ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފައި މަނީ ލޯންޑަކުރި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް ޔާމީނަށް އުފުލާފައިވާ ދައުވާގައި އާދީއްތަ ދުވަހު ހުކުމް ކުރުމަށް ތާވަލްކޮށްފައި ވާއިރު އެ ހުކުމް ވެސް އިންޑިއާއާ ގުޅުވައި އެ މަނިކުފާނު މިރޭ ވާހަކަ ދައްކަވައިފި އެވެ.
"ފެލާލައިފި" ނަމުގައި އިދިކޮޅު ޕީޕީއެމުން ކާނިވަލުގައި ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ އިންޑިއާ އިން ހިތްހަމަނުޖެހޭ ނަމަ، ޖަލަށް ވެސް ލެވިދާނެ ކަމަށާއި އެކަމަކު އެމަނިކުފާނުގެ އަޑު ކަނޑުވާލައި އަޒުމު ގުޑުވާނުލެވޭނެ ކަމަށެވެ.
ޕީޕީއެމްގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވި އެ ޖަލްސާގައި ޔާމީން ވަނީ އިންޑިއާއާ ދެކޮޅަށް ދައްކަވާ ވާހަކަތައް ތަކުރާރު ކުރައްވައިފަ އެވެ.
ހުކުމަށް އިޝާރާތް ކުރައްވަމުން ޔާމީން ވިދާޅުވީ، "މޯދީ ހިތްހަމަނުޖެހެންޔާ މާދަމާ ނޫން އަނެއް ދުވަހު ވެސް ޖަލަށް ދާން ޖެހިދާނެ" ކަމަށާއި އެކަމަކު އެ މަނިކުފާނުގެ ވިސްނުން ބަދަލު ނުކުރެވޭނެ ކަމަށެވެ.
"ރައީސް ޔާމީންގެ އަޑެއް ކަނޑުވައެއް ނުލެވޭނެ. ރައީސް ޔާމީންގެ އަޒުމަކަށް ބަދަލެއް ނާންނާނެ. އެހެންވީމާ އިންޑިއާ ކިތަންމެ ރުޅި އަޔަސް އިންޑިއާ މިހާރު ރާއްޖޭގައި ކުރާ ކަންތައްތަކަކީ އަޅުގަނޑުމެން ނަފްރަތު ކުރާ ކަންކަން،" ޔާމީން ވިދާޅުވި އެވެ.
ރާއްޖެއަކީ އިންޑިއާގެ ސަރަހައްދެއް ނޫން ކަމަށާއި އެ މަނިކުފާނަކީ އިންޑިއާއަށް ވިކޭނެ ލީޑަރެއް ނޫން ކަމަށް ވެސް ޔާމިން ވިދާޅުވި އެވެ.
އިންޑިއާ އާ މެދު އޮތް ނުރުހުން އިތުރަށް ފާޅުކުރައްވައި، ޔާމީން ވިދާޅުވީ އެ ގައުމުން ރާއްޖެއަށް ދެމުންދާ ލޯނުތަކަކީ ހެޔޮ ގޮތުގައި ބޭނުން ހިފޭ ލޯނުތަކެއް ނޫން ކަމަށާއި އެއިން ތަރައްގީގެ މަޝްރޫއުތައް ނުހިންގޭ ކަމަށެވެ. އެ ލޯނުތަކުން ބަޔަކު ބައި އަޅައިގެން ބައި ނަގަމުންދާ ކަމަށާއި މުޅި ރާއްޖެ ވިއްކާލާފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ.
ޔާމީން ވަނީ ކޯޓުތަކުގައި ހިނގާ މައްސަލަތަކާ ގުޅިގެން ފުލުހުންގެ ތެރޭގައި ވެސް ފައިސާ ހޯދަން އުޅޭ މީހުން ތިބި ކަމަށް ތުހުމަތު ކުރައްވައިފަ އެެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ ކިބައިން ފައިސާއަށް އަހާފައި ހުރި މެސެޖްތައް އެބަ ހުއްޓެވެ.
"މި ދައްކަނީ ފުލުހުންގެ މުވައްސަސާގެ ވާހަކަ. ދެން މިތަނުން ކޮން އަދުލެއް ލިބޭނީ. ކޮން އަދުލުވެރި ތަހުގީގެއް ހިނގާނީ." އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ މި ސަރުކާރުން ކޮސް ކަންތައްތަކެއް ކުރަމުން އަންނަ ކަމަށާއި އެކަމަކު އެންމެ ނިކަމެތި މީހާއަކީ ވެސް އަދުލު އިންސާފު ލިބޭނެ ކަމުގެ އުއްމީދުގައި ހުންނަ މީހެއް ކަމަށެވެ. އަދި ފަނޑިޔާރުންނަކީ ގާނޫނުއަސާސީގައި އެންމެ ވަރުގަދަ ބާރު ކަމަށްވާއިރު އެ އަދުލުވެރިކަން ހޯދައިނުދެވޭނެ ނަމަ، ފަނޑިޔާރުން ޖަވާބުދާރީކުރުވާނެ ކަމަށެވެ.
ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއަށް ހުކުމް އިއްވުން އޮންނާނީ އާދިއްތަ ދުވަހުގެ ހެނދުނު އެވެ. އޭގެ ތެރެއިން ރިޝްވަތުގެ ދައުވާ ސާބިތުވެއްޖެ ނަމަ، މަދުވެގެން ތިން އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެއްޖެ ނަމަ، ފަސް އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.