ބީލް ވޮލީބޯޅަ ޗެލެންޖާސް ސީރީޒް އެކެއްގެ އެވޯޑް ރަސްމިއްޔާތަށް ފަހު ކުޅުންތެރިން ޓްރޮފީތަކާ އެކު.-- ފޮޓޯ: ވީއޭއެމް
11 އެޕްރީލް 2023 - 12:33
ބީލް ވޮލީބޯޅަ ޗެލެންޖާސް ސީރީޒް އެކެއްގެ ޗެމްޕިއަންކަން އިސްމާއިލް ސާޖިދު (ކުޑަ ކާއްޓޭ) އާއި އާދަމް ނަސީމް (އެޑަމް) ގެ ޕެއާ އަދި އާމިނަތު އަރީޝާ އާއި އައިޝަތު މާޖިދާގެ ޕެއާ ހޯދައިފި އެވެ.
ހުޅުމާލޭ ރެޑްބުލް ބީޗް ވޮލީބޯޅަ ކޯޓުގައި ކުރިއަށް ގެންދިޔަ މުބާރާތުގެ 2x2 ފިރިހެން ޗެމްޕިއަންކަން ކުޑަ ކާއްޓޭ އާއި އެޑަމް ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި 2-1 ސެޓުން މުހައްމަދު އަލީ (ޑެންޒޯ) އާއި އަހުމަދު މުހައްމަދު (ކޯކޭ) ގެ ޕެއާ ބަލިކޮށްފަ އެވެ.
އަރީޝާ އާއި މާޖިދާގެ ޕެއާ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ ފައިނަލް ގައި ހައްވާ ރާޝިދާ (ހައްވަ) އަދި ފާތިމަތު ޒީނިއާގެ ޕެއާ ސީދާ ދެ ސެޓުން ބަލިކޮށްފަ އެވެ.
ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަން (ވީއޭއެމް) އިން މިއަހަރު މުޅިން އަލަށް ކުރިއަށް ގެންދާ ބީޗް ވޮލީބޯޅަ ޗެލެންޖާސް ސީރީޒް އެކެއްގެ 2x2 ބައިގެ ފިރިހެން 20 ޕެއާ ވާދަ ކޮށްފައި ވާއިރު، އަންހެން 14 ޕެއާ އެއް ވަނީ ވާދަ ކޮށްފަ އެވެ.
ސީރީޒް އެކެއްގައި ވެޓެރަންސް ކުޅުންތެރިންނަށް ހާއްސަކޮށް ބޭއްވި 4x4 ބައިގެ ފިރިހެން ޗެމްޕިއަންކަން ހޯދީ އެމްވީވީ 1 އެވެ. އަލީ ޝިމާލް، އިބްރާހިމް އާދިލް، މުމްތާޒް އަލީ، މުހައްމަދު ރިޝްވާން އަދި ހުސެއިން ޝަރީފް ކުޅުނު މި ޓީމުން ވަނީ ފައިނަލް ގައި ލެޖެންޑްސް ޓީމާ ވާދަކުރަން އޮތްއިރު، ލެޖެންޑްސް ޓީމު މެޗަށް ހާޒިރެއް ނުވެ އެވެ.
ލެޖެންޑްސް ޓީމުގައި ހިމެނެނީ އިބްރާހިމް ފަލާހު އަބޫބަކުރު، މުހައްމަދު ރަޝީދު، ފަރުހާދު އިސްމާއިލް، އަހުމަދު އަބްދުލް ކަރީމް އަދި ހުސެއިން ސައީދެވެ.
ވެޓެރަންސް ބައިގެ ފިރިހެން ހަތަރު ޓީމު ވާދަކުރިއިރު އަންހެން ތިން ޓީމު ވަނީ މި ސީރީޒްގައި ވާދަކޮށްފަ އެވެ. އަންހެން ޗެމްޕިއަންކަން ހޯދީ އައިޝަތު ނާޒިމާ، ޔުމްނާ އަބްދުލްއަޒީޒް، އައިޝަތު ރޯޒާ ސުހާނާ އަހުމަދު އަދި ހަދީޖާ ނަޒީލާ ކުޅުނު ފިއޮންތި ސްޕޯޓްސް ކްލަބެވެ.
ފިއޮންތި ސްޕޯޓްސް ފައިނަލް މެޗު ކާމިޔާބު ކުރީ ޑީވީވީއޭ އާ ވާދަކޮށް 2-1 ސެޓުންނެވެ. ޑީވީވީއޭ ޓީމުގައި ހިމެނެނީ މުނާ މުނީރު، އާމިނަތު ޒީނާ، މަރިޔަމް ހަލީމް، އައިޝަތު މާޖިދާ އަދި އާމިނަތު އަބްދުއްރަޝީދެވެ.
ވީއޭއެމް އިން އަންނަނީ ބީޗް ވޮލީބޯޅަ ޗެލެންޖާސް ސީރީޒް 2 އަންނަ ޖޫން މަހު ބާއްވަން މަސައްކަތް ކުރަމުންނެވެ. ސީރީޒް 2 ގެ 2x2 ބައިން އަންހެން އަދި ފިރިހެން ވެސް އެންމެ ރަނގަޅު އަށް ޕެއާ އަށް، މި އަހަރުގެ އޮކްޓޫބަރު މަހު ބާއްވާ ގައުމީ ބީޗް ވޮލީބޯޅަ މުބާރާތުން ފުރުސަތު ލިބޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy