންޑިއާ ސަރުކާރު އަޑީގައި އޮވެގެން ކުރި ހަރާމް ހުކުމެއް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
ވ. އާރަށް މައްސަލާގައި ޔާމީންގެ މައްޗަށް ކުރި ރިޝްވަތުގެ ދައުވާ އާއި މަނީލޯންޑްރިންގެ ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރުމާ ގުޅިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ޔާމީނަށް އިންސާފު ހޯދުމަށްޓަކައި ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ކުރަން އިދިކޮޅުން ތައްޔާރަށް އޮތް ކަމަށެވެ. އެ ހުކުމާ އެކު އިދިކޮޅުން މާޔޫސްނުވެ، ގޮތްހުސް ނުވާނެ ކަމަށެވެ.
"2023 ވަނަ އަހަރު މި ގައުމުގެ ވެރިކަމަށް ރައީސް ޔާމީން ގެންނާނަން،" އަދުރޭ ވިދާޅުވި އެވެ.
ޔާމީނަށް އިއްވި ހުކުމާ ދެކޮޅަށް އަޑުއުފުލުމަށް ރަށްރަށުގައި ތިބި އެ މަނިކުފާނުގެ ސަޕޯޓަރުން މާލެ އައުމަށް ވެސް އިދިކޮޅުން މިއަދު ގޮވައިލި އެވެ.
އަދުރޭ ތުހުމަތު ކުރެއްވި ގޮތުގައި ޔާމީނަށް އިއްވި ހުކުމަކީ އިންޑިއާ ސަރުކާރު އަޑީގައި އޮވެގެން، ރާވައިގެން ކުރި ކަމެކެވެ. މިއަދުގެ ޝަރީއަތް ފެށުން ލަސްވީ ވެސް އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ސަރުކާރުން އިންޑިއާއާ އެކު ބާއްވާ ގާތް ގުޅުމުގެ ސަބަބުން އިދިކޮޅުން އަބަދުވެސް ފާޑުކިޔަ އެވެ. އިންޑިއާގެ ނުފޫޒު ރާއްޖޭގައި ގަދަކުރުމަށް އެ ގައުމުގެ ސިފައިންގެ ބޭސްއެއް ރާއްޖޭގައި ހަދާފައިވާ ކަމަށް ބުނެ "އިންޑިއާ އައުޓް"ގެ ނަމުގައި އިދިކޮޅު ބޮޑު ކެމްޕެއިނެއް ވެސް ހިންގި އެވެ.
"މިއީ އިންޑިއާ ސަރުކާރު، މިއަދު މިއޮތީ [ޝަރީއަތް] ލަސްކުރި ލަސްކުރުން. [ހެނދުނު] 9 ޖަހާއިރަށް ތަވާލުކުރި ޝަރީއަތް 11:30 ވަންދެން ލަސްކުރީ ކީއްވެގެން ކަން އެނގުނީ ދެންމެ އެ އިއްވި ހުކުމުން. އިންޑިއާ އިން ބޭނުންވި ގޮތަށް ހުކުމް ބަދަލުކުރީ،" އަދުރޭ ވިދާޅުވި އެވެ.
"މިއީ އިންސާފުވެރި ހުކުމެއް ނޫން. މިއީ ނުހައްގުން އިއްވި ހަރާމް ހުކުމެއް. މި ހުކުމް ޕީޕީއެމް/ޕީއެންސީއަކުން ބަލައެއް ނުގަންނަން."
އާރަށް މައްސަލާގައި ޔާމީނަށް ދައުވާކުރީ އެރަށް ކުއްޔަށް ދޫކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ކުރީ ރިޝްވަތު ދިނުމުގެ ދައުވާ އެވެ.
ޔޫސުފް ނައީމްގެ މައްޗަށް ވެސް ރިޝްވަތުގެ ދައުވާ ވަނީ ސާބިތުވެފަ އެވެ.
ހުކުމުގެ ހުލާސާ
- ޔާމީނަށް ލިބިވަޑައިގަތީ އާރަށުގެ ރިޝްވަތުގެ ފައިސާ
- ޔޫސުފް ނައީމްގެ އެކައުންޓުން ޔާމީނަށް ފައިސާ ދިނުމަކީ އިއްތިފާގެއް ނޫން
- ޔާމީން އެ ފައިސާ އިންވެސްޓްކުރީ އެއީ ރިޝްވަތުގެ ފައިސާކަން އެނގިހުރެ
- މުސާރަ ނުބައްދަލު އާމްދަނީއެއް ލިބުމުން ސުވާލު އުފެދޭ
- އެއީ ޔާމީނަށް ލިބިވަޑައިގަތް ހުއްދަ ނޫން މަންފާއެއް
ޔާމީނަށް ހުކުމް އިއްވާތީ އިދިކޮޅުގެ ލީޑަރުންނާއި އެމަނިކުފާނުގެ ސަޕޯޓަރުން ކްރިމިނަލް ކޯޓު ދޮށަށް އެއްވެ ދަނީ އެކަމާ ދެކޮޅަށް އަޑުއުފުލަމުންނެވެ.