ސިފައިންނާއި ހުއްރިއްޔާ ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: އެފްއޭއެމް
16 އެޕްރީލް 2023 - 12:41
އެފްއޭއެމް ވެޓެރަންސް ލީގުގެ ކުއާޓާ ފައިނަލުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ދިވެހި ސިފައިންގެ ކްލަބް ކަޓައި، ހުއްރިއްޔާ ސްޕޯޓްސް ކްލަބް (ހުރާ) އާއި ދަ ގްރާންޑޭ ސްޕޯޓްސް ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.
އިއްޔެ ހަވީރު ކުޅުނު ކުއާޓާ ފައިނަލް ގައި ދަ ގްރާންޑޭ އިން ތިން ފަހަރު މުބާރާޓް ކާމިޔާބު ކުރި ނިއު ރޭޑިއަންޓް ބަލިކުރީ 3-1 އިންނެވެ. ސިފައިންނާއި ހުއްރިއްޔާ ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވިއިރު، ހުއްރިއްޔާއިން ވަނީ 3-1 އިން ޕެނަލްޓީ ޝޫޓައުޓްގައި ކުރި ހޯދައިފަ އެވެ.
ސެމީ ފައިނަލްގައި ގްރާންޑޭ އާއި ހުއްރިއްޔާ ބައްދަލުކުރާ މެޗު އޮންނާނީ އަންގާރަ ދުވަހުގެ ހަވީރެވެ.
އެފްއޭއެމް އެއް ނަމްބަރު ޓާފް ގައި ނިއު އާ ދެކޮޅަށް ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ގްރާންޑޭ އިންނެވެ. ދެ ވަނަ ހާފުގެ ކުރީކޮޅު މި ލަނޑު ޖަހައިދިނީ އަހުމަދު ޝަކީބެވެ. އޭގެ 10 މިނިޓު ފަހުން މުހައްމަދު ނިޒާމް ނިއު އަށް ނަތީޖާ އެއްވަރު ކޮށްދިނެވެ. މިއީ އޭނާ ފޮނުވާލި ޕެނަލްޓީ ގްރާންޑޭގެ ކީޕަރު އަތުގައި ޖެހިފައި ރީބައުންސްވެފައި ލިބުނު ބޯޅައިން ކާމިޔާބުކުރި ލަނޑެކެވެ.
ނިއު އާއި ގްރާންޑޭ ބައްދަލުކުރި މެޗުގެ ތެރެއިން. -- ފޮޓޯ: އެފްއޭއެމް
ނަތީޖާ އެއްވަރުކުރިތާ 10 މިނިޓު ފަހުން ގްރާންޑޭ އަށް ދެ ވަނަ ފަހަރަށް ލީޑު ނަގައިދިނީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނު ޝަކީބެވެ. އަދި މެޗުގެ އިތުރު ވަގުތުގައި އެ ޓީމުގެ ތިން ވަނަ ލަނޑު ޖަހައިދިނީ އަބްދުﷲ ވަހީދު (ބިންމާ އައްލޯ) އެވެ.
ދެ ނަމްބަރު ޓާފް ދަނޑުގައި ކުޅުނު މެޗުގެ ޕެނަލްޓީ ޝޫޓައުޓްގައި ހުއްރިއްޔާ އިން ވަނީ އެޓީމުން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ޖާމިޔާބު ކޮށްފަ އެވެ. ޕެނަލްޓީތައް ކާމިޔާބު ކުރީ ހުސެއިން ނަސީރާއި ހަސަން ނަދީމް އަދި މައުސޫމް އަބްދުލްގަފޫރު (މާސޭ) އެވެ. ކާމިޔާބު ނުވީ އަހުމަދު ސަމާއުގެ ޕެނަލްޓީ އެވެ.
ސިފައިންގެ ޓީމަށް ކާމިޔާބު ކުރެވުނީ މުހައްމަދު ވާސިފް ޖެހި ޕެނަލްޓީއެވެ. އެ ޓީމުން ފޮނުވާލި ދެ ޕެނަލްޓީއެއް ހުއްރިއްޔާގެ ކީޕަރު ހަސަން ނަސީހު މަތަކުރި އެވެ.
ހުއްރިއްޔާ އާއި ސިފައިން ކުޅުނު މެޗުގެ މެޗުގެ މޮޅު ކުޅުންތެރިއަކީ ހުއްރިއްޔާގެ ހުސެއިން ނަސީރެވެ.
ވެޓެރަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފަހު ދެ މެޗު މިއަދު ހަވީރު ކުޅޭނެ އެވެ. އެއް މެޗުގައި މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް) ނުކުންނާނީ ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. އަދި އަނެއް މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ހުޅުމާލެ ވެޓެރަންސް ކްލަބް ބައްދަލުކުރާނީ ޕޮލިސް ކްލަބާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy